ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިނުގެންފިނަމަ، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ކޮންބޭފުޅެއްތޯ އެއީ ގިނަ ބައެއްގެ ހިތުތެރޭގައި އުފެދޭނެ ސުވާލެކެވެ. އެ ސުވާލަށް އެކި ފަރާތްތަކުން ތަފާތު ޖަވާބުތައް ދެއްވަމުން ދިޔަނަމަވެސް، ރައީސް ޔާމީނާއި އެއްފަދަ ކުރެވޭ ވަރުގެ ކެނޑިޑޭޓެއް އިދިކޮޅުން އެއްވެސް ބޭފުޅަކަށް ދެއްކިފައެއް ނުވެއެވެ. ބޭފުޅަކު ދައްކާކަށްވެސް ޕީޕީއެމް/ ޕީއެންސީން މަސައްކަތެއް ނުކުރެއެވެ. އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި 2023ގެ ޕީޕީއެމް/ ޕީއެންސީގެ ކެނޑިޑޭޓަކީ ރައީސް ޔާމީނެވެ. އެބޭފުޅުން މަސައްކަތްކުރައްވާނީ އެމަގުންކަމަށް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ. ރައީސް ޔާމިނުގެ މައްޗަށް މިހާރު އިއްވާފައި އޮތް ޖަލު ހުކުމަކާމެދު އެބޭފުޅުން ފިކުރެއް ނުކުރަށްވައެވެ. އަދި ކުރިއަށް އަންނާން އޮތް ހުކުމްތަކާމެދު ވެސް އެއްވެސް ވިސްނުމެއް ފިކުރެއް ނެތެވެ. މިހާރު އިދިކޮޅު ދެޕާޓީއަށް ދިމާވެފައި މިއޮތް ހާލަތަކީ 2018ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ދިމާވެފައި އޮތް ހާލަތެވެ. އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ދިމާވެފައި އޮތް ހާލަތެވެ.

ނަމަވެސް ފެންނަން އޮތް ހަޤީޤަތަކީ މިހާރު އޮތް ޤާނޫނުތަކުގެ ތެރެއިން ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ މުސްތަހީލްކަމެއްކަމެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން އޮތީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށްގެނެވެ. ނޫނީ ހުކުމް އިއްވާފައިވާ މީހަކަށްވެސް އިންތިޚާބުގައި ވާދަކުރެވޭގޮތަށް ޤާނޫނު ބަދަލުކުރުމެވެ. އެހެންކަމަށްވާނަމަ ފެންނަން އޮތީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުުރުމަށް އޮތް ފުރުޞަތުތައް ވަރަށް ބޮޑަށް ބަންދުވެ، ބަންދުވަމުންދާ މަންޒަރެވެ. އެހެންނޫނީ ޖެހޭނީ ސިޔާސީ ބޮޑު ޑީލެއް ހަދާށެވެ.

ކޮންމެއަކަސް ކަށަވަރުވާ އެއްކަމަކީ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ކެނޑިޑޭޓެއް ނެރޭނެކަމެވެ. އިދިކޮޅުން އިންތިޚާބު ބޮއިކަޓްކުރުމަކީ ދުރުކަމެކެވެ. އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ތާއީދުކުރުމަކީވެސް ދުުރުކަމެކެވެ. ޕީޕީއެމް/ޕީއެންސީން ކޮންމެވެސް މީހަކު އިންތިޚާބަށް ނެރޭނެއެވެ. ސުވާލަކީ ރައީސް ޔާމީނަށް އެފުރުސަތު ނެތް ނަމަ އެ ފުރުޞަތު ދެން ލިބިވަޑައިގަންނަވާނީ ކޮން ބޭފުޅަކަށްތޯ އުފެދޭ ސުވާލެވެ. އެސުވާލު އުފެދެނީ މިހާރުގެ ސަރުކާރުގެ މައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިދާކަށް ދުވަހު ދެއްކެވި ވާހަކަފުޅަކުންނެވެ. ރައީސް ނަޝީދު ވަނީ 2023 ގައި އެމްޑީޕީން ނުކުންނާނީ އެމަނިކުފާނުކަން ގާތްގަނޑަކަށް ކަށަވަރުކޮށްދީފައެވެ. އެމަނިކުފާނަށް އެކަން ޔަގީންވާ ދެސަބަބެއް އެބައޮތެވެ، އެއްސަބަބަކީ ޕާޓީގައި ޕްރައިމަރީއެއް ބާއްވައިގެން ރައީސް ނަޝީދު ވާދަކުރަށްވާނަމަ އެމަނިކުފާނަށް އޮތް ޔަގީންކަމެވެ. އަނެއް ސަބަބަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙު 2023 ގައި ވާދަކުރަށްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ކުރަށްވާފައި ނެތުމެވެ.

ކޮންމެގޮތަކަށް ވިޔަސް އިދިކޮޅުން އަންނަ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ނޫން އެހެން ކޮންމެ ބޭފުޅަކު ނެރުނަސް އެބޭފުޅަކު ވާންޖެހޭނީ ރައީސް ޔާމީންގެ "ބްލެސިންގ" ނުވަތަ ރުހުން ލިބިގެން އަންނަ ބޭފުޅަކަށެވެ. އެހާހިސާބުން އެބޭފުޅެއްގެ ހުރިޙާ ޝަރުތެއް ހަމަވީއެވެ. އެއީ ރައީސް ޔާމީން ކަންކަން ނިންމަވާނީ ވަރަށް ރަނގަޅަށް ވިސްނާފައިކަން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް އެނގޭތީއެވެ. އެކަން އެބޭފުޅުން ގަބޫލު ކުރާތީއެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ބޭނުންވާ ފަރާތަކަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ރައީސް ޔާމީންގެ ރުހުން އެކަމަށް ހޯދުމެވެ. ޕްރައިމަރީއެއް ބޭއްވިޔަސް މޮޅުވާނީ އެ މަނިކުފާނުގެ ރުހުން ލިބިގެން އަންނަ ފަރާތަކަށެވެ. އެއީ ޝައްކެއް ވަސްވާހެއްވެސް އޮތް ކަމެއްނޫނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތެރޭގައި ފާޅުގައި ރިޔާސީ ޓިކެޓް ހޯދަން އުޅޭ އެއްވެސް ބޭފުޅަކު ފާހަގައެއް ނުކުރެވެއެވެ. އެމަގަށް އުޅޭނެ ބޭފުޅަކު ނޫނީ ފާޅުގައި އެކަމަށް ނުކުންނަށް ކެރިވަޑައިގަންނަވާ ބޭފުޅަކު ނުވެސް ހުންނާނެއެވެ. ނަމަވެސް އެ ޓިކެޓް ލިބިއްޖެނަމަ ދޫކޮށްލާނީ ކާކު ހެއްޔެވެ؟ އެހެންކަމުން އެ ދަނޑިވަޅަކަށް އެ ޓިކެޓަށް އިދިކޮޅުގެ ގިނަ ބަޔަކު ތިބޭނީ ތައްޔާރުވެގެނެވެ. ކުރީބައިގައި ރައީސް ޔާމީންގެ ރުހުން ލިބިފައި އޮތުމުން އެމަސައްކަތް ފަސޭޙަވާނެތީއެވެ. މިފަހަރު އެންމެ އަގުބޮޑު އަދި އެންމެ ފަޚުރުވެރި ޓިކެޓަކަށް ވާނީ އެޓިކެޓެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ރައީސް ޔާމީން ނޫން ބޭފުޅަކުވާނަމަ، އެ ބޭފުޅަކަށް ވާނީ ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުކަމަށް ގިނަ ބަޔަކު ދަނީ ޤަބޫލުކުރަމުންުނެވެ. މުއިއްޒު އެކަމާއި ކިތަންމެ ދެކޮޅު ހެއްދެވިނަމަވެސް، މުއިއްޒަށް ޓިކެޓް ލިބިވަޑައިގެންފިނަމަ ދޫކޮށް ނުލައްވާނެކަން ޔަޤީނެވެ. އަނެއްކޮޅުން މުއިއްޒު މޭޔަރުކަމަށް ވަޑައިގަތީވެސް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އައްޔަންކުރަން ބާއްވާ ފެންވަރުގެ އިންތިޚާބެއް ކާމިޔާބުކޮށްގެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރައީސް ޔާމީނަށްފަހު ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ހުރި އެންމެ މަޤްބޫލް އަދި ސިޔާސީގޮތުން އެންމެ ވަރުގަދަ ލީޑަރަކީ ޑރ. މުއިއްޒުއޭ ދެންނެވުމަކުން އެއީ ދޮގަކަށް ނުވާނެއެވެ. އެބޭފުޅާގެ ކިބައިގައި އެކޮލިޓީ އެބަހުއްޓެވެ. އެސިފަތައް އެބަހުއްޓެވެ. ބަހާއި އަމަލުން މަސައްކަތުގެ ފެންވަރުވެސް ދައްކައިފިއެވެ. ސަރުކާރުގެ ވަޒީފާގެ ދައުރު ނިމުމުން ރާއްޖޭގެ އެންމެބޮޑު އިދިކޮޅު ޕާޓީގެ ނާއިބު ރައީސްކަމުގެ މަޤާމު އެ ދަނީ ފުރުއްވަމުންނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރަކީ މުއިއްޒެވެ. ސިޔާސީގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ޑރ. މުއިއްޒަކީ ހަރުދަނާ ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީންވެސް ބަލައިގަންނަ ބޭފުޅެއްކަން ވަރަށް ގިނަ ކަންކަމުން ހާމަވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ކާމިޔާބު ބިޔަ މަޝްރޫޢުތައް ކުރިއަށްދިޔައީ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. މީގެއިތުރުން އިއްޔެވެސް ވަނީ ރައީސް ޔާމީން މުއިއްޒު ބަލައިގަންނަ މިންވަރު ހާމަވާފަދަ ކަމެއް ފެނިގެން ގޮސްފައެވެ.

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު މަހާސިންތާއެއް ވަނީ ބާއްވާފައެވެ. އެ މަހާސިންތާގައި ބައިވެރިވުމުގެ ދައުވަތު ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ ރައީސް ޔާމީނަށް އަރުވާފައެވެ. ނަމަވެސް މިވަގުތު ކަންކަން ހުރި ގޮތުން ރައީސް ޔާމީނަށް އެ މަހާސިންތާގައި ބައިވެރިވެވަޑައިނުގެންނެވޭތީ، ރައީސް ޔާމީންގެ ފަރާތްޕުޅުން އެހެން ބޭފުޅަކު މަހާސިންތާގައި ބައިވެރިވާން ފުރުޞަތު ދެއްވިއެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ފުރުޞަތު ދެއްވީ ޑރ. މުހައްމަދު މުއިއްޒަށެވެ. މިއީ ކޮންފަދަ ރަނުގެ ފުރުސަތެއް ތޯއެވެ؟ ކޮންފަދަ އިއްތިފާގެއް ތޯއެވެ؟



ޗައިނާގެ ރައީސް ދެއްވި ދައުވަތެއްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންނެވުމުން ގިނަ މެސެޖުތަކެއް ފެތުރިގެން ދިޔައެވެ. މޭޔަރުކަމާއި ހަވާލުވެވަޑައިގަތްފަހުން މުއިއްޒު އުޅުއްވަނީ ވަރަށް އަވަދިނެތި މާލޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ބުރަ މަސައްކަތުގައެވެ. ސަރުކާރާއި ގުޅިގެން އެއްބާރު ލިބިގެން ކުރަން ރާވާ ކަންކަމާއި އެއްބާރު ނުލިބި ވަރަށް މުރަނަކޮށް ބިންދާލައިގެން ކުރަންޖެހޭ ކަންކަން ވެސް މުއިއްޒު އެގެންދަވަނީ ކުރަށްވަމުން ނުވަތަ ކުރަށްވަން ރާއްވަވަމުންނެވެ. ރައީސް ޔާމިން ވިދާޅުވާ ބީދައިން އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެ ކަމުގެ ފޮނި އުއްމީދުތައް ދެމުންނެވެ.

ކުރިން ދެންނެވި މަހާސިންތާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ބައިވެރިވާނެ ކިތަންމެ ބޭފުޅުންނެއްވެސް ތިއްބަވާނެއެވެ. ނަމަވެސް މުއިއްޒު ނޫން ބޭފުޅަކަށް އެ ފުރުޞަތު ރައީސް ޔާމީން ނުދެއްވާނީ ސަބަބުތަކެއްވެސް އޮތީމާއޭ ދެންނެވިދާނެއެވެ. އެއީ ރައްޔިތުންނަށް ދެއްވާ މެސެޖަކަށްވުމަކީވެސް އެކަށީގެންވާކަމެކެވެ. ކޮންމެއަކަސް އެނގޭ ހަޤީޤަތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނިންމާ ގޮތެއް ނިންމުމުގައި ޕީޕީއެމް/ ޕީއެންސީގެ ދައުރު ބޮޑުވާނެކަމެވެ. އެއީ މިދިޔަ ހުރިހާ ރިޔާސީ އިންތިޙާބެއްގައިވެސް އިދިކޮޅު ޕާޓީގެ ފަރާތުން ފެނުނު މަންޒަރެވެ. އަދި ޕީޕީއެމުން ވާދަކުރާ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ލިބިވަޑައިގަތުމުގެ ފުރުޞަތުވެސް ބޮޑުކަން އެއީ ގިނަ ބަޔަކު ޤަބޫލުކުރާކަމެކެވެ.

ކަންމިހެން އޮތް ނަމަވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އިދިކޮޅުން ބުނާ ބުނުމަށް ރައީސް ނަޝީދު މިވަނީ ވަރަށް ރަނގަޅު ފެހި ސިގުނަލެއް ވެސް ދެއްވާފައެވެ. އެކަމަކު އެއީ ޝަރުތަކާއި އެކުގައެވެ. ރައީސް ނަޝީދުގެ ޝަރުތަކީ ރައީސް ޔާމީން އެމަނިކުފާނާއެކު ބަރުލަމާނީ އިމްތިހާނަށް ވަޑައިގެންނެވުމަށް އެއްބަސްވެ ވަޑައިގެންނެވުމެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމު ގެނަސްގެން ބޮޑުވަޒީރު ކަމުގައި ހުންނެވުމަށެވެ. އޭރުން މުޅި ގައުމުގެ ރައްޔިތުންގެ އަޣުލަބިއްޔަތާއި ނުލައި ތަންކޮޅެއް ފަސޭހަ މަގަކުން ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ފަސޭހަކަން ލިބިވަޑައިގަންނަވާނެއެވެ. އެއީ ވަރަށް ކުރު ފަސޭހަ މަގެކެވެ. ބަރުލަމާނީ ނިޒާމުގައި ގައުމުގެ އެންމެ މަތީ ވެރިކަން ހޯއްދަވަން އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވާށެވެ. އެމަނިކުފާނުގެ ޕާޓީއަށް އެކަން ހާސިލު ނުވެއްޖެނަމަ ދެން ޖެހޭނީ އެހެން ޕާޓީތަކުގެ ރުހުމާއެކު ގޮނޑިކޮއްކޮ ސަރުކާރެއް އެކުލަވާލައްވާށެވެ. އޭރުން ވެސް ޕާޓީގެ މެޖޯރިޓީއާއެކު ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެކަން އެމަނިކުފާނަށް ޔަގީންވަނީއެވެ.

ރައީސް ޔާމީންގެ ތާއީދާއެކު ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލެވިއްޖެނަމަ އެފުރުސަތު އެންމެ ބޮޑީ ރައީސް ނަޝީދަށް ކަމުގައި އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވެނީއެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގެ ނަތީޖާއަށް ބަލައިފިނަމަ ބަރުލަމާނީއަކަށް ގޮސްގެން ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ޔަގީންވެއެވެ. އެކަމަކު އޭރު އެކަން ހާސިލުވިއިރު އޮތް ގޮތާއި ހާލަތާއި މިހާރު ނުވަތަ ދެން އެއިންތިޚާބަށް ދާއިރު އޮންނަ މާހައުލު ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ގަބޫލުކުރެވޭތީ ރައީސް ނަޝީދު މިހާރު އެޖައްސަވާ ހިސާބު ދިމާނުވެ، ކަންކަން އިދިކޮޅަށް ފުރޮޅިގެން ދިއުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙަސަނު

09-Jul-2021

ޥަރަށް މޮޅު ލިޔުމެއް ވަރަށް މޮޅު ދިރާސާ އެއް



ޓްރެންޑިން