ރާއްޖޭގެ އެއަރޕޯޓުތައް ބޭރު ފަރާތްތަކަށް އެއްކޮށް ކޮންޓްރޯލްކުރެވޭ ގޮތަށް ސަރުކާރުން ގެނައި އިސްލާހާއެކު އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ ބައެއް ފަރާތްތައް ކެކިއަރަން ފެށިއެވެ. ޤައުމު ވިއްކާލަނީކަމަށާއި، މިއީ އިސްތިގްލާލާއި ސަލާމަތަށް ނުރައްކާތެރިކަމެއްކަމަށް ބުނެ ސޯޝަލް މީޑިއާ އެކި ޝުއޫރުތަކުން ފުރާލިއެވެ. ބައެއް މީހުން ބުނި ގޮތުން ސަރުކާރުން ގެނައި އިސްލާހަކީ އިންޑިއާ ބަޔަކަށް ރާއްޖޭގެ އެއަރޕޯޓެއް ދިނުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ރައްޔިތުން ކެކި، އުތުރިއަރަން ފެށުމުން ސަރުކާރުން އެކަމުގައި ވާހަކަދައްކަން ފެށިއެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ފުރަތަމަ ކުރެއްވީ ޓްވީޓެކެވެ. ޓްވީޓްގައި ވިދާޅުވީ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި އިސްލާހުގެ ދަށުން އެއްވެސް އެއަރޕޯޓެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ބޭރު ބަޔަކަށްވެސް އަމިއްލަ ބަޔަކަށްވެސް ނުދޭނެކަމަށެވެ. އަދި އެކަންކަން ބަލަހައްޓާނީ ދިވެހި ދައުލަތުންކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ހަނިމާދޫ އެއަރޕޯޓްވެސް ބޭރު ބަޔަކަށް ދިނުމުގެ ވިސްނުމެއްވެސް ސަރުކާރުގައި ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.



އެހާހިސާބުންވެސް އެކަން ނިމުނީއެއް ނޫނެވެ. ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުން ވިދާޅުވަމުންދިޔައީ، ފައްޔާޒު ހަދަނީ އިތުރުފުޅުކަމަށެވެ. އަދި އުސޫލުތައް އިސްލާހުކޮށްފައިވަނީ އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލްވެސް ބޭރު ފަރާތްތަކަށް ލިބޭގޮތަށްކަމަށް އެކި ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެންމެފަހުން އެކަންކަން ސާފުކޮށްދޭން ފައްޔާޒު ނޫސްވެރިންނާއި ބައްދަލުކުރެއްވިއެވެ. އަދި ވަރަށް ތަފްސީލީ ގޮތެއްގައި ވެގެން މިއުޅޭ ގޮތް އޮޅުންފިލުވައިދެއްވިއެވެ.

ހިތްހަމަނުޖެހިފައި ހުރިކަމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފައްޔާޒުގެ މޫނު މަތިން ފެނިގެންދިޔައިރު، ޖަވާބުތައް ދެއްވީ ވަރަށް އަޑު ހަރުކޮށެވެ. ނަމަވެސް ވިދާޅުވަމުން ގެންދެވީ އެންމެ ވާހަކައެކެވެ. ރާއްޖޭގައި މިހާރު އޮޕަރޭޓްކުރަމުންދާ އެއްވެސް އެއަރޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ބޭރުގެވިޔަސް، ރާއްޖޭގެ ބަޔަކަށްވިޔަސް ނުދެއްވާނެކަމަށެވެ. އަދި އެފަދަ ވިސްނުމެއްވެސް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ. މާތްﷲ ގަންދީ ހުވާކޮށްފައި އެ ވާހަކަތައް ވިދާޅުވަމުން ގެންދެވިއިރު ފައްޔާޒު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ފެނިގެންދިޔައެވެ. ދައްކާނެ އެހެން ވާހަކައެއް ނެތީމާ އިންޑިޔާއާ އަޅުވައިގެން ހަގީގަތެއް ނެތް ހޮޅި ވާހަކަ ފަތުރާތީ އެވެ.

ފައްޔާޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިމުމުން، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު މިކަންކަން ފާހަގަކުރިއެވެ. ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި ފައްޔާޒްގެ ފަރާތުން ފެނިގެންދިޔައީ މިނިސްޓަރެއްގެ ފަރާތުން ފެންނަންޖެހޭ ބަސް މަގެއް ނޫނެވެ. އެގޮތުން ބައެއް ނޫސްވެރިންނާއި ވަރަށް ޒާތީވެގެން ޖަވާބުތައް ދެއްވިކަމަށްވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވިއެވެ.

މިނޫސްކޮންފަރެންސާ ބެހޭގޮތުން ޕީޕީއެމްގެ ނާއިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފައްޔާޒު ދެއްކެވި ވާހަކަފުޅު މަޑުމައިތިރިކަމާއެކު ދެއްކެވިޔަސް، އެއީ ދޮގުކަން ރައްޔިތުންނަށް އެނގޭނެކަމަށެވެ. އަދި ޖަރުބާތުގައި ޖެހުނަސް އެއީ ބޮޑުވަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.



ބައެއް ބޭފުޅުން ވަނީ މިކަމުގައި ރައީސް ސާލިހުވެސް ކުށްވެރިކުރައްވާފައެވެ. ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ވިދާޅުވީ ވަޒީރުން އަރުވައިގެން ހަޅޭލެވިޔަސް، އެއްވެސް މީހަކު މިހާރު ބިރު ނުގަންނާނެކަމަށެވެ. އަދި ސަރުކާރުގެ ނާގާބިލްކަން ފޮރުވުމުގެ ބަދަލުގައި އިސްތިއުފާދެއްވުމަށް އެ ބޭފުޅާ ގޮވާލެއްވިއެވެ.



ކޮންމެއަކަސް ސަރުކާރުން ރައްޔިތުންނަށް ކަމެއް ސާފުކޮށްދޭން އުޅުމުގެ ތެރޭގައި މިވަނީ އަނެއްކާވެސް "އަތަށް ގޮވާފައި"ކަމަށް ބައެއް ބޭފުޅުން ސިފަކުރައްވައެވެ. އަދި މިފަދަ ކަންކަމުގައި މަޑުމައިތިރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭކަމަށާއި، ރައްޔިތުންނަށް ކަންކަން ވިސްނައިދިނުމުގައި ބުއްދިވެރިންގެ އުސޫލުތައް ބޭނުންކުރަންޖެހޭކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ރުޅިވެރިކަމާއެކު، ޒާތީވެގެން، އަޑުގަދަކުރިޔަސް އެއިން ލިބޭނެ މާބޮޑު ފައިދާއެއް ނޯންނާނެކަން މީގެކުރިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިފައެވެ.

ފައްޔާޒުގެ ވާހަކަތައް ކިތަންމެ ހަރުކަށިކޮށް ހުއްޓަސް އަދި ޖަޒުބާތުގައި ޖެހިވަޑައިގަތް ނަމަވެސް އިދިކޮޅާއި އެއްކޮޅުގެ ވާހަކަތަކަށް ވަރަށް ފުރިހަމައަށް ޖަވާބު ދެއްވައި ސަރުކާރު ދިފާއުކޮށް ދެއްވި އެވެ. ވޭތުވެދިޔަ 48 ގަޑިއިރެއްހާއިރުގެ ތެރޭގައި އައި ހުރިހާ ހަމަލާއެއް ދިފާއު ކުރެއްވި އެވެ. ހަގީގަތުގައިވެސް މިހާރު ސަރުކާރުގައި ހުރި އެންމެ ގާބިލު އެންމެ ވަފާތެރި ވަޒީރު ކަން ސާބިތުކޮށްދެއްވިއެވެ.

މިނޫސްކޮންފަރެންސަށް ފަހު ފައްޔާޒުގެ ފަރާތުން ފެނިގެންދިޔަ ކަންކަމާމެދު މީޑިޔާތަކުގެ އިސްފަރާތްތައް ތިބޭ ވަޓްސްއަޕް ގްރޫޕުގެ ތެރޭގައިވެސް މިބަހުސް ކޮންމެވެސް ވަރަަކަށް ހިނގާދިޔައެވެ. އެކަމަކު މިފަދަ ކަންކަމަކީ ނޫސްވެރިންނަށް އާ ކަންކަމަކަށް ވެގެން ނުވާނެއެވެ. ވަޒީރުން ވެސް ހޫނު ގޮނޑީގައި އިށީންނަވަން ވާނީ ހުރިހާ ހާލަތަކަށް ތައްޔާރުވެވަޑައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން