އަޅުގަނޑު މިހެން ދެންނެވީމާ، "މީނާ މިދައްކަނީ ދޮގު ވާހަކައެކޭ، މުސާރަތަކެއް ކުޑައެއް ނުކުރެއޭ" ބައެއް ފަރާތްތަކުން ވިދާޅުވާނެއެވެ. އެކަމަކު މިލިއުމުގައި އެޮތް ސުރުހީ ވިދާޅުވެފައި މިދަންނަވާން އުޅޭ އެއްޗެއް މުޅިން ފަހުމްވީ ކަމަށް ނުނިންމައި މިދަންނަވާން އުޅޭ ވާހަކަ ރަނގަޅަށް ވިދާޅުވެފައި މިލިއުމާ މެދު ފާޑުވިދާޅުވިއަސް އެއްވެސް މައްސަލައެއް ނެތެވެ. އަޅުގަނޑު އެއްގޮތަކަށް ވެސް ދަންނަވާން މިއުޅެނީ ސަރުކާރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދެމުން އައި މުސާރަތައް ކުޑަކުރި ވާހައެއް ނޫނެވެ. ދަންނަވަން މިއުޅެނީ ބާޒާރަށް އައި ލޮޅުމާއެކު އެ މުސާރަތައް އޭގެ ޒާތުގައި އަމިއްލައަށް ކުޑަވެގެން ދިޔަ ވާހަކައެވެ.

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް މައްސަރެވެ. އަޅުކަމުގެ ޚާއްޞަ މައްސަރެވެ. މުސްލިމުންގެ ދިރިއުޅުމަށާއި އުޅުން ތަކަށް ބަދަލު ތަކެއް ގެނުވާ މަހެކެވެ. މިގޮތުން ވެސް އެންމެ ބޮޑު ބަދަލުތަކެއް ފެންނާނީ އެމަހުގެ ކެއިން ބުއިމުންނެވެ. އެމަހުގެ އެންމެ މާތް ކަމަކީ އެމަހުގައި ކުރެވޭ އަޅުކަމެވެ. އެއީ އެހެން މައްސަރާއި އަޅާ ބަލާއިރު ހާސްބައި ސަވާބާއި ދަރުމައާއި ހެއުކަން އިތުރުވެގެންދާތީއެވެ. އެހެންވީމާ މިއީ މުސްލިމުންނަށް އެނގޭ، އެކަމަކަށް އެންމެހާ މުސްލިމުން ތައްޔާރުވެ އިންތިޒާރުވެސް ކުރާ ކަމެކެވެ. ވީމާ އެ މަހު ކުރާ އަޅުކަމުގެ ވާހަކަ ބާއްވަމާ އަންނާށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ގައުމުގެ އިޤުތިޞާދު ހުއްޓި އާމްދަނީއަށް އައި ލޮޅުމާއެކު އާންމު ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވި ވާހަކައަކީ އާ ވާހަކައެއްނޫނެވެ. އަދި އެ ދަތިކަން ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ. އަދި މިއީ އެދަތިކަމުގެ ތެރޭގައި ވޭތުކުރަން ޖެހޭ ދެވަނަ ރޯދަމަހެވެ. މީގެ ކުރީގެ ރޯދަމަހު މިރާއްޖޭގެ ގިނަ ރައްޔިތުން އުޅުނީ މިއަދަށްވުރެ މާދަތި ހާލަތުގައެވެ. އޭރު ތިބީ ގާތްގަނޑަކަށް ގޭ ބަންދުގައެވެ. އެއީ ކޯވިޑްގެ އެންމެ ބިރުވެރި ދުވަސްވަރެވެ. ނަމަވެސް މިއަދު މިއޮތީ އެދުވަހާ އަޅާބަލާއިރު އެއަށްވުރެ މާބޮޑަށް ވެސް ހާލަތު ރަނގަޅުވެފައޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މިއަދު ގައުމުގެ އިގުތިސާދު ކޮންމެވެސް ވަރަކަށް މިވަނީ ހިނގައިގަނެފައެވެ. އޭގެ ސަބަބުން އާންމު ދިރިއުޅުމުގެ ހާލަތުވެސް އަންނަނީ ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުންނެވެ. މިދަންނަވަނީ އެއްގޮތަކަށް ވެސް ކުރިން އޮތް ހާލަތަށް ރުޖޫޢަވެވުނު ވާހަކައެއް ނޫނެވެ.

މިދެންނެވި ބަލިމަޑުކަމާއެކު އިގްތިސާދަށް އެރި އެންމެ ބޮޑު ލޮޅުމަކީ ރާއްޖޭގެ އިގުތިސާދީ ލޭނާރު ބުރިވުމެވެ. މިދެންނެވީ ރާއްޖެއަށް ހަމައެކަނި ގުނާލެވޭ މިންވަރަށް އާމްދަނީ ލިބޭ ސިނާއަތް ކަމަށްވާ ފަތުރުވެރިކަން މުޅިން ހުއްޓުމުން އިގުތިސާދަށް އެރި އެންމެ ބޮޑު އެއް ލޮޅުމަކީ ގައުމަށް ވަންނަމުން ދިޔަ ބޭރުފައިސާ ވަނުން ހުއްޓުމެވެ. އެއާއެކު އާންމުކޮށް ދިވެހީން ބޭރުފައިސާގެ ގޮތުގައި ބޭނުންކުރާ އެމެރިކާ ޑޮލަރުގެ އަގު އަތް ނުފޯރާ ފަށަށް އަރައިގެން ދިޔަވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެވެ. އެގޮތުން ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރ. ކަމުގައި ވީނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ރޭޓް 20ރ. އަށްވުރެ މައްޗަށް އަރައިގެން ދިޔައެވެ. ހުސްވި އަހަރާއި މިއަހަރުގެ ބޮޑު ބައެއްގައި ޑޮލަރުގެ އަގު އުފުލެމުން ގޮސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިރުން އަންނާން ފެށުމާއެކު ޑޮލަރުގެ އަގު ބޮޑުތަނުން އަގު ވެއްޓޭން ވެސް ފެށިއެއެވެ. އެގޮތުން މިހާރުވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17ރ އާއި ހަމައިގައެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު މިއަދަދު އުޅުނީ 16.30ރ. އާއި 17ރ. އާއި ދެމެދުގައެވެ. އިރާދަކުރައްވައިގެން މިހާރު މިއޮތް ގޮތަށް ރާއްޖޭގެ ފަތުރުވެރިން ދެމި އޮތްނަމަ މިއަގު މާ މައްޗަށް ދެން އަރައިގެން ދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ރާއްޖޭގެ ބާޒާރަށް ބޮޑު ލޮޅުމެއް ނާރާނަމަ މިއަށްވުރެވެސް ވިއްޔާ ވާނީ ތިރިއެވެ. އެހެނީ ކުރިން މައިގަނޑު ގޮތެއްގައި ބޭރުފައިސާ ގައުމުން ބޭރުވާ އުމުރާއާއި ހައްޖު މޫސުމާއި ސްކޫލްތަކުގެ ބޮޑު ޗުއްޓީގެ މޫސުން އަދި މާ ރަނގަޅު ކަމަށް ނުދައްކާތީއެވެ. އާންމު ގޮތެއްގައި މިހާރު ބޭރުފައިސާ އާންމު ރައްޔިތުންގެ އަތުން ބޭރުވާނެ މައިގަނޑު އޮތީ ދެގޮތެކެވެ. އެއީ ބިދޭސީންގެ މުސާރަތަކުގެ ގޮތުގައާއި ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިންނެވެ. ސަރުކާރުން ބޭރަށް ދައްކަން ޖެހޭ ލޯނުތަކެއް ވެސް ހުންނާނެއެވެ. އެކަމަކު އެ ވާހަކަ މިތާނގައި ދައްކާނެ ކަމެއް ނެތެވެ.

މިދެންނެވި އިގުތިސާދަށް އައި ލޮޅުމާއެކު އަދި ކޮވިޑްގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުމާއެކު ޑިމާންޑާއި ސަޕްލައި އަނެއްކޮޅަށް ބަރުވީއެވެ. ދަންނަވަން މިއުޅެނީ އިމްޕޯޓް ކުރުމުގައި ތާށިތަކެއް އެރުމުން ބާޒާރުގައި ހުރި މުދަލުގެ ބޭނުން ބޮޑުވީއެވެ. ނޫނީ ބޭނުންވާ ވަރަށްވުރެ ބާޒާރުން މުދާ މަދުވީއެވެ. އަނެއް ކޮޅުން ޑޮލަރު ލިބުން ދަތިވުމުން، ޑޮލަރުގެ ކަޅުބާޒާރުގެ ސަބަބުން މުދާ އަގުބޮޑުކުރުމަށް ވެސް ފުރުސަތު ލިބުނީއެވެ. އެއާއެކު ގިނަ ވިޔަފާރިވެރިން މި ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފީއެވެ. ބާޒާރުގައި ހުރި މުދަލުގެ އަގުވެސް މައްޗަށް ޖައްސަމުން ގޮސް އާންމު ރައްޔިތުންނަށް ފަސޭހައިން އަތްޖެހޭ ވަރަށްވުރެ މައްޗަށް އެރީއެވެ. މިދަންނަވާ ވާހަކައިގެ ހެކި ދައްކާކަށް ނުވެސް ޖެހޭނެއެވެ. ކަންމަތީ ފިހާރައެއް ބޮޑު ފިހާރައެއް ތަފާތެއް ނެތެވެ. މައްޗަށް ދިޔަ އަގުތައް އެހެރީ އަދިވެސް އެގޮތުގައެވެ. މަދު ބާވަތެއްގެ މުދާ ނޫނީ އެހެރީ އެތައް ގުނައަކަށް ބޮޑުވެފައެވެ. ކުޑަކުޑަ މިސާލަކަށް ޖެހިލާނަމަ، އެންމެ އާންމުކޮށް ގަންނަ އެކައްޗަކީ އެކި ބާވަތުގެ ކިރެވެ. ބާޒާރުގައި ކިރު ދަޅެއްގެ އަގު އެހެރީ މިހާރު އަތްފޯރާ ފަށަކު ނޫނެވެ. އެތައް ޕަސެއްންޓެއް މަތިވެފައެވެ. ކުރިން 15 ރުފިޔާއަށް ގަތް އެއް ލިޓަރުގެ ދިޔާ ކިރު ޕެކެޓް 28 ރުފިޔާއަށް، ތިރީސް ރުފިޔާއަށް ޖެހުނީމާ ދެން އާންމު ރައްޔިތަކަށް އުމަރު ގެންގުޅޭ ހަރުގަނޑަށް އެރިޔަސް އަތެއް ނުފޯރާނެ ކަމީ ހުއްޖަތެއް ދައްކާން ޖެހޭ ކަމެއް ނޫނެވެ.

ބާޒާރުގައި ކިރުގެ ބާވަތްތަކުގެ އިތުރުން މޭވާއާއި ތަރުކާރީވެސް އެހެރީ އާދައިގެ ރައްޔިތަކަށް އަތްލެވޭ ފަށަލު ނޫނެވެ. ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ އެކި ބާވަތްތަކުގެ މޭވާ ދަޅުތަކާއި ކަދުރުގެ ބާވަތްތައް ވެސް މިހާރު އެހެރީ އަތްލެވޭ ހިސާބަކު ނޫނެވެ. ހަމަގައިމުވެސް މީގެތެރެއިން އަތްފޯރާ ފަށަށްވުރެ މައްޗަށް އެރި ގިނަ މުދާ އަދި އެހެރީ އެންމެ ތަންފުކެއް ވެސް ތިރި ނުވެއެވެ. ދާދިފަހުން ނޫހެއްގައި ރޯދަމަހަށް ބައެއް ތަކެތީގެ އަގު ބޮޑު ނުވާނެ ކަމަށް މާލޭގެ ބޮޑު ފިހާރައަކާއި ހަވާލާދީ ޚަބަރެއް ޖަހާލުމުން އެޚަބަރަށް ކޮމެންޓްކޮށްފައިވާ މީހުންގަނޑު އޮތީ ކެކި އަރާފައެވެ. އެނޫހަށް މަންފާއެއް ލިބޭތީ އެފަދަ ސުރުހީއެއް ޖެހި ނަމަވެސް އެބުނާ ބޮޑު ފިހާރައަކީ މިހާރު އެންމެ ގިނަ މުދާ އަތް ނުފޯރާ ފަށުގައި ހަރުގައި ހުރި އެއް ފިހާރައެވެ. އެހެންވީމާ ގިނަ މީހުންނަށް އެވާހަކަ ގަބޫލުނުކުރެވުނީއެވެ.

ޑޮލަރު ލިބުން ދަތިވެގެން، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އަރައިގެން ދިއުމުން އަގުބޮޑުކުރި މުދަލުގެ އަގު، މިއަދު ކަޅުބާޒާރުގައި ޑޮލަރު އެތައް ތަނަކުން ތިރިވުމުން ވެސް ކުޑަތަންފުކެއް ވެސް ތިރިނުކޮށް އެވާހަކަ ދެއްކީމާ އާންމުން ރުޅި ގަދަވީއެވެ. ކުރިއާ އަޅާ ބަލާއިރު ޑޮލަރު ތިޔާގި ވީމާ ވެސް އެބަދަލު ނުފެންނާތީ އެކަން ނުފެންނަ ބަޔަކާއި ހަވާލާދީ އެވާހަކަ ލިއުނީމާ ރައްޔިތުން ހިތްހަމަ ނުޖެހުނީއެވެ. އެކަމަކު ލޮޓަސް ފިހާރައާއި ހަވާލާދީ އެވާހަކަ ލިއުނު ނަމަ އެތަނުން ވިޔަފާރި ކޮށްފައި ހުރި މީހަކު އެކަން ގަބޫލުކޮށް ބަލައިގަތީހެވެ. ރައްޔިތުންނަށް އެންމެ ބޭނުންވާ މުދާ ލޮޓަސް ފިހާރައިގައި އެހެރީ ޑޮލަރުގެ އަގު ތިރިވި ވަރަށް ވުރެވެސް ބޮޑަށް އަތްފޯރާ ފަށަށް ޖައްސައިފައޭ ދެންނެވުމަކުން އެއީ ކުށަކަށް ނުވާނެއެވެ. ލޮޓަސް ފިހާރައިން އެންމެ ފަހުން ވެސް ބުނީ މިހާރު އެންމެ ބޭނުން ޖެހިފައިވާ ފޭސް މާސްކްވެސް އެތަނުން ދެން ވިއްކާނީ އަޖާއިބުވާހާ ހެއު އަގެއްގައި ކަމަށެވެ. ލޮޓަސްގެ ލެވިސްޓާ ކޮފީ އެހެރީ މިހާތަނަށް ބާޒާރުގައި އެފެންވަރުގެ ކޮފީ ނުވިއްކާހާ ހެއު އަގުތަކެއްގައެވެ.

ދެންއޮތީ މުސާރަތައް ކުޑަވިކަމަށް ގިނަ މީހުން ބުނާ ވާހަކައެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެކަން އެހެންވީއަކީ ސަރުކާރުން މުސާރަތައް ކުޑަކޮށްގެންނެއް ނޫނެވެ. އަދި އަމިއްލަ ކުންފުނި ތަކުން ވެސް މުސާރަތަކަށް ބަދަލެއް ގެނަސްގެނެއް ނޫނެވެ. ޑޮލަރުގެ އަގާއި އަޅުވާފައި ބާޒާރުގައި މުދަލުގެ އަގު ބޮޑުވުމުން ނުވަތަ ޑޮލަރުގެ އަގު މައްޗަށް ދިއުމުން ދިވެހި ރުފިޔާއިން ލިބޭ އާމްދަނީއާއި މުސާރަތައް އަޅުވާ ކިޔަން ޖެހޭނީ ޑޮލަރު ވިއްކާން ހުންނަ ރޭޓަކުން ކަމަށްވާތީ ލިބޭ މުސާރަ ކުޑަވީއެވެ. މިސާލަކަށް ބާޒާރުގައި 20ރ. އަށް ޑަލަރު ރޭޓު ބަލައިގެން ކިރުދަޅުގެ އަގު ހެދީމާ 10 ހާސް ރުފިޔާގެ މުސާރަ ނުވަތަ އާމްދަނީ ލިބޭ މީހާގެ މުސާރަވެސް ގެއްލާން ވާނީ އެމަގުންނެވެ. އެހެންވީމާ މިހާރު އޭނާގެ މުސާރައަކީ 500 އެމެރިކާ ޑޮލަރެވެ. ކުރިން ހަމަ އަގުގައި ޑޮލަރު ހުރި އިރު އޭނާގެ މުސާރައަކީ 648.51 ޑޮލަރެވެ. އެހެންވީމާ ބާޒާރުގައި 20 ރުފިޔާގެ މަގުން ޑޮލަރު ބަހައްޓައިގެން ނުވަތަ އެއީ ޑޮލަރުގެ ރޭޓު ކަމަށް ބަލައިގެން ވިޔަފާރިވެރިން އަގު ހެދީމާ އާންމު މީހާގެ މުސާރަ ކުޑަވަނީއެވެ. ދެން އޭނާގެ ދިރިއުޅުން ހަމަޖައްސާން އޮތް 648 ޑޮލަރުން 148 ޑޮލަރު މަދުވީއެވެ. އެހެންވީމާ އޭނާއަށް ލިބޭ މަހު މުސާރަ ކުޑަވީއެވެ.

އެހެންވީމާ ދަންނަވަން މިއުޅެނީ މިހާރު ބާޒާރުގައި ގިނަ ވިޔަފާރިވެރިން ޖަހައިގެން ތިބި އަގުތަކުގައި ކުރިއަށް މިއޮތް ރޯދަމަހުގައިވެސް ހިފަހައްޓައިގެން ތިބެފި ނަމަ ރައްޔިތުން ހަމަ ރަނގަޅަށް ހަނާވާނެ ވާހަކައެވެ. ގިނަ ރައްޔިތުންގެ އަނގައާއި އަތާއި ދިމާކުރަން އުނދަގޫ ވާނެ ވާހަކައެވެ. އެހެން ވެއްޖެ ނަމަ ގިނަ ބަޔަކަށް ޖެހޭނީ ކާން އަރާފައި ބޮކިތައް ނިއްވާލާށެވެ. އަދި މިގޮތުގައި އެހާލަތު ދެމި އޮތްނަމަ ގިނަ ބަޔަކު ހާލުގައި ޖެހި ދައުލަތަށް ބުރަ ބޮޑުވެގެން ދާނެއެވެ. މިއީ މިދިޔަ އަހަރުގެ ރޯދަމަހުގައި ވެސް ފެނުނު މަންޒަރުތަކެވެ.

އެހެންވީމާ ބާޒާރުގެ އަގުތައް އާންމު ރައްޔިތުންގެ އަތްފޯރާ ފަށުގައި ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ކޮންމެވެސް މަސައްކަތްތަކެއް އެބަ ކުރަން ޖެހެއެވެ. ރޯދަމަހުގައި ބައެއް ބާވަތްތަކުގެ އަގުތައް މިހާރަށްވުރެވެސް މައްޗަށް ދާނެ ކަމަށް ބަލައިގެން ދުރާލައި މަސައްކަތް ތަކެއް ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ މިދަތި އުނދަގޫ ހާލަތުގައި ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހުމަކީ ކޮންމެވެސް ސިފައެއްގައި ސަރުކާރަށް ވެސް ޕްރެޝަރު ތަކެއް އަންނާނެ ކަމެއް ކަމުގައި ގަބޫލުކުރެވެއެވެ. ހަމަގައިމުވެސް ގިނަ ބަޔަކު މަގުމަތިވެ ހާލުގައި ޖެހިއްޖެ ނަމަ ސަރުކާރަށް ކުރާ ބާރު އެތައް ގުނައަކަށް ބޮޑުވެގެންދާނެ އެވެ. މިހާރު ގައުމު މިއޮތް ހާލަތަށް ބަލާއިރު އެއީ ހަމަ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެކެވެ. ރައްޔިތުންގެ ފާޑުކިއުންތަކާއި ޝަކުވާތައް އިތުރުވެގެންދާނެ ވެސް ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


16

ބާޒާރު

19-Mar-2021

ވިޔަފާރީގަ އުޅޭބަޔަކު ހިއްސާވެގެން ހިންގާ ނޫހަކަށްވާއިރު, މިކަހަލަ ބޯގަމާރު ޙަބަރު މިލިޔަނީ ކިއްވެބާ? ރާއްޖޭގެ ބާޒާރުގަ ޑޮލަރު ތިބުނާ ކުޑައެއް ނުވޭ މިއަދުވެސް ހުރީ 17.20 އަށް ވޭތުވެ ދިޔަ ހަފްތާގެ ކުރީގަ 16.70 އިން ތިރިއެއްނުވޭ. ތަކެތީގެ އަގު އުފުލިގެން އުޅެނީ ރާއްޖޭބާޒާރުގަ ޑޮލަރު ބޮޑުވެގެން އެކަނި ނޫން.... ދުނިޔޭގެ ބާޒާރުގަ މުދަލުގެ އަގުވަނީ އުފުލިފަ, އަދި ޑިމާންޑާ އެއްވަރަށް މުދާނުލިބޭ.... މީގެ އިތުރުން ދަތުރުފަތުރަށް ބުރޫއަރައި މުދާއުފުލާ ހުސް ކޮންޓެއިނަރު ނުލިބުމާ ލިބޭ ކޮންޓެއިނަރުގެ އަގު ބޮޑުތަނުން އުފުލުން ހިމެނޭ.... ކުޑަމިސާލެއް ޖަހަން ޙަބަރު ލިޔުނު ބޭފުޅާ ތިގެނައީ ހިކި ކިރު އަދި ދިޔާ ކިރުގެ ވާހަކަ,އެއީ ދުވާލަކު އެއްފަހަރު އަގު ބަދަލުވާ އެއްޗެއް އަދި މިދިޔަ މަސްތަކުގަ ބޮޑުތަނުން އަގު އުފުލިފަ ވާ އެއްޗެއް... ގިނަ ބާވަތުގެ ކިރު ރާއްޖެ ގެނެވެނީ ޔޫރަޕުން ކަމަށްވެފަ ޔޫރޯ އާއި ޑޮލަރުގެ މިހާރު ހުރި ފަރަގު ބަލައިލުމުން ވެސް މިބާވަތުގެ އަގު އުފުލޭނެކަން އިނގޭ... ލިޔުމެއް ލިޔާ އިރު ތަންދޮރު ބެލުން ރަނގަޅު...އަހަރެންނަށް މިވަރު ހަބަރު ކިޔައިގެން ސިކުންޑިން ވިސްނެންޔާ ލިޔުން ތެރިންނަށް މިޔައްވުރެ ބޮޑަށް މިކަން އިނގެންވާނެ.



ޓްރެންޑިން