ދިވެހި ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރާ ވާހަކައާއި އެކި ކަހަލަ މަސައްކަތްތައް ކުރާ ވާހަކައަކީ މިފަހަކަށް އައިސް އެންމެ ގިނައިން، އެންމެ އަޑުހަރުކޮށް ދެކެވޭ އެއްވާހަކައެވެ. މެދުފަންތީގެ ފިހާރައަކަށް ވަދެ ވިޔަފާރި ކިހިނެއްތޯ އަހާލާއިރަށް އޮހިގަންނަ ޝަކުވާއަކީ ރާއްޖޭގައި އުޅޭ ބިދޭސީން ގަވާޢިދާ ޚިލަފަށް ކުރާ ވިޔަފާރި ތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާ ވާހަކައެވެ. ރާއްޖެއަށް މުދާ އިމްޕޯޓްކޮށް ގަނޑުކޮށް މުދާ ވިއްކާ ފަރާތްތަކުގެ ވެސް ހަމަ މިޝަކުވާ އެވެ. ރާއްޖޭގައި އުޅޭ އަވަށްޓެރި ގައުމުތަކުގެ ބިދޭސީން ކޮތަޅު ކޮތަޅަށް އަޅައިގެންނާއި ވެހިކަލް ތަކުގައި ކަންމަތީ ފިހާރަތަކަށް މުދާ ހިފައިގެން ގޮސް ގަނޑުކޮށް ވިއްކާ ބޮޑެތި ވިޔަފާރިތަކުގެ ވިޔަފާރި ހަލާކުކުރަމުންދާ ވާހަކައެވެ.

މި ވިޔަފާރިވެރިންގެ އަޑު އަހައިގެން މިކަމުގެ ހަގީގަތް އޮޅުން ފިލުވާލުމަށް "ރަސް އޮންލައިން" ގެ ފަރާތުން މާލޭގެ އެކި މަގުތަކުގައި ހިނގާލުމުން އެ ވާހަކަތަކުގައި ވަރަށް ބޮޑު ހަގީގަތެއް އޮތް ކަމަށް ގަބޫލުކުރެވުނެވެ. އެވެރިން އެކުރާ ޝަކުވާއަކީ ހަމަ ހަގީގަތެއް އޮތް ޝަކުވާ ތަކެއްކަން ކަށަވަރު ވިއެވެ.

އަޅުގަނޑުމެން ކުރަމުން ދިޔަ މަސައްކަތުގައި އެންމެ އަޅައިގަތް އެފަދަ އެއް މަންޒަރެއް ފެނުނީ މަޖީދީ މަގު އޯޑިއޯން ސަރަހައްދުންނެވެ. އެއީ ދިވެހި ވިޔަފާރިވެރިން އެބުނާ ކަހަލަ "އުނގުވިޔަފާރި" ކުރާ ބިދޭސީއަކު އުނގުވިޔަފާރި ކުރާ ތަނެކެވެ. އޭނާ ވިޔަފާރި ކުރަނީ ގެއަކަށް ވަންނަން އޮންނަ ހަނި ވޯކްވޭއެއް ކަހަލަ ތަނެއްގައެވެ. ތިން ފޫޓުވަރުގެ ހަނި އެ ގޯޅިގަނޑުގައި އޭނާ އަވަދިނެތި މޭވާއާއި އެކިކަހަލަ ލުއި ބާވަތްތައް ވިއްކަނީއެވެ. ޖެހިގެން ހުރީ ރީތިކޮށް ހަދައިގެން ބޮޑު ކުލި ދައްކައިގެން މޭވާއާއި ތަރުކާރީ ވިއްކާ ދިވެއްސެއްގެ ފިހާރައެކެވެ. މިދެންނެވި ބޮޑު އަގުގައި ކުއްޔަށް ހިފައިގެން މުވައްޒަފުން ލައިގެން ސަރުކާރަށް ޓެކްސް ދައްކައިގެން ހިންގާ ފިހާރައަށް އޭރުވެސް ވަދެ ހުރީ ހަމަ އެންމެ ކަސްޓަމަރެކެވެ. ނަމަވެސް އެއްކަލަ އުނގުވިޔަފާރި ކުރާ ބިދޭސީ މީހާ ގޯޅިގަނޑުގައި ހިންގާ ފިހާރައިގެ ކުރިމަތީގައި އޭރުވެސް އެތައް ބަޔަކު ތިއްބެވެ. އެންމެ ގިނައިން އެތަނުން ވިކެނީ ބައިބަޔަށް އަޅާފައި ހުރި ދޮން އަނބެވެ.

"ރަސް އޮންލައިން" ގެ ޓީމު ވެސް އެތަނަށް ކައިރިކޮށްލައި އިރުކޮޅަކު މަޑުކޮށްލީމެވެ. ކޮންމެވެސް ވަރަކަށް މީހުން މަދުވެލީމާ ފޮޓޯ ގަނޑެއް ކަނޑާލާފައި، އެތަނަށް ކައިރިވެލާފައި އަނބު ވިއްކަނީ ކިހިނެއްތޯ އަހާލީމެވެ.

"އަނބު އެއްބައި ސަތޭކާ ރުފިޔާއަށް..." ވަރަށް އަވަދިނެތި މުދާ ވިއްކަމުން ދިޔަ ބޭރު މީހަކު ޖަވާބުދިނެވެ.

އެއީ ރާއްޖޭގައި އެންމެ ގިނައިން މަސައްކަތްތެރިންގެ ގޮތުގައާއި ގަވާޢިދާ ޚިލާފަށް ވެސް ރާއްޖޭގައި އުޅޭ ބިދޭސީން ނިސްބަތްވާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ދެން އަޅުގަނޑުމެން އޭނާއާއި ސުވާލުކޮށްލީ އެފިހާރައިގެ ވެރިއަކީ ކާކުތޯ ސާފުކޮށްލުމަށެވެ. އެސުވާލާއެކު އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. ނަމަވެސް އަޅުގަނޑުމެން ދެތިން ފަހަރު ތަކުރާރުކޮށް ސުވާލު ކުރަން ފެށުމުން އޭނާ ބުނީ މިއީ "ޕޮލިޝް ބޮޑުމީހާ" ތަނެއް ކަމަށެވެ. އޭނާ އުނގުވިޔަފާރި ކުރަމުން ދިޔަ ކަޑައަކީ ވިޔަފާރި ހުއްދަ އޮތް ތަނެއްތޯ ވެސް އަޅުގަނޑުމެން ބަލައި ލީމެވެ. އޭނާގެ ފިހާރައިގާ ހުއްދައެއްވެސް އޮތެވެ. އެ ހުއްދަ އަކީ ކާކަށް ދީފައިވާ ހުއްދައެއްކަން ވެސް އޭނާ ބުންޏެވެ. ނަމަވެސް މަސްލަހަތަށްޓަކާ އެ މައުލޫމާތު އަޅުނޑުމެން މިތާގައި ހާމައެއް ނުކުރާނަމެވެ.

ހަމަ ޔަގީނުންވެސް ރާއްޖޭގައި ވިޔަފާރި ކުރަން ހުއްދަދޭ އުސޫލުތަކަކާއި ހަމަތަކެއް އޮވެއެވެ. ކަމާބެހޭ ފަރާތުން އެކަން ކޮށް އުޅެނީވެސް އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާޢީދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ރާއްޖޭގައި އެއްވެސް މީހަކަށް ވިޔަފާރި ކުރެވެނީ ކަމާބެހޭ ފަރާތްތަކުގައި އެ ވިޔަފާރިއެއް ރެޖިސްޓްރީކޮށް ކަނޑައެޅޭ ހުއްދަތަކެއް ނަގައިގެންނެވެ. އަދި އެ ވިޔަފާރިއެއް ކުރާ ތަނެއްގައި ވަކި ޝަރުތުތަކަކާއި ކަންތައް ތަކެއް ފުރިހަމަވާން ޖެހެއެވެ. އަޅުގަނޑުމެންގެ މިހޯދުންތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ އެއްވެސް ހުރަހެއް އުސޫލެއް ހަމައެއް ލަމައެއް ނެތި ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރާ މައްސަލައެވެ.

ދިވެހި ވިޔަފާރިވެރިންގެ ޝަކުވާތަކުގެ ހަގީގަތް އޮޅުން ފިލުވާން ކުރަމުން ދިޔަ މަސައްކަތުގައި އަޅުގަނޑުމެންނަށް ދެކަމެއް ފާހަގަވިއެވެ. އެއްކަމަކީ ދިވެހި ވިޔަފާރި ވެރިން އެކުރާ ޝަކުވާގެ ވަރަށް ބޮޑު ހަގީގަތެއް އޮތް ކަމެވެ. އެބުނާ "ޕޮލިސް ބޮޑުމީހާ،" "ސަރުކާރުގެ ބޮޑު މީހާ،" "ދިވެހި މީހާ" ގެ ނަމުގައި ބިދޭސީން ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާކަމެވެ. ރާއްޖޭގައި ބިދޭސީންނަށް ވިޔަފާރީގައި ހިއްސާވެވެނީ ވަކި ކަހަލަ ހުއްދަތަކެއް ނަގައިގެން ވަކި އުސޫލަކުންކަން ގާނޫނު ބުނާތީ އެމީހުން އެވިޔަފާރި ހިންގަނީ މިދެންނެވި ފަދަ ނަމެއްގެ ދަށުގައެވެ. އެބުނާ ދިވެހި މީހާއަށް އެމީހުންގެ ވިޔަފާރިން ކޮންމެވެސް އެއްޗެއް ލިބޭތީ ނޫނީ ބައެއް އެޅޭތީ އޭނާ "ހިހޫތަނުން ކާލާ" އުސޫލުން އޭނާގެ ނަމުގައި ހުއްދަ އެއް ނަގައިދެނީއެވެ. ދެން އެ ހުއްދަ އޮތިއްޔާ، އެކަން ކުރަނީ ކާކު، ކޮން ގޮތަކަށް ކަން ކަމާބެހޭ ފަރާތްތަކުން ނުބަލަނީއެވެ. ނޫނީ ބަލަން ނުޖެހެނީވެސް ކަންނޭނގެއެވެ.

އެހެންވީމާ ކަންމަތީ ފިހާރަތަކާއި ކުރީން ދެންނެވި ފަދަ އުނގުވިޔަފާރި ކަޑަތަކާއި މާރުކޭޓް ގޮޅިތައް ވެސް އެމީހުން ހިންގަނީއެވެ. ކޮންމެވެސް މީހެއްގެ ނޫނީ ތަނެއްގެ ކޯޓާގައި ރާއްޖެ އައިސް ނުވަތަ ކޮންމެވެސް ފަރާތަކުން އޭނާ ރާއްޖެ ގެނަސް ދޫކޮށްލުމުން ނޫނީ ލިއެކިއުންތައް އުކާލާފައި ދުވެ ފިލާ ރައްކާވެގެން ގަވާޢިދާ ޚިލާފަށް އޭނާ ބޭނުން މަސައްކަތެއް ކޮށް ބޭނުން ގޮތަކަށް ރާއްޖޭގައި އުޅެނީއެވެ. ދެން ކަންމަތީ ފިހާރަތަކާއި ކަންމަތީ ހޮޓާތަކާ ކެފޭތައްވެސް އެމީހުން ހިންގަނީއެވެ. ނުވިތާކަށް މިހާރު ރާއްޖެއަށް މީހުން އެތެރެކުރާ އެޖެންޓްކަން ވެސް ކުރަނީ އެމީހުންގެ މީހުންނެވެ. ނޫނީ ދިވެހީންނާ އެމީހުންނާ ގުޅިގެންނެވެ. އަނބުރާ ފޮނުވާލަން ވީމާ ނޫނީ ދާން ބޭނުން މީހުންނަށް ބޮޑު އަގުނަގާފައި އެމްބަސީއާއި ގުޅިގެން ޕާސްޕޯޓާއި އެހެނިހެން ލިއުންތައްވެސް ހައްދާލަނީ އެވެ. އެމީހުން އެބުނާ އަގެއް ދިނީމާ އެކަން ނިކަން ފަސޭހައެވެ. މިއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ.

ކޮވިޑްގެ މި ތަދުމަޑުކަމުގައި އަޅުގަނޑުމެންނަށް ފާހަގަވި އަނެއް ކަމަކީ ދިވެހީން އަދާ ކުރަންޖެހޭ ނޫނީ ދިވެހީންނަށް ލިބެން ޖެހޭ އެތައް ވަޒީފާތަކެއް މިދެންނެވި ބިދޭސީން އަދާ ކުރަމުން ގެންދާ މަންޒަރެވެ. އެގޮތުން މަޖީދީމަގު އެއްކޮޅުން އަނެއް ކޮޅަށް ދަމާލާފައިވާ ފިހާރަ ފަތީން އެކަނިވެސް މިދެންނެވި ހަގީގަތް ހާމަވާނެއެވެ. މިދެންނެވި ފަދަ ކޮންމެ ފިހާރައެއް ހުޅުވާލާއިރަށް މަރުހަބާ ކިޔާނީ ބިދޭސީއެކެވެ. އެތެރެއަށް ވަދެ ކައުންޓަރާއި ހަމައަށް ދާއިރު ކައުންޓަރުގައި ލާރި ކަނޑަށްވެސް ބިދޭސީއެކެވެ. ރޯގާ ބަލިމަޑުކަމުގެ ސަބަބުން ރިސޯޓުން ކަނޑާލާފައި ފޮނުވާލި ދިވެހި މީހާ ފިހާރައިގެ ދޮރު ހުޅުވާލާފައި ވަޒީފާއެއް އެބައޮތްތޯ ސުވާލުކޮށްލަން ޖެހެނީވެސް ބިދޭސީ މީހާ ގާތުގައެވެ. ގިނަ ފިހާރަތަކުގެ ބޭރުގައި އަބަދުވެސް މީހުން ބޭނުން ވެގެން ދިވެހި ބަހުން ލިޔެފައި އޮވެއެވެ. ގިނައިން ފެންނަނީ މިންތީގެ ތަފާތެވެ. އަންހެން ކޭޝިއަރުންނާއި ސޭލްސް ގާލްސް ބޭނުންވާ ވާހަކައެވެ. އެއީ ވެސް ހަމަ ނަމަކަށް ހުންނަ އިޢުލާނެއްކަން އެނގެނީ އެތެރެއަށް ވަދެ އަހާލީމައެވެ. ގިނަ ފަހަރަށް އެފަދަ އިޢުލާނެއް ޖަހާފައި ހުންނަ ކަމެއް ވެސް އެއްކަލަ އެތާގައި މަސައްކަތް ކުރާ ބިދޭސީ މީހާއަކަށް ނޭނގެއެވެ.

ކޮންމެ ސަރުކާރަކުން ކުރިއަސް އަދި ކޮންމެ ވެރިއަކު ކުރިއަސް ރަނގަޅު ކަމެއް ވިއްޔާ އެކަން އެގޮތުގައި ބަލައިގަންނަން ޖެހެއެވެ. އެކަން ތަންފީޒު ކުރެވޭތޯ ވެސް ބަލަން ޖެހެއެވެ. އެއީ ރައީސް މައުމޫން ވިޔަސް ރައީސް ނަޝީދު ވިޔަސް ރައީސް ވަހީދު ވިޔަސް އަދި ރައީސް ޞާލިހު ވިޔަސް މެއެވެ. އެގޮތުން ބިދޭސީންނަށް ވިޔަފާރި ތަކުގެ ކޮށިގަނޑު ދަށުގައި ނުތިބެވޭ ގޮތަށް ރައީސް ޔާމިންގެ ވެރިކަމުގައި ހެދި ގަވާޢިދަކީ ވަރަށް ވެސް ފައިދާ ހުރި ރަނގަޅު ގަވާއިދެކެވެ. އޭރު ވަރަށް ހަރުކަށިކަމާއެކު ހިންގި އެގަވާއިދުގެ ސަބަބުން މިދެންނެވި ދިވެހީން ލިބޭ މަގާމުތައް ފުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީން ކޮންމެވެސް ވަރަކަށް މަދުވެ ދިވެހީންނަށް އެވަޒީފާތައް ދޭން މަޖުބޫރު ވިއެވެ. އެއީ ބައެއް ވިޔަފާރި ވެރިން ހިތްހަމަ ނުޖެހުނު ކަމަކަށް ވެސް ވެގެން ދިޔައެވެ. ނަމަވެސް އެއީ ހަމަ ވަރަށް ރަނގަޅު އުސޫލެކެވެ. އެކަން ތަންފީޒު ކުރެވިއްޖެ ނަމަ ކަންމަތީ ފިހާރަތަކުން ދިވެހީންނަށް ވަޒީފާ ލިބުނީހެވެ. މާރުކޭޓު ގޮޅިތަކުން ދިވެހީން ފެނުނީހެވެ. ދިވެހިންގެ ނަމުގައި ބިދޭސީން އެކުރާ ވިޔަފާރި ތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީހެވެ.

ނަމަވެސް މިއަދު ރާއްޖެއަށް މިބޮޑު ދަތިމަޑުކަމުގެ އަސަރުތައް ކުރާން ފެށިއިރު މިދެންނެވި ހުރިހާ ފިހާރަތަކެއްގައި ވެސް ގިނަ މާރުކޭޓު ގޮޅިތަކުގައި ވެސް ތިބީ ބިދޭސީންނެވެ. ކަންމަތީ ފިހާރަތަކާއި ހޮޓާތަކާއި ކެފޭ ތަކާއި އުނގުވިޔަފާރި ހިންގަނީ ވެސް އެމީހުންނެވެ. ކަންމަތީ ފިހާރަތަކަށް ސަޕްލައި ކޮށްދެނީ ވެސް އެމީހުންނެވެ. އެއްކަލަ ފިހާރައިގެ ކޮށިގަނޑުގައި ބިދޭސީންނަށް ނުތިބެވޭ ގަވާއިދަށް އަމަލު ކުރަމުން ދިޔަ ނަމަ މިއަދު ކޮންމެވެސް ވަރަކަށް އެތަންތަނުގައި ދިވެހީން ތިބޭނެއެވެ. މިއަދު ދިވެހީންނަށް ވަޒީފާ ދޭން މަޖުބޫރު ވާނެއެވެ. މިއަދު ވިޔަފާރިއާ ބެހޭ ވަޒީރު އެދައްކަވަނީ އެވާހަކައެެވެ. ނޫނީ މިދެންނެވި ގަވާޢިދާއި ގުޅުންހުރި ވާހަކައެކެވެ. އެގަވާއިދު ތަންފީޒު ކުރަމުން އައި ނަމަ މިއަދު ދައްކާން ނުޖެހޭނެ ވާހަކައެކެވެ.

މިއަދުވެސް ސަރުކާރުން ދައްކަނީ ދިވެހީންނަށް އަދާކުރެވޭ ވަޒީފާ ތަކަށް ބިދޭސީން ގެނައުން ހުއްޓާލާ ވާހަކައެވެ. ފަންނާނުންގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް މަސައްކަތް ކުރާ ބިދޭސީން ފޮނުވާލާ ވާހަކައެވެ. އެކަމަކު ދިވެހީންނަށް ދިވެހި ވިޔާފާރި ތަކުން ވަޒީފާ ނުލިބޭ ވާހަކައާއި ބިދޭސީން އެއްވެސް ހަމައެއް ލަމައެއް ނެތި ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ވާހަކައަކީ މިއަދު އެކަނި އަޑު އިވޭން ފެށި ވާހަކައެއް ނޫނެވެ. އެއީ ބައެއް ދިވެހީން ދައްކަމުން އަންނަ ވަރަށް ބާ ވާހަކައެކެވެ. ފަންނާނުން ދައްކަމުން، ފާޑު ކިޔަމުން އައި އެންމެންވެސް ދަންނަ ކަމެކެވެ.

މިފަދަ ކަންކަމުގައި ތަންކޮޅެއް މުރަނު ވެލީމާ ވަޒީރަށް ފާޑުކިޔާ މީހުންވެސް އުޅޭނެއެވެ. ސަރުކާރު ދެކެ ރުޅި އަންނަ މީހުން ވެސް އުޅޭނެއެވެ. އެކަމަކު އެމީހުންގެ އަޑު ގަދަޔަސް އެކަންކަމުގައި ތަންކޮޅެއް މުރަނަވެލާ ހަރުކަށިވެލުމުން މާގިނަ މީހުންގެ ލޯބި ވަޒީރަށް ލިބޭނެއެވެ. ސަރުކާރު ދެކެ ހަގީގީ ލޯބިވާ އަސްލު ތާއީދު ކުރާ އަމިއްލަ އެދުމެއް ނެތި ވެދުންކުރާ މީހުން މާ ގިނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ނަސީދު

07-Mar-2021

އޭނަ ޕޮލިސް މީހާ ތަނެކޭ ބުނީމަ އެއީ ޕޮލިސް މީހެއްގެ ތަނަކަށް ވީތަ? ހަނަ ހަގީގަތަށްވެސް ޕޮލިސް މީހެއްގެ ތަނެއްތޯ ބަލާލުން ރަނގަޅު?


16

ނުބަލާ

07-Mar-2021

އިކޮނޮމިކް މިނިސްޓަރު ފިހާރަތައް ޗެކެއް ނުކުރޭ


17

ދިވެހި މީހާ

05-Mar-2021

މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ހުރިހާ ވެސް މޮޅެއް އޮތީ ބަންގުލަދޭސީން އަށް.



ޓްރެންޑިން