އިދިކޮޅު ޕީޕީއެމްގެ ފިކުރާއި އެއްގޮތަށް ހިންގާ ޗެނަލް 13 އިން ގެނެސްދޭ މަޑިސީލަ ޕްރޮގްރާމް ހުއްޓުވައި އެޗެނަލާއި ދެކޮޅަށް އެޅިފިޔަވަޅަކީ ސަރުކާރުން މިނިވަން މީޑިޔާއަށް ހުރަސް އެޅުމަށް ހިންގި އަމަލެއް ކަމުގައި ސިފަކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކޯލިޝނުން ބަޔާނެއް ނެރެފިއެވެ.

ޗެނަލް 13 އާއި ދެކޮޅަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފިޔަވަޅު އެޅުމުން އެކަން ކުށްވެރިކޮށް އިދިކޮޅު ދެޕާޓީގެ ކޯލިޝަނުން ނެރެފައިވާފަރާތުން ބަޔާނުގައިވަނީ، ޑިމޮކްރަސީއެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ފަރާތަކީ މިނިވަން މީޑިއާ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ މުހިއްމު ދައުރެއް މިވަގުތު އަދާކުރާ ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން ބްރޮޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ މިނިވަން ނޫސްވެރިކަމަށް ފާޅުގައި ހުރަސް އެޅުންކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ. އަދި އެއީ ވަރަށްވެސް ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވާއިރު، ޗެނަލް 13 އިން އާދެކޮޅަށް ފިޔަވަޅު އެޅީ، އެ ޓީވީން ގެނެސްދޭ މަޑިސީލަ ޕްރޮގްރާމްގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެ މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ބުނެ ދޮގުމައުލޫމާތު ތަކެއް ފެތުރުމުންނެވެ. އަދި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވަނީ އެއީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށް ވިދާޅުވެ އެމައްސަލައިގައި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ. އަދި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ފަރާތަކުން ސާބިތު ނުހިފޭ، ކަށަވަރު ނުވާ މަޢުލޫމާތު ޢާއްމު ނުކުރުމަށް އެޗްޕީއޭ އިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ޗެނަލް 13 ދެކޮޅަށް މިފިޔަވަޅު އެޅުމުން އިދިކޮޅު ކޯލިޝަނަށް ނިސްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ނުރުހުން ފާޅުކުރައްވާ ޓްވީޓްތައް ކުރައްވާފައެވެ.

މަޑިސީލަ ޕްރޮގްރާމްގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އާއްމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އަންނަންދެން، ޗެނަލް-13 ގެ މަޑިސީލަ ޕްރޮގްރާމް ހުއްޓާލުމަށް އެޗެނަލަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން