ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތީގޮތުން މެދުކަނޑާލާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިޢުލާނުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ގޭގައި ތިއްބަވާ ތިއްބެވުމަކީ ޗުއްޓީއެއް ނޫންކަމަށެވެ.

އެމަނިކުފާން ވިދާޅުވީ މަޖިލީހުގެ ޒިންމާ މަޖިލީހުން ފުރިހަމައަށް އަދާކުރަމުން ގެންދާނެ ކަމަށާއި ކޯވިޑް-19 ފެތުރޭ މި ހައްސާސް ވަގުތުގައި "މަޖިލިސް ބަންދު ނުކުރެވޭނެ" ކަމަށެވެ. މަޖިލީހުގެ މުވައްޒަފުން ވެސް ދެން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިމަޖިލިސް އަށް ކޮންމެ ގަޑިއެއްގައިވެސް ދަންނަވާން ޖެހިދާނެ. އެހެންވީމާ މަޖިލިސްއަށް ތިޔަ ބޭފުޅުންނަށް ދެންނެވީމާ، ޢިއްޒަތްތެރި މެމްބަރުންނަށް ދެންނެވީމާ، އެ ދަންނަވާ ގަޑިއެއްގައި އެ ދަންނަވާ ދުވަހެއްގައި މަޖިލީހަށް އެއްވެވޭ ގޮތަކަށް ތިއްބެވުމަކީ ބޭނުންތެރިކަމެއް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މި ނިންމެވުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ސަލީމް ވަނީ ތާޢީދު ކުރައްވައިފައެވެ. ޕީޕީއެމްގެ މެމްބަރު ސަލީމް ވިދާޅުވީ ސަރުކާރުން އެއް ހަފްތާއަށް ބަންދުކޮށްލުމުން، ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން އެ ދުވަސްވަރު މަޖިލީސް ވެސް ބަންދުކޮށްލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުން އަޅާފިޔަވަޅު ތަކާއި ދެކޮޅަށް މަސައްކަތްކުރާ ބަޔަކަށް މަޖިލިސް ވެގެން ނުވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 19 މާރޗް އިން ފެށިގެން 26 މާރޗް ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން