އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް، ރިޝްވަތު ހިފުމުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅުމުން މަހްލޫފުގެ އަނބިކަބަލުން ނަޒްރާ ނަސީމް، ވަރަށް ބޮޑަށް ރުޅިދުރުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަކީ "ސައިކޯ" ނުވަތަ ސިކުނޑި ހަމަނުޖެހޭ މީހެއްގެ ގޮތުގައި ސިފަކުރަށްވައިފި އެވެ.

މަހްލޫފްގެ އަނބިކަބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޯފުޅު ނަޒްރާ ޕީޖީ ޝަމީމަށް "ސައިކޯ" ނުވަތަ މޮޔައަކަށް ގޮވާލެއްވީ ޓުވީޓާގައެެވެ. ރައީސް އޮފީހުގައި ޗީފް އެގްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމު އަދާކުރަށްވާ ނަޒުރާ ނަސީމް (ނަޒޫ) ވަނީ ފިރިކަލުންގެ މައްޗަށް ދައުވާ ކުރުމުން މަރުހަބާ ވިދާޅުވެ "ސައިކޯ"ގެ ލަގަބާއިއެކު ޕީޖީ ޝަމީމަށް ޓެގް ކުރައްވާފައެެވެ. ނަޒޫ ރައީސް އޮފީހުގައި އަދާކުރަށްވަނީ ބޭބޭފުޅު ނައިބް ރައީސްގެ "ޗީޕް އެކްޒެކްޓިވް" ގެ މަގާމެވެ.


މިނިސްޓަރު މަހްލޫފްގެ، މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން  މަހްލޫފަށް ދިން 33000 (ތެއްތިރީސްހާސް އެމެރިކާ ޑޮލަރު) މަހްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެެ.އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާއިއެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން މިނިސްޓަރު މަހްލޫފް ވަޒީފާގެ މައްސޫލިއްޔަތުތަކުން އެކަހެރިކުރިއެެވެ. އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިއްމައި ދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޕީޖީން ބުނެފައިވަނީ މަހުލޫފަށް ދައުވާ ކުރާނީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

މައްސަލައިގައި މަހުލޫފުވެސް ޕީޖީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީޖީއާއި މަހްލޫފްގެ އަރިހުގައި މަސައްކަތް ކުރަށްވާ މުވައްޒަފަކާ ޕީޖީ ޝަމީމާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކެއް ކަމަށް ބުނާ ޗެޓް ލޮގް ތަކެއް ވެސް ވަނީ ލީކް ކޮށްލާފައެވެ. އެ ޗެޓް ލޮގުގައި ޝަމީމު ވިދާޅުވާ ގޮތުން މަހުލޫފްގެ މައްޗަށް ދައުވާ ކުރަނީ ނުވަތަ މިހާތަނަށް ދައުވާ ނުކޮށް "ވާނުވާގައި" ބެހެއްޓީ "މާފުއްޕާތީ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު