އުފާވެރި ޢާއިލާއެއް: ދަރީން ހެޔޮލަފާ ކުދިބަޔަކަށް ވެވޭނީ މައިންބަފައިންނާއި ބެލެނިވެރިންވެސް އެދަރިންނަށް ނަމޫނާ ދައްކައިގެން.
އުފާވެރި ޢާއިލާއެއް: ދަރީން ހެޔޮލަފާ ކުދިބަޔަކަށް ވެވޭނީ މައިންބަފައިންނާއި ބެލެނިވެރިންވެސް އެދަރިންނަށް ނަމޫނާ ދައްކައިގެން.
ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އެދޭނަމަ، އެންމެ ފުރަތަމަ ކަމަކަށް މައިންބަފައިންނާއި ބެލެނިވެރީންގެ މައްޗަށް ލާޒިމުވެގެންވަނީ، އެބައިމީހުންނަކީ، އަޚްލާޤު ރީތި، ތެދުވެރި، ވަފާތެރި، މާތް މީހުންނަށް ވުމެވެ. ބަހާއި ޢަމަލުންނެވެ. ޔަޤީނެވެ. ތިމާމެންގެ ދަރީންނަކީ ތިމާމެން އެދޭފަދަ ރަނގަޅު، މާތް ކުދިބަޔަކަށް ހެދޭނީ، އެގޮތުގެމަތީން ޢަމަލުތައް ބެހެއްޓިގެންނެވެ.

އެގޮތުގެމަތީން، ދަރީންގައި ހުންނަން އެދޭ ހަރުދަނާ މާތް ސިފަތަކެއްގެވެރީން ކަމުގައި ފުރަތަމަވާންވާނީ، އެކުދީންގެ މައިންބަފައިންނާއި ބެލެނިވެރީންނެވެ. މިހެން ނުވެއްޖެނަމަ، އެދެވޭ ރަނގަޅުގޮތެއްގައި ދަރީން، ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އަދި ދަރީން ބޮޑުވަމުން އަންނައިރު، ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން އެކުދީންނަށް ގެއްލުން ލިބިދާނެ ކޮއްމެ ޖައްވަކުން، އެކުދީން ސަލާމަތްކޮށް، ރައްކައުތެރި ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރީންގެ ވާޖިބެކެވެ. އެހެންކަމުން ދަރީން، ރަގަނޅު ކުދިބަޔަކަށްވުމަށް އެދޭ މައިންބަފައިންނާއި ބެލެނިވެރީންވެސް އެ ކުދީންނަށް ސްކޫލުންދޭ ތަޢުލީމާއި އަދި އެ ދަރީންގެ ޢުމުރާ އެކަށޭނެ މިންވަރަށް އެކުދީން ތަރުބިއްޔަތު ކުރެވޭތޯ ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި ހަމަ އެކަނި ނަމޫނާ ބަޔަކަށް މައިންބަފައިން ވުމަކުން ނުފުދޭނެ އެވެ. މިކަމުގައި މައިންބަފައިންގެ ކޮނޑުގައި ޒިއްމާތަކާއި ވާޖިބުތަކެއް ވެއެވެ.

އާދެ މަންމައިންގެ ބޮލުގައި މަސްޢޫލިއްޔަތާއި ޒިއްމާތަކެއްވާއިރު، ބައްޕައިންގެ ދައުރު ވަކި ކުޑައެއް ނޫނެވެ. ދަރީން ތަރުބިއްޔަތު ކުރުމަކީ ބައްޕައިންގެ މައްޗަށް ވާޖިބު ކަމެކެވެ. ދަރިންނަށް ކިޔަވައިދީ، ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑު ޒިއްމާ ނުވަތަ މަސްޢޫލިއްޔަތު އެޅެނީ މަންމަގެ ކޮނޑުގައެވެ. ޝައްކެއްނެތެވެ. މަންމައާއި ދަރިފުޅާ ދެމެދުގައި ޤުދްރަތުވަނީ ވަރަށް ވަރުގަދަ ގުޅުމެއް އުފައްދަވާފައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ، މަންމަގެ މޭމަތީގައި ކުއްޖާގެ ކާނާ ލައްވާފައިވާ ކަމެކެވެ. މިއިން އެނގޭ އެއްޗަކީ، ކުއްޖާގެ ޤުދްރަތީ މުރައްބީއަކީ، މުދައްރިސާއަކީ މަންމަކަމެވެ. އާއެކެވެ. ކުއްޖާގެ އެންމެ ފުރަތަމަ މަދްރަސާއަކީވެސް މަންމަގެ އުނގެވެ. ކުއްޖާގެ ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގައުއެޅެނީ އެމަދްރަސާގައެވެ. ކުއްޖާގެ ޙަޔާތީ ޢިމާރާތުގެ ބިންގައުއެޅެނީވެސް އެމަދްރަސާގައެވެ. ޢިމާރާތުގެ ވަރުގަދަ ކަމުން ނުވަތަ ބަލިކަށިކަން ހުއްޓިފައި އޮންނަނީ އެޢިމާރާތުގެ ބިންގަލުގެ މައްޗަށެވެ. އެބިންގަލުގައި ހުރި ވަރުގަދަކަމެއް ނުވަތަ ބަލިކަށިކަމެއްގެ މައްޗަށެވެ. ކަންމިހެން ހުރިއިރު، ދަރީންގެ ތަޢުލީމާއި ތަރުބިއްޔަތާއިމެދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ބަޔަކީ މައިންނެވެ. އަދި ކުދީން ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑު ޢަމަލީ ބައެއް އަދާކުރަންޖެހެނީވެސް މައިންނަށެވެ. މިހެނީ، މިކަމުގައި އެންމެ ބޮޑު ޒިއްމާ ނުވަތަ މަސްޢޫލިއްޔަތު އެޅެނީ މައިންގެ ކޮނޑުގައެވެ.

މިހާހިސާބުން ބައްޕައިންގެ ވާހަކަ ދައްކަމާ ހިނގާށެވެ. ބައްޕައިންނަކީ މަސައްކަތް ކޮށް ޢާއިލާއެއްގައި ދިރިއުޅުމަށް ކުރަންޖެހޭ އެންމެހައި ޚަރަދެއް ބެލެހެއްޓުމުގެ އެންމެ ބޮޑުޒިއްމާ އަދާކުރައްޖެހޭ ފަރާތެވެ. ދަރީންގެ ތަޢުލީމާއި ތަރުބިއްޔަތުގެ އެންމެ ބޮޑު މަސްޢޫލިއްޔަތު، މަންމަގެ ކޮނޑުގައި އެޅިފައި އޮތުމުގެ މާނައަކީ، ބައްޕަގެ މައްޗަށް އެކުދީން ތަރުބިއްޔަތު ކުރުމުގެ އެއްވެސްވާޖިބެއް ނެތީއެއް ނޫނެވެ. އަދި މަންމަގެ ކިބައިގައި ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ ޤާބިލިއްޔަތާއި ކުޅަދާނަކަން ނެތްނަމަ، ބައްޕަ ދެއަތް އުރާލައިގެން ބަލަން ހުންނަންވީއަކީވެސް ނޫނެވެ. އަދި ކީއްހެއްޔެވެ. މިހެން ކަން ދިމާވެއްޖެ ނަމަ، ދަރިފުޅު ތަރުބިއްޔަތުކޮށް އިޞްލާޙް ކުރުމުގެ ހުރިހާ އިންތިޒާމެއް، ހަމަޖެއްސުމަކީ، ބައްޕަގެ ވާޖިބެކެވެ. މިގޮތް ދިމާވީމާ، ކުއްޖަކު ތަރުބިއްޔަތުކޮށް، އެދެވޭ ގޮތުގައި ބޮޑުކުރުމުގެ ލިޔާޤަތާއި ޤާބިކިޔަތުކަމެއް ނެތް ބައްޕައެއް ނަމަ، އޭނާ އަކީ، އެއްވެސް އަންބެއްގެ ފިރިއަކަށްވުމަށް އެކަށީގެންވާ މީހެއް ނޫނެވެ. އަދި އޭނާއަކަށް އެއްވެސް ކުއްޖެއްގެ ބައްޕައަކަށް ވުމުގެ ޙައްޤެއްވެސް ނުމެނެތްމެއެވެ.

ނަސީބުގެ ރަނގަޅުކަމުން، މިގޮތްދިމާނުވެ، މަންމައަކީ، ދަރިފުޅު ތަރުބިއްޔަތުކޮށް، ބޮޑުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މަންމައެއް ނަމަ، ބައްޕަގެ މައްޗަށް އޮތީ، މިކަމުގައި ބޭނުންވާ ހުރިހާ އެހީއެއް، މަންމައަށްވެދީ، ދަރިން ތަރުބިއްޔަތުކުރުމުގައި ޚަރަދުބަރަދު ހޯދައިދިނުމެވެ. މިގޮތުން މަންމައާއި އަތްގުޅާލާށެވެ.

************************

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން