މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމި ނިންމުމަށް ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ ޢިލްމުވެރިން ތާއީދު ކުރައްވައިފިއެވެ.

ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދު ޖަމާޢަތުގައި ކުރުން ވަގުތީ ގޮތުން ހުއްޓާ ލުމަށް މިނިސްޓްރީން މިއަދު ވަނީ ނިންމާފައެވެ.

މިނިސްޓްރީ ގެ މި ނިންމުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ޝައިޚް އިލްޔާސް ހުސައިން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން އެޅުއްވި ފިޔަވަޅަކީ ޝަރުޢީ ހަމަތަކާއި އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށެވެ. އަދި މި ނިންމެވުން އިސްލާމިކް މިނިސްޓަރ ނިންމަވާފައިވަނީ ދީނީ ޢިލްމުވެރިންގެ މަޝްވަރާގެ މަތިން ކަމަށްވެސް ޝައިޚް އިލްޔާސް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝައިޚް އިލްޔާސްގެ މި ޓްވީޓްގައި އެންމެހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވަނީ، އިސްލާމިކް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރެއްވުމަށެވެ.

ސަރުކާރުން ނިންމަވާފައިވަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މާރޗް މަހުގެ 28 ވަނަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ފަރްޟު ފަސް ނަމާދާއި، ހުކުރު ނަމާދު ނުކުރުމަށެވެ. އިސްލާމިކް މިނިސްޓްރީގެ މިނިންމުމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުހަންމަދު ޝަހީމު ޢަލީ ސަޢީދު ވެސް ވަނީ ތާޢީދު ކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމުމާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ބަންގީގައި ގޭގައި ނަމާދު ކުރުމަށް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން