(ކުރީގެ އަދަދާއި ގުޅޭ)
ޖެހިގެން އައި ދުވަހު އެގެޔަށް ތާރާގެ ރަޙްމަތްތެރި ޝަހްލާ އައެވެ. އަރްފާން ގެއްލިގެން އުޅޭކަން އެނގުނަސް، އެކަމުގެ ފަހަތުގައި ނާމާން ކަމެއްވާކަމެއް ޝަހްލާއަކަށް ނޭނގެއެވެ. އެހެންވެ އޭނާ އަދިވެސް ބުނަމުން ދަނީ އަރުފާން އަންނާނޭ ކަމަށާއި، އަރުފާން ފިލައިގެން ކޮންމެވެސް ރަށެއްގައި އުޅެނީ ކަމަށެވެ.
[ކަންބޮޑުނުވޭ ތާރާ....އަރުފާން އެއުޅެނީ ތާރާ ހާސްވާވަރު ބަލަން ނުވަތަ ތާރާ އޭނާދެކެ ލޯބިވާ މިންވަރު ދެނެގަންނަން އަޞްލު އެއުޅެނީ.....] ޝަހްލާ ހެނދުނު ނާސްތާ ކުރަން އިން ތާރާގެ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
[އަހަރެން ވަރަށް އެބަ ހިތްވަރު ކުރަން. އިހަށް އަހަރެންގެ ވާހަކަ ހުއްޓާލަބަލަ. ކޮބައިތަ ހުޝާމް....ކޮންދުވަހަކުތަ ކައިވެނި....ހުޝާމް ގޮވައިގެން މިގެޔަށް އައިނަމަ.] ހުޝާމާބެހޭ އެއްވެސް މަޢުލޫމާތެއް އަދި ނޭނގި ހުރި ތާރާ އެހިއެވެ. ވަގުތުން ޝަހްލާގެ މޫޑު ބަދަލުވިއެވެ. ޙަޤީޤަތުގައި އެވާހަކަ ދައްކަން އޭނާ ލަދުވެސްގަނެއެވެ. އެހެން ނަމަވެސް، އެކުވެރިޔާއަށް އެފަދަ ކަމެއް ސިއްރު ކުރުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ.
[ތާރާ...އަހަންނަކަށް އެކައިވެންޏެއް ނުކުރެވޭނެ. ޙަޤީޤަތުގައި ޒުވާން ޢުމުރުގައި މައިންބަފައިން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން މިކަހަލަ ލަދުވެތި ކަންތައްތަކާ ދަރިން ކުރިމަތިލާންޖެހެނީ. ތާރާއަށް އެނގޭތަ؟ ހުޝާމަކީ އަހަންނާ އެއްލޭ ހިނގާ އަހަރެންގެ ބޭބެ. އާނ...އެއީ ބައްޕަގެ ދޮށީ ދަރިފުޅު....އެކަމަކުވެސް އަހަރެން ވަރަށް އުފާވި ބޭބެއަކު ލިބުނީތީ.] ޝަހްލާ ކިޔައިދިނެވެ.
]ޝަހްލާ ކަހަލަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭ މީހަކަށް ތިކަން މެދުވެރިވީ ނަޞީބު ރަނގަޅުކަމުން. މާރަނގަޅުތާ...އަހަންނަށްވެސް ތިގޮތަށް އިތުރު މެމްބަރަކު ޢާއިލާއަށް ލިބޭނެނަމަ ވަރަށް އުފާވީސް. މިހާރު މިއުޅެނީ ވަރަށް ބޮޑަށް އެކަނިވެރިވެގެން.] ތާރާ ބުންޏެވެ.
ތާރާ އޭނާގެ ޙަޔާތަށް ކުރިމަތިވެގެން އުޅޭ ކަންތައްގަނޑު ޝަހުލާއަށް ކިޔައިދިނީ އެއަށްފަހުގައެވެ. އޭނާ ރޭގައި ފެނުނު ނާމާން ހުވަފެނުގެ ވާހަކަވެސް އޭނާއަށް ކިޔައިދިނެވެ. ތާރާ އެވާހަކަ ކިޔައިދިނީމާ ޝަހްލާވެސް ވަރަށް ބޮޑަށް ބިރުގަތެވެ.
[އަޅޭ....ކިހާދެރަ...އަނެއްކާ ތާރާ ތިޔަ ތަވީދު ނާޅާ ނޫޅެއްޗޭ....ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެ. އެކަމަކުވެސް ވަރަށް ޤަބޫލުކުރަންވެސް ދަތި...ބިރުވެރި ވާހަކަތަކުގައި ތިކަހަލަ ގޮތްގޮތަށް މެދުވެރިވިޔަސް އެއީ ޙަޤީޤަތެއް ކަމަކަށް ކުރިން ޤަބޫލެއް ނުކުރަން. ވަރަށް ގިނަ މީހުން ބުނާތީ އަހަން....ހުސްނުހީނާ ގަސްދަށުގައި ޖިންނި އުޅޭނެޔޭ....ޙަޤީޤަތަކަށްވީތާދޯ؟] ޝަހްލާ އެގޭ ގޯތިތެރޭގައި ހުރި ހުސްނުހީނާ ގަހާ ދިމާޔަށް ނަޒަރު ހިންގާލިއެވެ.
[މަންމައަށް ވަރަށް ނާމާންކޮށް ފެނުނީވެސް...ޝަހްލާ އަރުފާން ދެން ކޮބައިބާ؟ ކަމާބެހޭ ފަރާތްތަކުންވެސް އެދަނީ އަރުފާން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން.] ތާރާ ފެންކަޅިވިއެވެ.
[އަހަންނަށް ހީވަނީ އަރުފާނަށް ވީގޮތެއް ބަލަން ތިބުނާ ޙުސޭން ތައްޚާން ލައްވާ ފާލު ބަލަންވީހެން. ޞަފޫރާ ދައްތަމެން އެކަމަކާ ނޫޅޭތަ؟] ޝަހްލާ އެއްސެވެ.
[ނޫނޭ...މަންމައާއި ބައްޕަ ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ...ރޭ ހަތަރުދަމު މަންމައާއި ބައްޕަ ތިބީ އަހަރެންގެ ކައިރީގައި ހޭލާ....މިހާރުވެސް ބައްޕަވީ ޙުސޭން ތައްޚާނު ކައިރިއަށް ގޮސް. ހީވަނީ މިރޭ ނުވަތަ މާދަމާރޭ އޭނާގެ މަސައްކަތް ފައްޓާނޭހެން. އޭނާ ބުނީ ބިރުނުގަންނާށޭ...އަހަރެން ސަލާމަތްކުރާނަމޭ.] ތާރާ ބުންޏެވެ. އެވަގުތު އެތަނަށް ތާރާގެ މަންމަ ޞަފޫރާ އައިސް ހުއްޓުނެވެ.
[ޝަހްލާ....ބައްޕަ އައިފަހުން އަދި ކިރިޔާ މިގެޔަށް ތި އާދެވުނީދޯ؟ ތާރާ މިހާރު ސައިބޮއިފިންތަ؟] ތާރާމެން އިށީނދެ ތިބި ސޯފާގެ ކުރިމަތީގައި ހުރި ސޯފާގައި އިށީންނަމުން ޞަފޫރާ ވާހަކަ ދެއްކިއެވެ.
[ބައްޕަ އައިސްގެން ހިސާބަކަށް ބިޒީކޮށް އުޅެން ޖެހުމުން ނާދެވުނީ ޞަފޫރާދައްތާ...އަރުފާންގެ ޚަބަރެއްވޭތޯ ފާލެއްވެސް ނުބަލުވަންތަ؟ އަހަންނަށް ހީވަނީ ފާލުބަލަން ވެއްޖެހެން.] ޝަހްލާ ބުންޏެވެ.
[ތިކަމުގައި މިހާރުވެސް ތާރާ ބައްޕަވީ. އަހަރެމެން ވަރަށް ބޮޑަށް އެކަމާ އެބައުޅެން...އަހަރެމެން މިބަލަނީ އޭނާ ތާރާ އިމްތިޙާން ކުރަން ފިލައިގެން އުޅެނީ ކަމަށް. ކުރީގައިވެސް އެކަހަލަ ސަމާސާއެއް އޭނާވަނީ ކޮށްފައި.] ޞަފޫރާ ބުންޏެވެ. އަރުފާންގެ މަންމަވެސް ޤަބޫލުކޮށްގެން ހުންނަނީ އަރުފާން އެމީހުނާ ސަމާސާ ކުރަނީ ކަމަށެވެ. އެހެންވެ އޭނާވެސް އެކަމަކާ މާބޮޑަކަށް ހާހެއްނުވެއެވެ.
[ސަމާސާއަކަށް ހަދައިގެންވެސް ތިން ހަތަރު ދުވަސް ވަންދެން އޭނައެއް ނޫޅޭނެއެއްނު. އަހަންނަށް ފެންނަނީ ތަންކޮޅެއް ސީރިޔަސްކޮށް ތިކަމާ އުޅެން. ކުރީގައި އޭނާ ކުރި ސަމާސާގައި އެންމެ ދުވަހެއްވެސްނުވެ އޭނާ ގެޔަށް އައެއްނު.] ޝަހްލާ އެކަން ޤަބޫލެއް ނުކުރެއެވެ. އޭނާ ބުނަނީ ސީރިއަސްކޮށް އެކަމާމެދު ވިސްނައި ފިކުރު ހިންގަންވެއްޖެ ކަމަށެވެ.
[މަންމާ...އަހަރެން ޝަހްލާއާއެކު އެގެޔަށް ގޮސްލާފައި އަންނަންތަ؟] ތާރާ އެދުނެވެ.
[މައްސަލައެއް ނެތް....އެކަމަކު އެއްވެސް ތަނަކަށް އެކަނި ނުނިކުންނާތި...އެނބުރި ގެޔަށް އަންނައިރުވެސް އެކަނި ނާންނާތި.] ޞަފޫރާ މިހެން ބުނީމާ ޝަހްލާއާއި ތާރާ ގެއިން ނިކުތެވެ.
ތާރާ ބޭރަށް ނިކުތަސް ތަވީދު އޮތްހާ ހިނދަކު ޖިންނިއަކަށް އޭނާއަކާ ކައިރިއެއް ނުވެވޭނެއެވެ. ޞަފޫރާ އޭނާ ފޮނުވީ އެހެންވެގެންނެވެ. ތާރާއާއި ޝަހްލާ ބޭރަށް ނިކުމެގެން ދިޔުމާއެކު ޞަފޫރާ ގޮސްވަނީ ތާރާގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލެވުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ތާރާގެ އުނަގަނޑުގައި ޙުސޭން ތައްޚާނު އެޅުވި ތަވީދު އެނދުމަތީގައި އޮތެވެ. ޔަޤީނެވެ. އެރޭގެ ނާމާން ހުވަފެނުގެ ތެރޭގައި އޭނާއަށް އެތަވީދު ކަނޑާލެވުނީއެވެ. ޞަފޫރާ ނިކަން ހާސްވެއްޖެއެވެ. ހާސްވެގެން ގޮސް މުޅި މީހާ ތުރުތުރުއަޅަން ފެށިއެވެ. އޭނާ އުޅުނީ އަވަހަށް ތާރާއަށް ގުޅާށެވެ. ނަމަވެސް ދެތިންފަހަރު ކުރި މަސައްކަތުންވެސް ތާރާއާ ގުޅޭގޮތެއް ނުވިއެވެ. ދެފަހަރަކު ތާރާގެ ފޯނު ރިންގްވުމަށްފަހު ފޯނު ނިވުނީއެވެ. ވުމާއެކު އޭނާ ތަވީދު މުށުތެރެއަށް ލައިގެން ތާރާމެން ފެނޭތޯ ނިކުމެއްޖެއެވެ. އޭނާ ދިޔައީ ސީދާ ޝަހްލާމެންގެ ގެޔާ ދިމާޔަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ޞަފޫރާއަށް ހިތްހަމަޖެހުން ލިބުނީ ދުރުން މާދުރުން ޝަހްލާއާއި ތާރާގެ ފަސްފެނުނީމައެވެ. ނަމަވެސް އޭނާ ގޮވިޔަސް އަޑުއިވޭ ވަރަށްވުރެން މާދުރުންނެވެ. ވުމާއެކު އޭނާ ކުރިޔަށްވުރެންވެސް ހިނގުން ބާރުކޮށްލިއެވެ.
[ދަރިފުޅާ ތާރާ...މަޑުކޮށްބަލަ.] ތާރާއަށް އަޑުއިވޭތޯ ޞަފޫރާ ގޮވާލިއެވެ. ނަމަވެސް ތާރާމެނާ ހަމަޔަކަށް އެއަޑެއް ނުފޯރިއެވެ. ވުމާއެކު ކުރިއަށް ވުރެންވެސް ޞަފޫރާގެ ފިޔަވަޅު އަވަސްކުރިއެވެ. ނަމަވެސް ކުއްލިއަކަށް ޞަފޫރާއަށް ހުއްޓުން ގެނުވީ ތާރާމެން މަޑުޖެހި ފަސްއެނބުރި ބެލީމައެވެ. ތާރާ ބަލައިލުމާއެކު ޞަފޫރާ ތާރާއަށް ހަނާއެޅިއެވެ. އެހިނދު ތާރާއަށްވެސް މަންމަގެ ޙަރަކާތް ފެނުމާއެކު މަންމައާ ދިމާއަށް ހިނގައިގެންފިއެވެ. ތާރާއާއި ޝަހްލާއާ ދެމީހުންގެ ދެމެދަށް އަރުފާން ފާޅުވީ އެވަގުތެވެ. އަރުފާން ތާރާގެ އަތުގައި ހިފެހެއްޓިއެވެ. ޝަހްލާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ދެން ފެނުނީ މުޅިން އާދަޔާ ޚިލާފު މަންޒަރެކެވެ. އަރުފާން ތާރާގެ ހަށިގަނޑުގައި ބައްދާލުމާއެކު ތާރާއާއެކު މައްޗަށް އެރިއެވެ. ހީވީ ދުން އަރުވަމުން ރޮކެޓެއް މައްޗަށް އަރައިގެންދިޔަހެނެވެ. އެމަންޒަރު ފެނުމުން ވަގުތުން ޝަހްލާއާއި ޞަފޫރާ ޚަބަރު ހުސްވެއްޖެއެވެ. އެހިސާބަށް މީހުނަށް އާދެވުނުއިރުވެސް ހިސާބަކަށް ދުމުގެ އަސަރު ހުއްޓެވެ. އާދަޔާ ޚިލާފު ވަހެއްވެސް ހުއްޓެވެ. އެންމެ ފުރަތަމަ އެތަނަށް އާދެވުނީ ޝަހްލާގެ މައިންބަފައިންގެ އިތުރުން އެހިސާބުގެ ބައެއް އަވަށްޓެރިންނަށެވެ. ވުމާއެކު ޝަހްލާމެން ވަގުތުން ގެންދެވުނީ އެރަށު ހެލްތް ސެންޓަރަށެވެ. އެދެމީހުންވެސް ހޭއެރީ ހެލްތް ސެންޓަރުން ފަރުވާކުރާތާ ފަނަރަވަރަކަށް މިނިޓް ފަހުންނެވެ. ހޭއެރުމާއެކު ޞަފޫރާ ރޮއިގަތީއެވެ. އޭނާގެ ދަރިފުޅަށް ގޮވަމުންނެވެ.
[އަހަރެންގެ ދަރިފުޅު ސަލާމަތްކުރޭ...ޝަފީޤު....އަހަންނާ ޝަހްލާގެ ލޯމަތިންނޭ އޭތި ތާރާ ގޮވައިގެން މައްޗަށް އަރައިގެންދިޔައީ....] ޞަފޫރާ ރޮއިގެންފައި އޭނާގެ ފިރިމީހާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެއަށްފަހު އޭނާ ކަންތައްވީގޮތް ޝަފީޤަށް ކިޔައިދިނެވެ. އެއާއެކު ޝަފީޤު ވަގުތުން ދަރިފުޅު ހޯދުމުގެ މަސައްކަތް ފެށިއެވެ. އޭނާ ދިޔައީ އެންމެ ފުރަތަމަ ހުސޭން ތައްޚާނު ގާތަށެވެ.
އެވަގުތެވެ. އަރުފާންގެ ސިފައިގައި ހުރެ ޖިންނި ތާރާ ގޮވައިގެން ގޮސް އެ މަޑުކުރީ މާސިންގާ ފަޅުރަށަކަށެވެ. އެރަށުން އާބާދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. މުޅި އެރަށުންވެސް ފެންނަނީ އެންމެ ގެއެކެވެ. އެއީ ގެއެއްވެސް ނޫނެވެ. ކުޑަވަރެއްގެ ގަނޑުވަރެކެވެ. އެގަނޑުވަރު ބޮޑަށް ސިފަކުރެވެނީ ކާޓޫން ފިލްމްތަކުން ފެންނަފަދަ ގަނޑުވަރަކާއެވެ.
[އަހަރެން ސަލާމަތްކުރޭ....ކަލޭ ކީއްކުރަންތަ އަހަރެން މިތަނަށް ގެނައީ...މީ ކޮންތަނެއްތަ؟] ތާރާ ރޮމުން ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނާ (ޖިންނި) އަޅައެއްވެސްނުލައެވެ. އޭތި ގޮސްވަނީ ކުރިމަތީގައި ހުރި ގަނޑުވަރަށެވެ.
[އޭތް...އަހަރެން ގެޔަށް ގެންގޮސްދީ....ހެޔޮނުވާނެ....އަހަރެން މަންމައާއި ބައްޕަގެ ގާތަށް ގެންގޮސްދީ....] ތާރާ އަރުފާނުގެ ފަހަތުން ގޮސް ގަނޑުވަރަށް ވަދެއްޖެއެވެ.
[ތާރާ.....ދެން ކީއްކުރަންތަ....އެމީހުންގެ ކައިރިއަށް ދަނީ....މިއީ ކިހާ ހިތްގައިމު ދިރިއުޅުމެއް....މި ދިރިއުޅުމުން ތާރާއަށް ހުރިހާ އުފަލެއްވެސް ލިބޭނެ. ކާންވެސް ތާރާ ހިތަށްއެރި ކޮންމެ އެއްޗެއް ގެނެސްދޭނަން. ދެލޯބިވެރިޔަކު މިނިވަންކަމާއެކު އުޅެލަން މިވަރުގެ ތަނެއް ނޯންނާނެ.] އަރުފާން ތާރާގެ ގާތަށް ޖެހިލުމަށްފަހު ތާރާގެ އަތުގައި ހިފެހެއްޓިއެވެ. ތާރާ ނިކަން ބާރަށް އޭނާގެ އަތުގެ ތެރެއިން ވީއްލިގެންފިއެވެ.
[ތީ އަހަރެންގެ ލޯބިވެރިއެއް ނޫން....އަހަރެންގެ ލޯބިވެރިޔަކީ އަރުފާން...އަހަރެން ބޭނުންވަނީ އަރުފާންގެ ގާތަށް ދާން...އަހަރެން އަރުފާނުގެ ގާތަށް ގެންގޮސްދީ.] ތާރާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ. އޭރުވެސް ތާރާގެ ކުރިމަތީގައި ޖިންނި އަރުފާނުގެ ސިފައިގައި ހުއްޓެވެ. ނަމަވެސް ދެން ފެނުނީ އޭތީގެ ސިފަ ބަދަލުވި މަންޒަރެވެ. މިހާރު އަރުފާނުގެ ސިފައިގައި ކުރިންހުރި ޖިންނި އެހުރީ ނިކަން ބިރުވެރި ނާމާން ސިފައެއްގައެވެ.
[މިގަނޑުވަރުގެ ހަތަރު ނަމްބަރު ކޮޓަރީގައި އަރުފާން އޮންނާނެ. ތާރާ ދޭ އޭނަޔާ ބައްދަލުކުރަން.] ބިރުވެރި ސިފައިގައި ހުރި ޖިންނި ބިރުވެރި އަޑަކުން ވާހަކަ ދެއްކިއެވެ. އެޔާއެކު ތާރާ ހަތަރު ނަމްބަރު ޖަހާފައިވާ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ތާރާ ހިނގައިގަތުމާއެކު ޖިންނި ގެއްލުނެވެ.
ތާރާ ހަތަރުވަނަ ކޮޓަރި ހުޅުވާލިއެވެ. އެޔާއެކު ފެނުނު މަންޒަރުން އޭނާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ހަމަ އެހާވަރަށް އުފާވެސްވިއެވެ. ހަތަރެސްފައި ބަނދެފައި އެއޮތީ އަރުފާނެވެ. ތާރާ ދުވެފައި ގޮސް އަރުފާންގެ ހަތަރެސްފައި މޮހެލުމަށްފަހު އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
[އަރުފާން...އަހަރެން އަރުފާން ގެއްލިގެން ހޯދާތާ ކޮން ދުވަހެއް....އަވަހަށް ހިނގާ....އޭތީގެ ކިބައިން ސަލާމަތްވެގެން، މަންމަމެންގެ ކައިރިއަށް ދާން...] ތާރާ މޮޔައަކު ފަދައިން އަރުފާނުގެ ހަށިގަނޑުގެ އެތަން މިތާނގައި ބޮސްދެމުން ދިޔައެވެ. އަރުފާންވެސް ދުވަސްތަކަކަށްފަހު ލޯބިވާ ބައިވެރިޔާއާ ބައްދަލުވެވުމުން އެހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ލިބިފައިވާ އުފަލުގެ ތެރޭގައި އޭނާ ތާރާ އޭނާގެ ދެއަތްދަނޑިމައްޗަށް އުފުލައިގެން ގޮސް އެނދުމަތީގައި ބާއްވާލިއެވެ. އެއަށްފަހު، ނުހަނު މަސްތީ އަސަރުގައި އޭނާ ތާރާގެ މޫނަށް ބަލައިލިއެވެ. ހަމަ އެ އިޙްސާސްގައި ތާރާ ދެލޯ މަރާލިއެވެ. އެހިނދު އެމީހުންނަށް އެތިބެވުނީ ރޫޙާނީ އެއްޗެއްގެ ފުރިހަމަ ބާރުގެ ދަށުގައިކަންވެސް އެދެމީހުންގެ ހަނދާނުގައިވެސް ނެތްކަހަލައެވެ.
މިހާރު އެދެލޯބިވެތި ބައިވެރިންނަށް ހީކުރެވުނީ މުޅި އެރަށުގައިވެސް ތިބީ އެދެބައިވެރިން އެކަނި ކަމަށެވެ. ޙަޤީޤަތަކީވެސް އެއީ ކަމަށް ވެދާނެއެވެ.
މިހާރު ތާރާގެ ޢާއިލާއާއި ރަށުގެ ރައްޔިތުންގެ އިތުރުން ކަމާބެހޭ ފަރާތްތަކުންވެސް ތާރާއާއި އަރުފާން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ތާރާގެ ބައްޕަ މިހާރު ވަނީ ޙުސޭން ތައްޚާނާ ގުޅިގެން މަސައްކަތް ފައްޓާފައެވެ. ޙުސޭން ތައްޚާން ބުނެފައިވަނީ އޭނާ މަސައްކަތް ކުރާނީ ޝަފީޤުމެންގޭ ކުރިމަތީގައި ހުންނަ މީހުން ނޫޅޭ ފަޅުގޭތެރޭގައި ކަމަށެވެ. ކުރިން އޭނާވެސް މަސައްކަތް ކުރަން ހަމަޖެއްސީ ޝަފީޤުމެންގޭ ގޯތިތެރޭގައި ހުރެމެއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ޚިޔާލު ބަދަލުވިގޮތެއް ނޭނގެއެވެ.
އެތައްއިރެއް ވެގެން ދިޔައިރުވެސް ތާރާއާއި އަރުފާން ކޮޓަރީގައި ތިއްބެވެ. ބޭރުގައި ޖިންނި ހުރިކަމަށް ބަލާފައި ތާރާ ކޮޓަރިން ނިކުންނާކަށްވެސް ބޭނުމެއް ނޫނެވެ.
[އޭތި ބޭރުގައި ހުންނާނެ...އަނެއްކާވެސް އޭތި އަހަރެމެންގެ ދޭތެރެއަށް ވަންނާނެ. އަޅެ އަރުފާން ދެން އަހަރެން ދޫކޮށްފައި ނުދައްޗޭ. އަހަރެންގެ ފޯނުވެސް އޮތީ ހަލާކުކޮށްލާފައި. އަޅެ ކިހިނެއްތަ ބައްޕަމެނަށް ގުޅާނީ....] ތާރާ އަރުފާނުގެ މޭގައި ބޯއަޅާލައިގެން އޮވެ ވާހަކަ ދެއްކިއެވެ.
[އޭތީގެ ކިބައިން ސަލާމަތްވާނޭ ގޮތެއް ފެންނަންދެން މިތާ ތިބޭނީ. މީ ހިސާބަކަށް މީހުންވެސް ދަތުރު އަންނަ ރަށެއް. ތާރާ މަޑުކުރޭ މިތާ....ކޮޓަރިން ނުނިކުންނާތި....އަހަރެން އަންނާނަން ކާއެއްޗެއް ހޯދައިގެން.] އަރުފާން ތެދުވިއެވެ.
[ނޫން...އަރުފާން...އަނެއްކާވެސް އަހަންނާ އަރުފާން ދުރުކޮށްފާނެ. އޭތި މިހާރުވެސް ބޭރުގައި ފާރަޔަށް ހުންނާނެ....އަހަރެންވެސް އަރުފާނާއެކު ދާނަން.] އިތުރަށް ވަގުތުކޮޅަކަށްވެސް އަރުފާނާ ވަކިވާކަށް ތާރާ ބޭނުމެއް ނޫނެވެ.
[ބިރުނުގަނެބަލަ ތާރާ....އޭތި ދެން އަހަންނަކަށް ގޯނާއެއް ނުކުރާނެ. ބަސް ޤަބޫލުކޮށްގެން އޮށޯވޭ...އހަރެން މާދުރަކަށް ނުދާނަން.] މިހެން ބުނެފައި އަރުފާން ތާރާ އެނދުގައި ބޭންދުމަށްފަހު ކޮޓަރިން ނިކުތެވެ. ތާރާ އެނދުގައި އޮށޯތެވެ.
އެޔާއެކު ކޮޓަރި ދޮރު ހުޅުވާފައި އެވަނީ ބިރުވެރި ސިފައިގައި ހުރި ޖިންނިއެވެ.
[އަރުފާނާ ބައްދަލުވީމާ ވަރަށް އުފާވެއްޖެދޯ؟ މިހާރު ދެން ރަށަށްދާކަށްވެސް ބޭނުމެއް ނޫންދޯ؟ ކީއްކުރަންތަ މިތާނގައި ތި ދެމަފިރިންނަށް މާ އުފަލުގައި އުޅެވޭނެ.] ޖިންނި ވާހަކަ ދެއްކިއެވެ. ތާރާ ފުންމައިގެން ތެދުވިއެވެ.
[ކަލެޔާހެދި އެއްވެސް ތާކު އަހަންނަކަށް އުފަލަކު ނޫޅެވޭނެ. ކަލޭ ކީއްވެތަ އަހަންނާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ.] ތާރާ ހަޅޭއްލަވައިގަތެވެ.
[ތިހެން ނުބުނޭ ތާރާ....އަހަރެން މިއުޅެނީ ތާރާއާ އަޅައިގަނެގެން ނެއްޓެން ނޭނގިގެނެއް ނޫން. ލޯބިވާތީ....އަހަރެންވެސް މިހާރު ދެރަވޭ، އިންސާނަކުދެކެ ލޯބިވެވުނީތީ....ތާރާ އަހަރެންދެކެ ކިތަންމެ ރުޅިއަޔަސް، އަހަންނަކަށް ތާރާއާ ވަކިންނެއް ނޫޅެވޭނެ.] ނާމާން ސިފައިގައި ހުއްޓަސް އޭތީގެ އަޑުގައި އަސަރު ހުއްޓެވެ.
[ކަލޭ، ކަލޭގެ ނަސްލު އެއްޗަކަށް ލޯބިކުރޭ....އަހަރެން ބޭނުމެއް ނޫން...ކަލެޔާއެކު އުޅޭކަށް....ކަލެއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ....އަހަރެން އަރުފާންދެކެ ލޯބިވާ މިންވަރާއި އަރުފާން އަހަރެންދެކެ ލޯބިވާ މިންވަރު....މާ ވާހަކަ ގިނަނުކޮށް އަހަރެންގެ ކުރިމަތިން ދުރަށްދޭ....] ތާރާ ހަޅޭއްލަވައިގަތެވެ. ހަމައެޔާއެކު، ދުންތަކެއް އެރުމަށްފަހު، ޖިންނި ގެއްލުނެވެ. ތަފާތު ވައްތަރުތަކުގެ މޭވާތައް ހިފައިގެން އަރުފާން އައިސްވަނީ އެވަގުތެވެ.
[ކިހިނެއްވީ....ތާރާ؟] އެތެރެއަށް ވަދެ ދޮރު ލައްޕާލަމުން އަރުފާން ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުމައްޗަކު އެއްވެސްވަރަކަށް ކަންބޮޑުވުމުގެ އަސަރެއް ނެތެވެ. ތާރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަރުފާންގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ.
[އަރުފާން ގާތު އަހަރެން ނުދާށޭ ބުނީމާ، ކީއްކުރަންތަ ދިޔައީ....ދެންމެވެސް އޭތި މިތަނަށް ވަދެފައި ހިނގައްޖެ. އޭތި އަނެއްކާވެސް އަރުފާނު ހައްޔަރުކޮށްފާނެ....] ތާރާ އަރުފާނުގެ މޭގެތެރޭގައި އޭނާގެ މޫނު ފޮރުވާލިއެވެ.
[ކަންބޮޑުނުވޭ...އިރާދަކުރެއްވިއްޔާ އޭތީގެ ކިބައިން ސަލާމަތްވެގެން އަހަރެމެން ރަށަށް ދާނަން...ހިނގާ މިއިން އެއްޗެއް ކާން.] އަރުފާން ތާރާ އަތުލަފިކޮށްގެން ގޮސް އެނދުގައި އިށީނެވެ. އެއަށްފަހު އޭނާ ތާރާއަށް ފުރުޓް ކާންދޭން ފެށިއެވެ.
އެގޭތެރޭގައި ޙަރަކާތްތެރިވަމުންދާއިރު އަރުފާނުގެ ފަރާތުން އެއްވެސް ހާސްކަމެއް ނުފެންނާތީވެސް ތާރާގެ ހިތުގައި ސުވާލެއް ނުއުފެދެއެވެ. އަރުފާން އެތަނުން ސަލާމަތްވެގެން ގެޔަށް ދިޔުމުގެ ވިސްނުމެއްވެސް ގެންގުޅޭހެނެއް ހިއެއްނުވެއެވެ. ތާރާ އެކަމާ ބެހޭގޮތުން އަރުފާނާ ސުވާލުކުރީ އެރޭގައެވެ.
[އަރުފާން...ބޭނުމެއްނުވޭތަ...މިތަނުން ސަލާމަތްވެގެން ދާކަށް...ހިއެއްނުވޭ، އަރުފާން ބިރުގަންނަހެނެއްވެސް. އޭތި އަހަރެމެންނަށް ކޮންމެފަދަ ގޯނާއެއްވެސް ކޮށްފާނެ. އަޅެ ހިނގާބަލަ...މިރޭ މިތަނުން ސަލާމަތްވެގެން ދެވޭތޯ ބަލަން.] ތާރާ ބުންޏެވެ. އަރުފާން ހިނިތުންވެލިއެވެ.
[އަހަރެންވެސް ބޭނުން ސަލާމަތްވެގެންދާން. އެކަމަކު އެއީ އެހާ ފަސޭހަ ކަމެއް ނޫން. އަހަރެމެން ސަލާމަތްވާން ބޭނުންނަމަ އެބަޖެހޭ، އޭއްޗާއެކު އެއްބަސްވުމަކަށް ދާން. އެކަހަލަ އެއްޗިއްސަކީ ލޯބިވެރިންނަށް ގޯނާކުރާ އެއްޗެއްސެއް ނޫން. އެވެރިން ވަރަށް ލޯބިވާނެ.] އަރުފާން ތާރާގެ ގާތުގައި އޮށޯވެއްޖެއެވެ. އަރުފާނަށް އޮޅިގެން ނަމަވެސް ވާހަކަ ދެއްކެނީ ޖިންނީގެ ދިފާޢުގައެވެ. އެހެން ނަމަވެސް، ތާރާ އެކަމަކާ ނުވިސްނައެވެ.
[ތިބުނީ ކިހިނެއް އެއްބަސްވާ ވާހަކަތަ؟] ތާރާ އެއްސެވެ.
[އަހަންނެކޭ އެއްފަދައިން އޭއްޗަށްވެސް ތާރާގެ ލޯބިދޭންވީ. ތާރާއަށް ގެއްލުމެއް ނުދޭހާ ހިނދަކު އޭއާޗާއެކުވެސް ވަގުތު ހޭދަކުރަންވީ.] އަރުފާން މިހެން ބުނެފައި އެނދުން ތެދުވިއެވެ.
[ކީކޭ! އަރުފާންތަ ތިހެން ތިބުނަނީ. ތީ ހަމަ އަރުފާންތަ؟ ތިދައްކަނީ ނުވާނެ ކަމެއްގެ ވާހަކަ.] ތާރާވެސް ތެދުވިއެވެ.
[ކީއްވެ ނުވާންވީ....މިހާރުވެސް ތާރާ ތިދަނީ ޖިންނިއާއެކު ނުލާހިކު އުފަލުގައި ވަގުތު ހޭދަކުރަމުން...ހަމަ ތިގޮތަށް އަބަދުވެސް ވަގުތު ހޭދަކުރެވޭނެ.] މިޖުމްލައާއެކު އަރުފާންގެ ސިފަ ބަދަލުވެއްޖެއެވެ. ތާރާ ބިރުން ހަޅޭއްލަވަމުން ދުއްވައިގަތެވެ. އޭނާ އެންމެ ބޮޑަށް ބިރުގަތީ އަނެއްކާވެސް އޭނާއަށް ގާތް ގުޅުމެއް އުފެއްދުނީ އަރުފާނާ ނޫންކަން އެނގުނީމައެވެ.
[ނުދުވޭ ތާރާ....އަހަރެންގެ ފަރާތުން ތާރާއަށް އެއްވެސް ގެއްލުމެއް ނުވާނެ. އެއްވެސް ގެއްލުމެއް ނުވާނެ. އަހަރެން މިއުޅެނީ ތާރާއަށް ގެއްލުމެއްދޭކަށް ނޫން. މިއުޅެނީ ތާރާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެން.] ޖިންނި ބިރުވެރި ސިފައިގައި ހުރެ ތާރާއަށްގޮވަމުންދިޔައެވެ. ނަމަވެސް އޭރު ތާރާ ރޮމުން ސަލާމަތަށް އެދި ގޮވަމުން ދުވަމުން ދަނީއެވެ. އޭނާ ފަސްއެނބުރި ބަލައެއްވެސްނުލައެވެ. ހަމަގައިމުވެސް އޭނާ އެރަށުގައި ހުރެ ކިތަންމެ ބާރަށް ދުވިޔަސް، އޭނާ ދާން ބޭނުންވާ މަންޒިލެއް އަތެއްނުވާނެއެވެ. އެރަށަކީ އާބާދީގެ އެއްވެސް ނިޝާނެއް ފެންނަން އޮތް ރަށެއް ނޫނެވެ. ބެލެވޭ ގޮތުގައި އެއީ އައްޑުއަތޮޅުގެ ރަށެއްވެސް ނޫނެވެ. އައްޑުއަތޮޅަކު އެވަރުގެ ބޮޑު ފަޅުރަށެއް ނޯންނާނެއެވެ. އެރަށުން މުޅިންވެސް ފެންނަމުންދަނީ ބިޔަ ގަސްތަކެވެ. ޢާންމުކޮށް ރަށްރަށުން ނުފެންނަ ޒާތްޒާތުގެ މާމެލާމެލި އަޅާފައިވާ ގަސްތައްވެސް ބައިވަރެވެ. ބައެއް ގަސްތައް މަތިން މޫތައް ފައިބާފައި އެލިފައި ހުންނަ ގޮތުން އަނދިރީގައި އިސްތަށިގަނޑު ވިހުރުވައިގެން ތިބޭ ނާމާން އެއްޗެހިތަކަކާވެސް ފާޑުވެއެވެ.
ނަމަވެސް އެއިން އެއްވެސް ކަމަކާ ތާރާ ބިރުގަންނަހެނެއް ހިއެއްނުވެއެވެ. އޭނާ ބޭނުންވަނީ އަރުފާނުގެ ސިފައިގައި އޭނާގެ ދިރިއުޅުމަށް ބާރުފޯރުވަމުންދާ އޭތީގެ ކިބައިން ސަލާމަތްވާށެވެ. އޭނާ ދުވަމުންދިޔައީ ފަސްއެނބުރި ބަލައިވެސްނުލައެވެ.
[އަހަރެން ސަލާމަތްކުރޭ....އަހަރެން ސަލާމަތްކުރޭ.] ދުވަމުންދިޔަ ތާރާ ޚަބަރު ހުސްވެގެން ވެއްޓުނީ އެރަށުގެ އައްސޭރިފަށަށެވެ. އޭރު އޭނާއާ ދާދިގާތުގައި ޖިންނި ހުއްޓެވެ.
އަދިވެސް ތާރާގެ މަންމަ ޞަފޫރާ ރޮނީއެވެ. މިހާރު ޝަފީޤާއި ޙުސޭން ތައްޚާނުވެސް ޞަފޫރާއާއި ޝަފީޤުގެ ހުރި ހަމައެކަނި ދަރިފުޅު ހޯދަން މަސައްކަތް ކުރަމުން ދަނީއެވެ. އެމީހުން އެތެރޭގައި ތިބެ މަސައްކަތް ކުރާއިރު، ރަށުގެ އެތަންމިތަން ހޯދުމުގެ މަސައްކަތް، ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރަމުންދަނީ ހުއްޓާނުލައެވެ.
ތާރާމެންގެ ގެޔާ ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް ހުންނަ ފަޅުގެއެއްގެ ތެރޭގައި ތިބެމެ، ޙުސޭން ތައްޚާނާއި ޝަފީޤު މަސައްކަތް ކުރަމުން ދަނީއެވެ.
[ޝަފީޤު....އިހަށް ގޮސް އަހަރެމެން ގަސްދަށުގައި ވަޅުލި އެއްކަލަ ލޯފޮތި ނަގާފައި ކޮތަޅަކަށްލާ ރަނގަޅަށް ބަންދުކޮށްގެން ގޮސް މިރަށުގެ ފުއްޓަރު ފަރާތު އައްސޭރިފަށަށް އެއްލާލާފައި އާދޭ....މިރެޔަށްފަހު އޭއްޗަށް ލާހިކެއް ނޫން، ތާރާ ނުގެނެސް ހުންނާކަށް. މިރެއަށްފަހު އަރުފާނުވެސް ސަލާމަތްކުރާނަން. އަރުފާންވެސްވީ އޭތީގެ ހައްޔަރުގައި.] ޙުސޭން ކަލޯ އޭނާގެ މަސައްކަތް ކުރިއަށް ގެންދަމުން މިހެން ބުނީމާ ޝަފީޤު އެގެއިން ނުކުތެވެ. ޝަފީޤު އެދިޔަގޮތަށް ގޮސް ޙުސޭން ކަލޯ ބުނިހެން އެ ލޯފޮތި ނަގައިގެން ގޮސް އެރަށުގެ އައްސޭރިފަށަށް އެއްލައިލިއެވެ. އޭތި އެއްލައިލާފައި އޭނާ އައިސް ވަންއިރުވެސް ޙުސޭން ތައްޚާނު އޭނާގެ މަސައްކަތުގައި ހުއްޓެވެ. އޭނާހުރީ ކޮންމެވެސް އެއްޗަކާ ވާހަކަ ދައްކާށެވެ. ނަމަވެސް ޙުސޭން ތައްޚާނު ވާހަކަ ދައްކާ މީހަކު ޝަފީޤަކަށް ނުފެނެއެވެ. ވުމާއެކު އޭނާ އެވާހަކަ ދައްކަނީ ޖިންނިއާ ކަމަށް ޝަފީޤު ނިންމިއެވެ.
[ކަލޭ އަހަރެންގެ ކިބައިން ސަލާމަތްވާން ބޭނުންނަމަ، ކަލޭ ހައްޔަރުކޮށްގެން އުޅޭ ދެމީހުން ގެނެސް އަހަންނާ މިރޭ ޙަވާލުކުރަން ޖެހޭނެ. އަހަރެން ކަލެޔަށް ދޭނަން މުހުލަތެއް. ކުރިއަށް މިއޮތް ގަޑިއެއްހާއިރުތެރޭ ތާރާގެ ދެމަފިރިން މިނިވަންކޮށް ދޫކުރަންވާނެ.] ތައްޚާނު ވާހަކަ ދެއްކީ ފިސާރި ހަރުކަށި ރާގަކަށެވެ.
އެއަށްފަހު އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި ތައްޚާނު ޝަފީޤާ ދިމާއަށް އެނބުރިއްޖެއެވެ.
[މިރޭ އެދެމަފިރިން އަހަރެމެންނާ ޙަވާލުކުރާނެ ކަމަށް އޭނާ ވަޢުދުވެއްޖެ. މިރޭ އަހަރެން ދާނީ ތިގޭ ދޮރާށި ބުޑުގައި އަހަރެން ލިޔެފައިވާ ދެތަވީދު ވަޅުލާފައި. އެއަށްފަހު، ތިގޭ ގޯތިތެރެ އަމާންވީ.] ތައްޚާން މިހެން ބުނެފައި ތެދުވެއްޖެއެވެ.
އޭނާގެ މަސައްކަތް ނިންމާލުމަށްފަހު، އެރޭ އޭނާ ދިޔައީ ގަޑިއެއްހާއިރު ތެރޭ ތާރާގެ ދެމަފިރިން އަންނާނެ ކަމަށް ބުނެފައެވެ. އޭނާ ދިޔަތާ މާގިނައިރުތަކެއްނުވެ އެގެޔަށް އައިސް އެވަނީ އަރުފާނެވެ. އަރުފާން ހުރީ ވަރަށް ބޮޑަށް ބިރުގަނެ ހާސްވެފައެވެ. އޭނާ ގެޔަށް އައިސް ވަނީވެސް ބިރުން ވަށައިގެން ހޯދަމުންނެވެ.
[ދަރިފުޅާ އަރުފާން....ތާރާ ކޮބައިތަ؟] އެވަގުތު އެތަނުގައި ތިބި އެންމެންހެން ގޮސް އަރުފާންގެ ގައިގައި ހިފެހެއްޓިއެވެ.
[ތާރާ އެބަ ގެންނަމޯ ބުނި. އަހަރެން މިގޭ ދޮރުމައްޗަށް ލާފައި ހިނގައްޖެ. އޭތި އަހަރެން ހައްޔަރުކުރުމުން ފެންނުވަރާ ހުންނަތާ އެތަކެއް ދުވަހެއް ވެއްޖެ. އަންނާނަން ފެންވަރައިގެން. ބައްޕާ....ތާރާ އާދޭތޯ ބަލައިލަބަލަ.] އަރުފާން ގޮސް ކޮޓަރިއަށް ވަނުމާއެކު، އެންމެންތައް ދޮރާއްޓާ ދިމާއަށް ހިނގައިގެންފިއެވެ.
އެމީހުންނަށް ދޮރާއްޓާ ހިސާބަށް ދެވުނު ވަގުތަކީ ނާމާން ސިފައެއްގައި ހުރި އެއްޗެއްގެ އެހީގައި ތާރާ އެތަނަށް ފާޅުވި ވަގުތެވެ. ތާރާ އެއައިގޮތަށް ދުވެފައި ގޮސް އޭނާ މަންމަގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ. ލިބުނު އުފަލާއެކު ޞަފޫރާއަށް ރޮވުނީއެވެ.
[ދަރިފުޅާ...އަވަހަށް އެތެރެއަށް ހިނގާ...އަރުފާނުވެސް ފެނިއްޖެ. މީގެ ކުޑައިރުކޮޅެއް ކުރިން އަރުފާން ގެޔަށް އަތުވެއްޖެ. އޭނާ ކޮޓަރީގައި އެބައުޅޭ.] ޞަފޫރާ ތާރާގެ ގައިގައި އޮޅުލައިގެން ހުރެ ވާހަކަ ދައްކަމުންދިޔައެވެ.
[މަންމާ...ތީވެސް ނުވާނެ އަރުފާނަކަށް...ތި ވާނީ ހަމަ އެޖިންނިއަށް. އޭތި އަނެއްކާވެސް އަރުފާނުގެ ސިފައިގައި އައިސް އުޅެނީ ކަމަށްވާނީ.] ތާރާ މަންމައާއެކު ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އެމީހުންގެ ފަހަތުން އެތަނުގައި ތިބި ހުރިހާ މީހުންވެސް ދިޔައެވެ.
[ނޫނޭ ދަރިފުޅާ...އެއީ އަރުފާން. ތައްޚާނު އޭއްޗަށް ބިރުދައްކައިގެން ތިދެކުދިން ސަލާމަތްކުރުވީ. ދަރިފުޅުވެސް އަރާމުކޮށްލާ.] ކޮޓަރި ދޮރު ހުޅުވާލަމުން ޞަފޫރާ ބުންޏެވެ. ކޮޓަރި ދޮރު ހުޅުވާލި ވަގުތަކީ އަރުފާން ފެންވަރައިގެން ނިކުތް ވަގުތެވެ. ތާރާ ދެލޯ ބޮޑުކޮށްގެން އަރުފާނާ ދިމާއަށް ބަލަން ފެށިއެވެ. އަރުފާންވެސް ދެލޯ ބޮޑުކޮށްގެން ތާރާއަށް ބަލަން ފެށިއެވެ. ޤަބޫލުކުރެވޭ ގޮތުގައި އެއިން އެކަކަށްވެސް އެކަކު އަނެކަކާމެދު އިތުބާރު ނުކުރެވެނީއެވެ.
[ކާކު؟ ތީ ތާރާތަ....މަންމާ ކިހިނެއްތަ ތިއީ ތާރާ ކަމަށް އަހަރެން ޤަބޫލުކުރާނީ....ތިޔައީ ތާރާއެއް ނޫން....ހަމަ އޭތި ތާރާގެ ސިފައިގައި ތިއުޅެނީ....އަހަރެން ޤަބޫލެއް ނުކުރާނަން މަންމާ...ބައްޕާ...އަހަރެން މަގުމަތިން ދަނިކޮށް ތާރާގެ ސިފައިގައި އައިސް އޭތި އަހަރެން ވާވެއްދީ.....] އަރުފާން ޤަބޫލުކުރަން ދަތިވެފައި ހުރެ ތާރާއަށް ބަލަނީއެވެ.
[އަހަންނަކީ ތާރާ...އެކަމަކު ތިޔައީ އަރުފާނު ކަމަށް އަހަރެން ޤަބޫލުކުރާނީ ކިހިނެއް...އަރުފާނުގެ ސިފައިގައި އެއްފަހަރެއް ނޫން، އެތައްފަހަރަކު އޭތި އަހަންނާ ކުރިމަތިލި....އަހަންނަށް ވަރަށް އުނދަގޫ ޤަބޫލުކުރަން.] ތާރާވެސް ހުރީ ޝައްކެއްގެ ތެރޭގައެވެ. ނަމަވެސް އޭނާއަށް ހިސާބަކަށް އަރުފާނުގެ ވާހަކަ ޤަބޫލު އެބަ ކުރެވެއެވެ.
[ދަރިފުޅުމެންނޭ...ބައްޕަމެނަށް ޔަޤީންކުރެވޭ، ތިދެކުދިންނާ މެދުގައިވެސް. ޞަފޫރާ އަވަހަށްދޭބަލަ އެކުދިންނަށް ކޮންމެވެސް ކާއެއްޗެއް ތައްޔާރުކުރަން.] ޝަފީޤު ތާރާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.
[ބައްޕަމެން އަންނާނަން.....] ޝަފީޤު ކޮޓަރި ދޮރު ލައްޕާލަމުން ނިކުތެވެ. ބައްޕަމެން ދިޔުމާއެކު ތާރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަރުފާނުގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ.
[އަރުފާން އަޅެ ދެން އަހަރެން ދޫކޮށްފައި ނުދާތި....އޭތި އެތައްފަހަރަކު އަރުފާންގެ ސިފައިގައި އަހަންނަށް އޮޅުވާލައިގެން އުފާ ހޯދައިފި. ދެން އެފުރްޞަތު ދީގެން ނުވާނެ.] އަރުފާންގެ މޭގެތެރެއަށް ބޮނޑިވެލަމުން ތާރާ ވާހަކަ ދައްކަމުން ދިޔައެވެ.
[ދެން އޭއްޗަކަށް ތާރާއަށް އޮޅުވާލައިގެން އުފާތައް ހޯދާކަށް އަހަރެން ފުރްޞަތެއް ނުދޭނަން. މިހާރު މިގެވެސް މިވަނީ އޭތީގެ ކިބައިން އެކަށް ސަލާމަތްކޮށްފައި.] އަރުފާން ފިސާރި ލޯތްބާއެކު އޭނާގެ މެޔާލާ ތާރާ ބޮނޑިކޮށްލިއެވެ.
ދުވަސްތަކަށްފަހު ދެމަފިރިން އެއްތަންވުމުން އެކަކު އަނެކަކު މިހާރު އެތިބީ އިންތިހާއީ އުފާވެރި ކަމެއްގެ ތެރޭގައެވެ. މިރޭ އެދެލޯބިވެރިން އުފާކުރަމުންދިޔަ ކަމުގައިވިޔަސް، އަދިވެސް ޖިންނި ތާރާގެ ދިރިއުޅުމާ ވަކިވެއްޖެކަން ޤަބޫލުކުރާނީ ކޮންގޮތަކުންބާއެވެ.
[ދަރިފުޅުމެންނޭ...އާދޭ...އިހަށް ކޮންމެވެސް އެއްޗެއް ކާން.] ބޭރުން މަންމަގެ އަޑުއިވުނީމާ އަރުފާން ތާރާގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުތެވެ. އޭރު އެއީ ތާރާގެ ރަޙްމަތްތެރިޔާ ޝަހްލާވެސް އައިސް ވަން ވަގުތެވެ. ޝަހްލާ އައިގޮތަށް އައިސް ތާރާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
[ތާރާ ޙާލު ރަނގަޅުތަ....އަހަންނާއެކު ދަނިކޮށް އަހަރެންގެ ލޯމަތިން ތާރާ ގެއްލުނީމާ އަހަންނަށް ހާދަ އަސަރު ކުރިއޭ.] ޝަހްލާ މިހެން ބުނެފައި އަރުފާންގެ މޫނަށް ބަލައިލިއެވެ. އަރުފާން ހުރީ ހިނިއައިސްފައި ތާރާމެނަށް ބަލާށެވެ.
[އަރުފާން...އޭތި އަރުފާންވެސް ހައްޔަރުކުރީދޯ؟ އޭތީގެ ބެލުމުގެ ދަށުގައި ހުރިއިރު އަރުފާނުމެނަށް ކާންދިނީ ކޯއްޗެއްތަ؟] ޝަހްލާ އެއްސެވެ.
[އެކިވައްތަރުގެ މޭވާ....އޭތި އަހަރެމެން ބޭތިއްބީ ވަރަށް ހިތްގައިމު ގަނޑުވަރެއް ކަހަލަ ގެއެއްގައި. ހަމަގައިމުވެސް އެކަހަލަ ހިތްގައިމު ގެއެއް ރާއްޖެއަކުން އެނޫނީ އަހަރެން ނުދެކެން...އެހެނެއް ނޫން، ބައެއް ކާޓޫން ފިލްމްތަކުން ފެނޭ އެކަހަލަ ގެތައް...ހިތަށްއަރާ، ޙަޤީޤީ ދިރިއުޅުމުގައިވެސް އެކަހަލަ ހިތްގައިމު ގެއެއް ލިބޭނެނަމައޭ.] ތާރާ ބުންޏެވެ. އެހާ ހިސާބުން އަރުފާން ވިސްނީ އެގޭ ގޯތެރެއިން ބައެއްގައި އެކަހަލަ ގެއެއް ޢިމާރާތް ކުރުމަށެވެ. އޭނާ ބޭނުންވަނީ ތާރާ އޭނައާއެކު އުފަލުގައި ދާއިމީ ގޮތަކަށް އުޅެވޭނެ މަގެއް ފަހިކުރާށެވެ. ނަމަވެސް އަދިވެސް ތާރާގެ ޙަޔާތަށް ޖިންނި އަތުވެދާނެ ކަމުގެ ބިރު ތާރާގެ ހިތަކުން ފިލައިގެނެއް ނުދެއެވެ.
[އަދިވެސް އަހަރެން ވަރަށް ބިރުގަނޭ. އެކަމަކު ބައްޕަމެން އެބަ ބުނޭ، ދެނެއް އޭތީގެ ތުރާލެއް އަހަންނަކަށް ނާންނާނެޔޭ....އެހެންވެ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހޭ.] ތާރާ އަރުފާނާއެކު ކާގެޔާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
ޖެހިގެން އައި ދުވަހުގެ އެރި އިރާއެކު މުޅި ރަށަށް އަޑު ފެތުރިގެންދިޔަ ޚަބަރަކީ ޙުސޭން ތައްޚާން ގެއްލިގެން ހޯދާ ކަމުގެ ޚަބަރެވެ. ޙުސޭން ތައްޚާން ކުރީ ދުވަހުގެ މެންދުރުން ފެށިގެން ގެޔަށް ނާންނަ ކަމާއި މިހާރު އޭނާ ހޯދުމުގެ މަސައްކަތް އެރަށުގައި ތިބި ފުލުހުންވެސް ފެއްޓެވި ކަމަށް މަޢުލޫމާތު ލިބެމުންދެއެވެ.
[ކީކޭ ޙުސޭން ތައްޚާން ގެއްލުނީއޭތަ؟ އެކަމަކު އޭނާ އިއްޔެ މިގޭގައި ހުރެ މަސައްކަތް ނިންމާލާފައި ދިޔައީ ގެޔަށޭ ކިޔާފައި.] ޞަފޫރާއާއި ޝަފީޤު ވާހަކަ ދައްކަން ތިބީ އެގޭ ބޮޑު ކޮޓަރީގައެވެ. ޙަޤީޤަތުގައި ޙުސޭން ތައްޚާނަށް ކަމެއް ދިމާވުމަކީ އެ ޢާއިލާއަށް ދެވޭ އިންޒާރެކެވެ. އެހެން ވެއްޖެނަމަ، އަލުން ޖިންނީގެ އުނދަގޫ ތާރާމެނަށް ފޯރަފާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.
[ބައްޕާ....އަހަރެން މިއަދު ހިތަދޫގައި ހުރި އަހަރެންގެ ރައްޓެއްސަކަށް ގުޅާފައި ބުނެފިން، އަހަރެމެން ދެމަފިރިންނަށް ދެތަވީދު ހައްދުވާށޭ. އެރަށުގައި އުޅޭ ވަރަށް ކުޅަދާނަ ފަންޑިތަވެރިން.] އަރުފާން ހާސްވެ ކަންބޮޑުވެފައި ތިބި ތާރާގެ މަންމައާއި ބައްޕަގެ ހިތްހަމަޖައްސާލަދިނެވެ.
[އެހެންތަ...ދަރިފުޅު އެމަސައްކަތުގައި އެބަ އުޅެންދޯ؟ ކުރިންވެސް ދަރިފުޅު އަމިއްލައަށް ތިކަމުން ސަލާމަތްވާން މަސައްކަތް ކުރިނަމަ....ކާމިޔާބު ލިބުނީސް....ތަވީދު ލިބޭނީ ކޮންދުވަހަކުތަ؟] ޞަފޫރާ ހިތްހަމަޖެހުނެވެ.
[މާދަމާ ހެނދުނު ފެރީން ފޮނުވައިދޭނަމޭ އޭނާ ބުނި. އަހަރެންވެސް އަންނާނަން ޙުސޭން ތައްޚާން ޚަބަރެއްވޭތޯ ބަލާފައި. އަނެއްކާ ފަންޑިތަ ހަދަން އެހެން ރަށަކަށްދިޔައީކީ ނޫންބާ؟] އަރުފާން ގެއިން ނުކުންނަމުން ބުންޏެވެ. ތެދެކެވެ. އެއީވެސް ވެދާނެ ކަމެކެވެ. އެހެން ނަމަވެސް، މީގެކުރިން ދުވަހަކުވެސް އޭނާ އޭނާގެ އަންހެނުން ޙަލީމާ ގާތު ބުނެފައި ނޫނީ ރަށުން ބޭރަކަށް ނުދެއެވެ. އޭނާ ކޮންމެ ރަށަކަށް ދިޔަޔަސް އޭނާ އެވާހަކައެއް ބުނާނެއެވެ. އަދި ކުރަންދަނީ މިވެނި މަސައްކަތެކޭވެސް ބުނެއެވެ.
[އޭނާ ކުރިން ދުވަހަކުވެސް އަހަރެން ގާތު ނުބުނެ އެހެން ރަށަކަށް ނުދޭ. މަސައްކަތެއް ކުރިޔަސް އެވާހަކަ ބުނޭ. އަހަރެމެންގެ ޢުމުރުން ކިތަންމެ ދުވަސް ވިޔަސް....ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި އެކަކު އަނެކަކާ ޚިޔާލު ބަދަލުކޮށް ޙިއްޞާކުރަން. އަހަރެން ޤަބޫލެއް ނުކުރާނަން، އަހަރެން ގާތު ނުބުނެ އޭނާ އެހެން ރަށަކަށް ހިނގައިދާނެ ކަމަކަށް.] ޙަލީމާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާއާބެހޭ މަޢުލޫމާތު ހޯދަން އެގެޔަށް އައި ފުލުހުންނާއެވެ.
[މިރަށުގައިވެސް އޭނާ ގޮސް އުޅޭ، މިބުނީ ޢާންމުކޮށް ގޮސް އުޅޭ ވަކިތަނެއް ހުރޭތަ. މިސާލަކަށް، އެޢުމުރުގެ މީހުން ވަރަށްގިނަފަހަރު އަތިރިމައްޗަށްވެސް ގޮސް އުޅޭނެ. އެގޮތުން ދާ ވަކިތަނެއް ފާހަގައެއްނުކުރެވޭތަ؟] ފުލުހަކު ޙަލީމައާ ސުވާލުކުރިއެވެ.
[އޭނާ ނުދާނެ އެހެން ވަކިތަނަކަށް. އޭނަޔަކީ އަބަދުވެސް އޭނާގެ މަސައްކަތުގައި އުޅޭ މީހެއް. ބައެއްފަހަރު އަތިރިމައްޗަށް ޖެހިލާނެ. އިއްޔެގައި ހެނދުނު ދެއްކި މަސްކޮޅެއް ގަންނަންދާ ވާހަކަ.] ޙަލީމާ މިހެން ބުނީމާ ދެން ބެލީ އޭނާ އަތިރިމަތިން ދުށް މީހަކު ފެނޭތޯއެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާ ފެނުނު ކަމަކަށް ނުވިއެވެ. ގިނަމީހުން ބުނަނީ އޭނާ ނުދެކޭތާ ދެތިން ދުވަސް ވެފައިވާ ކަމަށާއި، އޭނާއަކީ ޢާންމުކޮށް ބޭރަށް ނިކުމެ އުޅޭ މީހެއް ނޫންކަމަށެވެ. މިހާރު އޭނާ ހޯދުމުގެ މަސައްކަތް މުޅި އަތޮޅުގައިވެސް ކުރެވެމުން ދަނީއެވެ. އެދުވަހުގެ އިރުއޮއްސިގެން ދިޔައިރުވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވިއެވެ.
އެރޭގެވެސް މެންދަމާ ހަމަޔަށް އޭނާ ހޯދުމުގެ މަސައްކަތް އެދެރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކޮށްފައިވެއެވެ.
[ޙުސޭން ތައްޚާނުގެ ޚަބަރެއްނުވިދޯ؟ އަނެއްކާ ކިހިނެއްމިވީ. އޭނާ މިގެއިން ދިޔަ މަގުމަތީގައި އޭތި ދިމާކުރީކަންނޭނގެ. ހާދަ ނުރައްކާތެރި އެއްޗެކޭދޯ؟ ޞަފޫރާއާއި ޝަފީޤު ވާހަކަ ދައްކަން ތިބީ އެމީހުންގެ ކޮޓަރީގައެވެ. އޭރު ތާރާގެ ދެމަފިރިންވެސް ނިދަން ވަދެއްޖެއެވެ. އެދެމަފިރިންވެސް ދައްކަނީ އެއްވާހަކައެކެވެ.
[އަޅެ އަރުފާން...އަހަރެން ވަރަށް ބޮޑަށް ބިރުގަނޭ. އަހަރެން ވަރަށް ބޮޑަށް ހާސްވާން ފަށައިފި މިހާރު...އަނެއްކާ މާދަމާ ތަވީދު ލިބޭނެތަ؟] ތާރާ އަރުފާންގެ މޭގައި ބޯއަޅާލައިގެން އޮވެ ވާހަކަ ދެއްކިއެވެ.
[އާނ....މާދަމާ ވަރަށް ހެނދުނާ ލިބޭނެ. އަހަރެމެންނަކަށް ދެން އެއްވެސް ނުރައްކަލެއް ނެތް. އޭތީގެ އެއްވެސް ނާމާންކަމެއް ދެން އަހަރެމެންނަކަށް ނުފެންނާނެ. ދެން ހިނގާ ނިދަން. މާދަމާ ވަރަށް ހެނދުނު ތެދުވެ ފެރީއާ ދިމާކުރަންވާނެ.] އަރުފާން ބުންޏެވެ.
ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ ހޭލައިގެން އަރުފާން ގެއިން ނިކުތެވެ. އޭނާ ދިޔައީ ތަވީދު ބަލައެވެ. ދެން އިތުރަށް އެއްވެސް ގޮތަކުން އޭނާއާއި ތާރާގެ ގުޅުމަށް ހުރަހެއް މެދުވެރިވުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. އޭނާ އެފުރްޞަތު އެއްވެސް ފަރާތަކަށް ނުވެސް ދޭނެއެވެ. އޭނާގެ ލޯތްބަށް ހުރަސްއަޅަން މަސައްކަތްކުރާ ކޮންމެ ފަރާތަކާވެސް ހަނގުރާމަކުރަން އޭނާ އެހުރީ މިހާރު ވަރަށް ފުރިހަމައަށް ތައްޔާރުވެގެނެވެ.
[އަހަރެމެންގެ ލޯތްބަށް ހުރަސްއަޅަން މަސައްކަތްކުރާ ފަރާތްތަކާ ހަނގުރާމަ ކުރަން އަހަރެން މިހުރީ ތައްޔާރަށް. މިތަވީދު އޮތްހާ ހިނދަކު އެއްވެސް ފަރާތަކަށް އަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ވިހަލާކަށް ނުކެރޭނެ. އެފަދަ ވިހަގަދަ ހަރުފަތައް އަހަރެން މަރާލާނަން.] އަރުފާން ތަވީދު ގެނެސް ތާރާގެ އުނަގަނޑުގައި އަޅުވާލަދެމުން ވާހަކަ ދެއްކިއެވެ.
[އަރުފާން...ޙުސޭން ތައްޚާނު ހޯދާ މީހުނަކަށް އަދިވެސް އޭނައެއް ނުފެނޭތަ. ހިނގާބަލަ އަހަރެމެންވެސް އޭނާ ފެނޭތޯ ހޯދަން ދަމާ.] ތަވީދު އެޅުވުމުން ހިތްހަމަޖެހިފައި ހުރެ ތާރާ ބުންޏެވެ. އެންމެ ރަނގަޅޭ ބުނެފައި އަރުފާންވެސް ތާރާއާއެކު ނިކުމެއްޖެއެވެ.
[އަހަރެންގެ ހިތްބުނޭ، މިއަދު ޙުސޭން ތައްޚާން ފެންނާނެޔޭ.] އަރުފާން ތާރާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. އޭނާ ހިނގަމުންދިޔައީ ރަށުގައި މީހުން ދިރިނޫޅޭ ހިސާބާ ދިމާޔަށެވެ. އޭރުވެސް އެސަރަޙައްދުގައި ތައްޚާނު ހޯދުމުގެ މަސައްކަތް އެތައް ބަޔަކު ކުރަމުންދިޔައެވެ. އެސަރަޙައްދުގައިވެސް ހިސާބަކަށް ފުލުހުންވެސް އުޅުނެވެ. ނަމަވެސް އަދިވެސް ހޯދާ މީހާގެ ހިލަމެއްވެސް ނެތެވެ.
މިއަދަކީ މިއީ އޭނާ ގެއްލިގެން ހޯދާތާ ތިންވަނަ ދުވަހެވެ. އޭނާ ގެއްލުނު ދުވަހާ ޖެހިގެން އައި ދުވަހަކީ ވަރަށް ބޮޑަށް ވިއްސާރަވެސް ދުވަހެކެވެ. އެހެންވުމުގެ ސަބަބުން ފުރަތަމަ ދެދުވަހު ވަނީ އެކަށީގެންވާ ގޮތަކަށް އޭނާ ހޯދުމުގެ މަސައްކަތް ނުކުރެވިފައެވެ. ވުމާއެކު ކުރީ ދުވަސްތަކަށްވުރެން ގިނަ ޢަދަދެއްގެ ބަޔަކު މިއަދު އެކަމުގައި ޙަރަކާތްތެރިވަމުން ދެއެވެ. ގިނަބަޔަކު ހޯދަމުން ދަނީ ރަށުގެ މީހުން ނޫޅޭ ފަޅު ސަރަޙައްދެވެ. ބައެއް މީހުން މީދޫގެ މީހުން ނޫޅޭ ސަރަޙައްދު ހޯދުމުގައިވެސް ޙަރަކާތްތެރިވަމުން ދެއެވެ. ނަމަވެސް އަރުފާން ބުނަނީ އޭނާ ފެންނާނެ ކަމަށް އޭނާއަށް ޤަބޫލު ކުރެވެނީ ހުޅުދޫތެރެއިން ކަމަށާއި، ރަނގަޅަށް ހޯދަންޖެހޭނެ ކަމަށެވެ. ކުރީ ދެރޭ ކުރި ވިއްސާރައިގައި ޖެހި ތާށިވި ކަމަށްވެސް ވެދާނެ ކަމަށް އޭނާ ބުނެއެވެ. ޙުސޭން ތައްޚާނުގެ އަންހެނުން ޙަލީމާއާއި އޭނާގެ ޢާއިލާގެ ގިނަ މެމްބަރުންވެސް މިހާރު އެތިބީ އަރުފާންމެނާއެކު ޙުސޭން ތައްޚާނު ހޯދުމުގެ މަސައްކަތުގައެވެ.
[ހިނގާބަލަ އެދިމާއަށް...އަދި އެއްވެސް ބަޔަކު އެތަން ބެލިހެނެއް ހިއެއްނުވޭ.] މަތި ބެދިފައިވާ ބިޔަގަސްތަކެއް ހުރި ދިމާއަކަށް އިނގިލި ދިއްކޮށްލަމުން ތާރާމެންގެ ސަމާލުކަން ހޯދިއެވެ. ވަގުތުން އެންމެން އެއްފަހަރާ އެދިމާއަށް ހިނގައިގެންފިއެވެ. އެއީ ގެއެއް ގޮތަށް ސިފަކުރެވޭ ގޮތަށް ހުރި ތަނެކެވެ. އަރުފާނުމެންގެ ބައިގަނޑުގައި އެންމެ ކުރީގައި ތިބީ ޙަލީމާއާއި އޭނާގެ ޢާއިލާގެ މީހުންނެވެ. ޙަލީމާ އެތަނަށް ހުއްޓި ދެއަތުން ގަސްތަކުގެ އޮފިތައް ފޭކުރަމުން އެތެރެއަށް ބޯކޮއްޕާލިއެވެ. ހަމައެޔާއެކު އޭނާ ނިކަން ބާރަށް ހަޅޭއްލަވައިގަތުމާއެކު ފަހަތަށް ޖެހުނެވެ. ބޮޑެތި އަނިޔާތަކަކާއެކު މަރާލާފައި އެއޮތީ އޭނާގެ ފިރިމީހާއެވެ. ޙުސޭން ތައްޚާނުގެ ހަށިގަނޑު އޮތީ ހިސާބަކަށް ފުޅައަޅާފައެވެ. އެތާނގައި އޮތީކީ އެހަށިގަނޑު އެކަންޏެއް ނޫނެވެ. އެހެން އިންސާނެއްގެ ކަށިގަނޑެއްވެސް އޮތެވެ. މިމަންޒަރު ފެނުމުން އެތަނުގައި ތިބި ބައެއް އަންހެނުން އަނބުރައިގަނެގެން ވެއްޓެމުންދިޔައެވެ. ތާރާއަށް ގޮތެއްވުމުގެ ކުރިން އަރުފާން ތާރާ އަތުލަފިކޮށްގެން ހިނގައިގެންފިއެވެ.
ޙަޤީޤަތުގައި އެސަރަޙައްދު ހީވަނީ ނާމާންކަމުން ފުރިގެންވާ ތަނެއް ހެންނެވެ.
[އަޅެ...އަރުފާނު...އެއީ ހަމަ ޙުސޭން ތައްޚާނުތަ؟ އޭނާޔަށް އޮތީ ހާދަ އަނިޔާތަކެއް ކޮށްފައޭ. އެއްލޯވެސް ނެތް. ބަނޑުވެސް ފަޅާލާފައި.] މިހެން ބުނެވުމާއެކު ތާރާވެސް އަނބުރައިގެންފިއެވެ. ނަމަވެސް ތާރާ ވެއްޓުމުގެ ކުރިން އަރުފާން ތާރާ ހިފެހެއްޓިއެވެ. އޭގެފަހުން މާގިނައިރުތަކެއްނުވެ ޙުސޭން ތައްޚާނުގެ ހަށިގަނޑު ފެނުނު ވާހަކައާއި އެސަރަޙައްދުން އިތުރު އިންސާނެއްގެ ކަށިތަކެއް ފެނުނު ވާހަކަ މުޅި އަތޮޅުތެރެއަށް ފެތުރިއްޖެއެވެ. ނަމަވެސް އެކަމަކާ އަރުފާން އެއްވެސް ވަރަކަށް ހާހެއްނުވެއެވެ. ހީވާކަހަލައެވެ. އޭނާއަށް ނުރައްކަލެއް ކުރިމަތިނުވާނޭ ކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އޮންނަނީއެވެ.
[އަރުފާން ބިރެއްނުގަނޭތަ؟ އަޅެ ޙުސޭން ތައްޚާނަށް ކޮށްލާފައި އޮތްވަރު ފެނުނީމާ އަހަރެން ވަރަށް ބިރުގަނޭ. އަހަންނަށް ޔަޤީން އެއީ އަހަންނާ އަޅައިގަނެގެން އުޅޭ ނުލަފާ
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު