މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވާހަކަ އެހާފަސޭހައިން ހުއްޓާލެވެން ނެތް ސަބަބުތައް ވަރަށް ބައިވަރެވެ. މި އިންތިޚާބުގައި ލާމަރުކަޒީ ނިޒާމުގެ ބައްޕަ ކަމުގައި ގަބޫލުކުރާ ނުވަތަ ދަޢުވާ ކުރާ އެމްޑީޕީން އެވާހަކަ ދައްކަނީ އެޕާޓީން ގަބޫލުކުރި ފަދަ ކާމިޔާބެއް ނުލިބުނީމާ ކަމަށް ވެދާނެއެވެ. ނަމަވެސް ހަގީގަތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުންނާއި ރައްޔިތުންގެ ހިތުން އެކަން ފިލައިގެން ނުގޮސް އެވާހަކަ ތަކުރާރު ކުރެވޭ ބައިވަރު ހައްސާސް ސަބަބުތައް އެބަހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ މިއިންތިޚާބު މިޑްޓާމް އިލެކްޝަނެއްގެ ގޮތުގައި ސިފަ ކުރެއްވުމަކީ ވެސް ވަރަށް ފުން މާނައެއް އޭގައި ހިމެނޭ ކަމެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ.

ހަގީގަތުގައި ވެސް ރައީސް އެވިދާޅުވި ގޮތަށް މިއީ ހަމަ ދައުރުގެ މެދުން ބޭއްވިގެން ދިޔަ އަދި ޑިމޮކްރެސީ ނިޒާމުގެ ތެރެއިން ނިމިގެން ދިޔަ އެންމެ ބޮޑު އިންތިޚާބެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު ހުރިހާ ރަށްތަކެއްގައި ސިޔާސީ ރޫހު ހުރި ގޮތެއް، ގައުމުގައި އޮތް ފިކުރުތަކަށް ރައްޔިތުންގެ ތާއީދު އޮތް ގޮތް ނުވަތަ ރައްޔިތުންގެ އިތުބާރާއި ތާއީދު އޮތް މިންވަރު ފެނިގެން ދިޔަ އިންތިޚާބެކެވެ. އެހެންވީމާ މިއިންތިޚާބަކީ ރައްޔިތުން ހަވާލުކުރި މަސައްކަތާއި މެދު ރައްޔިތުން ހިތްހަމަ ޖެހުނުތޯ، ނުވަތަ ހަވާލުކުރި ވާޖިބު ފުރިހަމައަށް އަދާކުރެވުނުކަން ކަށަވަރު ކުރާ އިންތިޚާބެވެ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ އެވިދާޅުވަނީ އެވާހަކަފުޅެވެ.


މިދެންނެވި އިމްތިހާނުގެ ނަތީޖާ ލިބެމުންދާއިރު އެ އިމްތިހާނުން ފާސްވާ ވަރަށް ރައްޔިތުންގެ ވޯޓު ނުވަތަ ތާއީދު ނުލިބުމަކީ ވަރަށްވެސް ބޮޑު މައްސަލައެކެވެ. ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވާ ފަދައިން ރައްޔިތުން އެބުނީ، "ކަލޭ އެކަނި މިކަން ކުރަން ނޫޅޭށޭ" ކަމަށް ވެސް ވެދާނެއެވެ. ނޫނީ ރައީސް އެވިދާޅުވި ފަދައިން މިއީ "މިޑް ޓާމް އިލެކްޝަނެއް" ނަމަ، ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ފަދައިން ރައްޔިތުން އެބުނީ ދައުރުގެ މެދުން ރިޔާސީ އިންތިޚާބެއް އަލުން ބާއްވަން ޖެހޭ ވާހަކަ ކަމުގައި ވެސް ވެދާނެއެވެ. ހަމަގައިމުވެސް ވެރިކަން ހިންގާ ޕާޓީ ނުކުމެ މިޑް ޓާމް އިލެކްޝަނުގައި ބަލި ވުމަކީ ނުވަތަ އިމްތިހާނުން ފާސްވާ ވަރަށް، ފަންސާސް އިންސައްތަ މާކްސް ނުލިބުމަކީ ރައްޔިތުން ބުނެދިން ވަރަށް ވެސް ބޮޑު ވާހަކައެކެވެ. މިތާނގައި އަޅުގަނޑު ދައްކާން މިއުޅެނީ އެވާހަކައަށް ނުވާތީ މިހާހިސާބަށް އެވާހަކަ ބާއްވާފައި އަޅުގަނޑު ކުރިއަށް ދާނަމެވެ.

އެމްޑީޕީގެ ބަނޑުން ވިހެއި ކަމަށް އެމީހުން ގަބޫލުކުރާ ލާ މަރުކަޒީ ނިޒާމު ހިންގަން ރައްޔިތުން ހަވާލުކުރާ ބަޔަކު ބެލުމަށް ބޭއްވި އިންތިޚާބުގެ ނާކާމިޔާބީގެ ފަހަތުގައި ވަނީ ކޮން ސަބަބު ތަކެއްތޯ ނޫސްވެރިމް ސުވާލު ކުރުމުން އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންވެސް ދެއްވީ ދާދި އެއް ޖަވާބުތަކެކެވެ. ދެއްކެވީ ދާދި އެއްކަހަލަ ބަހަނާ ތަކެކެވެ. އިންތިޚާބުގެ ވާހަކަ ދައްކާން ދެބޭފުޅުން ވަކިވަކީން ބައްދަލުވުން ބޭއްވެވުމަކީ ވެސް ރައްޔިތުންނަށް ވަރަށް ގިނަ ވާހަކަ ތަކެއް ބުނެދިން ކަމެކެވެ. ހަމަގައިމުވެސް މިވާހަކަތައް ދެއްކީ އެއްޕާޓީއަކުންނެވެ. އެއްޕާޓީއަށް ނިސްބަތްވާ އެންމެ އިސް ދެ ލީޑަރުންނެވެ. ވެރިކަމުގެ ނިޒާމުގެ ތިންބާރު ކޮންޓްރޯލްކުރާ ނޫނީ ތިން ބާރުގެތެރެއިން ދެ ބާރު ހިންގުމާއި ހަވާލުވެ ވަޑައިގެން ތިއްބެވި އެއްޕާޓީއަކަށް ނިސްބަތްވާ ދެބޭފުޅުންނެވެ.

ދެބޭފުޅުން ވަކިވަކިން ނުކުމެވަޑައިގެން ދެއްކެވީ އިންތިޚާބުގައި ނާކާމިޔާބާއި ކުރިމަތީލާން ޖެހުނު ސަބަބު ތަކެވެ. ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކައެވެ. ރައްޔިތުންގެ ރުހުން ގެއްލޭން މެދުވެރިވި ސަބަބުތަކުގެ ވާހަކައެވެ. ސަރުކާރުގެ ބަލިކަށިވެ އެޅިފައިވާ ބާގަނޑުތަކުގެ ވާހަކައެވެ. ދެ ލީޑަރުންކުރެ ކޮންމެވެސް އެއްބޭފުޅަކު ނުވަތަ ދެބޭފުޅުން އެކުގައި އެބަލީގެ ޒިންމާ ނަންގަވަންޖެހޭނެ ވާހަކައެވެ. ދެ ލީޑަރުންގެ ވާހަކަފުޅު ތަކަށް ވިސްނާއިރު ދެބޭފުޅުންގެ ވިސްނުމާއި ޚިޔާލާތު ދިމާ ނުވާ އޮތީ އެންމެ ތަންކޮޅެކެވެ. އެއީ ވައްކަމާއި ކޮރަޕްޝަން މިކަމުގެ ތެރެއަށް ވަންނަ ހިސާބުން ޒިންމާ ނަގަން ޖެހޭ ހިސާބާއި މެދު ނޫނީ އެކަން ގޮސް ލައިގަންނަ ހިސާބާއިމެދު ދެބޭފުޅުންގެ ޚިޔާލު ތަފާތުވާ މައްސަލައެވެ. އެހެންނޫނީ ދެ ލީޑަރުންގެ ވެސް ވިސްނުން ފުޅުގައި ހުރީ ދާދި އެއްވާހަކަ ތަކެކެވެ. އެއް ސަބަބު ތަކެކެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ އެމްޑީޕީގެ ހުރިހާ އިންތިޚާބަކަށްވާ އެންމެ ބޮޑު އަދި އެންމެ މުހިންމު ވަޢުދެވެ. ރިޔާސީ އިންތިޚާބަކަސް، އެޖެންޑާ ނަވާރައަކަސް އަދި ރަށްވެހި ފަތިހުގައި ވެސް އެވެރިންގެ އެޖެންޑާގެ އަދި ވަޢުދު ތަކުގެ އެންމެ ކުރީގައި އޮތީ އެވާހަކައެވެ. އެހެންވީމާ މާލޭގައި ދިރިއުޅޭ ނުވަތަ މާލޭ ރަށްވެހިންގެ ތާއީދާއި ރުހުން މިއިންތިޚާބުގައި ނުލިބުނު އެންމެ ބޮޑު ސަބަބަކީ 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީންނާއި އެޕާޓީގެ ފަރާތުން އިންތިޚާބުތަކަށް ނުކުންނެވި ފަރާތްތަކުން ވަމުން އައި، ވެވަޑައިގަންނަވަމުން ގެންދެވި މިވަޢުދުގައި ހަގީގީ ކުލަ ޖައްސައި ނުދެވުން ކަމުގައި ގަބޫލުކުރަށްވައި ލީޑަރުންގެ ނޯޓުތަކުގެ އެންމެ ކުރިއަށް އެސަބަބު އެރުމަކީ މައްސަލައެއް ނޫނެވެ. ދެން މިފަހަރުގެ އެންމެ ބޮޑު ނާކާމިޔާބީގެ ފަހަތުގައި ހިމެނޭ މައްސަލަތައް ކަމަށް ދެ ލީޑަރުން ގަބޫލުކުރަށްވަނީ ކުރީގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި ނުނިމުމާއި މިހާރު ވެސް އެފަދަ ކޮރަޕްޝަންތަކާއި ވައްކަންތައް ހިނގަމުންދާއިރު އެމައްސަލަތައް އެކަށީގެންވާ ބާރު ސްޕީޑްގައި ނުބެލޭ މައްސަލައެވެ. ދެން ދެއްކެވީ ރޯގާބަލިމަޑުކަމުގައި އަޅަން ޖެހުނު ފިޔަވަޅު ތަކުގެ ސަބަބުން ބައެއްގެ ނުރުހުމާއި ކުރިމަތިލާން ޖެހުނު ވާހަކައެވެ. މިއީ ވެސް މައްސަލަތަކެވެ. އެކަމަކު ގަބޫލުކުރެވޭ ގޮތުގައި އިމްތިހާނުން ފާސްނުވި ގިނަ ސަބަބުތައް އަދި މުޅިން ދެނެގަނެވުނު ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ރައްޔިތުންގެ ހުރި ޝަލުވާތަކަށް ބަލާއިރު ޕާޓީން ނޫނީ ލީޑަރުންގެ ހިސާބު ދިމާ ނުވުމުގައި އެތައް ބައިވަރު ހައްސާސް ސަބަބުތަކެއް އެބަހުއްޓެވެ.

މިޑް ޓާމް އިލެކްޝަން ގެއްލުމުގައި ދެލީޑަރުން އެވިދާޅުވާ ސަބަބުތައް މުހިންމު ދައުރެއް އަދާނުކުރެއެކޭ އެއްގޮތަކަށް ވެސް ނުދަންނަވަމެވެ. އެކަމަކު ރައްޔިތުންގެ ވިސްނުމުން ވިސްނާ މީހެއްގެ ހައިސިއްޔަތުން މެދު އިމްތިހާނުގެ ނަތީޖާ ދަށްވި ކަމަށް ފާހަގަ ކުރެވޭ އެހެން މުހިންމު ސަބަބުތަކެއް ފާހަގަ ކުރެވޭތީ އެވާހަކަތައް ހަމަ ހިއްސާކޮށްލާ ހިތްވީއެވެ. ކޮންމެހެން މިއީ އެންމެން ގަބޫލުކުރާން ޖެހޭ ކަންކަމަށް ނުވުމަކީ ހަމަ ޖާއިޒު ކަމެކެވެ.

އިންތިޚާބާއި ކުރިމަތިލިއިރު ރައްޔިތުން ތިބީ ވަރަށް ދަތި ހާލުގައެވެ. ބޮޑު ރޯގާބަލިމަޑުކަމެއްގެ ތެރޭގައެވެ. ބައެއް މީހުން އަނގަޔާއި އަތާއި ދިމާ ކުރާން ޖެހިފައިވަނީ ވެސް ގަދަކަމުންނެވެ. އެހެން މީހެއްގެ އެހީގައެވެ. ރައްޔިތުންގެ އާމްދަނީ ދަށްވެ ޖީބު ފުލާއި ޖެހިފައެވެ. މުޅި އުމުރުގައި މަސައްކަތް ކޮށްގެން އެއްކުރެވިފައި ހުރި ފައިސާކޮޅު އެކައުންޓުން ނަގައިގެން ޚަރަދުކުރާން ޖެހުމުން ގިނަ އެކައުންޓުތަކުގެ ފޫވެސް ނެތެވެ. އެވަރަށް ކަހާ ހުސްކޮށްފައެވެ. ގިނަ މީހުންގެ ވަޒީފާގަނޑެއް ވެސް ނެތެވެ. ބޭރު ގައުމުތަކުގައި ރީތިކޮށް ކިޔަވާން ތިބި ދަރިވަރުން ކިޔެވުން ހުއްޓާލާފައި އެނބުރި އައިސް ދެވޭނެ ގޮތެއް ނެތިފައެވެ. ދަރީންނަށް ކިޔަވައިދޭށާ ބޭސް ފަރުވާއަށް ދާއިމީކޮށް ހިޖުރަކޮށްގެން ތިބި އާއިލާތައް މުޅި ދިރިއުޅުން އެހެން ގޮތަކަށް ބަދަލުކުރާން ޖެހުމުން އެތައް ތަކުލީފެއް އުފުލާން ޖެހިފައެވެ. މިހެން ކަންއޮއްވާ ދެން އަނެއްކާވެސް ފޮއި ވެއްޓުނީ ހަމަ ރިހޭ ފައިމައްޗަށެވެ. ދެން ވީ ތަދު ހައްތާވީ ބޮޑެވެ.

ދަންނަވަން މިއުޅެނީ މި އިންތިޚާބާއި ކުރިމަތިލިއިރި މިހުރިހާ ކަމެއް މިހެން ހުއްޓާ ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އަރައިގެން ދިޔަ ވާހަކައެވެ. އެމްޑީޕީ ކުރިން ސަރުކާރަށް އައިސް 15:42ރ. އަށް ހެދި ޑޮލަރު ނަވާރައަށް އަރައިގެން ގޮސް ވިއްސަށް ވުރެވެސް މައްޗަށް އެރީއެވެ. އޭގެ ސަބަބުން 15ރ އަށް ނޫނީ 20 ރ އިން ދަށުގައި ބާޒާރުގައި ހުރި އެއްލިޓަރުގެ ކިރު ޕެކެޓް 28ރ އަށް 30ރ އަށް އެރީއެވެ. ދަރިފުޅުގެ ބުއްދަޅުން ކޮންމެ ދުވަހަކު ހެނދުނު ދޮންކެޔުވަކެއް ކާން ނުލިބުނަށް ބޯން ދެމުން އައި ކިރުތަށި ހަދަން ގަންނަ ކިރުދަޅާއި ކިރު ޕެކެޓު ގަންނާން ކުރިއަށް ވުރެ އިތުރަށް 50ރ. އަށްވުރެ މަތީން ޚަރަދު ކުރާން ޖެހުނީއެވެ. ގައުމަށް ޑޮލަރުވައްދައިދޭ ރަންބިސްއަޅާ ކުކުޅު އަލުން ބިސްއަޅާން ފެށުމުން ވެސް މި މައްސަލައަށް ހައްލެއް ނައެވެ. ބޮޑުވި އަގުން އެންމެ ތަންފުކެއްވެސް ތިރިއެއް ނުވިއެވެ. ބޮޑުވި ޑޮލަރު 17 އަށްވުރެ ދަށެއް ނުވިއެވެ. ގިނަ މީހުންނަށް ގެއްލުނު ވަޒީފާއެއް ނުލިބެއެވެ. ކުޑަކުރި މުސާރައެއް ބޮޑެއް ނުވިއެވެ.

މިހެންކަން އޮއްވާ ޑޮލަރުގެ އަގު ތިރި ނުވާތީ ލިބޭ މުސާރައާއި ޑޮލަރާއި އަޅާކިއުމުން މުސާރައިން ކުޑަވިބައި ލިބޭނެ ގޮތެއް ނުވަތަ ހޯދޭނެ އެހެން މަގެއް ނެތެވެ. ޑޮލަރުގެ އަގު ބޮޑުވެގެން އަތް ނުފޯރާ ފަށަށް އަގުބޮޑުކުރި މުދަލުގެ އަގު ތިރިއެއް ނުވެއެވެ. އަދިވެސް އެތައް އާއިލާތަކެއް ރާއްޖެއިން ބޭރުގައި ގޮތް ހުސްވެފައި އެބަތިއްބެވެ. މެލޭޝިޔާގައި މަތީ ތަޢުލީމް ހާސިލު ކުރަން ތިބި ކުދިންގެ ތެރެއިން ރާއްޖެ އައިސް ނުދެވިފައި އެތިބީ ހަތަރު ފަސް ހާސް ރިންގިޓް ދައްކައިގެން އެތެރެވާން ޖެހޭތީ ނުދެވިފައެވެ. މާލޭގައި ރީތިކޮށް ވަޒީފާ ހޯދައިގެން ދަރީންނަށް ކިޔަވައިދީގެން އުޅުނު އެތައް ބަޔަކު ގޮތް ހުސްވެގެން އެނބުރި ރަށަށް ދިޔައީ ހިތްހަމަޖެހިގެނެއް ނޫނެވެ. މިހިރީ ހައްތާވެއް ސީދާ "ރައްޔިތު މީހާގެ" އިހުސާސްތަކާއި ގުޅުންހުރި އޭނާގެ ދިރިއުޅުމާއި އުޅުމާއި ވަށައިގެންވާ މާހައުލާއި ގުޅުންހުރި ކަންކަމެވެ. މިމައްސަލަތަކަށް އެޑްރެހެއް ނުކުރެއެވެ. މިކަންކަމަށް އެކަށީގެންވާ ގޮތެއްގައި އަޅައެއް ނުލެވުނެވެ. ޖަވާބުދާރީއެއް ނުވެވުނެވެ.

ރަށްވެހި ފަތިހުގައި ކޮމްޕިއުޓަރު ދަށުގައި ކެމެރާ ޖައްސައިގެން ތިބެ ދެއްކެވީ މަގު ހަދާ ވާހަކައެވެ. ރަށްރަށް ހިއްކާ ވާހަކައެވެ. ބޮޑެތި ބަނދަރުތައް ހަދާ ވާހަކައެވެ. ރަށުގައި ހޮސްޕިޓާ ތަރައްގީކުރާ ވާހަކައެވެ. ފަޅުހިއްކާ ވާހައާއި ބަނދަރު ހަދާ ވާހަކައާއި ކޯޒްވޭތައް އަޅާވާހަކައެވެ. ރަށްރަށުގެ ދަރީންނަށް މަތީތަޢުލީމަށް ލޯނު ދިން މިންވަރާއި ރޯގާއާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ދިން ފަސް ހާސް ރުފިޔާގެ އެލަވަންސްގެ ވާހަކައާއި ޓާފުދަނޑުގެ ވާހަކައާއި ކަރަންޓާއި ބޯފެނާއި ފާޚާނާގެ ނިޒާމުގެ ވާހަކައެވެ.

މިހެންގޮސް ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކޮށްފައި ހުރި ޚަރަދުތަކުގެ ހިސާބުތައް ވިދާޅުވެ ދެއްވައި "ކަލަގޮވުމާއި" ކުރަމުންދާ މަސައްކަތްތަކާއި ކުރަން ހުރި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުން ވިދާޅުވެދެއްވިއިރު އެވާހަކަތައް މާލޭގައި ތިބި މީހުން އަޑު އެހީ ކިހާވަރަކަށްތޯ މާލޭގައި އުޅޭ ބަޔަކަށް އެކަމުން ފައިދާއެއް ވާނެތޯ، ނުވަތަ ރަށްރަށުގައި ތިބި މީހުންނަށް އެއަޑުއިވުނީ ކިހާވަރަކަށްތޯ ވެސް މިއީ އުފެދޭ ސުވާލުތަކެވެ. ވެރިކަން ކުރާ މާލޭގައި މުޅި ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ރައްޔިތުން އުޅޭއިރު މި ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ އާބަދީއަށް ކޮށްދެވޭ ކޮންމެ ކަމަކީ އެކަމަކުން މުޅި ގައުމުގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް، މަންފާއެއް ކުރާނެ ކަމަކަމަށްވާއިރު އަދި މި ސަރަހައްދަށް ލިބޭ ކޮންމެ ތަރައްގީއަކީ އަދި ދެވޭ ބޯހިޔާވަހި ކަމަކީ މުޅި ރާއްޖޭގެ އެތައް ރައްޔިތަކުވެސް ހިމެނޭ ގޮތަށް ކޮށްދެވޭ ކަންކަން ކަމުގައި ގަބޫލުކުރެވުނީ ކިހާވަރަކަށްތޯއާއި އެކަން ހާސިލުވީ ކިހާ މިންވަރަކަށްތޯވެސް ނިމިދިޔަ މެދު އިންތިޚާބުގައި މާކްސް ދިނުމުގައި ރައްޔިތުން މިނެކިރާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

އެހެންވީމާ ނިމިދިޔަ މިޑް ޓާން އިލެކްޝަނުން ފެއިލްވާން ދިމާވި ސަބަބުތަކަކީ ހަމައެކަނި ބޯހިޔާވަހިކަމާއި ކޮރަޕްޝަނާއި ވައްކަމާއި ބައެއް ފަރާތްތަކަށް އަމާޒުކޮށް ވެފައިވާ ވަކިވަކި ވަޢުދުތައް ނުފުއްދައިދެވުން އެކަންޏެއް ނޫނެވެ. އެއީވެސް ސަބަބުތަކެއް ކަމަށް ވެދާނެއެވެ. އެކަމަކު އިންތިޚާބަށް ދިޔައިރު އަތް ނުލެވިހުރި ނޫނީ ރަނގަޅަށް ހޯމް ވޯކް ނުހެދި ދަސްނުވެ ހުރި ފިލާވަޅުތައް ވަރަށް ބައިވަރެވެ. އެހެންވީމާ އެހިސާބަށް ވިސްނައިގެން ނޫނީ ކުރިއަށް އޮތްތާނގައިވެސް ކާމިޔާބުވާން އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ތިމަންނާމެންނަކީ މޮޅަށް ހިސާބުޖަހާން އެނގޭ ބައެއް ކަމަށް ގަބޫލުކޮށް އެހިސާބުގެ މައްޗަށް ބުރަވެ ބެރުޖަހާ ނެށުމަކުން އަދި އެއީ ކާމިޔާބުކަމަށް ދެކި ހަގީގީ މަންޒަރު ކަމަށް ގަބޫކުކުރުން އެހާ ބުއްދިވެރިއެއް ނޫނެވެ. ހަމަގައިމުވެސް ގިނަ ރައްޔިތުން އެމަންޒަރު މިހާރު ވަޒަން ކުރަނީ އެހާ ރަނގަޅަކަށް ހެއުކޮށެއް ނޫނެވެ.

އިންތިޚާބަށް ދިޔައިރު ހަނދާން ނެތިކޮށްލި އަނެއް ކަމަކީ މިހާރު މިހިނގާ ވެރިކަމަކީ ކިހިނެއް ކޮން ގޮތަކަށް ލިބިފައިވާ ވެރިކަމެއް ކަމާއިމެދު އޮތް ހަގީގަތެވެ. ހަމަގައިމުވެސް މިއީ އެތައް ބަޔަކު ބައިވެރިވެގެން އެތައްބައެއް މަސައްކަތާއި ދަލާއި މުދަލާއި ފައިސާ ހޭދަކޮށްގެން ހޯދި ވެރިކަމެއްކަން ހަނދާނެއް ނެތެވެ. އެމީހުންގެ ފަރާތުން ގައުމު ހިންގަން ހަވާލުކުރި އިސް ލީޑަރު ވިދާޅުވީ ތިމަންމެންގެ ކެންޑިޑޭޓުން ނޫން މީހަކަށް ވޯޓެއް ދޭންވީ ހަމަ އެއްވެސް ސަބަބެއް އަމުދުން ނެތް ކަމަށެވެ. އެކަމަކު ހަމަގައިމުވެސް ރައްޔިތުން ވޯޓުދިނީ އެމީހާ ނިސްބަތްވާ ޕާޓީއަށް ނުވަތަ ފިކުރަކަށް އެކަންޏެއް ނޫނެވެ. ރައްޔިތުންގެ ކުރިމަތީގައި އެތިރިގެން ތިބީ އެކި ފިކުރުގެ އެކި ރޫހުގެ އެކި ކަހަލަ ލީޑަރުންނެވެ. ރައްޔިތުން ގާތަށް ގޮސް އެއްވާހަކައެއް ދެއްކި ނަމަވެސް އެވާހަކަ ދައްކާން ދިޔައީ އެއްގޮތަކަށް، އެއްކުލައެއްގައި ނުވަތަ އެއް ސިފައެއްގައި ތިބި ބަޔަކު ވެސް ނޫނެވެ.

އެމްޑީޕީން ވެރިކަން ހޯދާން ރައްޔިތުންގެ ގާތަށް ދިޔައީ "ބާޣީންނާއި ޣާޒީންނާއި، ޣާޒީންނަށް ވެފައި ތިބި ބާޣީން" ވެސް ގޮވައިގެންނެވެ. ވިޔަފާރިކުރާން ތިބި ސޭޓުންނާއި ޝައިޚުންވެސް ގޮވައިގެންނެވެ. އެހެންވީމާ ރައްޔިތުން މިފަހަރުވެސް ބުނެފައި އެވަނީ "ކަލޭމެން އެކަނި މިކަން ކުރަން ނޫޅޭށޭ" އެވެ. ރައްޔިތުން އެހެން ބުންޏަށް އެކަން ގަބޫލުނުކޮށް މިހާރު އެކަނި ދިޔަޔަސް މިކަން ވާނެ ކަމަށް ހިސާބު ޖަހައިގެން އެކަނި ދިޔައީމާ އިމްތިހާނުން ބޮޑުތަނުން ފެއިލްވީ ކަމުގައިވެސް ވެދާނެއެވެ. ހަމަގައިމުވެސް މިއީ ވިސްނާ ފިކުރުކުރާ ބަޔަކަށް ހުރި އިބްރަތްތަކެކެވެ. ބޮޑާވެ ކިބުރުވެރިވެ ގަތުމަކީ ނުހަނު އަވަހަށް ނާކާމިޔާބު އަރާ ހަމަކުރާ ކަމެކެވެ. ތިމާއަށް ހަގީގަތުގައި ހެއުއެދޭ ތެދުވެރި ވަފާތެރި މީހުންގެ އަތުން ދޫކޮށްލާފައި ހެއުއެދޭ ކަމަށް ހެދިގެން އެކަން ހަމައެކަނި ބޭރުފުށަށް ދައްކައިގެން އުޅޭ މީހުންގެ އަތުގައި ހިފުނީމާ ރަނގަޅު ނުބައަށް، ފައިދާ ގެއްލުމަށް ބަދަލުވެ ދާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ.

ކިޔުންތެރިންގެ ހިޔާލު