ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި އިތުރު ހަތަރު ރިސޯޓެއް ބޭނުންކުރާ ގޮތަށް ހަމަޖެހިއްޖެ ކަމަށް ސަރުކާރުން ކޯވިޑް-19 ގެ މަޢުލޫމާތު ހާމަކުރުމަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަލަހިނި ކުޑަބަނޑޮސް (ކ. ކުޑަބަނޑޮސް) އާއި، ބިޔާދޫ އައިލެންޑް ރިސޯޓު (ކ. ބިޔާދޫ) އާއި، ނަކަތް ދިއްގިރި (ވ. ދިއްގިރި) އަދި ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި) ކަމަށެވެ.

އެ ހަތަރު ރަށުގެ އިތުރުން، އައިސޮލޭޝަނާއި ކަރަންޓީނު ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ ހުޅުލެ އައިލެންޑް ހޮޓަލާއި ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު) އާއި، ވެލިދޫ އައިލެންޑް ރިސޯޓު (އއ. ވެލިދޫ) އަދި ކ. ވިލިވަރުގައި ސަރުކާރުން ހަދާފައިވާ ފެސިލިޓީއެވެ.

މިރިސޯޓް ތަކަށް ސަރުކާރުން އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ކަމަށްވެސް މިއަދު މަބްރޫކް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މިއީ އެ ރިސޯޓް ތަކުގެ ވެރިން ދިވެހިރައްޔިތުންނަށްޓަކައި ކޮށްދެއްވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ނިންމަވާފައިވަނީ ރާއްޖޭގެ ރިސޯޓުތަކަށް ބުކިންގ ހައްދައިގެން އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ރާއްޖެ އެތެރެވުމާއެކު 14 ދުވަހު ކަރަންޓީނު ކުރުމަށެވެ. އަދި މީހުން ކަރަންޓީނު ކުރުމަށާއި އެކަހެރި ކުރުމަށް މާލެ ސަރަހައްދުގައި އެއްހާސް އެނދު ޚާއްޞަކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން