މިއީ ހިތަށް ވަރަށް އަސަރުކުރި ވާހަކައެކެވެ. ހިތް ފަޅައިގެން ދާވަރުގެ ވާހަކައެކެވެ. ތިމާ ބަނޑުއަޅާ ވިހައި، ބަލާ ބޮޑުކޮށް ހެދި މައިންބަފައިންނަށް ކޯވިޑްގެ ނުރައްކާތެރި ބަލިމަޑުކަން ޖެހުނީމާ އެމީހުން ފެސިލިޓީ ތަކަށް ދޫކޮށްލާފައި ދަރީން ގޭގައި އަރާމުގައި ފިނިކޮޓަރީގައި ނިދާން ތިބޭނެ ކަމަކަށް މީގެކުރިއަކުން އަޅުގަނޑަކަށް ވިސްނިފައެއް ނެތެވެ. މައިމީހާ ނުވަތަ ބަފައި މީހާ ނޫނީ ކާފައާއި މާމައަށް ކޯވިޑް ޖެހުނީމާ ފެސިލިޓީއަކަށް ގެންގޮސްލީމާ ތިމާމެންގެ ވާޖިބު އަދާ ކުރެވުނީކަމަށް ދެކި އެމީހުންގެ މަރުމަތީގައި ވެސް ގޮވާލާއަޑު އަހާލައި އަޅަމުންދާ ވޭން އިހުސާސް ކޮށްލައި ފިރުމާލައި އެންމެފަހު ނޭވާއާއެކު ޝަހާދަތުގެ ދެކަލިމަ ލައިދޭން ދަރިއަކަށް ކައިރީގައި ހުރެވުމަކީ ކޮން ފަދަ ނަސީބެއް ހެއްޔެވެ؟ އަޅުގަނޑަށް ކުރިން ވިސްނިފައި އޮތީ އަޅުގަނޑުމެން ކޮންމެ ދަރިއަކުވެސް ބޭނުންވާނީ ނޫނީ އެދޭނީ މިފަދަ ފުރުސަތެއް ލިބުމަށް ކަމަށެވެ. ނަމަވެސް އެއީ މިއަދު މިގައުމުގެ ދަރީންގެ ކިބައިގައި ހުރި ސިފައެއް ނޫނެވެ. އެއީ މިހާރު ދިވެހި ދަރީންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ގޮތެއް ނޫނެވެ.

އަޅުގަނޑު މިވާހަކަ ހިއްސާ ކޮށްލުމުގެ ޚިޔާލު އައީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި މި ތަޖުރިބާ ކޮށްފައިވާ ހުސައިން ސަޢީދު މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ވަރަށް އަސަރު ކުރުވި ވާހަކަތަކެއް ފެނިގެންނެވެ. ހުސައިން ސަޢީދު ކޯވިޑް ފެސިލިޓީއަށް ވަނީ އޭނާގެ ބައްޕައަށް ކޯވިޑް ޖެހިގެން ބައްޕައާއެކު، ބައްޕަ ބެލެހެއްޓުމަށެވެ. އޭނާ ވަނީ އެދުވަސް ކޮޅުގެ ތެރޭގައި އެތަނުގައި އޭނާއަށް ކުރެވުނު ބައެއް އިހުސާސް ތަކާއި ފެނުނު މަންޒަރުތައް މީސް މީޑިއާގައި ހިއްސާ ކޮށްލާފައެވެ. އޭނާ ހިއްސާ ކޮށްލީ ވަރަށް ކުޑަ މިންވަރެކެވެ. އެކަމަކު އެ ވާހަކަތައް ކިޔާލާފައި އިންސާނިއްޔަތުކަން ހުރި ހިތެއްގެ ވެރިއެއްގެ ލޮލުން ކަރުނަ ހިލޭނެއެވެ.

އޭނާ މަންޒަރު ސިފަކޮށްދެމުން ބުނެފައި ވެއެވެ. "މުސްކުޅި ބޭބެއަކު އެކަނިމާއެކަނި އޮތީ އޮކްސިޖަން ގުޅާފައެވެ. ބަލަހައްޓާނެ އާއިލާގެ އެއްވެސް މީހަކު ނެތެވެ. ގައިން ތާހިރު ކޮށްލައި ލައްވާލާނެ އެއްޗެއް ވެސް ފޮނުވާފައެއް ނެތެވެ. އަދި އެވަރުކޮށްލާން ނުކެރުނު ތާނގައި، ގުޅީމާ ފޯނަށް ވެސް ޖަވާބު ނުދެއެވެ. ފޯނެއް ނުނަގައެވެ."

ސަޢީދު ބުނީ ނަރުހުންގެ އަތުން ނަމްބަރު ހޯދައިގެން އާއިލާގެ މީހަކަށް ގުޅޭތޯ އޭނާވެސް އެތައް ދުވަހަކު މަސައްކަތް ކުރި ކަމަށެވެ. ވަރަށް މަސައްކަތް ކޮށްގެން ވެސް އެބޭބެގެ އާއިލާގެ މީހަކާ ގުޅޭ ގޮތެއް ނުވި ކަމަށް ސައީދު ބުނެފައި ވެއެވެ.

"އަޅުގަނޑު އައިތާ (ފެސިލިޓީއަށް އައިތާ) އަށްވަނައަށް ވީ ދުވަހު އެބޭބެ ނިޔާވީ ލޯކުރިމަތީގައެވެ. އެއީ ކިޑްނީ ބަލި އަދި ހިތުގެ ބަލިވެސް މީހެކެވެ." ސަޢީދު ވަރަށް އަސަރާއެކު ކިޔައިދެމުން ބުނެފައި ވެެއެވެ.

ސައީދު ދެން ކިޔައިދިނީ އެތަނުގައި އޮންނަތާ 21 ދުވަސްވީ ދުވަސްވީ މީހެއްގެ ވާހަކައެވެ. އެއީ ﷲގެ ރަހުމަތް ފުޅުން މި ބިރުވެރި މަރު ބަލިން ސަލާމަތްވެ ބަލި ރަނގަޅުވެފައި އޮތް މީހެއް ކަމަށް ސަޢީދު ބުންޏެވެ. އެމީހާ އޮތީ ބެލެނިވެރިން ބަލައި ނައިސްގެން ގެއަށް ނުދެވިފައެވެ. ފެސިލިޓީން، ކަމާބެހޭ ފަރާތުން އެތައް ފަހަރަކު ގުޅައިގެން ވެސް ހަވާލުވާން ނައިސް އޮތީއެވެ. މިއަދު އޭނާވެސް އެއޮތީ ގައިބާރުދެރަވެ އަމިއްލަ ހާލާއިގެން އެކަނި ނޫޅެވޭވަރުވެފައެވެ. ދަރީންގެ އެހީއަށް ބޭނުން ވެފައެވެ. އެކަމަކު އެހީވާނެ ދަރިއަކު ނެތެވެ.

ސަޢީދު ބުނިފަދައިން މިއީ މިއަދު އަޅުގަނޑުމެންގެ ކަންތައްތައް ގޮސްފައި ހުރި ހިސާބެވެ. މިއަދު މައިންބަފައިން މުސްކުޅި ވީމާ އެއްލާލަނީއެވެ. މުސްކުޅި މަންމައާއި ބައްޕަ ބަލާން ބޭނުމެއް ނުވެއެވެ. އެމީހުންނަށް އަޅާލާކަށް ބޭނުމެއް ނުވެއެވެ. އިހުމާލު ވެވެނީއެވެ. މިއީ މި މުޖުތަމަޢުން މިއަދު ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އިވޭ އަޑު ތަކެކެވެ. ދަރީން މިއަދު ބޭނުންވަނީ އެމީހުންގެ ގެދޮރާއި މުދަލާ ފައިސާ އެކަންޏެވެ. ގެދޮރާއި މުދަލަށްޓަކާ މުސްކުޅިވީމާ ބޭރުމީހަކު ގެނަސް ހަވާލުކޮށްގެން އެމީހާ ލައްވާ ކާންދީ ބޯންދީ ފެންވަރުވާ ސާފުކޮށް ބަލަހައްޓަނީއެވެ. އެމިހުން ގަބޫލުކުރާ ގޮތުގައި އެވަރުން އެމީހުންގެ ވާޖިބު އެނިމުނީއެވެ. ކޮވިޑް ފެސިލިޓީގައި އިހަށްދުވަހު އެފެނުނީ އޭގެ ނަތީޖާއެވެ. މުސްކުޅިވީ ދުވަހު، ބަލިހާލުގައި ޖެހުނު ދުވަހު ބޭރު މީހަކާ ބަލަން ހަވާލު ކުރީމާ އޭނާ ދެފަހަރުން އެއްފަހަރު "ވިހެލަނީ" ކަންކަށި މަތީގައެވެ.

ހަމަ މިފަދަ ވާހަކައެއް ޑޮކަޓަރަކު ދައްކަވާފައިވާ ޗެޓް ލޮގެއްވެސް އަޅުގަނޑަށް ދާދިފަހުން ވަނީ ލިބިފައެވެ. އޭނާ ވިދާޅުވީ ފެސިލިޓީއަށް މީހުން ބަލަހައްޓާނެ އަންހެނުން ބޭނުންވާ ކަމަށެވެ. އެއީ ކޯވިޑް ޖެހިގެން ގެންނަ ދުވަސްވީ މީހުން ބަލަހައްޓާން އެމީހުންގެ ދަރީން އަންނަން ދެކޮޅު ހަދާތީއެވެ. ގުޅާފައި ބުނީމާވެސް މަރުމަތީގައި އޮންނަ މަންމައާއި ބައްޕަ ގާތަށް އަންނާން ވެސް ބޭނުން ނުވަނީއެވެ.

"ފެސިލިޓީގައި އުޅޭ ޑޮކްޓަރުން ބުނަނީ ގުޅީމާވެސް އަންނާން ބޭނުން ނުވަނީ ކަމަށް. މަރުގެ ތަންމަތީގައި އޮންނަ މަންމައާއި ބައްޕަ ކައިރިއަށް އެހީތެރިވެދޭން ވެސް ދަރީން އަންނަން ބޭނުން ނުވަނީ. މަރުމަތީގައި އެމީހުން އަތް ހަށަމަށް އަރުވާލާ ލޯ މަރާލަދީ ޝަހާދަތް ލައިދޭން އައިސްދޭނެ ދަރިއަކު ވެސް ނުވޭ. އެހާލުގަ އޮވެ ވަރަށް ނިކަމެތި ހާލުގަ މުސްކުޅިވި ދުވަހު މަރުވެގެން އެދަނީ." ވަރަށް އަސަރާއެކު ޑޮކްޓަރ ޗެޓްލޮގްގައި ލިޔެފައި ވެއެވެ.

ކޯވިޑް ޖެހިގެން ގެންދާ ގިނަ މީހުންނަކީ، އެންމެ ދަރިއަކަށްވުރެ ގިނަ ދަރިން ތިބޭނެ މީހުންނެވެ. ގައިބާރު ހުރި ދުވަހު ހަމަ ރަނގަޅަށް ދަރިން ބަލާ ބޮޑުކޮށްފައި ތިބޭނެ މީހުންނެވެ. އެކަމަކު މިއަދު މުސްކުޅިވި ދުވަހު ކޯވިޑް ޖެހިގެން މިދުނިޔެ ދޫކޮށްފައި އެމީހުން އެދަނީ ދަރިއަކަށް ނުފެނިއެވެ. އެމީހުންގެ ގައިގައި އަޅާވޭން ތަހައްމަލު ނުކުރެވިގެން ނޭވާ ނުލެވި ހަށިން ފުރާނަ ދާއިރު އަޑުން އަޑުނަގާފާ ރޯއިރު އޯގާތެރި ކަމާއެކު ފިރުމާލާނެ، ހިތްވަރުދޭނެ ދަރިއަކު ކައިރީގައި ނެތިއެވެ. އެމީހުން މަރުމަތީގައި އެއަޅާ ވޭނުގައި ދަރިންނަށް ގޮވާ އަޑު އިވިފައި ނަރުހުންނާ ޑޮކްޓަރުން ކަރުނައަޅާ ރޮއެވެ. އެމީހުންނަށް ވީވަރެއް ކޮށްދެއެވެ. ވަސިއްޔަތް ވެސް އަޑު އަހައެވެ. ދަރީން ގާތުގައި ބުނެދޭށޭ ބުނާ އެތައް ވާހަކައެއް ބުނެދޭން ވަޢުދު ވެއެވެ. އެމީހުންނަށް ވާވަރަކުން ފިރުމައި ދެއެވެ. އެންމެފަހު ނޭވާއާއެކު ޝަހާދަތް ލައިދީ ހަރަމް ބަނދެދީ ލޯވެސް މަރާދެއެވެ. އެކަމަކު ދަރީން ނެތުމުން އެމީހުން އެކުރާ ހިތާމައާއި ރޯރުއިމަކަށް ތަސައްލީއެއް ނުދެވޭނެއެވެ.

ކޮންމެ މީހަކީވެސް މުސްކުޅިވެ ގައިބާރު ދެރަވެ ހަމަ އެ މަރުގެ ދާނަށް އަރާނެ މީހެކެވެ. އެކަމަކު އެދުވަސް އަންނާނެ ކަމަށް އަދުގެ ޒުވާނުންނަށް ހަމަ ނުވިސްނެނީއެވެ. ނޫނީ ވިސްނާން ވެސް ބޭނުން ނުވަނީއެވެ. އަޅުގަނޑުމެން ދިވެހީންނަށް މިތިބީ ކީއްވެފައި ބާވައެ ހިތައް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޙަސަން

28-May-2021

ތީ ވަރަށް ބޮޑު ތެދެއް މަށެށް މަ މަންމަ އެއަ ބައްޕަ އެއް އެކަނި ދޫކޮށް ނުލާނަން



ޓްރެންޑިން