އީރާނުގެ ލަވަކިޔުންތެރިޔާ ޕަރަސްތޫ އަޙްމަދީ
އީރާނުގެ ލަވަކިޔުންތެރިޔާ ޕަރަސްތޫ އަޙްމަދީ
އީރާނުގެ ޤާނޫނާ ޚިލާފަށް ހިޖާބު ނާޅައި އޮންލައިން ކޮންސަޓެއް ބޭއްވި މައްސަލައިގައި، އެ ޤައުމުގެ އަންހެން ލަވަކިޔުންތެރިޔާ ޕަރަސްތޫ އަޙްމަދީއާއި އޭނާގެ ޓީމުގެ ހަތަރު މެންބަރެއްގެ ގަޔަށް 74 އެތިފަހަރު ޖެހުމުގެ އަދަބު ތަންފީޛުކޮށްފައިވާ ކަމަށް އެ މީހުންގެ ޤާނޫނީ ވަކީލު ހާމަކުރައްވައިފިއެވެ.

އެ މީހުންގެ ދިފާޢީ ވަކީލު މުޞްޠަފާ ނީލީ، އީރާނުގެ "އެމްތިދާދު" ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އަޙްމަދީގެ އިތުރުން ދެން ތިބި ހަތަރު މީހުން ޤުމް ސިޓީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ޙާޟިރުކޮށް، އެ މީހުންގެ މައްޗަށް އިއްވާފައިވާ އަދަބު ތަންފީޛުކޮށްފައިވާ ކަމަށެވެ. މި ޚަބަރު "އީރާން އިންޓަނޭޝަނަލް" އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޤުމް ސިޓީގެ ތާރީޚީ ކާވަންސަރާއީއެއްގައި ރެކޯޑުކުރި ލައިވް މިއުޒިކަލް ޕާފޯމަންސެއް އަޙްމަދީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޢާންމުކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ޝަރީޢަތުން ނިންމާފައިވަނީ، އޮންލައިންކޮށް ބޭއަދަބީ އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު މަންޒަރުތަކާއި އަޑުތައް އުފައްދައި، ފެތުރުމުގެ ކުށް އެ ފަސް މީހުންގެ މައްޗަށް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ޖަލްދުގެ އަދަބުގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ބާވަތެއްގެ ފަންނީ ނުވަތަ މިއުޒިކީ ޙަރަކާތެއްގައި ބައިވެރިވުމާއި، ޤައުމުން ބޭރަށް ދަތުރުކުރުން ވެސް ކޯޓުން ވަނީ އެ މީހުންނަށް މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު