ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ވަޒަން ކުރުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، 15 މާރިޗު 2020 އިން ފެށިގެން "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ކުރިއަށްގެންދާ، "ހިޔާ" މަޝްރޫއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާބަލިމަޑުކަމާއި ގުޅިގެން އާންމު ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތް، އަލުން ފެށުމުގެ ކުރިން ޢާއްމުކޮށް އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ހިޔާ މަޝްރޫޢަކީ ނިމިދިޔަ ސަރުކާރުން ހިންގި މަޝްރޫޢެކެވެ. އެސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ ހަތް ހާސް ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމު ދޫކޮށް ފޯމް ބަލައިގަނެ ފްލެޓް ލިބޭ ފަރާތްތައްވެސް ކަނޑައެޅިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ނިންމީ އަލުން ފޯމުތައް ދިރާސާކޮށް އިތުރަށް ބަލައިގެން ކުރިއަށް ގެންދިއުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން