އޯޑިއޯ ވީޑިއޯ ކޮންފަރެންސިް މެދުވެރިކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކޯޓުތަކާ ގުޅޭނެ އިންތިޒާމް ހަމަޖެހި އަޑުއެހުންތައް ބާއްވަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ބުނީ ރާއްޖޭގެ ކޯޓުތައް އެއްވިއުގައަކުން ގުޅާލުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން އޯޑިއޯ ވީޑިއޯ ކޮންފަރެންސިން ފެސިލިޓީ 101 މެޖިސްޓްރޭޓް ކޯޓުގައި މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކޯޓުތަކުގައި ޝަރީއަތްތަކުގެ ބަޔާންތައް ނަގައި އަދި ސިއްރު ހެކިބަސް ނެގުމަށް މި ފެސިލިޓީގެ ބޭނުން ކުރަމުން ދާ ކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.

މިހާރު ކޯޓުތަކުގެ ޝަރީއަތްތައް ހިނގަމުން ދަނީ ކޭސް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ޢަދުލުއިންސާފު ގާއިމުކުރުން އަވަސްވެ، މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޝަރުޢީދާއިރާގެ އިދާރީ އެންމެއިސް ފަރާތުން ހާމަކުރެއެވެ. އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވި، ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް 101 މެޖިސްޓްރޭޓް ކޯޓާއި މާލޭގެ ގިނަ ކޯޓުތަކުގައި ވަނީ ހަމަޖެހިގެން ގޮސްފައެވެ.

ދައުލަތުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހާޟިރުނުވެ އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 19 މާރޗް 2020 ގައި ފުރަތަމަ ފަހަރަށް އަޑުއެހުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކުރުމަށް ޝަރުޢީދާއިރާއާއި އެހެން މުއައްސަސާތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން