ކޯވިޑް-19 އާއި ގުޅިގެން އޭޝިޔާގެ އެންމެ މުއްސަނދި މަހުޖަނު އަދި އަލީބާބާގެ ބާނީ ޖެކް މާ އޭޝިޔާގެ ގިނަ ޤައުމުތަކަށް ވެދެއްވާ އެހީގައި ރާއްޖެވެސް ހިމެނޭކަން އޭނާ ހާމަކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މާ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އޭޝިއާގެ ބައެއް ގައުމުތަކަށް އިމަޖެންސީ ހާލަތުގައި ބޭނުންކުރާ ސާމާނު ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1.8 މިލިޔަން މާސްކާއި، ދެލައްކަ ދިހަހާސް ޓެސްޓު ކިޓާއި، 36000 ޕްރޮޓެކްޓިވް ސޫޓްސް އާއި، ވެންޓިލޭޓަރާއި ތާމޯމީޓަރު ހިމެނެއެވެ.

ޗައިނާގެ މަޝްހޫރު އޮންލައިން ވިޔަފާރި ގްރޫޕް، އަލީ ބާބާއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަސްމީކޮށް އިސްތިއުފާ ދެއްވާފައިވާ ޖެކްގެ އެހީ ލިބޭ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، ދިވެހި ރާއްޖެ، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

މި ސާމާނުތައް އަވަސް މުސްތަޤްބަލެއްގައި ރައްދުކޮށްދިނުމަށް ފަސޭހަ ނުވެދާނެ ކަމަށާއި ނަމަވެސް އެކަން ކުރައްވާނެ ކަމަށް މާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޖެކްގެ މި ޓްވީޓާއި ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާން ލިއޮން ވިދާޅުވީ، ޗައިނާގެ ކުންފުނިތައް ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، އެހެން ނަމަވެސް ރާއްޖެއާ ޗައިނާއާއި ދެމެދު ސީދާ ދަތުރުތައް މިވަގުތު ނެތުމުން މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

މީގެ ކުރިން ޖެކް ވަނީ އެމެރިކާއާއި، އެފްރިކާގެ ޤައުމުތަކަށްވެސް އެހީތެރިވެ ދެއްވާނެކަން ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން