މިއަދު 18:00 އިން ފެށިގެން މެލޭޝިޔާއިން ދިވެހިރާއްޖެއަށް އަދި މެލޭޝިޔާ މަގުން ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި މައުލޫމާތު ދެއްވަމުން ކޮރޯނާ ވައިރަސްއާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައި ހުންވާ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ މެލޭޝިއާއިން އިންނާއި މެލޭޝިޔާ މަގުން ރާއްޖެއަށް ބިދޭސީން އައުން މަނާ ކުރި ނަމަވެސް ރާއްޖެއަންނަން ބޭނުންވާ ދިވެހީންނަށް އާދެވޭނެ ކަމަށެވެ. އެކަމު ދިވެހީންވެސް ރާއްޖެއައިސް ފުރަތަމަ ތިބެން ޖެހޭނީ 14 ދުވަހުގެ ކަރަންޓީންގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން މިއަދު ހަވީރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު 18:00 އިން ފެށިގެން މެލޭޝިޔާއިން ރާއްޖެއަށް އަންނަ މީހުންނާއި މެލޭޝިޔާ މަގުން ރާއްޖެ އަންނަ އެންމެހާ ދިވެހިން މޮނިޓަރ ކުރުމަށް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށެވެ.

މެލޭޝިޔާގެ އިތުރުން އިނގިރޭސި ވިލާތުންވެސް ރާއްޖެއަށް މީހުން އައުން މަނާކުރުމަށް ނިންމާފައިވާ ކަމުގައި މަބްރޫކް މިއަދު ވިދާޅުވިއެވެ. އިނގިރޭސި ވިލާތުން މީހުން އައުން މަނާ ވާނީ މިމަހުގެ 19 ވަނަ ދުވަހުގެ 00:00 އިން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން