ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ޓެލެގްރާމްގައި ބަރަހަނާ ނެޓްވޯކް ހިންގާ މަސާއިދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ޓެލެގްރާމްގައި މީހުންގެ ޒާތީ މައުލޫމާތާއި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާއްމުކުރުމުގެ މައްސަލައިގައި ހައްޔަރުކުރި މއ.އިސްޕަންޖުގެ މުހައްމަދު މަސާއިދު ބިން ސަމީއުގެ ބަންދާއިމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ. ދަޢުލަތުން މިހާރުވަނީ މަސާއިދުގެ މައްޗަށް 11 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 3 ދަޢުވާއަކާއި، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 3 ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

މީގެ އިތުރުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަކާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާއެއްގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

ސައިބަރ ކްރައިމްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ، މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، ގެ ބަންދު އަމުރުގައި ވަނީ، އޭނާގެ އޮފީހުގައި އޮތް ދެ ޓީބީގެ ހާޑް ޑްރައިވަކުން މިލިއަނެއްހާ ފޮޓޯ އާއި ޕާސަނަލް ފައިލް ފެނިފައިވާ ކަމަށެވެ. އޭނާ ބަންދު ކޮށްފައިވަނީ މީހެއްގެ ފޯނެއް ހެކްކޮށް އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ލީކްކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ފުލުހުން ވަނީ މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އޭނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާޑް ޑްރައިވް ތަހުލީލުކުރުމުން 1 މިލިއަނަށްވުރެއް ގިނަ ފޮޓޯއާއި ފާސަނަލް ފައިލްސް ފެނިފައިވާކަމަށާއި, އޭނާގެ އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު 2 ހާޑް ޑްރައިވް އަދި އޭނާގެ ގެއިން 7 ހާޑްޑްރައިވް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ބޭއްވި ބަންދު މަޖިލީހުގައި މަސާއިދުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ. ނަމަވެސް މި މައްސަލައަކީ ގިނަ އަދަދެއްގެ ވިކްޓިމުން ހިމެނޭ މައްސަލައެއް ކަމަށް ވާތީ ޕީޖީން ވެސް ވަނީ ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން