ޔުނިވާސަލްގެ ރިޒޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މުސާރަލިބޭގޮތަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވެފައިވާއިރު ޔުނިވަރސަލް އިން ވަނީ އެ ކުންފުނީގެ ހުރިހާ ރިޒޯޓެއް ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ޔުނިވާސަލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ކުންފުންޏަކަށް އެ ކުންފުނިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މުވައްޒަފަކު ވަކިނުކޮށް އަދި ހިންގުންވެސް ހުއްޓާނުލައި ކުރިއަށްގެންދަން މަސައްކަތްކުރަމުންދާ ކަމަށް ޔުނިވާސަލުން ބުންޏެވެ.

އޭޕްރީލްމަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހަށް ކުންފުނީގެ ހުރިހާ ރިސޯޓްތަކުގެ ހިންގުން މެދުކަނޑާލަން ބޯޑުން ނިންމާފައިވާ ކަމަށާއި، މުވައްޒަފުންނަށް ހާއްސަ ޕޭ ޕެކޭޖްއާއެކު މުސާރަ ލިބޭ ގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާކަށް ޔުނިވަރސަލްގެ ބަޔާނުގައި ވެއެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތާއި މި ހިނގާ މާޗްމަހުގެ މުސާރައާއި ސާވިސް ޗާޖު އެއްވެސް އުނިކުރުމެއްނެތި ހުރިހާ މުވައްޒަފުންނަށް ގާނޫނުގައިވާގޮތުގެ މަތިން ދެވޭނެކަމަށް ވެސް ޔުނިވަރސަލްގެ ބަޔާނުގައި ވެއެވެ.

އެ ނިންމުން ކޮންމެ މަހަކު އެއްފަހަރު މުރާޖާކޮށް ހާލަތަށް އަންނަ ބަދަލު ދެނެގަނެ ކުރީގެ ހާލަތަށް ރުޖޫއަވުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް ޔުނިވާސަލުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން