ކުރެއްދޫ ރިޒޯޓުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހާގެ ގައިގާ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރިކަން ކުރެއްދޫ ރިޒޯޓްގެ މެނޭޖްމަންޓާއި، ޑޮކްޓަރަށްވެސް އެނގޭ ކަމަށް ތަޙުޤީޤަށް ޤަބޫލު ކުރެވޭކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަރާތްތައް ފާހަގަކުރެވުނު ކުރެއްދޫ ރިޒޯޓުގައި އިޓަލީ ފަތުރުވެރިޔާ ހުރި ދުވަސްވަރު އޭނާގެ ކިބައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ފަތުރުވެރިޔާ އަކީ މެޑިކަލް ހިސްޓްރީއެއް އޮތް މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ފަތުރުވެރިޔާ ވަނީ ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް އިންކާރު ކޮށްފައިކަމަށް ރިޔާޟް ވިދާޅުވިއެވެ.

އިޓަލީ ފަތުރުވެރިޔާގެ މަޢުލޫމާތު ކޯވިޑް-19 ހޮޓްލައިނަށް ގުޅާ ހިއްސާކުރުމަށް ކުރެއްދޫ ރިޒޯޓްގެ މެނޭޖްމަންޓުން ފުރަތަމަ ދެކޮޅު ހަދާފައިވާ ކަމަށާއި، އެހެން ނަމަވެސް ފަހުން ޑޮކްޓަރ ގުޅުމަށްފަހު ރިޕޯޓިން ޕްރޮސެސްއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ސާފުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފަތުރުވެރިޔާ ފުރަން އެއަރޕޯޓްގޮސް ހުއްޓާ ދެ ފަހަރަށް ހޭނެތުނު ކަމަށާއި، އެހެންކަމުން ބޯޓުގެ ކެޕްޓަން އެ ފަތުރުވެރިޔާ ގޮވައިގެން ދަތުރުކުރަން ދެކޮޅުހެދުމުން އޭނާ ބޯޓުން ބޭލީ ކަމަށްވެސް ފުލުން ހާމަކުރެއްވިއެވެ.

ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި އިތުރަށް ވިދާޅުވީ އިޓަލީ ފަތުރުވެރިޔާ އަމިއްލަ އަށް ގުޅުމަށްފަހު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވީކަން އަންގާފައިނުވާކަމަށެވެ. ނަމަވެސް އެކަން އެނގިފައިވަނީ އޭނާ ފުރައިގެން ދިޔަ ފަހުންވެސް ކުރެއްދޫ ރިޒޯޓްގެ ފަރާތުން އޭނާއަށް ގުޅާ އޭނާގެ ސިއްޙީ މަޢުލޫމާތު ސާފުކުރުމުގެ ތެރެއިން ކަމަށެވެ. އަދި މިކަމުގައި ސިއްރުކުރުމުގެ ނިޔަތުގައި ރިސޯޓުން ކަންތައްތަކެއް ކުރިކަން މުޅިން އެނގޭނީ ތަހުގީގު ނިމުނީމާ ކަމަށް ރިޔާޟް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން