ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް، މާލެ އަތޮޅުގެ ރިސޯޓަކުން ފިލައިގެން ދިޔަ ދިވެހި ދެ މުވައްޒަފަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ، އެ ދެ މީހުން ފިލައިގެން މާލެ އައިސް މަތިންދާބޯޓުން ފުވައްމުލަކަށް ދިޔަ ފަހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އިޒްމިއާ ވިދާޅުވީ، މާލެ އަތޮޅުގެ ރިސޯޓަކުން ފިލި ދެ މީހުންނަކީ އުމުރުން 30 އަހަރާއި 29 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި އެ ދެމީހުން މިދިޔަ ބުރާސްފަތި ދުވަހު މާލެ އައީ އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

އިޒްމިއާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފުވާ މީހުންނަށް ފުލުހުން ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ.

މިހަފުތާގެ ކުރީކޮޅު އައްޑޫގެ ރިސޯޓަކުން އެ ސިޓީގެ މީދުއަށް ފަތާފައިދިޔަ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ސައުތު ޕާމް ރިސޯޓްގެ އެ މުވައްޒަފުގެ ބަންދަށް މީދޫ ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ވިދާޅުވެފަ އެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން