މިއަހަރުގެ އޭލެވެލް އިމްތިޙާނާއި، ޖީސީއެސްއީ އިމްތިޙާން ނުބާއްވާގޮތަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ތައުލީމު ފޯރުކޮށްދޭ ތަންތަން ހުކުރު ދުވަހުން ފެށިގެން ބަންދުކޮށް، ބައެއް ސަރަހައްދުތަކުގައި އެޑްވާންސްޑް ލެވެލް (އޭ-އެލެވެލް) އިމްތިހާނާ ޖެނެރަލް ސެޓްފިކެޓް އޮފް ސެކަންޑަރީ އެޑިއުކޭޝަން (ޖީސީއެސްއީ) އިމްތިހާނު ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން އެޤައުމުން ވަނީ 8 މިލިއަނެއްހާ ދަރިވަރުންގެ ކިޔެވުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. މިއީ ކޯވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ. ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާ، އިމްތިހާނުތައް ފަސްކުރި ކަމުގައިވީ ނަމަވެސް، ދަރިވަރުންނަށް ހައްގުވާ ސަނަދުތައް އެ ދަރިވަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް އިނގިރޭސިވިލާތުގެ ތައުލީމާ ބެހޭ ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ 2626 މީހަކު އިނގިރޭސިވިލާތުން ފެނިފައިވާއިރު، 104 މީހަކުވަނީ މިބަލީގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްފައެވެ.

ރާއްޖެވެސް ހިމެނޭގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދަމުންދާ އިނގިރޭސިވިލާތުގެ ކޭމްބްރިޖް، އޭ-ލެވެލް އަދި ޖީސީއެސްއީ އިމްތިހާނުތައް އިނގިރޭސިވިލާތުގައި މިއަހަރު ކުރިއަށް ނުގެންދާން ނިންމާފައިވަނީ، އެގައުމުގެ ތައުލީމީ އިދާރާތަކުގެ އިސްވެރިން އެކަމަށް ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިނގިރޭސިވިލާތުން އިމްތިހާނުތައް ކެންސަލްކޮށްފައިވާއިރު ރާއްޖެއިން މިކަމުގައި ޢަމަލުކުރާނެ ވަކި ގޮތެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން