ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާމަހަށް އޮތް ޑިމާންޑް ދަށްވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފިއެވެ. އެ މިނިސްޓްރީ އިން މިކަން ހާމަކޮށްފައިވަނީ ބޮޑުކަންނެލި ގަތުމުގެ މައްސަލަ ހައްލުކުރުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ގާއިމުކޮށްފައިވާކަން ހާމަކޮށް މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި، މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކޮންމެހެން ބޭނުންވާ މުހިއްމު ކަންތައްތަކެއް ކުރުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކުން ގަނޑުކުރިމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކޭޝް ފްލޯ ފޯރުކޮށްދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ގާއިމުކޮށްދިނުމާއި، މި ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން 25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސްގަތުމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑިބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން ވެސް ހިމެނެއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަންނަމުންދާ މިފަދަ ދުވަސްވަރެއްގައި، ފިޝަރީޒް މިނިސްޓްރީ އިން އެޅި މިފިޔަވަޅުތަކުގެ ސަބަބުން، މަސްވެރިކަމުގެ ސިނާޢަތު ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން