ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ވުމަށް އަންގާ އެންގުމާ ޚިލާފްވާ ފަރާތްތައް ޖޫރިމަނާކޮށް ރާއްޖޭން ބޭރުން އަންނަ ދިވެހިން އެކަހެރި ކުރުމަށް ސަރުކާރުން ނިންމަފިއެވެ.

ކަރަންޓީން ވުމަށް އަންގާ އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ މީހުން ޖޫރިމަނާކޮށް، އެ މީހެއްގެ މައުލޫމާތު އާންމުކުރުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް ނެރުއްވި އިއުލާނެއްގައިވަނީ ބަޔަކު ކަރަންޓީންކުރުމަށް ނުވަތަ އެކަހެރިކުރުމަށް އަންގަނީ މުޅި މުޖްތަމަޢުގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެހެންކަމުން އެފަދަ އެންގުމާ ޚިލާފްވާ ފަރާތްތައް އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން އެ މީހެއްގެ މައުލޫމާތު އާންމުކުރާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން ރާއްޖެ އަށް ބޭރު ޤައުމުތަކުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރި ކުރުމަށާއި އެމެރިކާ އިން އަންނަ ދިވެހިން އެ މުއްދަތަށް ކަރަންޓީން ކުރަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ވަނީ ނިންމަވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ހޯމް އައިސޮލޭޝަން އަށް ދާން އަންގާ މީހުން އެ އެންގުމާ ހިލާފުވާނަމަ، 1676 އަށް ގުޅައި އެކަން ރިޕޯޓުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. މީގެ ކުރިން އައްޑޫގެ ރިސޯޓެއްގެ މުވައްޒަފަކު ފަތާފައި ސ. މީދޫއަށް އެރުމުން އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން މިހާރު ވަނީ އިތުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން