ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމަށް، ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ކަހަލަ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އޯގަސްޓް 18، 2007 ގައި ނެގި ވޯޓުގެ 62 ޕަސެންޓުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ރާއްޖޭގައި މިދުވަސްވަރު އެންމެ ބާރަށް ދެކެވޭ ވާހަކަ އަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ފޮރޮޅާލުމުގެ ވާހަކަަ އެވެ. މިފަހުން މި ވާހަކަތަކުގެ އަޑުގަދަވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެކަން ރައީސް ޞާލިހަށް ހުށައެޅުއްވުމުންނެވެ.

މިކަން ވެގެން ދިޔައީ ވަރަށް ބޮޑު އިއްތިފާގަކަށް ކަމަށް ބައެއް މީހުންނަށް ހީވިއެވެ. އަދި މިއީ ރައީސް ނަޝީދު މުޅިން އަލަށް ކުރެއްވި ޚިޔާލުފުޅެއްގެ މައްޗަށް ބިނާކޮށް ރައީސަށް ހުށައެޅުއްވި ކަމެއް ކަމުގައި ވެސް ބައެއް މީހުންނަށް ހީވިއެވެ. އެހެންކަމުން މިކަމުގައި ރައީސް ނަޝީދުގެ އަމިއްލަ އެދުންފުޅުގެ ބޮޑުކަން ފެނި ބައެއް މީހުން އެމަނިކުފަނަށް މަލާމަތްކޮށް ޖޯކު ޖަހައިވެސް ހެދިއެވެ. އަދި އެވާހަކަ މުޅިން އައު ވާހަކައެއް ކަމަށް ވަރަށް ބޮޑު ވާހަކައެއް ކަމަށް ގަބޫލުކުރެވޭ ގޮތަށް ނޫސްތަކުގެ ފަލަ ސުރުޚީތަކުން ވެސް ޖާގަ ހޯދިއެވެ. އެކަން އެހެންވީ ރައީސް ނަޝީދުގެ އެ ހުށައެޅުއްވުން މުޅިން އަލަށް އިވިވަޑައިގެންނެވި ކަމަށް ހީވާގޮތަށް ބައެއް ލީޑަރުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

އެކަމަކު ބަރުލަމާނީ ނިޒާމުގެ ވާހަކައަކީ ރައީސް ނަޝީދު އަލަށް ދެއްކެވި ވާހަކަފުޅެއް ނޫންކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނީވެސް އެކިޔާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށެވެ. ބަރުލަމާނީގެ ވާހަކައަކީ ރައީސް ނަޝީދު 2018ގެ ރިޔާސީ ކެމްޕޭންގައި މުޅި ގައުމާ މުޚާޠަބު ކުރަށްވާ ދެއްކެވި ވާހަކަފުޅެކެވެ. ކޯލިޝަން ސަރުކާރު ވެރިކަމަށް އައިސް އިންތިގާލީ އިންތިޒާމުތަކެއް ހަމަޖައްސައިގެން އިންތިގާލީ ގާނޫނުތަކެއް ގެނަސްގެން އިންތިގާލީ އުސޫލުތަކެއްގެ ތެރެއިން އެންމެ ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް އިންސާފުވެރި އިންތިޚާބަކަށް ދާއިރު ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނިޒާމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ. މަޖިލިސް އިންތިޚާބު ފަސްކޮށްލައި އެއިންތިޚާބު ބަރުލަމާނީ ނިޒާމަށް ފައްތައިގެން ބޭއްވުމާއި އޭރު ރާއްޖޭގައި ވެރިކަން ކުރަމުން ގެންދާނީ ބޮޑުވަޒީރަކު ހުރެފައި އޭނާގެ ދަށުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގޮތަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކައަކީ ކޯލިޝަން މެނިފެސްޓޯގައި ހިމެނޭ ވާހަކައެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށްވެސް އަދި ކޯލިޝަން ލީޑަރުންނަށް އެވާހަކަ އިވުމުން އަޖާއިބުވެ އަންތަރީސްވާފަދަ އައު ވާހަކައެއް ނޫނެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ވޯޓަކާއި ނުލައި ނިޒާމް ބަދަލުކުރުމަށް ރައީސް ދެކޮޅު ހެއްދެވީއެވެ. އަންނަން މިއުޅެނީ ވަރުގަދަ ހިލުންގަނޑެއްކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގެންނެވީއެވެ. މިއީ މިއަދު އެމަނިކުފާނާއި ބައްދަލު ކުރާނެ ދުވަހެއްކަން މާކުރިން ރައީސް ޞާލިޙަށް ވެސް އޮންނާނީ އެނގިވަޑައިގެންފައެވެ. އެކަމަކު މިފެންނަން ފެށީ ވަރުގަދަ "ޒަލްޒަލާ" އެއްގެ ކޮޅުމައްޗެވެ. މިއީ އަދި ހަމަ "ވަކަރަށް ޖަހައިލުއް" ކަމަށް ވެސް ވެދާނެއެވެ. އެކަމަކު މި ޑަނޑޫރާގެ އަޑުފަށްގަނޑު މިހާރުވެސް މިވަނީ މުޅި ގައުމުގައި ގުގުމަން ފަށައިފައެވެ. އަދި ރޭގަނޑު ނިދަން ނުތިބެވޭ ވަރަށް މި ޑަނޑޫރާގެ އަޑުފަށްގަނޑު ގަދަވެގެންދާނެ ކަމާއިމެދަކު ކުޑަވެސް ޝައްކެއްނެތެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން ބަރުލަމާނީ ނިޒާމްގެ ކެމްޕޭން މިހާރުވެސް "މެކުހަށް" ޖަހައިފިއެވެ. އެއާއެކު ބޮޑުދެގެރި ތަޅަންޏާ ކައްގަލަށް ބާރުކުރާނެއޭ ބުނެއުޅޭ ބީދައިން ޕާޓީގެ ތެރޭގައި އާންމު މެންބަރުން ރަނގަޅަށް ދެބައިވެ ބަރުލަމާނީ ބަހުސްވެސް ފެށީއެވެ. އެއާއެކު ފެނިގެން ދިޔައީ އެމްޑީޕީގެ ޕީޖީ ގުރޫޕްގައި އެކަމާއި ގުޅިގެން ތާއިދު ހޯއްދެވުމަށް ރައީސް ނަޝީދު މަސައްކަތް ފެއްޓެވި ތަނެވެ. މިހާތަނަށް ބަރުލަމާނީ ނިޒާމަށް ތާއިދުކޮށްފައިވަނީ ރައީސް ނަޝީދަށް ވަފާތެރި ޕާލިމެންޓްރީ ގްރޫޕްގެ 23 މެމްބަރުން ކަމުގައި ވެސް ބުނެވިދާނެއެވެ. ބާކީ ތިބި މެމްބަރުން ބަރުލަމާނީ ނިޒާމް ގެންނަން އަދި ތާއިދެއް ނުކުރައްވައެވެ. މިއީ ޕާޓީގެ ތެރޭގައާއި މަޖިލިސް މެންބަރުންގެ މެދުގައި މީގެ ކުރިންވެސް ބެހިފައި އޮތް ގޮތެވެ. އެއްބަޔަކީ ރައީސް ނަޝީދުގެ ބައެވެ. އަނެއް ބަޔަކީ ރައީސް ޞާލިހުގެ ބައެވެ. މިއީ އަޅުގަނޑުމެން ކިޔާ ގޮތެއް ނޫނެވެ. އާންމު ރައްޔިތުންނަށް ފެންނަ ގޮތެވެ. އެމީހުން ފާހަގަ ޖަހާ ގޮތެވެ.

މިވާހަކަ މިހާހިސާބަށް ބާއްވާފައި މި ލިއުމުގައި ބަރުލަމާނީ ނިޒާމެއްގެ ސިފަތަކަށް އަލިއަޅުވާލުމަކީ ކޮންމެހެން މިވަގުތު މުނާސަބު ކަމެއް ކަމަށް ދެކެމެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތާއީދު ހޯއްދަވަން ވަޑައިގަންނަވަން ޖެހޭނީ ހަމައެކަނި އެ ބޭފުޅަކު ވާދަކުރައްވާ ދާއިރާ އަކަށެވެ. ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރާއި ސަރުކާރުގެ މިނިސްޓަރުން ވެސް އިންތިޚާބު ކުރާނީ މަޖިލީހަށް އައްޔަންކުރާ އެ މެމްބަރުންގެ ތެރެއިންނެވެ. އެހެންވެ، މިނިސްޓަރުން ގޯހެއް ހެއްދެވިޔަސް އެކަމަށް ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާނީ މަދު މެމްބަރުން ކޮޅެކެވެ. ދެން އޮތީ ބަރުލަމާނީ ކެބިނެޓާއި ސަރުކާރު އެކުލަވާލުމުގެ ވާހަަކައެވެ. ސަރުކާރު އެކުލަވާލާއިރު، ވަޒީރު ކަމުގެ މަސްއޫލިއްޔަތު އުފުލުމުގެ ގާބިލްކަމާއި ކުޅަނދާނަކަމާއި ހިންގުންތެރިކަން ހުރީ ކިހާވަރަކަށްތޯ މިއީ ރައްޔިތުން އުފައްދާނެ ސުވާލެކެވެ. ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ޚިދުމަތްކުރަން ނުކުންނަ ބޭފުޅުންގެ ކިބައިގައި އެއްވެސް އޮއްޓަރެއް، ޢިލްމެއް، ހިލްމެއް އަދި "ޗަސްބެއް" ނެތްނަމަ އާޚިރުގައި އޭގެ ގެއްލުން ލިބޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.

ބަރުލަމާނީ ނިޒާމްގެ ވާހަކަ ދައްކާއިރު މިހާރު ހިނގަމުންދާ މަޖިލީހުގައި މިނިސްޓަރުކަން އަދާކުރެވޭ ވަރުގެ ގާބިލްކަން ހުރީ ކިތައް މެމްބަރުންގެތޯ ރައްޔިތުން ސުވާލު އުފައްދަނީ އެހެންވެގެންނެވެ. މިސާލަކަށް އިސްލާމިކް މިނިސްޓްރީއަކީ ރާއްޖޭގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށާއި އިސްލާމްދީން ކުރިއަރުވައި އިސްލާމްދީނުގެ ކަންކަމާއިމެދު ގޮތްނިންމަން މުހިންމު މިނިސްޓްރީ އަކަށް ވާއިރު، މިހާރުގެ މަޖިލީހަށް ބަލާއިރު އިސްލާމިކް މިނިސްޓަރަކަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން އައްޔަންކުރާނީ ކޮންބޭފުޅެއްތޯ މިއީ ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. މިނިސްޓަރަކަށް އައްޔަންކުރާނެ ބޭފުޅަކު ނެތް ނަމަ ހައްލަކީ އެ މިނިސްޓްރީ އުވާލުން ކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެއެވެ. މިއީ ރައްޔިތުންނަށް އޭގެ ޖަވާބު ލިބެންޖެހޭ ސުވާލުތަކެވެ. ބަރުލަމާނީގެ ވާހަކަ ދައްކަންވާނީ އެއަށްފަހުއެވެ. ދަންނަވަން މިއުޅެނީ މިހާރު ރައްޔިތުން ވޯޓުލައިގެން ވިޔަސް މަޖިލީހަށް ހޮވޭ މެންބަރުން ހޮވޭ ގޮތުގެ ވާހަކައެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެރިކަމުގެ ހުރިހާ ކަމަކާ ހަވާލުވެ ވަޑައިގެން ހުންނަވާނީ ކުޑަކުޑަ ރަށަކުން ނުވަތަ ދާއިރާއަކުން އިންތިޚާބު ވެވަޑައިގަންނަވާ ބޭފުޅެކެވެ. ދަންނަވަން މިއުޅެނީ އޭރުން ގައުމު ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަޖިލީހުގެ ކޮންޓްރޯލް ލިބޭ ޕާޓީއެއްގެ މެންބަރުންގެ ތާއީދާއެކު ބޮޑުވަޒީރު ކަމަށް އައްޔަންކުރާ ބޭފުޅަކީ އެންމެ ދާއިރާއެއްގެ ރައްޔިތުންގެ ވޯޓުން ހޮވޭ ފަރާތަކަށް ވާ ވާހަކައެވެ. ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރަނީ ސީދާ މުޅިގައުމުގެ ރައްޔިތުންގެ ވޯޓަކުންނެވެ. ބަރުލަމާނީ ނިޒާމުގައި މަޖިލިސް ތެރެއިން ވޯޓު ލައިގެން ވެރިޔަކު ހޮވުމުން އެވެރިމީހާ އަކީ ރައްޔިތުންގެ ފަރާތުން އަންނަ މީހަކަށް ނުވާ ކަމަށް ގިނަ ބަޔަކު ދެކެނީއެވެ.

މިއީ ރައްޔިތުންގެ މައްޗަށް ބަސް ކިޔަން، ރައްޔިތުންގެ ބަހެއް ނެތި މީހަކު އައުން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެެވެ. ބަރުލަމާނީ ނިޒާމެއްގައި ފައިސާވެރިން މަޖިލިސް ކޮންޓްރޯލްކޮށް އެ މީހުންގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ވެރިޔަކު ހޮވުމަށް އޮންނަނީ ފުރުސަތު ހުޅުވިފައެވެ. ބަރުލަމާނީ ނިޒާމެއްގައި ގައުމު ހިންގުމުގައި އިސްކޮށް ހުންނަވާނީ ބޮޑުވަޒީރެކެވެ. ރައީސުލްޖުމުހޫރިއްޔާ އަކީ ރަމްޒީ މަގާމެކެވެ. ބަރުލަމާނީ ނިޒާމެއްގައި ސިޔާސީ ގޮތުން ހެލުންގަނޑެއް އަންނަ ކޮންމެ ފަހަރަކު ވެރިކަން ބަދަލުކޮށްލުމުގެ ފުރުސަތު މާބޮޑު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކަށް އުފުލޭނެ ތަކްލީފެއްތޯ ސުވާލު އުފެދެނީ އެހެންވެގެންނެވެ.

ރާއްޖޭގެ ކުރީގެ ރައީސުންނާއި ސިޔާސީ ޕާޓީތަކާއި ކަމުވޮށިގެންވާ ބޭފުޅުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ. ކުރީގެ އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވީ، މިއީ ނިޒާމު ބަދަލު ކުރުމާއިގެން އުޅެންވީ ވަގުތު ނޫން ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް ވެސް ވަނީ ބަރުލަމާނީ ނިޒާމް ގެނައުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ވެރިކަމުގެ ނިޒާމް ކަނޑައަޅައިފައިވަނިކޮށް އެއްވެސް މަގުބޫލް ސަބަބެއް ނެތި ނިޒާމް ބަދަލުކުރަން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ކުރީގެ ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އޮވެގެން ގެނެސްފައިވާ ނިޒާމެއްކަމަށެވެ. އަދި ވެރިކަމުގެ ނިޒާމަކީ އިރުއިރުކޮޅާ ބަދަލުކުރެވޭނެ ނިޒާމެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަވަން ޖެހޭތީ ނޫންކަމަށެވެ. އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ފެނުނީމާ ގެންނަންޖެހޭ ބަދަލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތެދުފުޅެކެވެ. ވަކި މީހަކު ވެރިކަމަށް ގެނައުމަށް މުޅި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާފައި ނިއްމުމެއް ބޮލާލާޖަހާނަމަ އެކަން ވާނީ ވަރަށް ބޮޑު ބޭ އިންސާފަކަށެވެ.

ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވީ، މިވަގުތު މުހިންމީ ނިޒާމް ބަދަލުކުރުން ނޫން ކަމަށާއި ދިވެހިރާއްޖެއަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިންކަމަށެވެ. ކޮންމެ ނިޒާމެއް ގެނައިނަމަވެސް އިޚުލާސްތެރި ކަމެއް ނެތްނަމަ އެއިން ކުރާނެ ލާބައެއް މަންފާއެއް ނެތް ކަމަށެވެ. ނިޒާމް ބަދަލުކުރަންވާނީ ރައްޔިތުންގެ ވޯޓަކުންނެވެ. އެއީ ޝައްކެއް އޮތް ކަމެއްވެސް ނޫނެވެ. ނިޒާމް ބަދަލުކުރާނަމަ އެ ނިޒާމުން ލިބޭ ފައިދާއާއި ގެއްލުން ރައްޔިތުން މިނެ ކިރައި ވަޒަންކުރާނެއެވެ. ރައީސް ވިދާޅުވާގޮތަށް ނިމުނަސް އަދި މަޖިލީހުގެ ރައީސް އެއްބަސްވެވަޑައިގަންނަވާ ގޮތަށް ނިމުނަސް މިކަމުގައި ފަހުބަސް ބުނާނީ ހަމަ ދިވެހި ރައްޔިތުންނެވެ. އެއީ ގާނޫނު އަސާސީ ބުނާގޮތުން ވެރިކަމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށްވާތީއެވެ.

އިޚުލާސްތެރިކަމާއެކު ވެރިކަން ކޮށްދޭނެ ބަޔަކު ވެރިކަމުގައި ނެތިއްޔާ ކިތަންމެ މޮޅު ގާނޫނު އަސާސީއެއް އޮތަސް ކިތަންމެ ފުރިހަމަ ނިޒާމެއް ގެނަޔަސް ގައުމަކަށް، ރައްޔިތުންނަކަށް ފައިދާއެއް ނެތެވެ. ރިޔާސީ ނިޒާމުގައި ވެސް ތެދުވެރިކަމާއެކު ރައްޔިތުން ހަވާލުކޮށްފައިވާ އަމާނާތް އަދާކޮށްދެއްވާނެ ވެރިއަކު ހުރެހެން ނޫނީ ރައްޔިތުންނަކަށް އޭގެ މަންފާއެއް، ފައިދާއެއް ނެތެވެ. ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިން ކަމުގައި ލިޔެގެން އެބަހުގައި ހިފައިގެން ނުކުމެ ކެމްޕޭން ކޮށްގެން މިއަދު ވެރިކަން ކުރާތަން މިފެންނަނީ ހުސް އެކަނި ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ޕާޓީގެ ކުލައަށް ނިސްބަތްވާ ވަކި ބަޔަކަށް ފައިދާވާ ގޮތަށެވެ. ވަކި ކުލައަކަށް ނިސްބަތް ނުވާ ވަކި ޕާޓީއެއްގެ ހެދުން ނާޅާ ރައްޔިތަކު މަގާމަކަށް ކުރިމަތި ލުމުން އޭނާ ކިތަންމެ މޮޅުވެފައި ކަމަށް ކިތަންމެ ގާބިލު ނަމަވެސް އަދި އެންމެ މަތީން މާކްސް ލިބިގެން ލިސްޓުގެ އެންމެ ކުރީގައި އޭނާގެ ނަން އޮތަސް މަގާމު ލިބޭނީ ޕާޓީ ކުލައިގައި ހުންނަ މީހާއަށެވެ. ހުރިހާ އޮފީސްތަކާއި ކުންފުނި ތަކުގެ މަތީ މަގާމުތަކުގެ އިތުރުން މިނިވަން ކަމަށް އެބުނާ ހުރިހާ ކޮމިޝަން ތަކުގެ މެންބަރުން ވެސް އެތިބީ އެހެންނެވެ. އެއީ ބްރޯޑްކާސްޓިންގ ކޮމިޝަންވީމާ ނޫނީ ޕޮލީސް ބޯޑުވީމާ ވާގޮތަކީއެއް ނޫނެވެ. އެއީ އެމްޑީޕީ ވީމާ ނޫނީ ޕީޕީއެމްވީމާ ވާގޮތަކީއެއް ނޫނެވެ. ރައީސް ޞާލިހު ދާދިފަހުންވެސް ވިދާޅުވާތީ އެހީމެވެ. ކައުންސިލްގެ ގޮނޑިތަކެއް ގެއްލުމުގައި ވަޒީފާގެ މައްސަލައިގައި ޕާޓީގެ ކުދިންކޮޅު ކުޑަކޮށް ބޮޑާހާކާފައި ތިބި މައްސަލަވެސް އެބައޮތް ކަމަށެވެ. ނަމަވެސް ވަރަށް ގިނައިން ޕާޓީ ކުދިންނަށް ވަޒީފާ ދެއްވައިފިކަމަށް ވިދާޅުވިއެވެ. އެހެންވީމާ މިއިންވެސް އެނގޭ އެއްޗަކީ މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން