އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުއްލިއަކަށް ބަލަން ނިންމުމާއެކު އެމްޑީޕީގެ ބައެއް މެންބަރުންނާއި އަދި މިމައްސަލައަށް ޝައުޤުވެރިކަން ހުއްޓިފައި ތިބި އާންމު ރައްޔިތުންގެ ހިތުގައި ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔަނާތުގެ މައްސަލަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ބަލަންފެށީ ހަމަ ހަގީގަތުގައިވެސް އެކަމުގެ އަޑި ހޯދާ ބަލަންތޯއެވެ؟ ނޫނީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބާއި ގުޅިފައިވާ ކަމަކަށް މިކަން ނުވެދާނެ ބާވައެވެ؟ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށްޓަކައި ރައީސް ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް އެމްއެމްޕީއާރްސީ މައްސަލަ ނުބެލުނުކަން އެމްޑީޕީގެ މެމްބަރުންނަށް އަންގައިދީ އަދި ސަރުކާރުގެ ވަޒީރުންނާއި، މަޖިލީހުގައި ރައީސް ސާލިޙަށް ތާއިދުކުރާ ހުރިހާ މެމްބަރުންގެ ބާރު ދުއްވާލުމަށް ރާވާ ހިންގާ ޕްލޭނެއް ނޫންބާއެވެ؟ މި ސުވާލުތައް މިދެންނެވި ފަރާތްތަކުން އުފައްދާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެހެންކަމުން އެސަބަބުތައްވެސް މިތާނގައި ހިއްސާކޮށްލާނަމެވެ.



ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ދެބައަކަށް ބެހިފައިވާ ވާހަކައަކީ މިހާރު އެއްވެސް ބޭފުޅަކަށް އެނގިވަޑައި ނުގަންނަވާ ކަމެއް ނޫނެވެ. މަޖިލީހުގައި ރައީސް ޞާލިހުގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރު ރަނގަޅަށް ދެބަޔަށް ބެހިފައި އޮތްކަން މިއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ.

ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ތެރެއިން ރައީސް ސާލިޙްގެ ފަޅީގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައި ލެވިއްޖެނަމަ އިދިކޮޅު ޕީޕީއެމާއި ގުޅިގެން ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް މެމްބަރުން އިންތިޚާބުކޮށް ރައީސް ސާލިޙް އަޒުލުކޮށް ރައްޔިތުންގެ ވޯޓަކަށް ނުގޮސްވެސް ފަސޭހަކަމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވިދާނެއެވެ. މި ޑީލް ހެދުމަށްޓަކާ އިދިކޮޅާ ރައީސް ނަޝީދުގެ ފެކްޝަން އެއްގަލަކަށް އަރައިގެން މިނަތީޖާ ހާސިލު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ދާދިފަހުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ އިޝާރަތެއް ކުރައްވާފައެެވެ. ވަރަށް ސާދާ ސީދާ ސާފުކޮށް ރައީސް ނަޝީދު ދެއްކެވި އެ ވާހަކަފުޅުން އިސްވެ މި ދެންނެވި ކަމަށް ބާރުލިބެއެވެ. މިއީ ރައީސް ނަޝީދު މަޖިލީހުގައި ތިއްބެވި ރައީސް ސާލިޙަށް ތާއިދުކުރާ މެމްބަރުންނަށް ދެއްވި ފާޑެއްގެ "އިންޒާރެއް" ކަމަށް ސިޔާސީ މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެެވެ.

އަނެއްކޮޅުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މައްސަލަ ބަލަން ފެށިކަމަށް ބުނާއިރު އެކޮމެޓީއަކީ އެފަދަ މަަައްސަލަތައް ބެލުމުގެ މެންޑޭޓެއް ނުވަތަ ހައިސިއްޔަތެއް އޮންނަ ކޮމެޓީއެއް ވެސް ނޫނެވެ. ގާނޫނު އަސާސީގައި ހަމައެކަނި މަޖިލީހުގައި އޮންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކޮމެޓީއަކީ ވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އެވެ. އެ ކޮމެޓީގެ މެންޑޭޓަކީ ސިފައިންނާއި ފުލުހުންނާއި ގުޅޭކަންކަމާއި ދައުލަތް ނެގެހެއްޓުމާއި ހަތިޔާރު ބޭނުންކުރުން ފަދަަ ކަންކަމާއި ބަޣާވަތް ކުރުމާއި ގައުމުގެ އިސްތިގުލާލަށް އުނިކަމެއް އަންނަ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހަށް ކަން ހިނގިގޮތް އޮޅުން ފިލުވައިދީ އަދި މަޖިލީހުގެ ލަފަޔާ އެއްގޮތަށް ކަންކުރާން އޮންނަ ކޮމެޓީއެކެވެ.

ރައްޔިތުންގެ މަޖިލީހުގައި އިތުރު ކޮމެޓީތަށް ވެސް އެބަހުއްޓެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތް ބަލަން އިތުރު ކޮމެޓީއެއް ވެސް އުފެއްދިދާނެއެެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ މިހާތަނަށް ބޮޑު ތަހުގީގެއް ކޮށްފައިވާ މައްސަލައެކެވެ. އަދި އަސްލު އެޚިޔާނާތުގެ މުގުލުގައި ތިބި މީހުންތަކަކަށް ދައުވާކޮށް ހުކުމް ވެސް އައިސްފައިވާ މައްސަލައެކެވެ. ސުވާލަކީ ކުރިން ކުރެވުނު ދައުވާތަކާއި ހުކުމްތަކަށް ދެންވާނީ ކިހިނެތްހެއްޔެވެ؟ އެމްއެމްޕީއާރުސީގެ ފައިސާ އިން ވައްކަންކޮށް އެސްއޯފް ކިޔާ ކުންފުންޏަކަށް ޑޮލަރު ލައިގެން ބާޒާރުގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ އެސްޓީއޯ ފަދަ ކުންފުނިތަކަށް ވެސް ޑޮލަރު ވިއްކާފައި އެބަހުއްޓެވެ. އެގޮތަށް ޑޮލަރު ގަނެފައި ތިބި އެންމެންނަކީ ވަގުން ކަމަށް ހަދާ ޝަރީއަތް ކުރެވޭނެ ހެއްޔެވެ؟

ދެން އޮތީ ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައް ސަސްޕެންޑް ކުރާ ވާހަކައެވެ. އެމެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބި މީހުން މިހާރުން މިހާރަށް ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ހުށަހަޅުއްވާފައެވެ. އީވާ ވިދާޅުވަނީ ޚިޔާނާތުގެ ލިސްޓްގައިވާ ފަރާތްތަކަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ކޮމިޓީން މަޖިލީހަށް ރިކޮމެންޑްކުރަން ޖެހޭ ކަަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނާ ކޮމިޓީން ބައްދަލުކުރި އިރު، ކޮމިޝަނުން ވެސް އެގޮތަށް ލަފާ ދިން ކަމަށާއި، މައްސަލަ އާއި މެދު މަޖިލީހުން ވަކިގޮތަކަށް ނިމެންދެން އެމީހުން މަޑުކުރަން ނުޖެހޭ ކަމަށް އީވާ ވިދާޅުވިއެވެެ. އީވާ ވިދާޅުވާގޮތުން ލިސްޓްގައި ނަން އޮތް އެންމެން ސަރުކާރުގެ މަގާމުތަކުން އެކަހެރިވާންޖެހެއެެވެ.

ގާނޫނު އަސާސީ ބުނާގޮތުން ކުށެއް ނުކުރާ މީހާ ނުވަތަ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުނުވާހާ ހިނދަކު އެމީހާއަށް ގާނޫނު އަސާސީން ދީފައިވާ ހައްގަކަށް މަޖިލީހަށް އަރައިގަތުން މިއީ އިންސާފު ހެއްޔެވެ؟ ވަޒީރުން މަގާމުން ދުރުކުރުމާއި މެމްބަރުން މަގާމުން ދުރުކުރުމާއި ފަނޑިޔާރުން މަގާމުން ދުރުކުރުން އަދި ސަލާމަތީ ޚިދުމަތްތަކުގެ ވެރިން މަގާމުތަކުން ދުރުކުރުމާއި އާންމުންގެ ވިޔަފާރި ކުންފުނިތައް ސަސްޕެންޑްކުރުން އެއީ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲގެ އެދިވަޑައިގެންނެވުމެވެ. ތުހުމަތެެއް ކުރެވޭހާ މީހަކު ނުވަތަ ލިސްޓެއްގައި ނަން އޮތް ކޮންމެ މީހަކު މަގާމުތަކުން ދުރުކުރުމަށް މަޖިލީހުން ގޮވާލުމަކީ ވަރަށް ހުދުމުޚުތާރު ގޮވާލުމެކެވެ. މިކަންކަމަކީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަންކަމެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި މެދު ރައްޔިތުން ގިނަ ސުވާލު އުފައްދައެވެ. އެއް ސުވާލަކީ އަބުދު ﷲ ގާޒީ ގާނޫނާއި ޚިލާފަށް ޙައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް ރައީސް ނަޝީދު ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ކުއްލިގޮތަކަށް ގޭބަންދަށް ބަދަލުކުރިއެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކް ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ގެނައީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކުއެވެ. އުމުރުން 65 އަހަރުގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ރައީސް ޔާމިންގެ ސަރުކާރުން އިސްލާހު ގެނައީ އެމްޑީޕީގެ މެމްބަރުންގެ ތާއިދާއެކުއެވެ. ފަނޑިޔާރުގެއަށް ބަދަލު ގެނެސް ސްޕްރީމް ކޯޓް ރޫޅާލީ އެމްޑީޕީގެ ބައިވެރިވުމާއެކު އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ރައީސްކަން ދިނުމަށް ނާއިބް ރައީސްގެ އުމުރު ހަގުކުރުމުގައި އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުން އެބައޮތެވެ. މިއީ ހިލޭ ސާބަހަށް މެމްބަރަކު ހެޔޮހިތުން ކޮށްދޭނެ ފަދަ ކަންތައްތަކެއް ކަމަށް ހަމަގައިމު ވެސް ރައްޔިތުން ގަބޫލެެއް ނުކުރާނެއެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. 18 ވަނަ މަޖިލީހުގައި މިހުރިހާ ކަމެއް ހިގައިދިޔައީ ރައްޔިތުންގެ ކުރިމަތީގައެވެ.

ދެން އޮތީ އެމްއެމްޕީއާރުސީގެ ފައިސާ، ގޯނި ގޯއްޏަށް އަޅައިގެން ޚިޔާނަތުގެ ފައިސާ މެމްބަރުންނަށް ބެހި ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު އިސްމާއިލް ވީ އިއުތިރާފެވެ. އެ މެމްބަރާއި ސުވާލެއް ވެސް ކޮށްލާކަށް އެއްވެސް މުވައްސަސާ އަކަށް ނުކެރުނެވެ. އެ ފައިސާ ހިފި ކަމަށް ބުނާ މެމްބަރަކާއި މެދު އެޅުނު ފިޔަވަޅެއް އަމުދުން ނެތެވެ. އެހެންކަމަށްވާއިރު ޚިޔާނާތުގެ ފައިސާ އަތުގައި ނުވަތަ ދަތުގައި ހޭކިފައި ތިބި މެމްބަރުންލަައިގެން ކޮމެޓީ ހަދައިގެން އިންސާފުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ބެލިދާނެތޯއެވެ؟ އެހެން އެކަން ވާނެހެން ހަމަ ހީނުވަނީއެވެ. ވަގުތުތަކެެއް ބޭކާރު ކޮށްނުލައި އެހެންކަމަކާއި އުޅުން މާ ރަނގަޅުވާނެއެވެ. ތިޔަ މަސައްކަތުން ނުކުންނާނެ ނަތީޖާއެއް އޮތް ކަމަކަށް ހަމަ ނުފެންނަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން