ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގެ ބޯޑަރު އެއްމަސްދުވަހަށް ބަންދުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ތޯރިޤު ވަނީ ކޯވިޑް-19 އިން ސަލާމަތްވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ފުލުހުންގެ ޚިދުމަތާއި، ސިއްޙީ ޚިދުމަތްވެސް ނުދެވޭނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކުރައްވައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ވެސް ރާއްޖޭގެ ބޯޑަރ ބަންދުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ދަޢުލަތުގެ ރިޒާވްގައި ދިވެހިރައްޔިތުންނަށް ދެ މަސްދުވަހަށް ފުދޭވަރަށް ފައިސާހުންނާނެކަމަށް ޤަބޫލުކުރައްވާކަމުގައި ޠާރިޤް ވިދާޅުވިއެވެ.

މެންބަރު ތޯރިޤު ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށް ގޮވާލެއްވިއިރު ރާއްޖޭގެ ބައެއް ޑޮކްޓަރުން ވެސް މިފަދަ ޚިޔާލު ތަކެއް ގެންގުޅުއްވާކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ކަމާބެހޭ ބައެއް ޖަމާއަތްތަކުން ބުނަނީ ކޮރޯނާ ވައިރަހުން ސަލާމަތްވާން ދަތުރުފަތުރު ހުއްޓާލުމަކީ ހައްލެއް ނޫން ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކާއެކު ކަރަންޓީން ކުރާ ފަރާތްތައް އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން