ރާއްޖެއިން ފެންނަ އެންމެ ތަފާތު މަންޒަރަކީ އާއްމު ސިއްޙީ ނިޒާމު ތަރައްގީ ވަމުން އަންނައިރު އެޚިދުމަތުގެ ފަސޭހަކަން ރައްޔިތުންނަށް ލިބުމުގެ ބަދަލުގައި ވޭނަކަށް ވަމުންއަންނަ ތަނެވެ. ޒަމާނީ ޚިދުމަތާއިއެކު އައްޑޫ ސިޓީގައި އައު ހޮސްޕިޓަލެއް ހުޅުވުމުން ރައްޔިތުން ގަބޫލު ކުރީ ޚިދުމަތް ރަނގަޅުވެފައި އަދި ޚިދުމަތް ހޯދުމަށްވެސް ފަސޭހަ ތަކެއް ވެގެން ދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް އެފަސޭހައެއް ނުލިބުނެވެ. ނަމުން އައްޑޫ ސިޓީގެ އީކުއެޓޯރިއަލް ހޮސްޕިޓަލަކީ ފައްކާ ޗާލޫ ތަނެކެވެ. ވާވާ އައްޑޫ ހޮސްޕިޓަލް ވަރެއް ހަމަ ނެތެވެ. ތާލިޔާ ތާލީޔާ ބަޖާއޫ!

އައްޑޫ ސިޓީގެ ކުރީގެ ރީޖަނަލް ހޮސްޕިޓަލުން އޭރު ލިބެންހުރި ޚިދުމަތްތައް ހޯދުމަށް ރައްޔިތުން އެހާ ތަކުލީފު އުފުލާކަށް ނުޖެހެއެވެ. އޭރު ލިބެން ހުރި ޚިދުމަތް ފަސޭހަ ކަމާއިއެކު ލިބުނެވެ. ނަމަވެސް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ހުޅުވި، ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި އޮތް އުސޫލުން ރައްޔިތުން އުފުލަން ޖެހެނީ ބޮޑު ބުރައެކެވެ. މިހާރު ޑޮކްޓަރަށް ދައްކަން އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ.

ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކަން އެތައް ތަކުލީފެއް ދިވާމި މީހަކު ބުނީ، "ލޮލަށް އުނދަގޫވާތީ މިދެއްކީ ކްލިނިކަކަށް. އެއީ ހޮސްޕިޓަލަށް ދައްކަން ފަސޭހަ ނުވީމަ. އެކަމު ކްލިނިކުގެ ޑޮކްޓަރު ބުނީ ވީހާވެސް އަވަހަށް ހޮސްޕިޓަލުން ލޮލުގެ ޚާއްސަ ޑޮކްޓަރަށް ދައްކަން. ހޮސްޕިޓަލަށް ގުޅާލީމާ ރިންގް ވަނީ. ފޯނުން މިކިޔަނީ އައްސަލާމް އަލައިކުމް. ދިވެހި ބަހުން ކުރިއަށް ދިއުމަށް 1 ޖައްސަވާ..... ދެންމިހެން އެކި ފިތްތަކަށް ފިތާލަ ފިތާލަ އެތައް އިރެއްވާއިރުވެސް ޚަބަރެއް ނުވޭ. ފޯން ކެނޑެނީ. އަނެއްކާ ގުޅަނީ. ހަމަ ކުރީގެ ކުރި ކަންތައް ރިޕީޓް. ދެން އެތައް އިރެއް ފަހުން މީހަކާ ގުޅުނީ. ކިޔާ ދިނީމަ މިބުނަނީ އިންތިޒާރު ކޮށްގެން ހުންނާށޭ މިވެނި ދުވަހެއްގެ 1 އިން ފެށިގެން 4 ޖަހަންދެން. ޑޮކްޓަރު ގުޅާނެއޭ އޮންލައިންކޮށް ބަލާލަން. ޑޮކްބަލާފައޭ ނަންބަރު ލިބޭނީ. ދެން އިންތިޒާރުކޮށްގެން އިރުއިރުކޮޅާ ފޯނަށް ބަލަބަލާ މިހުރީ. ކުއްލިއަކަށް ފާޚާނާއަށް ދާންޖެހިގެން ދިޔައީ ފާޚާނާއަށް. އެގަޑީގެ އޮތީގުޅާފަ. ކިހާ ރަނގަޅުދޯ. ދެން އަނެއްކާ އެތައްވަރަކުން ގުޅުނީމަ ބުނީ މިހާރު ޓޮކްޓަރު ބިޒީއޭ ދެން ފަހުން ގުޅާލާނަމޭ." މިހެންނެވެ.

އެދިޔައީ 3 ގަޑިއިރުގެ އިންތިޒާރުގެ ވަގުތެކެވެ. މިނޫން ފަސޭގޮތެއް ހަމަޖައްސަން ނޭގެނީ ތޯއެވެ؟

ހޮސްޕިޓަލަށް އެޕޮއިންޓްމަންޓް ހަދަން ގުޅީވެސް ޑޮކްޓަރަކު ވިދާޅުވެގެންނެވެ. އަދި ޑޮކްޓަރުދިން ރިފެރެންސްވެސް ވައިބާ ކުރިއެވެ. ނަމަވެސް އަނެއްކާވެސް މިޖެހެނީ އޮންލައިންކޮށް ޑޮކްޓަރަށް ދައްކާށެވެ. ކްލިނިކް ޑޮކަޓަރެއްވީމަ އެއީ ބޭކާރު މީހަކަށް ވީއެވެ. އޮންލައިންކޮށް ހޮސްޕިޓަލް ޑޮކްޓަރަށް ދައްކައިގެން ނޫންގޮތަކަށް އެޕޮއިންޓްމަންޓް ލިބޭނެ އެއްވެސް އަލިމަގެއް ނުފެނުނެވެ. ބަލިމީހާގެ ލޮލަށް ވާ އުނދަގޫ އެގެނީ ހަމަ ބަލި މީހާއަށެވެ. މޮޅު ހޮސްޕިޓަލެއް ހުރުމަކުން ރައްޔިތު މީހާއަށް ވިފައިދާއެއް ނެތެވެ. ކިޔާ ޚޫބް ތޯއެވެ.

އައްޑޫގެ ކޮންމެ އަވަށެއްގައި ހުންނަ ސިއްޙީ މަރުކަޒަކީ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ. އެހެން ކަމަށްވާނަ އެތަނުގައި ހުންނަ ޑޮކްޓަރަށް ދެއްކީމާ ޚާއްސަ ބަލީގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓް ނުލިބެންޖެހޭ ސަބަބެއް އަޅެ އެބައޮތްތޯއެވެ؟ މިއީ އެއް މެނޭޖްމަންޓެކެވެ. ހޮސްޕިޓަލް ހިންގަން ތިބީ ކަމަށް ގާބިލު މޮޅު ތަޢުލީމީ ބޭފުޅުންނެވެ. އެބޭފުޅުން އެގެންދަވަނީ ފޮތުގައި އޮތްގޮތަށް ހަމަ ތަރުތީބުން ކަންކަން ފުރިހަމަ ކުރަމުންނެވެ. ނަމަވެސް އެފޮތް ލިޔެފައި މިއޮންނަނީ ދިވެހިންނާއި ބީރައްޓެހި މުޖުތަމަޢުގެ ކަންހިނގާ ގޮތަށް ބަލާފައެވެ. ނަމަވެސް އެއުސޫލު ހިންގަން މިއުޅެނީ އެއާއި މުޅިން ތަފާތު މުޖުތަމައަކަށެވެ. ބަޅޭ ލޯގޯންކާ ދިމާގު ބަހޫތު ބަޅާ ހޯތާހޭ، އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމު ކުރާތަންތަން މިހިންގަނީ ވިޔަފާރިއަށް އެކަން ކުރާ އުސޫލުންތޯއޭ މިހާރު ހިތައް އެބައަރައެވެ. ރައްޔިތު މީހާ ޑޮކްޓަރަށް ދައްކަން ކިއުގަ ޖެހިގެން އެތަކެއް ދުވަހު ހުންނަން އެބަޖެހެއެވެ. ނަމަވެސް ސިޔާސީ ބޭފުޅުން ވިދާޅުވަނީ ސިއްޙީ ނިޒާމު ކުރިއަށްވުރެން ބޮޑުތަނުން ރަގަޅު ކަމަށެވެ.

އިމާރާތާއި މުވައްޒަފުންނާއި އަދި މެޝިނަރީގެ ގޮތުން ހޮސްޕިޓަލް ތަރައްގީވި ކަމުގައި ވިޔަސްވެސް އޭގެ ޚިދުމަތް ހޯދާ ރައްޔިތު މީހާއަށް އެޚިދުމަތް ނުލިބުނަސް އެހޮސްޕިޓަލް ބޮޑުތަނުން ރަނގަޅުވީކަމަށް ގަބޫލު ކުރަން ވީތޯއެވެ؟ އައްޑޫގައި ދިރިއުޅޭ އާބާދީއަކީ ވިއްސަކަށް ހާސް މީހުންނެވެ. ނަމަވެސް ޚިދުމަތް ދިނުމަށް އެތިބީ ނުކުޅެދިފައެވެ. ދެން ރައްޔިތުމީހާ މިޖެހެނީ އިންޑިއާގެ ޓްރިވަންޑްރަމަށް ގޮސް ކިމްސްގެ ޚާއްސަ ޑޮކްޓަރަކަށް ދައްކާށެވެ. އެތަނުގެ އާބާދީ އެތައް މިލިއަނަކުން ގުނައެވެ. އެކަމަކު ޑޮކަޓަރަށް ދައްކަން އެހާ އުނދަގުލެއް ނޫނެވެ. ހަމަ ފަސޭހައިން ދެއްކެއެވެ. ދެން ބުނަން މިޖެހެނީ ސައުތު އޯ ވެސްޓް އިންޑިއާ އިޒް ބެސްޓެވެ.

މއީ ހަމަ ދިވެހިންނަށް ދިވެހި މުޖުތަމަޢުގައި ލިބެންޖެހޭ ޙައްގު މިންވަރުތޯ އެވެ؟ ހޮސްޕިޓަލް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެނަސް ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށެއް ނުދެވެއެވެ. އިމާރާތާއި މެޝިނަރީ ވަރަށް ފައްކަލެވެ. ރައްޔިތު މީހާއަށް ފަސޭހައިން ސިއްޙީ ޚިދުމަތް ނުލިބޭނަމަ އެފައްކަލުގެ ބޭނުމެއް ކޮބައިތޯއެވެ؟ ހަގީގަތުގައިވެސް ނެތެވެ. ރައްޔިތު މީހާ ދެން މިބުނަން ޖެހެނީ ތުމް ޗަލޭ ޖާއޫ، އެވެ.

މިއީ އައްޑޫގެ އެކަނި ހާލަތެއް ނޫނެވެ. މުޅިރާއްޖޭގެވެސް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަކުގެ ޚިދުމަތް ރޭވިފަ އޮންނަ ގޮތެވެ. މީގެ ކުރިން އައްޑޫގައި ރީޖަނަލް ހޮސްޕިޓަލެއް ހުރިއިރު އެތިބޭ ޑޮކްޓަރުންނަށް ފަސޭހަ ކަމާއެކު ދެއްކެއެވެ. އެތަންތަނުގައި ޑޮކްޓަރުން 20 ނުވަތަ 40 މީހުންވެސް ބައްލަވައެވެ. ނަމަވެސް ތަން ތަރައްގީވީމަ މިވާގޮތަކީ ޑޮކަޓަރު ބަލާ އަދަދު 16 އަށް ލިމިޓު ކޮށްލުމެވެ. މީގެ ސަބަބެއްކަމަށް ކަމާއި ގުޅޭ ބޭފުޅުން ވިދާޅުވަނީ ޑޮކްޓަރު މަސައްކަތް ކުރައްވަނީ 8 ގަޑިއިރު ކަމަށާއި އަދި ހަމަ އެވަގުތުގައި ވޯޑްތަކަށް ދާންޖެހޭ ކަމަށާއި އޮޕަރޭޝަން ތިއޭޓަރަށް ވަންނަން ޖެހޭ ކަމަށާއި އަދި އެމާޖެންސީގައިވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ޕްރައިވެޓް ހޮސްޕިޓަލު ތަކުގައިވެސް މިހުރިހާ ކަމެއް ކުރާއިރުވެސް އެޕޮއިންޓްމަންޓް ލިބޭ އިރު މިފަދަ ވާހަކައަކުން ރައްޔިތުން ހިތްހަމަ ޖެހޭނަ ކަމަށް ދެކިގެން ނުވާނެއެވެ.

ހޮސްޕިޓަލުގެ އިދާރީ އޮފީހުގައި ދަންނަ މީހަކު ހުންނަނަމަ ބައެއް ފަހަރު ފަސޭހައިން އެޕޮއިންޓްމަންޓެއް ލިބެއެވެ. އެފަދަ ފުރުސަތެއް ނެތްނަމަ ބަލިމީހާ ހަމަ ގަނނަ ތެޅެންޖެހެނީ އެޕޮއިންޓަމަންޓެއް ނުލިބިގެންނެވެ. ވޯޓު ހޯދަންއަންނަ ސިޔާސީ މީހާ މިބުނަނީ ތިމަންމެން ވެރިކަމެއްގައި ތިކަން ރަނގަޅު ވާނެ ކަމަށެވެ. އަނެއް ސިޔާސީ މީހާ މިބުނަނީ މިފަހަރު އަނެއްކާ ހޮވާދޭށެވެ. ތިހުރިހާ ކަމެއް ރަނގަޅުކޮށް އަދި ކުރިއަށްވުރެން ބޮޑުތަނުން ރަނގަޅު ކުރާނެ ކަމަށެވެ. މުސްތަގުބަލުގައި އަޑު އިވޭނީ "މުޖޯ ވޯޓް ދޭނ މައި ސަބީ މުއްދޯންކާ ސަމާދާން ކަރޫނގާ،" މިހެންތޯއެވެ.

"އެޕޮއިންޑްމަންޓް ކޭ ލިޔޭ ކަލް ކޯލް ކަރެން،" މިޖަވާބުން ރައްޔިތު މީހާއަށް މިދެވެނީ ހަމަ ހަގީގަތުގައިވެސް ޚިދުމަތެއް ދޭން ތޯއެވެ. އައްޑޫގެ ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅު ކުރަންވީ ހަމައެކަނި ތަނުގެ ފެންވަރު މަތިކޮށްގެނެއް ނޫނެވެ. ރައްޔިތު މީހާއަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ފުރިހަމަކޮށް ހަމަޖެއްސުމަކީ މުހިއްމު ކަމަކެވެ.

ރާއްޖޭގެ ރައްޔިތުން އަސާސީ ޚިދުމަތް ހޯދުމަށް ބޭނުންވާ މިންވަރާ ގާތައްވެސް އެއްވެސް އަސާސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ނުދެވެއެވެ. މިހެން ބުނީމަ އެއްބަޔަކު ބުނާނީ ސަރުކާރަށްވެސް ކުރެވޭނީ ކުރެވޭ ވަރަކުން ކަމަށެވެ. ނަމަވެސް ވޯޓު ހޯދަން އަންނަ ވަގުތު އެއްކަލަ އެބުނާ ކުރެވޭ ވަރެއްގެ ވާހަކައެއް ނުދައްކައެވެ. މިބުނަނީ "ހަމް ސަބް ކުޗް ސަހީ ކަރު ދޭނގޭ" އެވެ. ހެދުން އަޅައިގެން ބެގީކޮށް އަދި ވިދާ ބޫޓަކަށް އަރައިގެން ހުއްޓަކަސް ތަރައްގީއެއް ނުވެއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތުގެ ފެންވަރު ރަގަޅުވުމަކީ ތަރައްގީ ވުމެވެ. ބިރަކާ ނުލާ ކުރިއަށް ބާރަށް ދިޔައަކަސް އަދި ނުފުދެއެވެ. އެހެނަސް "ޖޯ ކުޗްބީ ހޯތާހޭ ބަސް ތާލީ ބަޖާތީ ރަހޯ."



ކިޔުންތެރިންގެ ހިޔާލު


5

ކިނބޫ

30-Jun-2021

ކުރީ ސަރުކާރު ކުރީ ސަރުކާރު! ތާލިޔާ ތާލިޔާ އަކީ މިހާރު ދިވެހިބަހެއްތާ ދެން ދޯ! އިންޑިއާ އަވަށެއް ވިއއްޔަ! ބޮހޮތު އައްޗާހޭ!



ޓްރެންޑިން