އިއްޔެ ހައިކޯޓަށް ހުށައެޅި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގެ މައްސަލަ އަނބުރާ ނެގުމަށްފަހު، އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު އިންތިޚާބު ފަސްކުރުމުން ދެންހުރި ކަންކަމަށް ފަރުވާއެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކުރުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

ކޯވިޑް-19 ގެ ސަބަބުން މީގެ ކުރިންވެސް ފަސްކޮށްފައިވާ އިންތިޚާބު، މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށައަޅާފައި މިވަނީ އިންތިޚާބު ފަސްކޮށްފިނަމަ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވެ، ކައުންސިލްތައް ދުސްތޫރީ ހުސްކަމަކަށް އަންނާނެތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހުށައެޅި މި މައްސަލާގައި އެދިފައިވަނީ އިންތިޚާބުގެ ވޯޓުލުން އެކަނި ފަސްކުރުމަށެވެ. ސަބަބެއްކަމަށް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބަށް ބޮޑު ތައްޔާރީއެއް ވެފައި ވުމާއެކު އަލުން އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަކީ އިންތިޚާބުގެ ޚަރަދު އިތުރަށް ބޮޑުވެގެންދާނެ ކަމަކަށް ވާނެތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިޚާބު ފަސްކުރުމާއި މެދު މެންބަރަކު ވާހަކަ ދެއްކުވުމުން ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބު ފަސްކުރުމުން ދެން ދިމާވާ ކަންކަމުގައި ފަރުވާހޯދޭނީ ކޯޓަކަށް ނޫން ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

މިމައްސަލައިގައި މަޖިލީހުގައި މިއަދު ކަންބޮޑުވުން ފާޅު ކުރެއްވި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު ފަސް ކުރުމަކީ ކޯޓަށް ކުރެވިދާނެ ކަމަކަށް ވިޔަސް މިހާރު އޮތް ކައުންސިލް ތަކުގެ މުއްދަތު އިތުރު ކުރުމާއި މެދު ކޯޓުން ގޮތެއް ނިންމުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ދަޢުލަތުގެ އިދާރާތަކުން ގެންދަނީ ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސުޕްރީމްކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މި މައްސަލައިގެ ތެރެއަށް ސިޔާސީ ޕާޓީތަކުން ތަދައްޚުލް ވާނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން