ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހަދައިގެން ދައުލަތަށް ލިބެން އޮތް 50 މިލިއަން ޑޮލަރު ދޫކޮށްލުމަކީ ހެލްތު މިިނިސްޓްރީން ހިންގި ބޮޑު "ޖަރީމާ" އެއް ކަމަށް އިނަރ މޯލްޑިވިސްގެ ވެރިޔާ މުހަންމަދު ފިރާގް ވިދާޅުވެއްޖެއެެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 960،000 އިން މައްޗަށް އަރާފައެެވެ. ރާއްޖެެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ޕީސީއާރު ޓެސްޓް ހަދަންޖެހޭއިރު، ސަރުކާރުން ވަނީ ޕީސީއާރު ޓެސްޓް ހެދުން އަމިއްލަ ކްލިނިކްތަކަށް ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން އިނަރ މޯލްޑިވިސްގެ ވެރިޔާ މުހަންމަދު ފިރާގް ވިދާޅުވީ، ރާއްޖެއަށް މިހާތަނަށް އެއް މިލިއަނާއި ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފަައިވާއިރު، އެ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ސަރުކާރު ހޮސްޕިޓަލު ތަކުން ހެދިނަމަ ދައުލަތަށް 50 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އަދި ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭގޮތަށް ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދުމުގެ ބަދަލުގައި އަމިއްލަ ތަންތަނަށް ޕީސީއާރު ޓެސްޓް ހަދަން ދޫކޮށްލުމަކީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ އާއި "ކަޓު" ލިބޭގޮތަށް ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާ އެއް ކަމަށް ފިރާގު ވިދާޅުވިއެވެ. ފިރާގު ވަނީ އެކަން އެގޮތަށް ކުރީ ސަރުކާރު މާ މުއްސަނދި ވެގެންތޯ ވެސް ސުވާލު ކުރައްވާފައެެވެ.



"މިލިއަނަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިއިރު ސަރުކާރު ހޮސްޕިޓަލުތަކުން ކިތައް ޓޫރިސްޓުން ޕީސީއާރު ޓެސްޓް ހެދިބާ؟ މައުލޫމާތު ލިބޭގޮތުގައި 1 ޕަސެންޓްގެ ޕީސީއާރު ޓެސްޓްވެސް ނަހަދާ ކަމަށްވަނީ (ސަރުކާރު ހޮށްޕިޓަލް ތަކުން)، އެއީ ކީއްވެބާ؟ ސަރުކާރު މާ މުއްސަނދީތޯ؟" ފިރާގު ސުވާލު ކުރެއްވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ ޕީސީއާރް ޓެސްޓް ހަދައިގެން ޚަރަދަށް ކެނޑުމަށް ފަހު 25 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލި ނަމަވެސް އެފައިސާއިން 150 އެމްބިއުލާންސާއި 50 ސީ އެމްބިއުލާންސް ގަނެވޭނެ ކަމަށެވެ.

"ބަލަމާ ހިނގާ ޚަރަދު ކަނޑާފަ 25 މިލިއަން ޑޮލަރު ލިބޭނެ ކަމަށް. 150 އެންބިއުލާންސްއާއި 50 ސީ އެމްބިއުލާންސާ ދެ ސީ ޕްލޭން އޭރުން ގަނެވުނީ." ޕީސީއާރް ޓެސްޓް ހަދައިގެން ސަރުކާރަށް އާމްދަނީ ލިބޭނެ ވަރު އަންދާ ކުރަށްވަމުން ފިރާގު ވިދާޅުވިއެވެ.



މީގެ އިތުރުން ފިރާގު ވިދާޅުވީ، ރާއްޖެއަށް މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޕީސީއާރު ޓެސްޓްތަކުން ކްލިނިކްތަކަށް މިހާތަނަށް 50 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އޭގެ 99 ޕަސެންޓް ލިބެނީ އަމިއްލަ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގެ ކެޕޭސިޓީ ހުރެ އެކަން ނުކޮށް ބަޔަކު މީހުންނަށް ދޫކޮށްލައިގެން އެކަން ކުރުން (ޕީސީއާރު ޓެސްޓް ހެދުން) އެއީ ހަގީގަތުގަައި ވަރަށް ބޮޑު ޖަރީމާ އެއް، އިހަށްދުވަހު ދިފާއީ ވަޒީރު ވެސް ވިދާޅުވީ ސީ އެމްބިއުލާންސް މަރާމާތު ކުރާނެ ފައިސާ ނެތިގެންނޭ އެކަން ނުކުރެވި އޮތީ، އެކަމަކު ދައުލަތަށް ލިބެން އޮތް ފައިސާކޮޅު ވެސް ހޯދާކަން ނުކުރެނު. ހެލްތް މިނިސްޓްރީއަކަށް 1 މިލިއަން ފަތުރުވެރިން އައިއިރު އެއިން މީހެއްގެ ޕީސީއާރު ޓެސްޓަކުން ސަރުކާރަށް އެކައްޗެއް ވެސް ނުލިބޭ. މިއީ ވަރަށް ދެރަކަމެއް. މިއީ އެޗްޕީއޭގައި ތިބޭ ބަޔަކު ޖީބު ފުރަން ހިންގާފައިވާ ޖަރީމާއެއް." ފިރާގު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ، މިހިނގާ އޮކްޓޯބަރު މަހުގެ 1ން 21 އަށް 91،628 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. މިމަހު ދުވާލެއްގެ މައްޗަށް 4،363 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހަދައިގެން ދައުލަތަށް ލިބެން އޮތް ބޮޑު އާމްދަނީ ދޫކޮށްލައި އަމިއްލަ ފަރާތަކަށް ޕީސީއާރު ޓެސްޓް ހެދުން ދޫކޮށްލި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އަދި އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑެތި އަގުތައް ނަގައިގެން ޕީސީއާރް ޓެސްޓް ހަދާތާ އެތައް ދުވަހެއް ފަހުން މީޑިއާތަކުން އެކަމަށް ފާޑުކިޔަން ފެށުމުން ޕީސީއާރް ޓެސްޓް ހަދާ އަގުތައް ދަށްކުރި ނަމަވެސް ކުރިން ވެސް އަދި ފަހުން ވެސް އެކަން އަމިއްލަ ކުންފުނި ތަކުން ބޭނުން ގޮތަކަށް ކުރަން ހެލްތު މިނިސްޓްރީން ދޫކޮށްލީ ސަރުކާރަށް އެކަމުން އެއްވެސް އާމްދަނީއެއް ލިބޭ ގޮތަށް ނޫންކަން ފާހަގަކޮށްލެވެއެވެ. މިކަމަކީ ބަޔަކު ގުޅިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށް މީގެކުރިން ވެސް ރާއްޖޭގެ މީޑިއާތަކުން ވަނީ ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޖުހާ

23-Oct-2021

ޢަޅެ ހެޔޮވާނީ ކިހިނެއް މިހާބޮޑު ޖަރީމާ އެއްހިންގަން އަލީލަތިފު ޢާއި އެތާތިބި އިސްވެރިނަ ހަމަ މިހާރުން މިހާރަށް ބޭރުކުރޭ


10

ޠަހުޔާ

23-Oct-2021

އެޗްޕީއޭގެ ބޮޑު ވައްކަމެއް މީ ސީދާ ރޭވިގެން ކައްވާލި ލާރިގަނޑެއް މިކަމިގަ ހެލްތު މިނިސްޓަރު ނަސީމް ގެ އަތެއް ބޮޑުތަނުން އެބަވޭ އަލީލަތީފު އަކީ މިކަމުގަ ޑީލްތަކަށް ދުވިމީހާ އޭނާ ބޭރުކުރަންވީ


9

ޙަސަން

23-Oct-2021

މީސީދާ ޑރ އަލީލަތީފު ގެ ބޮޑު ވައްކަމެއް މި ކަން ބަލައި ފިޔަވޅުު އަޅަންޖެހޭނެ ބޮޑު ޖަރީމާ އެއް މީ އެމްއެމްޕީރުސީގެ މައްސަލަ އަށްވުރެން ވަކިކުޑަ ކަމެއްނޫން


3

ސަތޭކަ

23-Oct-2021

ސަތޭކައިގެ ވާހަކައެއް...ޕީސީއާރު ހެދުވީމަ ކޮމިޝަންވެސް ލިބޭ...



ޓްރެންޑިން