ސަރުކާރުގެ ސިޔާސީ މަޤާމުތަކާ އަދި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައާއި ޢިނާޔަތްތަކުން 20 އިންސައްތަ މި މާރިޗު މަހުން ފެށިގެން އުނިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިވަގުތު ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަކުރުމާއި، ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކުޑަކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވި ކަމުގައި ރައީސް އޮފީހުން ބުނެއެވެ. މީގެއިތުރުން މި މާރިޗު މަހުގެ 10 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓުން ޚަރަދުތައް ކުޑަކުރުމަށް މަޝްވަރާކޮށް، މުޅި ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރުމަށް ނިންމާފައިވާ ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ޢަމަލުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރާއިރު، ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ކުރާ ޚަރަދުތަކުން އެއްވެސް ބައެއް އުނިނުކުރުމަށާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުކުރުމަށް ނިންމި ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން