ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކު
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކު
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއާއި، މަނީ ލޯންޑަރިންގ ކުށުގެ ދައުވާއާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލުކުރުމަށްފަހު، ނިހާނުގެ ވަކީލުންގެ އެދުމަށް އަޑުއެހުން މިއަދު ވަނީ ކެންސަލް ކޮށްފައެވެ. މިއީ ނިހާނުގެ ޝަރީޢަތް ވިދިވިދިގެން ކެންސަލްކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ނިހާންގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފައެވެ.

ނިހާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙުޤީޤު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. އެގޮތުން ނިހާން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދިފައިވާ ކަމަށާއި އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާތީ، އޭނާ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ޕީޖީން ވަނީ އެދިފައެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި، އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި، އަދީބު މެދުވެރިވެގެން -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑެންސުން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާވެސް ޕީޖީން އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާއާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ހަމައެއާއެކު މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި -/650،000 (ހަ ސަތޭކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާއާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވެސް އުފުލާފައިވެއެވެ.

ނިހާނަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރެވެ. ނަމަވެސް ވެެރިކަން ބަދަލުވި ފަހުން ނިހާން ވަނީ ޕީޕީއެމުން ވަކިވެ، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ 282 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ހާމަކޮށްފައެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން 119 މީހުންނަކީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައިވެއެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން މިހާތަނަށް 4 ފަރާތަކަށް ވަނީ ޙުކުމް ކޮށްފައެވެ. އެގޮތުން މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި ދެބޭފުޅުންވެސް މިވަގުތު ޙުކުމް ތަންފީޒު ކުރަމުން ދަނީ ގޭގައެވެ.

އަދި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްގީކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދައްކާފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަަރު މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ޖަމާކުރުމުން އެ ފައިސާއިން މުޢާމަލާތް ކުރި މައްސަލާގައި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ޙުކުމް ކުރިއެވެ. ޙާމިދު ވަނީ މިހާރު އެ ޙުކުމް ތަންފީޛުކޮށް ނިންމާފައެވެ.

މީގެ އިތުރުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން