ދިރިއުޅުމުގެ ހަރުފަތްތައް ކަޑައްތު ކުރުމަކީ މާފަސޭހަ ކަމެއް ނޫނެވެ. އެޅޭ ހަނި ގޯޅިއަކުން ޓްރެފިކް ގައި ޖެހި ދިރިއުޅުމަށް އެކި ލޮޅުންތައް އަރާފަހަރުވެސް މަދެއް ނޫނެވެ.

ދިރިއުޅުމުގެ އުސް ރާޅުތަކުގެ ތެރޭގައި ފަތަމުންދާއިރު ދެލޯބިވެރިންގެ ދެމެދުގައި ކުރެވެމުންދާ އިހުސާސްތައް ފަނޑުވެގެން ގޮސް، ވަކިވާން ނިންމާ ނިންމުމަކީ މިހާރަކަށް އައިސް އާންމުކޮށް ފެންނަ ކަންތައްތަކެވެ. ދިރިއުޅުމުގެ މިފަދަ ހަނގުރާމައަކާ ކުރިމަތިލަމުންދާނަމަ، ދިރިއުޅުމުގެ ދަތުރުގައި ކަނޑުގަދަ ބިޔަރާޅުތަކާވެސް ކުރިމަތި ލާންޖެހޭނެކަންވެސް ގަބޫލު ކުރަންވާނެއެވެ.

އަދި ކިތަންމެ ކަނޑު ގަދައަސް، މަންޒިލާ ހަމައަށް ވާސިލް ވެވޭ ފަދައިން، ދެލޯބިވެރިންގެ މެދުގައި ވެސް މަސްލަހަތު ރަނގަޅުކޮށް، ފަނޑުވަމުންދިޔަ ގުޅުމަށް އޮތް ލޯބީގެ ކުލަތައް ގަދަ ކުރެވޭނެކަންވެސް ގަބޫލުކުރަންވާނެއެވެ.

ދެލޯބިވެރިންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވަމުންދާކަން ފުރަތަމަ ދެނެގަންނާނީ ކިހިނެއް؟

- އާންމުކޮށް ލޯބިން ވާހަކަ ދައްކާލާ، އާންމު ދިރިއުޅުމުގެ ކަންކަން ހިއްސާކޮށް ހެދުން މަދުވުން.

- ބައިވެރިޔާއަށް އަޅާލުން ކުޑަވެ، ބައިވެރިޔާ ކުރިމަތީގައި މިޒާޖު ބަދަލުވުން.

- ބައިވެރިޔާއަށް ވަގުތު ދިނުން ކުޑަވުން.

- އަދި ބައިވެރިޔާގެ ދިިރިއުޅުމުގެ ކަންކަން ދެނެގަތުމުގައި ޝައުގުވެރިކަން ކުޑަވުން.

މިއީ ދެލޯބިވެރިންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވަމުންދާކަން ދެނެގަންނާނެ ބައެއް ނިޝާން ތަކެވެ.

މިފަދަ ކަމެއް ފާހަގަވެއްޖެނަމަ ދެން ހަދާނީ ކިހިނެއް؟

ހިތްވަރު އެލުވާ ނުލާށެވެ. ދިރިއުޅުމުގައި ހަނގުރާމަ އަކާ ކުރިމަތިލަމުންދާ ވަގުތުވެސް ބައިވެރިޔާއަށް އޮތް ލޯބި ފަނޑުވިޔަނުދީ، ގުޅުން ބަދަހި ކުރެވޭނެއެވެ. ފުރަތަމަ މުހިންމީ ދެމީހުންވެސް ބޭނުންވަނީ ގުޅުން ބަދަހި ކުރަންތޯ ނޫނީ ވަކިވުންތޯ ޔަގީން ކުރުމެވެ.

ދެވަނަ ކަމަކަށް ދެމީހުންގެ ގުޅުމަށް ބުރޫއެރި ހިސާބު ފާހަގަކޮށް، އޭގެ ކުރިން ލޯބިން ކުރަމުންދިޔަ ކަންކަމުގެ ހަނދާންތައް އާލާކުރާށެވެ. އެގޮތުން ލޯބިން އެކުގައި ހިނގާލަން ދިއުމާއި، ދުއްވާލަން ދިއުމާއި، ކާލަން ދިއުމާއި، އެކަކު އަނެކަކަށް ހަދިޔާ ބަދުލު ކުރުން ފަދަ ކަންކަން ކުރުން ގިނަ ކުރާށެވެ.

ދެން ބައިވެރިޔާ ދެކެ ފުރަތަމަ ވީ ލޯބީގެ މަތިން ހަނދާން ކުރާށެވެ. އޭރު ބައިވެރިޔާގެ ފަރާތުން ކަމުދިޔަ ކަންތައްތައް ފާހަގަ ކުރާށެވެ. އެކުގައި ސަމާސާކޮށް ހޭދަކުރި އުފާވެރި ދުވަސްތަކުގެ މަތިން އަލުން ހަނދާން ކުރާށެވެ.

ބައިވެރިޔާ ގަޔާވާ އަދި ކުރާހިތްވާ ކަންކަމުގައި ގިނަގިނައިން އެއްބާރުލުން ދޭށެވެ. މިއީވެސް ލޯބި އިތުރުވެ އަޅާލުން އިތުރުވާނެ ކަމެކެވެ.

އަދި ދެމީހުން އެކަކު އަނެކަކަށް ކޮށްދޭ ކަންކަމުގައި ޝުކުރުވެރިވާން ހަނދާން ނައްތާނުލާށެވެ. ކޮށްލެވޭ މިކަހަލަ ކިތަންމެ ކުޑަކަމަކުންވެސް ގާތްކަމާއި އަޅާލުން އިހުސާސްކޮށްދޭނެއެވެ.

ކުރެވޭ އިހުސާސްތައް އެކަކު އަނެކަކާ ހިއްސާކޮށް، މުއާމަލާތް ކުރުން ގިނަކުރާށެވެ. ބައިވެރިޔާއަށް ތެދުވެރިވެ، އިތުބާރު ކޮށް، ކަންކަން ހިއްސާކޮށް، ވާހަކަ ދައްކައި އެކި ކަންކަމާމެދު މަޝްވަރާކޮށް ހެދުމަކީވެސް ގުޅުން އިތުރަށް ބަދަހި ވާނެކަމެކެވެ.

މިއިން އެއްވެސް ކަމަކުން ކުރިނާރައިފިނަމަ، ގެނބެމުން ދިޔަ ދިރިއުޅުން ސަލާމަތް ކުރުމަށް ކަޕްލްސް ތެރަޕީ ނުވަތަ ކައުންސެލިންގ ފަދަ އެހީތެރިކަން ހޯދުމަކީ ފައިދާ ކުރާނެ ކަމެކެވެ. ނަމަވެސް ދެލޯބިވެރިންގެ ތެރެއިން ދެމީހުންވެސް ނުވަތަ އެކަކު ބޭނުންވަނީ ވަކިވުން ކަމުގައި ޔަގީން ވެއްޖެނަމަ، އެފުރުސަތު ދީ ބައިވެރިޔާ މިނިވަންކޮށްދިނުމަކީވެސް ގޯސް އިހުތިޔާރެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން