ކޯވިޑް-19 އަށް ރާއްޖެއިން އެންމެ ފުރަތަމަ ފައްސިވި ކޭސް ފެނުނު ކުރެއްދޫ ރިޒޯޓުން ކަރަންޓީން ކުރި 32 ބިދޭސީން، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މި މީހުން ކަރަންޓީން ކޮށްފައިވަނީ މިހާރު އަމަލުކުރަމުންދާ އާއްމު އުޞޫލުގެ ތެރެއިން ކަމަށްވެސް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.

ކޯވިޑް-19 އަށް އެންމެ ގިނަ މީހުން އެއް ރަށަކުން ޕޮޒިޓިވް ވެފައިވަނީވެސް ކުރެއްދޫ ރިޒޯޓުންނެވެ.

މީގެއިތުރުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓުގެ މޮނިޓަރިންގްގެ ހާލަތު ނިމުމަކަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

‏⁧އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވަނީ ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވަނީ 2 ބިދޭސީއަކާއި 8 ދިވެއްސެއް ކަމަށެވެ.

ފާއިތުވި 6 ދުވަހު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހުން ފެނިފައިވާއިރު، މީގެ ތެރޭގައި ދިވެއްސަކު ހިމެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން