ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރިޒޯޓުތައް ބަންދުކުރަން ޖެހިފައިވީ ނަމަވެސް ވިލާގެ ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 10 ހާސް ރުފިޔާއިން ދަށުގެ މުސާރަތައް ކުޑަނުކުރައްވާނެ ކަމުގައި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ރަސް އޮންލައިނަށް މިއަދު ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ކުޑަކޮށް މުވައްޒަފުންގެ ވަޒީފާތައް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ މާލީ އެހީގެ ޕެކޭޖްގެ ތެރެއިން ލޯނު އެހީ ލިބިވަޑައިގެންފި ނަމަ ރިޒޯޓްތައް ބަންދުކުރަން ޖެހިވަޑައިގެންނެވި ނަމަވެސް 10 ހާހުން ދަށުގެމުސާރަލިބޭ މުވައްޒަފުންނަށް އުނި ނުކޮށް މުސާރަ ދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.މީގެއިތުރުންވެސް ޤާސިމް ވިދާޅުވީ މުސާރަ އުނިކުރައްވަން ނިންމަވާފައިވަނީ ބޮޑެތި މުސާރަތައް ލިބޭ މަގާމުތަކުގެ މީހުންނަށް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ މާލީ އެހީގެ ޕެކޭޖްގެ ތެރެއިން ލޯނު ލިބިވަޑައިގެންފިނަމަ މަތީ މުސާރަތަކުން ވެސް ކުރިން އުނިކުރަން ކަނޑައަޅުއްވާފައި އޮތް ގޮތަށް މުސާރައިގެ ދެބައިކުޅަ އެއްބައި އުނި ނުކުރައްވާނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

5000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ވިލާގެ ރިޒޯޓުތަކުގެ ބޮޑު މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން ވެސް ކަނޑާނީ މުވައްޒަފުންނަށް ދަތި ނުވާ ވަރަށް ކަމުގައި ޤާސިމު ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސް ތަކުގައި މިހާރު މިއޮތް ހާލަތު ބަދަލުވެގެންދާނެ ގޮތެއް އަދި ދަންނަވަން އެނގިވަޑައި ނުގަންނަވަކަމަށާއި އިޤްތިޞާދީ ހާލަތު ރަނގަޅުވުމާއެކު މުވައްޒަފުންގެ މުސާރަތައް ކުރިން އޮތް ގޮތަށް ރުޖޫޢަކޮށްދެއްވާނެ ކަމުގައި ވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ސަރުކާރުގެ ލޯނު އެހީ ލިބިވަޑައިގެންފިނަމަ މިހިނގާ މާރޗް މަހުގެ މުސާރަދޭއިރުވެސް 10 ހާސް ރުފިޔާއިންދަށުގެ މުސާރަތަކުން އެއްވެސް އެއްޗެއް އުނި ނުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިމަހުގެ ސަރވިސްޗާޖުވެސް އުނި ނުކޮށް އޮންނަ އުސޫލުން މުވައްޒަފުންނަށް ލިބޭނެ ކަމުގައި ޤަސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތްވެސް މުވައްޒަފުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ޤާސިމު ވަނީ ދެއްވާފައެވެ.

“މިދަތި ދަނޑިވަޅުގައި ވެސް ސަރުކާރުން، ރައީސް ޞާލިޙު ކަންކަން ކުރިއަށް އެގެންދަވަނީ ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް ރަނގަޅަށް. މި ދަތި އުނދަގޫ އަޑިގަނޑުން އަރައި ގަތުމަށް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނަށް ވެސް ވީހާވެސް ރަނގަޅުވާނެ ގޮތްތައް ވިސްނަވައިގެން.” މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޤާސިމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ އިޤްތިޞާދީ ގޮތުން ވަމުންދާ ގެއްލުންތައް ކުޑަކުރުމަށާއި މުވައްޒަފުންގެ ވަޒީފާތައް ދެމެހެއްޓުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވިޔަފާރިތަކަށް ލުއި ލޯނުތަކެއް ދިނުމަށެވެ. އެގޮތުން މި ލޯނުއެހީ ދޭނީ ސަރުކާރުން ކަނޑައެޅި 2.5 ބިލިއަން ރުފިޔާގެ ފައިނޭންޝަލް ރިކަވަރީ ޕެކޭޖްގެ ތެރެއިންނެވެ.



ކިޔުންތެރިންގެ ހިޔާލު


13

ޑިމޮކްެރަސީ

22-Mar-2020

ތިއުޅެނީ ސަރުކާރުންދޭލާރިކޮޅުވެސް ދަމައިގަނެވޭތޯ


-11

ކިނބޫ

22-Mar-2020

ސަރުކާރަށްވެސް ވާހެން ކޮށިއަރުވާލީމަ ނޫނީ ތިވަރުވެސް ކުރާކަށް ނުކެރުނު. ޝުކުރިއްޔާ ސޭޓު!



ޓްރެންޑިން