ސަރުކާރު ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ.

މިކަން އަންގާ ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ސަރުކާރު ބަންދު ކުރުމުގެ މައިގަނޑު އެއް ބޭނުމަކީ އިޖުތިމާޢީ ގުޅުންތަކުން އެކަހެރިކުރުމަށް ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި ކަމަށެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދާތީ އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވީނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށްވެސް ރައީސް އޮފީހުގެ ދެންނެވުމުން ދައުލަތުގެ މުއައްސަސާތަކަށް އަންގާފައި ވެއެވެ.

މެދުނުކެނޑި ފޯރުކޮށްދޭ އިޖުތިމާޢީ ޚިދުމަތްތައް:-

- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛

- ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛

- ބްރޯޑްކާސްޓިންގގެ ޚިދުމަތް؛

- ފޯނާއި އިންޓަރނެޓްގެ ޚިދުމަތް؛

- ބޭންކުތަކުން ދޭ ޚިދުމަތް؛

- ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛

- ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛

- ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛

- ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛

- ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛

- ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛

- ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛

- އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛

- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛

- ޖަލުތަކުގެ ޚިދުމަތް؛

- ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކާލުމުގެ ޚިދުމަތް؛

- މޫސުމާބެހޭ ޚިދުމަތް.

މި ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރޭ މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނުކުރައްވާފައިވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުމަށްވެސް ރައީސް އޮފީހުގެ ދެންނެވުގައި ވަނީ އަންގާފައެވެ.

ސަރުކާރު ބަންދު މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް މި ދެންނެވުމުގައި އަންގަވާފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އަޅާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން ގެންދިއުމަށްވެސް ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން އަންގާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން