ކޮރޯނާ ވައިރަހުން ޖެހޭ ކޯވިޑް-19 އެންމެ ހަލުއިކަމާއެކު މިހާރު ވެސް ދުނިޔޭގައި ފެތުރެމުންދާ އިޓަލީ ވިލާތުގައި އިތުރު ފަސް ޑޮކްޓަރުން މަރުވެ އެޤައުމުގައި ބަލި ޖެހިގެން ރެއާއި ހަމައަށް މަރުވި ޞިއްޙީ އެހީތެރިންގެ ޖުމްލަ 13 އަށް އަރައިފިއެވެ.

އިނިގިރޭސި ވިލާތުގެ ޑެއިލީ މެއިލުން މިއަދު ބުނީ ކޯވިޑް-19 އެއްވެސް ކޮންޓްރޯލެއް ނެތި އިޓަލީ ވިލާތުގައި އަދިވެސް ފެތުރެމުންދާއިރު މިހާރުވެސް ޞިއްޙީ ޚިދުމަތުގައި ހަރަކާތްތެރިވާ 2629 މީހުންނަށް ބަލި ޖެހިގެން މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށެވެ. އިޓަލީގައި ބަލި ޖެހެމުންދާ ނިސްބަތަށް ބަލާއިރު ބަލި ޖެހުނު މީހުންގެ 8.3 އިންސައްތައަކީ ހަމައެކަނި ރޭގައި ބައްޔަށް ޕޮޒިޓިވްވި އާ މީހުންނެވެ.

މިހާރު އިޓަލީ ވިލާތުގައި އޮތް އެންމެ ބޮޑު ބިރަކީ ފަރުވާ ދިނުމުގައި އެންމެ ކުރީގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިންގެ މެދުގައި ބަލި ފެތުރެމުންދާ މިންވަރު އިތުރުވެފައިވުމެވެ. މިހާތަނަށް ބަލީގައި މަރުވި ޑޮކްޓަރުންނަކީ ވަޒީފާއިން މުސްކުޅިކުރުމުން ގޭގައި ތިބި މީހުންގެ ތެރެއިން ވޮލަންޓިއަރކޮށްގެން މަސައްކަތަށް ނުކުމެ ބަލިމީހުންނަށް ފަރުވާ ދެމުން ދިޔަ މީހުންނެވެ. މީގެތެރޭގައި ގިނައީ އުމުރުން 70 އިން މަތީގެ ޑޮކްޓަރުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިޓަލީގައި ކޯވިޑް-19 ޖެހުނު ޞިއްޙީ އެހީތެރިންގެ ނިސްބަތަށް ބަލާއިރު އެއީ މުޅި ޤައުމުގެ ޞިއްޙީ އެހީތެރިންގެ ޕޮއިންޓް ތިނެއް އިންސައްތައެވެ.

އިއްޔެ އަކީ އިޓަލީގައި ބަލި ފެތުރެން ފެށިފަހުން މިހާތަނަށް އެއް ދުވަހާއި އެންމެ ގިނަ މީހުންނަށް ބަލި ޖެހި ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ އެކަނިވެސް 4207 މީހަކަށް ބަލި ޖެހިފައިވާއިރު 475 މީހުން ބަލީގައި މަރުވެފައިވެއެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި މިހާތަނަށް ކޯވިޑް-19 ގައި މަރުވި މީހުންގެ 99 އިންސައްތައަކީ ބަލި ޖެހުނު އިރުވެސް ކޮންމެވެސް ޞިއްޙީ މައްސަލަތަކެއް ނުވަތަ ބައްޔެއް ތަހައްމަލު ކުރަމުން ދިޔަ މީހުންނެވެ. އަދި މިހާނަތަށް ބަލީގައި މަރުވި މީހުންގެ ތެރެއިން 355 މީހުންނަކީ ކުރިން ޞިއްޙީ ގޮތުން އެއްވެސް މައްސަލައެއް ނެތް ނުވަތަ ބައްޔެއް ތަހައްމަލު ނުކުރާ މީހުންނެވެ. އެއީ މިހާތަނަށް މަރުވި މީހުންގެ ޕޮއިންޓް އަށެއް އިންސައްތައެވެ.

މިހާތަނަށް އިޓަލީގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ދެބައިކުޅަ އެއްބައި ނުވަތަ 48.5 އިންސައްތައަކީ މީގެކުރިން ތިނެއް ނުވަތަ ދެ ބާވަތެއްގެ ޞިއްޙީ މައްސަލަތައް ތަހައްމަލު ކުރަމުން ދިޔަ މީހުންނެވެ. އިޓަލީގެ ތަޖުރިބާތަކަށް ބަލާއިރު ކޮރޯނާ ވައިރަސްގެ އަސަރު ކޮށްފައިވާ ގިނަ މީހުންނަކީ ކުރިން ޞިއްޙީ މައްސަލަތައް ތަހައްމަލުކުރަމުން ދިޔަ ޞިއްޙީ ދުޅަހެއުކަން ދަށް މީހުންނެވެ. އަދި ބަލީގައި ހާލު ބޮޑުވެ މަރުވަނީވެސް އެފަދަ މީހުންނެވެ. މިގޮތުން މަރުވި މީހުންގެ ތެރޭގައި ގިނައީ ލޭމައްޗަށް ދިއުން ނުވަތަ ހައި ބްލަޑް ޕްރެޝަރގެ މީހުންނާއި ހިތުގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނެވެ.

އިޓަލީގައި ބަލި ޖެހުނު މީހުންގެ ޖުމަލް އަދަދު 35713 އަށް އަރާފައިވީ ނަމަވެސް ޤައުމުގައި އިޢުލާން ކޮށްފައިވާ ކަރަންޓީންގެ ހާލަތުގެ ތަޖުރިބާތައް މަޑުމަޑުން ރަނގަޅުވެ އެކަމުގެ ފައިދާ ފެންނަމުންދާކަމުގައި ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން