ޒަހީނުއްދީން ސަޢީދު   15 އޭޕްރީލު 2021 - 18:44
ރާއްޖޭގައި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުންދާއިރު، ރިޔާސީ އިންތިޚާބަށް ބައެއް ކެންޑިޑޭޓުންމިހާރު ވެސް ކެމްޕޭން ވަނީ ފަށާފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވައެވެ. އުމަރުގެ ބައެއް ސިޔާސަތުތައް އާންމުކުރައްވައި ރިޔާސީ ރޭހަށް މިހާރު ވަނީ ދަތުރު ފަށްއްޓަވާފައެވެ. މިހާރުވެރިކަން ކުރާ ކޯލިޝަން ސަރުކާރު 2023 އާއި ހަމައަށް މިހާރު އެއޮތް ގޮތުގައި ދެމި އޮންނާނެ ކަމަކަށް އަދި ހަމަ ބެލެނެ އެއްވެސް ޖާގައެއް ނެތެވެ. އެކޯލިޝަން މިހާރު އޮތް ގޮތަށް ހަމަ އެޓީމު 2023 ގައި ފެނުމަކީ ނާދިރު ކަމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ކޯލިޝަންގެ ބައިވެރިންގެ ފަރާތުން ފެންނާނީ މިހާރުވެސް އިންތިޚާބުތަކާއި ޖެހުނީމާ ކޯލިޝަނަށް ވާގޮތެވެ. އެމްޑީޕީން ކެންޑިޑޭޓަކު ރިޔާސީ އިންތީޚާބަށް ނެރޭނެއެވެ. އެ ބޭފުޅަކީ މިހާރުގެ ރައީސް، ރައީސް ޞާލިޙަށް ނުވާނެކަން އެއީ ވަރަށް ބޮޑަށް ޔަގީންވާ ކަމެކެވެ. އެމަނިކުފާނު މިހާރުވެސް ދައްކަވަނީ އެކަން ނުކުރައްވާން އެއްވެސް އަޒުމެއް ނެތް ކަމުގެ ހެކިތަކެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރު ވެސް ހަމަ ގާތްގަނޑަކަށް އެވަނީ ޔަގީން ވެފައެވެ.

2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބަޔެއްގެ ސަމާލުކަން މިހާރު ހުއްޓިފައި އޮތީ އިދިކޮޅު ޕީޕިއެމް ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓަކާއި މެދުއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އިދިކޮޅު ލީޑަރު ރައީސް ޔާމިން ކަމަށް އިދިކޮޅު ޕީޕީއެމުން އަޑަށް ކިތަންމެ ބާރުލާފައި ބުނިނަމަވެސް ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ގާނޫނީގޮތުން އެމަނިކުފާނަށް ވަނީ ރިޔާސީ ރޭހުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ސްޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކެރެވޭނެއެެވެ. އެފުރުސަތެއް ނެތެވެ. މިހާރުގެ ސިޔާސީ މަސްރަހު ފެންނަގޮތުން އެކަން ވާނެ މަގުތަކެއް ވެސް އަދި ފެންނާކަށް ނެތެވެ. އިދިކޮޅުން އެބުނާ ގޮތަށް އެކަން ވާނީ މިހާރު އޮތް ސިޔާސީ މަސްރަހަށް ބޮޑު ޒަލްޒަލާއެއް އައިސްގެންނެވެ. އެކެއް ފެބްރުއަރީގެ ބޮޑު ހުކުމްފަދަ ކަމެއް ތަކުރާރު ވެގެންނެވެ. އެވަރުގެ ގަޑުބަޑެއް، ނުވަތަ ހިލުން ގަނޑެއް ހިލިގަންނަން އުޅޭފަދަ މަންޒަރެއް އަދި ނުފެނެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު އެ ދައުވާތައް ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް އަނެއްކާވެސް އިތުރު ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. ކަންމިހެން ހުރުމާއެކު ގާނޫނީގޮތުން ރައީސް ޔާމިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ ނޫނީ އެފުރުސަތު ލިބިވަޑައިގެންނެވުމަކީ "މުސްތަހީލު" ކަމެކެވެ. އިދިކޮޅު ކޯލިޝަންގެ އިސްކޮށް ތިއްބެވި ބޭފުޅުންނަށް ވެސް މިކަން ވަރަށް ސާފުކޮށް އެނގޭނެއެވެ. އެކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއްރަހީމް ތަސްބީހަ ވިދާޅުވާ ބީދައިން ތާއަބަދު "ރައީސް ޔާމިން- ރިޔާސީ ކެންޑިޑޭޓް،" މިހެން ދުވާލަކު ހާސް ފަހަރު ވިދާޅުވިޔަސް އެއީ ހަމަ "މިއޮށް މަގަށް ލައްގަޅޭ، ރަންފޮއްޓެއް ލައްގަޅޭ" އޭ ކިއުން ފަދަ ކަމެއްކަން އިދިކޮޅުގައި މިހާރު އެތިއްބެވި ލީޑަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ. އެހެންވީމާ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ފުރުސަތު ލިބޭނެ ކެންޑިޑޭޓަކާއިމެދު ސުވާލު އުފެދިފައިވާއިރު އިދިކޮޅު ކޯލިޝަންގެ ތެރޭގައިވެސް ވަނީ އެ ވާދަވެރިކަން ވަރަށް ބޮޑުވެފައެވެ. އަދުރޭއަށް އެފުރުސަތު ނެތްކަން ޔަގީންވާތީ އެކަމަށް ފާރަވެރިވެގެން ތިއްބެވި މާވަށު ދާއިރާގެ ސަޢީދާއި އާދަމް ޝަރީފުގެ ވާހަކަ އޭނާ އެއްގޮތަކަށް ވެސް ވިދާޅުނުވަނީ ކަމަށް ވެދާނެއެވެ. އަދި އިދިކޮޅުގެ ރިޔާސީ ޓިކެޓްގެ ހަނި ފުރުސަތެއް ލިބިވަޑައިގަތަސް ދެމިގަންނަން ތައްޔާރަށް ތިއްބެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދާއި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލުގެ ނަންވެސް އޭނާ ވިދާޅު ނުވަނީ ވެސް އޭނާއަށް ލިބިވަޑައި ނުގަންނަވާ ފުރުސަތެއް އެހެން މީހަކަށް ނުދޭން ހިތުލައިގެން ހުންނެވީމާ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް އިދިކޮޅުގެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގެ ކޮޅުމަތި މިހާރު ވެސް އެވަނީ ފެންނަން ފަށައިފައެވެ. ރައީސް ޔާމިންގެ އެންމެ ފަހުގެ ތަގުރީރުގައި އެމަނިކުފާނު ނެތް ދުވަހަކުން ވެސް ޕާޓީއަށް ދުރުން އަންނަ "މިނިކާ ބާޒު" ތަކަށް ފުރުސަތު ނުދެއްވަން ވަސިއްޔަތް ކުރެއްވި ނަމަވެސް ރައީސް ޔާމިންގެ ޖަލު ހުކުމަށްފަހު އެ މަނިކުފާނު އެ ވިދާޅުވާހަކަލަ "މިނިކާ ބާޒުތަކަށް" ޕީޕިއެމް ވަނީ ތަންމިނަށް ހުޅުވިފައެވެ. މިދެންނެވި ފަދަ ބާޒުތައް އެޕާޓީގެ ތެރެއަށް ސަވާރުވީ ހީކުރިވަރަށްވުރެ މާ ފަސޭހަކޮށެވެ.

ކުރިން ދެންނެވިހެން ދާދިފަހުން ޕީޕީއެމާއި ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު މިހާރު ވެސް ވަނީ އެޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޮތްކަން ހާމަކުރައްވާފައެވެ. ރައީސް ވަހީދުގެ އެ ނިއްމެވުމާއެކު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމުގެ ފޯރި އާއި ވާދަވެރިކަން ވަނީ އިހުނަށްވުރެ ގަދަވެފައެވެ. ޕާޓީއާއި ގުޅިވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ ރައީސް ވަހީދު ރިޔާސީ ރޭހަށް ޝައުގުވެރިކަން ހުރިކަމަށް ހާމަކުރެއްވުން އެއީ ޕީޕީއެމަށް ވަފާތެރި އެޕާޓީއަށްޓަކައި ޖާނާއި މާލުން ގުރުބާންވި ލީޑަރޝިޕްގެ އިސްބޭފުޅުންނަށް ގަބޫލު ކުރެއްވޭ ވަރުގެ ކަމަކަށްނުވިއެވެ. ރައީސް ޔާމިންގެ ޖަލު ހުކުމަށްފަހު ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލް ޕީޕީއެމާއި ގުޅިވަޑައިގެން އެމަނިކުފާނު މިނިވަން ކުރެއްވުމުގެ މަސައްކަތް ހަމަ ކުއްލިއަކަށް ފެއްޓެވިއެވެ. ހެޔޮ ނިޔަތުގައި ވިޔަސް ނުވިޔަސް ޖަމީލް އެކުރަށްވާ މަސައްކަތުގެ ފަހަތުގައި، ފަރުދާގެ ފުރަގަހުގައި އޮތީ ޕީޕީއެމް ރިޔާސީ ޓިކެޓް ކަމަށް "ހޮޅުއަށި" ތަކައާއި މީހުންގެ ތުންތުންމަތިން ކިޔާ އެބައުޅެއެވެ. އެހެން ނޫންނަމަ ކަމު ނުގޮސްގެން، ބޭވަފާތެރިވެގެން، "ކޮޅުފައިން ޖަހާ" މަގާމުން ބޭރުކޮށްލި ތަނަށް ވަދެ، ޖެހިވަޅަށް ޖަހައިގެން އުޅޭނެއެކޭ އެކަކުވެސް ނުބުނާނެއެވެ. އެއްގޮތަކަށް ވެސް އަޅުގަނޑުމެން ދައްކާ ވާހަކަ އެއް ނޫނެވެ. އެނގޭހާވެސް އެއްޗަކީ މިޒަމާނުގައި އެއްވެސް މީހަކު " އެދުމެއް ނެތި ވެދުމެއް" ނުކުރާނެކަމެވެ.

ރައީސް ޔާމިން މިނިވަންކޮށް، ރިޔާސީ އިންތިޚާބަށް ނެރުމުގެ މަގުސަދުގައި ކަމަށް ބުނެ ރިޔާސީ އިންތިޚާބަށް އަމިއްލަ ނަފުސު ޕްރޮމޯޓްކޮށް ޕޮލިސްކުރުމަށް ޕީޕީއެމް ލީޑަރު ޝިޕްގެ އިސްބޭފުޅުން މަސައްކަތް ކުރަމުންދާ ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދާއި ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫނާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދަކީ ރިޔާސީ އިންތިޚާބަށް ޕީޕީއެމް ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ޕާޓީގައި ނަގާކިޔާ ހަރު ބޭފުޅުންނެވެ. ރިޔާސީ ޓިކެޓްގެ ފޯރިއާއި ވާދަވެރިކަން ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގައި ގަދަވެފައިވާ މިދަނޑިވަޅުގައި ދާދިފަހުން ކުރިމަތިލާން މިޖެހުނު ލޯކަލް ކައުންސިލް އިންތިޚާބަކީ ވެސް ވަރަށް މުހިންމު އަދި ތަފާތު މަންޒަރުތަކެއް ފެނިގެން ދިޔަ އިންތިޚާބަކަށް މިވަނީ ވެގެން ގޮސްފައެވެ. ގިނަ ބަޔަކު ހީކުރިގޮތާއި ޚިލާފަށް އެންމެން ހައިރާން ކޮށްލުމަށްފަހު މާލޭގެ މޭޔަރު ކަމުގެ ގޮނޑި ޑރ. މުހަންމަދު މުއިއްޒު ކާމިޔާބުކުރެއްވުމަކީ މިދެންނެވި ކަންކަމާއި ވެސް ވަރަށް ގުޅުން ހުރި އިއްތިފާގެކެވެ. ޕީޕީއެމް/ޕީއެންސީގެ ކުރިމަގާމެދު ގޮތް ނިންމާން ގިނަ ބަޔަކަށް ފަސޭހަވެގެން ދިޔަ މަންޒަރުތަކެއް ފެނިގެން ދިޔަ ގިނަ ވާހަކަ ތަކެއް ބުނެދިން އިމްތިހާނެކެވެ.

މިދެންނެވި މޭޔަރު ކަމުގެ ގޮނޑިއާއެކު ޑރ. މުއިއްޒު ވެގެން ގޮސްފައިވަނީ މާލޭގެ ރައްޔިތުން ވޯޓްލައިގެން އިންތިޚާބުކުރި ފުރަތަމަ މޭޔަރަށެވެ. މިއީ ކުޑަ ކާމިޔާބީ އެއް ނޫނެވެ. މިއީ ތާރިޚީ ބޮޑު ކާމިޔާބެކެވެ. އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުންނެވެ. ރައީސް ޔާމިން އެންމެ އިތުބާރު ކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމުގައި އިސްކޮށް ހުންނެވި ޑރ. މުއިއްޒު އެވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރަށްވައި އެމަގާމު ކާމިޔާބު ކުރަށްވައި އޭނާއަށް މާލޭގެ ރައްޔިތުންގެ ތާއިދު އޮތްކަން ހާމަކޮށްދެއްވާފައެވެ. އެއީ މާލޭ ސިޓީ ކައުންސިލް އުފެދުނީއްސުރެ އެކައުންސިލަށް ސަވާރުވެ ރަސްކަން ކުރަމުން ގެންދިޔަ އެމްޑީޕީގެ ބަސް ހުއްޓުނު ކަމަކަށް ވެގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިހާރު އެމަގާމަކީ ގާނޫނީ ގޮތުންވެސް އެންމެ ބާރުގަދަ އެންމެ ޝަރަފުވެރި އެއްމަގާމު ކަމުގައި ވާތީއެވެ. ވެރިކަން ކުރާ ރަށުގެ ރައްޔިތުން ވޯޓުލައިގެން ހޮވާ އެރަށުގެ އެންމެ އިސް ވެރިމީހާއަށް ވެސް ވާތީއެވެ.

މާލޭގެ މޭޔަރުކަން ލިބުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ކުރުގޮތަކަށް ބުނާނަމަ ރިޔާސީ ޓިކެޓް ހޯދައިދިނުން ކަހަލަ ކަމެކެވެ. ރިޔާސީ އިންތިޚާބަށްފަހު އެންމެ ގިނަ ވޯޓްލައިގެން މެމްބަރުން ހޮވަނީ ކައުންސިލް އިންތިޚާބުގައެވެ. ޑރ.މުއިއްޒު މޭޔަރު ކަމަށް ނެރުނީ ރިޔާސީ ކެންޑިޑޭޓަކަށް ޕޮލިސް ކުރުމަށް ކަމަށް އަޑުތަށް ފެތުރިފައިވާއިރު، ޑރ.މުއިއްޒަކީ ޕީޕިއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބެެލެވޭ ބޭފުޅެކެވެ. ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ނެރޭނެ ބޭފުޅަކު ކަނޑަައަޅާއިރު، ގިނަ ބަޔެއްގެ ތާއިދު އޮތީ ކޮންބޭފުޅަކަށްތޯ ދިރާސާކޮށް ބަލައި ހަދައެވެ. އެގޮތުން ޑރ.މުއިއްޒަކީ ޕީޕިއެމް އަށް ވޯޓް ހޯދޭނެ ބޭފުޅެއް ޕީޕިއެމް އިން އެ ޔަގީންކުރީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ.



ކޮންމެއަކަސް ރިޔާސީ އިންތިޚާބާއި ދެމެދު މިއޮތް ކުޑަ ދުވަސްކޮޅު ޑރ. މުއިއްޒުގެ ގާބިލްކަމާއި ހިންގުންތެރިކަމާއި ކުޅަނދާނަކަން ރައްޔިތުންނަށް ސާބިތުކޮށް ދެވިއްޖެ ނަމަ މުއިއްޒުގެ މަގުބޫލްކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. މޭޔަރު ކަމުގައި ހުންނަވައިގެން ޑރ. މުއިއްޒު ސަރުކާރާއި ގުޅިގެން މާލޭގެ ކުރިއެރުމާއި ރައްޔިތުންގެ ތަރައްގީއަށް، މާލެއަށް ބޮޑެތި ބަދަލުތައް ގެންނަން ކުރާ މަސައްކަތްތަކުން ނަތީޖާ ފެނުމަކީ ނުވަތަ އެކަންކަން ކުރައްވަން މަސައްކަތް ކުރަށްވައި ގާބިލުކަމާއި ކެރުމާއި ހިތްވަރު ދެއްކެވުމަކީ އޭނާގެ މަޝްހޫރުކަމާއި މަގުބޫލުކަން އެތައް ތަނަކުން އިތުރުވެގެންދާނެ ކަމެކެވެ. މުއިއްޒުގެ މި ވިދުމާއެކު ޕީޕީއެމްގެ ތެރެއިން ވެރިކަމަށް ފައިނަންގަވައިގެން އެކަމުގެ އުއްމީދުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް ފަނޑުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ދުރާލާ ރޭވިގެން އައި ކަމެކެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ފުރުސަތު ރައީސް ޔާމީނަށް ނެތިއްޔާ އެޕާޓީން ނުވަތަ އިދިކޮޅުގައި ހުރި އެކަމަށް އެންމެ ގާބިލު އެންމެ ތާއީދު އޮތް ބޭފުޅަކު ބެލުމަށް ހެދި ޓެސްޓެކެވެ. މިއިމްތިހާނުން މުއީއްޒު ހޯއްދެވި ކާމިޔާބީގެ ހަގީގީ ސިއްރަކީ ރިޔާސީ ޓިކެޓެވެ. ހަގީގަތުގައި މިދިޔައީ ރައީސް ޔާމީން ނެރުއްވާން ތައްޔާރު ކުރެއްވި ރިޔާސީ ކެންޑިޑޭޓް ކަށަވަރުވީއެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިލިބިވަޑައިގެންނެވި ރަނުގެ ފުރުސަތު ޑރ. މުއިއްޒުވެސް ދޫކޮށްލައްވާނެ ކަމަކަށް ނުބެލެވެއެވެ. މިއާއެކު ކުރިން ދެންނެވި ގޮތަށް ރިޔާސީ ޓިކެޓަށް ފައިނަންގަވައިގެން ތިއްބެވި ބޭފުޅުންނާއި އެމަގުޞަދުގައި ދުރުން އައިސް ޕާޓީއާއި ޖެއްސި "މިނިކާ ބާޒު" ތަކަށްވެސް އެފުރުސަތު ގާތްގަނޑަކަށް ގެއްލުނީއެވެ.

ޕީޕިއެމްގެ ތެރޭގައި ދައްކާ ވާހަކަ އަޅުގަނޑުމެންނަށް އިވެއެވެ. ޑރ. ޖަމީލް ރައީސް ޔާމިނާ ކިތަންމެ ގާތަސް އަދި ރައީސް ޔާމިން މިނިވަން ކުރާން ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ޑރ. ޖަމީލަށް އެފުރުސަތު ލިބޭނެ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެކަމެއް ޕީޕީއެމްގެ ލީޑަރޝިޕަކުން ނުކުރާނެކަން ކަށަވަރެވެ. ޕީޕީއެމްގެ ތެރޭގައި ޣައްސާނު މައުމޫނަކީ ޗޮއިސްއަކަށް ބެލި ނަމަވެސް އޭނާއަކީ އާންމުންގެ ތާއީދު މާބޮޑު ބޭފުޅެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ތަންކޮޅެއް އަބުއި އަދި މީޑިއާއާއިވެސް ވަރަށް ބީރަށްޓެހީއެވެ. ދެންއޮތީ މާލޭގެ މޭޔަރު ޑރ. މުއިއްޒަށް ރައްޔިތުންގެ އުއްމީދުތައް ހަގީގަތަށް ހަދައިދީ ނަތީޖާ ނެރެދެވޭނީ ކިހާވަރަކަށްތޯ އިންތިޒާރުކުރުމެވެ. އެކަން ކާމިޔާބު ކުރެވިއްޖެނަމަ ޑރ. މުއިއްޒަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަމަ ޔަގީންވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން