އިންޓަނެޓްގެ ޚިދުމަތަކީ މިއަދު ރައްޔިތުން ބޭނުންކުރާ އެންމެ އަސާސީ އެއް ޚިދުމަތެވެ. ކޭބަލެއް ބުރިވެ އިންޓަނެޓަށް ބުރުލެއް އެރިނަމަވެސް، މީގެކުރިން އެކަމުގެ ރުޅިގަނޑު ބާލަލާ އެކަކީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ވަޒީރެވެ. އެވަޒީރާމެދު އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދިޔުމުވެ. އޭރު ހަމަ ރަނގަޅަށް ވެސް ނަންވެފައި އޮތީ ހައިވަކަރު އޮޑިއެވެ. އެންމެން ގަބޫލުކުރަނީ ރައީސުލްޖުމްހޫރިއްޔާ އިންޓަރނެޓްގެ ޚިދުމަތް ރަނގަޅުކޮށް އަގުހެޔޮކުރަން ވެވަޑައިގެންނެވި ވަޢުދުގައި އަތްޕުޅު އަޅުއްވައިގެން ބަނޑުފުޅު އަޅުއްވައިގެން އޮންނެވީ އެވަޒީރު ކަމަށެވެ. ވާނީވެސް އެހެންތާއެވެ. އެފަކީރު ދެއިރުދެދަޅައަށް ރައްޔިތުންގެ މަޖިލީހަށް ގެންގޮސްގެން ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ރައްޔިތުންނަށް ދެއްކީ އެމަންޒަރެވެ. އެއްވެސް ބާރެއްނެތް ވަޒީރު ގޮނޑީން ނަގާ ހޫރާލީ އެ ބޮޑު ބަދުނާމު އިސްތަށިފުޅުގައާއި ކޮނޑުފުޅުގައާއި އަތްޕުޅުގައި ވެސް އަޅުވާފައެވެ.

އޭރުވެސް އޭގެ ރައްދުގައި އެފަކީރު ގޮވަމުން ގެންދިޔައީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރަންޖެހޭ މަސައްކަތް ނިއްމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަސައްކަތް އެއްގޮތަކަށް ވެސް ކުރިއަށްދާ ގޮތެއް ނުވިއެވެ. އަމަލީ މަސައްކަތެއް ކުރިއަކަށް ނުދެއެވެ. އެންމެފަހުން އިންޓަނެޓާއި މަތިކޮށްފައި އެ ރަނުގެ ފުރުސަތު ބޭނުންކޮށްގެން އެފަކީރު ގޮޑިން ނަގާ ހޫރާލީއެވެ. ވެރިކަން ކުރާ ޕާޓީއަށް ނުވަތަ މަޖިލީހުގެ މެޖޯރިޓީއަށް އޭނާ ވަޒީރުކަމުގައި ބަހައްޓަން ނުފެންނަންޏާ، ކަމު ނުދަންޏާ، ހިތާ ނުވަންޏާ އޭނާ އެ މަގާމުން ދުރުކުރުމަކީ މައްސަލައެކޭ ނުދަންނަވައެވެ. މިއީ އެކިޔާ ޒަމާނީ ދީމާކްރާތީ ނިޒާމެވެ. މި ނިޒާމުގައި ހިނގާނީ ވެރިކަން ކުރާ ޕާޓީ ބޭނުންވާ ގޮތެވެ. މަގާމު ތަކުގައި ތިބެވޭނީވެސް ތިބެންވާނީވެސް ޕާޓީ ރުހޭ މީހުންނެވެ. ޕާޓީއަށް ތެދުވެރި ވަފާތެރިންނެވެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ. އިންސާފާ ބޭއިންސާފާ ހަމަހަމަ ކަމާއި ހެޔޮވެރިކަމާއި ހިތްތިރިކަމާއި ދީލަތި ކަމުގެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ. އެވާހަކަ ދައްކާނީ ވެސް އަދި އެވާހަކަ ހިނގާނީވެސް ވަކި ޕްލެޓްފޯމެއްގައެވެ. އެއީ ގަބޫލުކުރިޔަސް ނުކުރިޔަސް އެކަން އޮތް ގޮތެވެ. މިވާހަކަ މިހާހިސާބުގައި ބާއްވާފައި އަސްލު މި ދައްކަން އުޅޭ ވާހަކައާއިގެން ކުރިއަށް ދާނަމެވެ.

އެންމެންވެސް މިހާރު ދައްކާ އެއްވާހަކައަކީ އެބުނާ ވަޒީރެއް ބޭރުކުރި ނަމަވެސް ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާ އުރީދޫ އިން ދެމުންދާ އިންޓަނެޓްގެ ފިނިހަކަ ސްޕީޑަށް ކުޑަވެސް ބަދަލެއް ނާންނަ ވާހަކައެވެ. އެބުނާ މީހަކު ބޭރު ކުރި ނަމަވެސް އިންޓަރނެޓްގެ ސްޕީޑަކަށް ވެސް ޚިދުމަތަކަށް ވެސް އަގަކަށް ވެސް ކުޑަވެސް ބަދަލެއް އަދި ނާންނަ ވާހަކައެވެ. އެކަމާއި ރުޅިގަދަވެގެން ރައްޔިތުން އެތިވަރު ގޮވައި ހަނާވާ އިރުވެސް މި ދެ ކުންފުނި ހަމަ ކަހާތަން ހިރުވާވެސް ނުލައެވެ. ހަމައެކަނި ކުރާހާ ވެސް ކަމަކީ ތަފާތު މޮޅު ނަންނަމުގައި ޕެކޭޖްތަށް ހެދުމާއި ޕްރޮމޯޝަންތަށް ހިންގައި އޮޅުވާލައިގެން ރައްޔިތުން ފެލުމެވެ. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. މިހާރު އެންމެ ގިނަ ރައްޔިތުން މިފަދަ ޝަކުވާތައް ކުރާ މިފަދަ ޒުވާބުކޮށް ރައްދުދޭން ބޭނުންކުރާ ޓްވިޓާއާއި އެފްބީ ހުޅުވާލާއިރަށް މީހަކު ބޯފަޅައިގެން ދާވަރުވެއެވެ. ރައްޔިތުން އެހެރަ ގޮވާ އެތިވަރު ތަކުން ލަދުން ބޯހިއްލާލާން ވެސް ނުކެރޭ ވަރުވެއެވެ.

ކަންމިހެން އޮތް ނަމަވެސް ހިތާވެގެން އުޅޭ ބިޓު މަންޖެ އަށްވުރެ ގިނައިން ދިރާގާ، އުރީދޫއިން ހިންގާ ޕްރޮމޯޝަން ތަކުގެ މެސެޖްތައް ފޯނަށް ލިބެއެވެ. ފޯނުގެ އިންބޮކްސް ފުރެނީ އެ މެސެޖްތަކުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެއްބަޔަކަށް އެކަންވެފައިވަނީ ބޮޑު "ބލވރ" ކަމަކަށެވެ. އުނދަގުލަކަށެވެ. ރިޕީޓްކޮށް ވެސް މެސެޖްތަށް އަންނަނީއެވެ. ބައެއް މީހުން ރައްދުގައި އެމީހުންގެ ހިތުގެ ޝުއޫރުތަށް މެސެޖްގެ ޒަރިއްޔާ ދިރާގާ އުރީދޫ އަށް ފޮނުވާލަނީ ރުޅިވެރިކަމާއި މާޔޫސް ކަމާއެކު އެވެ. އެކަމަކު އެ ދެކުންފުނި ކުޑަކޮށްވެން އެކަމާ ލަދަކުން އަދި ދެރަވެގެން، ކަންބޮޑުވެގެނެއް ނޫޅެއެވެ. އެދެކުންފުނީގެ ވެރިންނާއި ވަކިން ޚާއްޞަކޮށް ސަރުކާރުގެ މައި ހިއްސާ އޮންނަ ދިރާގުގެ ބޯޑުގައި އެތިބޭ މެންބަރުންނަށް ލިބޭ ބޮޑު މުސާރަ މަހުން މަހަށް ލިބޭތީ އެމީހުންނަށް ވަރިހަމައެވެ. އެހެންވީމާ ރައްޔިތުންގެ އެކިޔާ އެތިވަރުގެ އަޑު އިވުނީމާ، އެފަދަ މެސެޖެއް ފެނުނީމާ މަލާމާތުގެ ހިނިގަނޑެއް ޖަހާލީމާ ނިމުނީތާ އެވެ.



ދެން އޮތީ އެބުނާ މޮޅެތި ޕެކޭޖް ތަކުގެ ވާހަކައެވެ. ދިރާގާ އުރީދޫގެ އެ ބުނާ މޮޅެތި ޕެކޭޖްތަކުގެ ނަންތަކާއި އެމީހުން އެކިޔާ ސްޕީޑް ވަރަށް ވެސް ހަލުތްވެވެ. އައްޑޫއަށް އެގެނައިތަނުން އަހަކަށް އަރައިގެން ވާދަޖެހިޔަސް އަތުނުވާހާވެސް ޕެކޭޖް ތަކުގެ ސްޕީޑް ބާރެވެ. އެހާމެ އަގު ހެވެވެ. އެވެރިން އެދައްކާ ޕްރޮމޯޝަންތަކުން ރައްޔިތުންނަށް ފެންނަނީ އެމަންޒަރެވެ. އެ ޕެކޭޖްތަކުގެ އިސްތިހާރު ކިތަންމެ މޮޅަސް، އަދި ސަޅިޔަސް ރައްޔިތުން އިންޓަނެޓްގެ ޚިދުމަތް ހޯދުމަށް އުފުލަންޖެހޭ ތަކުލީފަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އިންޓަނެޓްގެ ޚިދުމަތް ހޯދުމަށް ރައްޔިތުން އެތަށް ހާސް ރުފިޔާ އެއް ޚަރަދުކުރަމުންދާއިރު ރައްޔިތުންގެ ޖީބަށް ލިބުނު ލުޔެއް ނެތެވެ. ނުވިތާކަށް އިންޓަނެޓްގެ ސްޕީޑަށް ލިބުނު ކުޑަ ނަމަވެސް ކުރިއެރުމެއް ނެތެވެ. އެބުނާ ޕެކޭޖް ބޭނުން ކުރިއަސް ނުކުރިއަސް ރާސް ލާފައި ހުސްވެގެން ދާ ކަމުގެ ޝަކުވާއަށް ނިމުމެއް ނާދެއެވެ. އެ ދެކުންފުނީގައި އެހަރުކޮށްފައި ހުންނަ ސިއްރު މީޓަރުތައް ހިނގާލެއް ހާދަހާ ބާރެވެ. އިސާހިތަކު އެބުނާ ޖީބީކޮޅު ހުސްވެ އެ ބާރު ސްޕީޑް ފިނިހަކަ ސްޕީޑަށް ބަދަލުވެ ގާއަރައެވެ. ނެޓްވޯކު ކުރިން ވެސް ނުލިބޭ ތާކަށް މިހާރަކުވެސް ހަމަ ނުލިބެއެވެ. މީސް މީޑިއާގައި އުޅޭ ކުދިންކޮޅު އެބުނާހެން މިއީ މަލީހަކާއި ގުޅުން ހުރި ކަމެއް ނޫންކަން މިހާރު ނިކަން ރަނގަޅަށް އެނގިއްޖެއެވެ.



ރައްޔިތުން ބޭނުންވަނީ ވަޒީރަކަށް ހުންނަ މީހަކީ ކާކުކަން ބަލާކަށް ނޫނެވެ. އޭނާ ރީތިވެގެން، ހުތުރުވެގެން، ކަޅުވެގެން، ދޮންވެގެން ބާރުކުރާނީ އަލީ ވަހީދު އެކިޔާ އެންޓަނާއަށެވެ. ނޫނީ ދިދަ ދަނޑިއަށެވެ. މަގާމުގައި މީހަކު ހުއްޓަސް ނެތަސް ރައްޔިތުން ބޭނުންވަނީ މަލީހު އެބުނާ ރައީސް އޮފީހުގައި ހުންނަ ސަރުކާރުގެ ޕޮލިސީ އަތްޕުޅުގައި އޮތް ޕޮލިސީގައި ސޮއިކޮށް ތައްގަނޑު ޖަހައި އެދެކުންފުނީގެ ވެރީންނާއި ހިސާބަށް އެ ފޮނުވައިގެން އަވަހަށް އިންޓަނެޓް ސްޕީޑް ހަލުވިކޮށް އަގު ހެޔޮކުރުމެވެ. ނޫނީ މިތަނަށް ތިން ވަނަ ނޫނީ ހަތަރު ވަނަ ކުންފުންޏެއް ގެނަސްގެން ވިޔަސް އަދި މޯދީބެ އަތުން ކޮޅެއް ހޯދައިގެން ވިޔަސް މިހާރު މިހިރަ ސްލޯ އަގުބޮޑު އިންޓަނެޓް ފާސްޓްވެ އަގުހެޔޮވުމެވެ. އެމަގާމުގައި މަލީހު ހުއްޓަސް މަހުލޫފް ހުއްޓަސް މަބްރޫކް ހުއްޓަސް މައުސޫމް ހުއްޓަސް ރައްޔިތުންނަށް އޯކޭ އެވެ.

މިކަމުގައި މިހާހިސާބަށް އައިއިރު ފާހަގަވި އެއްކަމެއް އެބައޮތެވެ. އެމަގާމުގައި ހުރި ވަޒީރު މަގާމުން ވަކިކުރި ފަހުން ސިޔާސީ ކުދިވެރިންނާއި ސިޔާސީ ބޮޑުން ހެސްކިޔާފައި އެކި ހޮޅުއަށިތަކުގައި ދައްކަމުން އައި އިންޓަނެޓްގެ ވާހަކައިގެ އަޑު މިހާރު މުޅީންހެން ކެނޑިގެން ހިގައްޖެކަމެވެ. އެންމެ ބާރަށް އެވާހަކަ ގޮވި މެންބަރުން މާލަމުގައި އެއީ މިހާރު ނުދައްކާ ވާހަކައެކެވެ. އެހެންވީމާ އިންޓަނެޓްގެ ވާހަކަ މިހާރު އެއީ ނުދައްކާ ވާހަކައަކީތޯ ބުނެ ގިނަ ބަޔަކު އަންނަނީ ސުވާލު ވެސް އުފައްދަމުންނެވެ. އިންޓަނެޓްގެ އަގުހެޔޮކޮށް ސްޕީޑް ހަލުވި ކުރާވާހަކައަކީ ވަކި މޫސުމަކަށް ދަައްކާ ޚިޔާލީ ފޮލާ އެއް ކަހަލަ ވާހަކައަަކަށް މިވަނީވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ނުރަބޯ

22-Mar-2021

ވަކި މަގްޞަދެއްގައި ކުރިކަމެއް އެ މަގްޞަދު ޙާޞިލްވީމާ ދެން އެ ނިމުނީ ނޫންތޯ....؟


-3

އަލީ

22-Mar-2021

ސްޓާލިންކް އައީމަ ރަނގަޅުވާނެ



ޓްރެންޑިން