ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށާއި ދީނަށް ފުރައްސާރަވާ ގޮތަށް ކަންކަންކުރާ މީހުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމުގައި ޕރޮސިކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީނަށް ފުރައްސާރަވާ ގޮތަށް ކަންކަން ކުރާ މީހުންނާއިމެދު މީގެކުރިންވެސް ހުންނާނީ ދަޢުވާ ކޮށްފައި ކަމަށެވެ. ކުރިއަށް އޮތްތާގައިވެސް އެކަން އެގޮތަށް ކުރައްވާނެ ކަމުގައި ވެސް ޝަމީމް ވިދާޅުވެފައި ވެއެވެ. “ހަޤީގަތް ނުބަލައި އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް.” ޕީޖީ ޝަމީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޕީޖީ ޝަމީމު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ސޯޝަލް މީޑިޔާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނަށް ފާޑު ކިޔައި ދީނާ ދެކޮޅަށް ވާހަކަ ދައްކަމުން ގެންދާ މީހަކާއިމެދު ދަޢުވާކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލާފައި ހުއްޓާ އަނެއްކާވެސް އެފަދަ މައްސަލަތަކެއް ފެންމަތިވެ ފުލުހުން އޭނާ ހައްޔަރު ކުރި ވާހަކަ މިއަދު އާންމު ކުރުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މައްސަލަ އަވަހަށް ބަލާ ފިޔަވަޅު އެޅުމަށް އެދި މީހަކު ޝަމީމަށް ޓެކްކޮށް ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވެފައި ވަނީ ކުރިންވެސް އޮންނާނީ ފިޔަވަޅު އަޅާފައި ކަމަށެވެ. “މިހާރުވެސް އަޅާފަ. ހަމަ ނުބަލަނީ.” ޝަމީމު ވިދާޅުވެފައި ވެއެވެ.

“އަހަރެމެންނާ އަދި ކިރިޔާ އަސްލު ޕީޖީއެއް މިލިބުނީ” މިބަހުސްގައި ބައިވެރިވެ ޓްވީޓްކޮށްފައިވާ އެހެން ފަރާތެއްގެ ޓްވީޓްގައި ބުނެފައި ވެއެވެ.

މިބަހުސްގެ ތެރޭގައި ބައިވެރިވެ ވަޑައިގެން އައްޝައިޚް ޢަލީ ޒައިދު ވެސް ޕީޖީއާއި ސުވާލު ކުރައްވާފައި ވެއެވެ. “ސުވާލަކީ އެފަދަ މީހުންނާމެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ކޮބައިތޯ؟ މީ އަސްލު ސުވާލަކީ. ޕީޖީގެ ފަރާތުން އޭގައި އެޅޭނެ ފިޔަވަޅުތައް އެނގުމަކީ ރައްޔިތުން އުފާވާނެ ކަމެއް.” ޒައިދު ގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް ޒައިދުގެ ސުވާލަށް ޕީޖީ ޖަވާބު ދެއްވާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން