ދިވެހި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ލޯނުނަގައިގެން ހިންގާ މަޝްރޫޢުތައް ދިވެހި ދައުލަތުން ހާމަ ނުކުރަނީސް ރާއްޖޭގައި ހުންނަ އިނޑިއާ އެމްބަސީއިން ހާމަ ކުރާކަމީ ހަގީގަތުގައިވެސް ވަރަށް ކަންބޮޑުވާން ޖެހޭ ކަމަކެވެ. ސަބަބަކީ މިހާރު އިންޑިއާގެ އެމްބަސީއަކީ ދިވެހި ދައުލަތުގެ މުއައްސަސާއަކަށް ވެއްޖެކަމުގެ އިހުސާސްވުމެވެ. ނުވަތަ ރާއްޖެއަކީ މިހާރު އިންޑިއާގެ ސްޓޭޓަކަށް ވެއްޖެ ކަމުގެ އިޙްސާސް ވުމެވެ. މިހާރު އުފެދޭ ސުވާލަކީ މިއީ އިންޑިއާގެ ސްޓޭޓެއްތޯ އުފެދޭ ސުވާލެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިން 11 ޖުލައި 2021 ވަނަ ދުވަހު ވަނީ އައްޑޫ ގަމުގެ އެއަރޕޯޓު ރީޖަނަލް ހަބަކަށް ހަދާނެ ކަމަށް، ދިވެހި ބަހުން ހަދާފައިވާ ޕޯސްޓަކާއި އެކު ރަސްމީ ސިފައެއްގައި އެމީހުންގެ ޓްވިޓަރގައި އިޢުލާން ކޮށްފައެވެ. ނަމަވެސް އެއީ އިންޑިއާގެ ޚަރަދުގައި ހިންގާ މަޝްރޫއެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ޓެކްސްފައިސާއިން ދަރަނީގެ ގޮތުގައި އިންޑިއާއަށް އަނބުރާ ދައްކާ ގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ.

ރާއްޖޭގައި އިންޑިއާސަރުކާރުން ހިލޭ އެހީއަށް ކަމެއް ކޮށްދޭނަމަ އިންޑިއާ އެމްބަސީއިން އެކަން އިޢުލާން ކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ނަމަވެސް ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫޢުގެ ވާހަކަ ދައްކާ އެކަންތައް އިޢުލާން ކުރުމުގެ ބާރު އިންޑިއާގެ އެމްބަސީއަށް ލިބުނީ ކޮން ދުވަހަކު ތޯއެވެ؟ މިއީ ހަގީގަތުގައިވެސް ވަރަށް ނުރައްކާތެރި އަދި ބިރުވެރި ސިގްނަލް ތަކެވެ. މިފަދަ ގިނަ ކަންތައްތައް އިންޑިއާ ހައިކޮމިޝަނުން އަންނަނީ ހާމަކޮށް އިޢުލާން ކުރަމުންނެވެ. މިއީ ދިވެހިން ނިހާޔަތަށް ވިސްނަންޖެހޭ ކަމަކެވެ.

މި މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދޫކުރުމަށް ހަމަޖެހިފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިންޑިއާ އަކުން މިކަމަށް ހިލޭ ފައިސާ ފޮށްޗެއްވެސް ނުދެއެވެ. ބޭންކުން އާއްމު ފަރުދަކު ލޯނުނަގައިގެން ކަމެއް ކުރިނަމަވެސް ބޭންކުން އެކަމެއްގެ ވާހަކަ އާއްމުކޮށް އިޢުލާ ނުކުރައެވެ. ސަބަބަކީ ބޭންކުން އަކަމަށް ފަންޑު ކުރިނަމަވެސް އެއީ ބޭންކާބެހޭ ކަމެއް ނޫނެވެ. އިންޑިއާއިންވެސް ދިވެހި ސަރުކާރަށް މިކްރެޑިޓް ލައިން ދޫކުރުނީ އިންޓްރެސްޓާއެކު އަނބުރާ އިންޑިއާއަށް ދައްކާ ގޮތަށެވެ.

ދިވެހިންގެ ގިނަ މީހުން މިހާރު ގަބޫލު ކުރަނީ މިހާރު މިކުރާކަމަކީ މިފަދަ ބައެއް މަޝްރޫޢުތަކަށް ދިވެހިންގެ ނަމުގައި ލޯނުނަގައިގެން ވަކި ވަރަކަށް ޚަރަދުކޮށް އަދި އެތަންތަން ވަކިބަޔަކަށް ފައިދާ ވާގޮތަށް ދިގުމުއްދަތައް ކުއްޔަށް ނެގުމެވެ. އޭރަށް ދިވެހިންގެ ފައިސާއިން ތަންހެދި އަދި ލިބޭފައިދާވެސް ލިބިގެން ދާނީ އެނަގާ ބަޔަކަށް ތާއެވެ. މިކަމަށް އަމާޒުކޮށް މިކުރާ މަސައްކަތައް ދިވެހިން ލޯހުޅުވަން އެބަޖެހެއެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި ދިވެހި ސަރުކާރަށް މިހާރު އިންޑިއާބުނާ ކޮންމެ ކަމެއް ކުރަން މަޖުބޫރެވެ. ސަބަބެއްކަމަށް އިދިކޮޅު ސިޔާސީ މީހުން ބުނަނީ ސަރުކާރު ގެންނަން ހުރިހާ ޚަރަދެއް ކޮށްފައިވަނީ އިންޑިއާކަމަށެވެ. ނަމަވެސް މިއީ ތޯތޯ ވާހަކައެކެވެ. އެހެނަސް ކަންހިނގަމުން މިދާ ބީދައަށް ނަޒަރު ހިންގާލާއިރު މިހާރު އެކަން އެއީ ތެދުކަމަށް ގަބޫލުކުރާ ހިސާބަށް ހިނގައްޖެއޭވެސް ބުނެވިދާނެއެވެ. އެހެން ނޫންނަމަ ރަސްމީކޮށް މިއީ އިންޑިއާގެ ސްޓޭޓެއް ކަމަށް އިޢުލާން ނުކުރިއަސް މިއީ ހަމަ އިންޑިއާގެ ސްޓޭޓެއްގެ ސިފަ އެބަ ކުރެވެއެވެ.

އެގޮތަށް ކަންތައްތައް ކުރުމަށް ދިވެހި ސަރުކާރުން ފުރުސަތު ދިންނަމަވެސް ދިވެހި އާއްމު ރައްޔިތު މީހާ ކުރާނެ ކަމެއް ނެތެވެ. ކަން އޮތީ އެބީދައިން ކަމަށްވާނަމަ އޮޅުވާނުލާ ދިވެހިންނަށް އެކަން އޮޅުންފިލުވައި ދެއްވާށެވެ. ދިވެހިންނަށްވެސް މިވެގެން އުޅޭގޮތް އެނގެންޖެހޭ ކަމަށް ގަބޫލުކުރާ އެތައް ދިވެހިންނެއް އެބަތިއްބެވެ. އޮޅުވާލާ މަކަރުވެރި ގޮތަކަށް ކަންތައް ކުރުމުގެ ބޭނުމެއް ނެތްކަމަށް މިހާރު ދިވެހިން ބުނަމުން އަންނަ އަޑު ވަރަށް ގަދަ އެބަވެއެވެ.

އައްޑުއަކީ އިންޑިއާއަށް ވަރަށް މުހިއްމު ސަރަހައްދެކެވެ. އައްޑޫގެ ތަރައްގީއަށް އިންޑިއާއިން މާލީ ބޮޑެތި ލޯނުތައް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ހެދުމަށް އިންޑިއާއިން ވަނީ ނިންމައިފައެވެ. މިއީ ފަހަރުގައި މިނަގާ ލޯނު އެހީގެ ކޮންޕަންސޭޓް ކަމަށް ވުން އެކަށީގެން ވެއެވެ. ކޮންސުލޭޓުގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމަށް އިންޑިއާއިން ބުނި ކަމުގައިވިޔަސްވެސް ދެކުނުގައި މިހާރު ވަނީ އިންޑިއާގެ އިންވޯލްވްމަންޓް ބޮޑުވަމުން އަންނާތީ އެކަމާއި ދެކޮޅު ހަރަކާތެއް ފަށާފައެވެ. އެހަރަކާތުގެ ނަމަކީ "ސޭވް އައްޑޫ" އެވެ.


ކިޔުންތެރިންގެ ހިޔާލު


11

ނުރަބޯ

16-Jul-2021

އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ !!!



ޓްރެންޑިން