ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން އާންމުކޮށް ދިރިއުޅުމަށް ގެދޮރު އަޅަން ބިން ދޫކުރަނީ ނުވަތަ ގޯތި ކަނޑައިދީ ގޯތީގެ ފަތްދެނީ އެއްވެސް އަގެއް ނެތި ހަމަ ހިލެއެވެ. އެރަށެއްގެ ރަށްވެހިންނަށް އެރަށަކުން ދިރިއުޅޭނެ ގޯތިގެދޮރު ލިބުމަކީ ނުވަތަ ދިނުމަކީ ޒަމާނުއްސުރެ އެކަން އޮންނަ ގޮތެވެ. އެއީ އަސާސީ ހައްގެކެވެ. އެކަމާ ގުޅޭ މާބޮޑު ހަރުދަނާ ގާނޫނެއް ނެތަސް އެއީ ރަށްރަށުން ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި އަމަލުކުރަމުން ގެންދާ އުސޫލެވެ. ކަތީބުންނާއި އަތޮޅުވެރިންގެ ރުހުން ލިބިފައިވާ ނުވަތަ ރަށުގެ ގަދަރުވެރި ބާރުގަދަ ނުވަތަ މުއްސަނދީންނަށް ބޮޑުކޮށެވެ. އާދައިގެ ރައްޔިތުންނަށް ކުޑަކޮށެވެ. މިދެންނެވިހެން ކަތީބާއި އަތޮޅުވެރިޔާ ރުހި ގަބޫލުވާ މީހާގެ ގޯތި އެކި ފަހަރުމަތިން ބޮޑުކޮށްދީ މަގަށް ޖައްސަމުންގޮސް މަގުގައި ހިނގާބިނގާވެ ނޫޅެވޭ ވަރުވިޔަސް މައްސަލައެއް ނެތެވެ. ނޫނީ އަނެކާގެ ގޯތިން ބައެއް ދިޔަސް އެއީ މާބޮޑު މައްސަލައެއް ނޫނެވެ. މިދެންނެވީ މިކަން ދާދި ފަހަކާ ޖެހެންދެން ހިނގަމުން އައި ގޮތުގެ ވާހަކައެވެ.

ހަމަ މިއުސޫލުން މާލެއިން ވެސް އައީ ގޯތި ދޫކުރަމުންނެވެ. މާލެ ވަށައިގެން ހިއްކައި ބޮޑުކުރުމުގެ ކުރިން މާލޭގެ ފަޅުތެރެއިން އަމިއްލައަށް ބިން ހިއްކައިގެން ވެސް ގޯތި ދީއުޅުނު ޒަމާނެއް ދިޔައެވެ. އެކަން ވެސް ކުރީއަކީ ވަކި އުސޫލަކުންނޭ ދެންނެވޭކަށް ނެތެވެ. މިދެންނެވިހެން އާންމުކޮށް ހިއްކައިގެން ވެސް ގޯތި ނަގާފައި ހުރީ މުއްސަނދި ކަމުވޮށިގެންވާ މީހުންނެވެ. ނަމަވެސް މާލެއިން މިފަހުގެ ތާރީޚެއްގައި އިޢުލާން ކޮށްގެން ގޯތި ދޫކޮށް ހެދި ކަމެއް އެނގިފައެއް ނެތެވެ. ރައީސް މައުމޫންގެ ޒަމާނުގައި މާލެ ވަށައި ވެލި އަޅައިގެން ހިއްކާފައި އެމަނިކުފާނު ހިތާވާ ނޫނީ "ސަރުކާރަށް ބަލަދުއަރާ" ކޮންމެ ވެސް ބަޔަކަށް ގޯތި ދެއްވިއެވެ. ނަމަވެސް ގޯތި ދެއްވި އުސޫލެއް ގަވާއިދެއް އަދި އެއީ ކިހިނެއް ކުރި ކަމެއް ކަމަކަށް އެނގިފައެއް ނެތެވެ. ބައެއް މީހުން ބުނެއުޅުނު ގޮތުގައި ރައީސް މައުމޫން ގޯތި ދެއްވީ ދައުލަތުގެ މަތީ ފެންވަރުގެ ބޭބޭފުޅުންނަށާއި ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅުންނަށާއި އާއިލީ ގާތްބޭފުޅުންނަށާއި ކަމުވޮށިގެންވާ ބޭބޭފުޅުންނަށެވެ. ރައީސް މައުމޫން ވެސް ގޯތި ދެއްވުމުގައި ވަކި ޝަރުތުތަކެއް ނުވަތަ އުސޫލުތަކަކަށް ބައްލަވައިގެން އާންމު ރައްޔިތުންނަށް ގޯތި ދެއްވި ކަމެއް އެނގޭކަށް ނެތެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލޭ ރައްޔިތުންނަށް އަނެއްކާވެސް ހިލޭ ގޯތި ކަޑައިދޭ ވާހަކަ ދައްކާއިރު ރައްޔިތުން މަޖިލީހުން ނަމަވެސް ނޫނީ ކޮންމެވެސް ކޮމިޝަނަކުން ނޫނީ ކޮމިޓީއަކުން ނަމަވެސް މިކަން ބަލައި ދިރާސާއެއް އެބަ ކުރާން ޖެހެއެވެ.

އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމަށް މާލޭގެ ރައްޔިތުންނަށް ވާ އެއްވަޢުދަކީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ވަޢުދެވެ. ޚާއްޞަކޮށް ފްލެޓް އަޅައިގެން ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ވައުދެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ރިސޯޓެއްގެ ގޮތުގައި އޮތް މާލެ އަތޮޅު ވިލިނގިލިން ނުވަތަ ވިލިމާލެއިން ގޯތި ދޫކުރިއެވެ. އޭގެފަހުން މާލޭގެ ރަށްވެހިންނަށް ނުވަތަ އެކިޔާގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަނީ ހުޅުމާލެއިންނެވެ. ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ގޯތި ދޫކުރަމުން ގެންދިޔަ ނަމަވެސް މިހާތަނަށް އާންމުކޮށް ހުޅުވާލައިގެން ހުޅުމާލެއިން ގޯތި ވިއްކީއެވެ. އެވެސް ވަރަށް ބޮޑު އަގުގައެވެ. އާންމު ރައްޔިތަކަށް ކައިރިވެވޭ ވަރުގެ އަގެއްގައެއް ނޫނެވެ. މީގެއިތުރުން އެނގިފައިވާ ގޮތުން ހުޅުމާލެއިން ގޯތި ދީފައި ވަނީ މާލެއިން ލިބިފައިވާ ތަންކޮޅެއް ނޫނީ ބިންކޮޅެއް ސަރުކާރަށް ދޫކޮށްލާ ގޮތަށް ލާޖެއްސުމަށް ފަހުއެވެ. އެކަން ފެށީ ރައީސް ނަޝީދުގެ ސަރުކާރުން ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން އެދުވަސްވަރު ހުޅުމާލެއިން ހިލޭ ބިން ދޫކޮށްފައިވެއެވެ.

މިހާރު އަނެއްކާވެސް އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާ ވާހަކައެވެ. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ރައީސް ޞާލިހުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދެވެ. އޭގެ އިތުރުން މާލޭ ރަށްވެހިންނަށް ހިލޭ ގޯތި ދޫކުރުމަކީ އެމްޑީޕީގެ އެޖެންޑާ 19ގެ ވަޢުދު ތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވަޢުދެކެވެ. ނަމަވެސް އެއީ މިއަދާ ހަމައަށްވެސް އެއްވެސް ކުލައެއް ޖެހިފައި ނެތް ވަޢުދެކެވެ.

މިހެން މިކަން އޮއްވާ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނެ ކަމުގެ ވަޢުދު ރައީސް ޞާލިޙު މިވަނީ ވަރަށް ފަހުން އާކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި އެމްޑީޕީގެ 65 މަޖިލިސް މެންބަރުން ހެކިކުރަށްވައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރު އިރާދަކުރެއްވިއްޔާ ނިންމަވައި ލައްވާނީ މާލޭ ރައްޔިތުންނަށް ގޯތި ކަނޑައި ގޯތީގެ ލިއުން ހަވާލު ކުރެއްވުމަށް ފަހުގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު. ދިވެހިދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގާ އެއްއަމާޒެއްގާ ތިބެ އެމަންޒިލަށް ވާޞިލްވުން." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ.

އަޅުގަނޑުހިތުން މިއީ މާލޭ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ޚަބަރަކަށް ވާނެއެވެ. މާލޭގެ ރަށްވެހިންނަށް މިހާތަނަށް ހިލޭ ފެލެޓް ގަނޑެއްވެސް އެއްވެސް ސަރުކާރަކުން ދީފައި ނުވާއިރު މިދައްކަނީ ހިލޭ ގޯތި ކަނޑާފައި ގޯތީގެ ފަތް ދޭވާހަކައެވެ. މިއީ މާލޭގެ ރައްޔިތުން ހުވަފެނުންވެސް ނުދެކޭނެ ކަމެކެވެ.

މިވާހަކަފުޅާއެކު ރައީސް ވަނީ ގޯތި ދެއްވާނެ އަދަދާއި ދެއްވާނެ ތަންތަން ވެސް އިޢުލާން ކުރަށްވާފައެވެ. 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ވިދާޅުވީ، ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

މިއާއެކު މިކަމާ ގުޅިގެން މިއަދު އަނެއްކާވެސް މުޅިން އެހެން ސުވާލު ތަކެކެވެ. މާލޭ ރަށްވެހިން ކަނޑައަޅާނެ ގޮތުގެ ސުވާލެވެ. ގޯތި ލިބޭ މީހުންގެ ޝަރުތު ތަކާއި ގުޅޭ ސުވާލެވެ. އެބުނާ މާލޭގެ ރަށްވެހިންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް އިހުސާސް ކުރާ މީހުން ހޯދާނެ ގޮތާމެދު އުފެދޭ ސުވާލެވެ. މިސުވާލުތައް ފެންމަތީވާން ފެށީ މިހާރު މިކަމާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރ އަސްލަމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

"ޖޮއިންޓް އެޕްލިކޭޝަނަށް އަޅުގަނޑުމެން ސްކޯރިނެއް ދޭނަން. އެހެންނަމަވެސް މީހަކާ އިނދެގެން އުޅޭތީއޭ ކިޔާފައި އިތުރު މާކުހެއް ދޭގޮތަކަށް ނޫން. ދެން އެމީހެއްގެ ބަލަދުއަރާ މީހުންގެ ޢަދަދަށް ބެލުން. ދެން ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ބަލަންޖެހޭ ފަރާތެއްތޯ ބަލަން. ދެން ބަލަންޖެހެނީ ދިރިއުޅުމުގެ ޙާލަތު." މާލޭގެ ރައްޔިތުންނަށް ގޯތިދޫކުރުމުގައި ފާހަގަވެފައިވަނީ މައިގަނޑު ހަތަރުކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މިއަކުން އަދި "އެގަހު ކޭލެއް، މިގަހު ކޭލެއް" ވަކިވާ ވަރެއް ނުވެއެވެ. އަދި ހަމަ މިއޮތީ ޝަރުތުތައް ލިޔަން ފެށި ބްރެކެޓް ހުޅުވާލި ގޮތަށް ނުލައްޕައެވެ. އެހެންވީމާ އަދި އޭގެ ތެރޭގައި ބައިވަރު ކަންކަން ލިޔެ ޝަރުތު ފުޅާ ކުރެވޭނެ ކަމަށް ފެނެއެވެ. ކޮންމެއަކަސް މިއީ އިންސާފާއި ހަމަހަމަ ކަމާއެކު ކުރާން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. މިކަން ރަނގަޅަށް ނުކޮށްފި ނަމަ އެހާމެ ގެއްލުން ވެސް ބޮޑުވާނެއެވެ. މިހާތަނަށް ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު އެއީ ހަމަގައިމުވެސް ނުފިލާނެ ލައްގަނޑެކެވެ.

މިކަމުގައި އެކި މީހުން ދައްކާފައިވާ ވާހަކަތައް ހޯދައި ބަލައިލުމަށް ކުރި މަސައްކަތުން އަޅުގަނޑަށް މިއަދު އެންމެ ބޮޑަށް އަޅައިގަތީ މަޝްހޫރު ރީކޯ މޫސަ މިކަމާމެދު ކުރަށްވާފައިވާ ސުވާލު ތަކެކެވެ. މޫސަވެސް ބޭނުންފުޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގައި މިފަހަރު އޮތް ޝަރުތުތައް ސާފުކޮށްލައްވާށެވެ. މޫސަ ފުރަތަމަ އައްސަވަނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ބަލާ ޝަރުތުތަކުގެ ތެރޭގައި އެމީހެއްގެ ކާފަމާމަ މާލެ އުފަންތޯ ބަލާނެތޯއެވެ؟ ގޯތި ބަހައިގެން 1200 އަކަފޫޓަށްވުރެ ކުޑަކޮށް ލިބުނު މީހާ އާއިލާގެ އެހެންމީހަކަށް އެބައި ދޭނަމަ ގޯތި ލިބޭނެތޯވެސް މޫސަ އައްސަވާފައި ވެއެވެ. އަދި ދަފުތަރުގައި ޖެހިގެން އެތައް ޒަމާނަކު މާލޭގައި އުޅުނު މީހާއަކީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި މިފަހަރު ބަލާނެތޯ ވެސް މޫސަ އައްސަވާފައި ވެއެވެ. އަދި ހަމަ އެންމެންގެ ވެސް ހުރީ މިފަދަ ސުވާލުތަކެވެ.

ދެން އޮތީ ރާއްޖޭގެ އެހެން ރަށްރަށުން ގޯތި ދެމުން ގެންދާ އުސޫލުގެ ވާހަކައެވެ. ހަމަގައިމުވެސް ސަރުކާރުން ޚާއްޞަ މަޝްރޫޢެއްގެ ދަށުން މެނުވީ ރާއްޖޭގެ ރަށްރަށުން ގޯތި ގެދޮރު ދޫކުރުމުގައި ބަލަނީ އެރަށެއްގެ ރަށްވެހިންނަށެވެ. ގޯތި ލިބެނީ ރަށުގެ ރަށްވެހިންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. މިއުސޫލުގެ ސަބަބުން ރަށްރަށަށް ހިޖުރަކޮށް ރަށްރަށުގައި ދިރިއުޅޭތާ އެތައް ޒަމާނެއްވީ މީހުންވެސް ރަށްރަށުން ގޯތި ލިބުމުން މަހުރޫމް ވެއެވެ.

އެއްގޮތަކަށްވެސް ދަންނަވަން މިއުޅެނީ މާލެއިން ގޯތި ގެދޮރު ދޫކުރުމުގައި މިއުސޫލު ގެންގުޅުން ރަނގަޅެކޭ ނޫނެވެ. ނަމަވެސް އުސޫލު ވާންޖެހޭނީ އުސޫލަށެވެ. މިދެންނެވި އުސޫލަށް ބަލާއިރު މާލޭ މީހުންނަށް މާލެއިން ގޯތި ލިބެން ޖެހޭނެކަން ގަބޫލުކުރަން ޖެހެއެވެ. އަދި މާލެއަކީ ވެރިކަންކުރާ ރަށް ކަމަށްވާއިރު މާލެއަށް ހިޖުރަކޮށް ދިރުއުޅެން ބޭނުންވާ މީހާއަށް ގޯތި ގެދޮރު ނޫނީ ފްލެޓް ގަނެވޭނެ ނުވަތަ ލިބޭނެ ގޮތެއް ނޫނީ ލިބޭނެ ކޮންމެވެސް އުސޫލެއްވެސް އޮންނަން ޖެހޭނެއެވެ. ނޫނީ ދެން މިކަމަށް ހައްލެއް ލިބޭނީ މުޅި ރާއްޖެއިން ގޯތި ގެދޮރު ދޫކުރާ އުސޫލަށް ބަދަލު ގެނަސްގެން ކަމަށް ބެލެވެއެވެ.

ދެން އޮތީ މުޢިއްޒުގެ ވާހަކައެވެ. މުޢިއްޒަށް މާލޭގެ މޭޔަރުކަން ލިބިވަޑައިގެންނެވީއްސުރެ ވަކާލާތު ކުރަށްވަނީ މާލޭ މީހުންނަށް ގޯތި ހޯދައި ދިނުމަށެވެ. އެކަމަކު މުއިއްޒު ޖައްސަވާ ހިސާބުން ހުޅުމާލެއިން ބޭނުންވަނީ 1000 ގޯއްޗެވެ. ދެން ދައްކަވަނީ ގުޅިފަޅުން ގޯތިކޮޅެއް މާލޭ މީހުންނަށް ދޭ ވާހަކައެވެ. މުއިއްޒު ވަކާލާތު ކުރަށްވަނީ މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށެވެ. އެކަމަކު މާލޭގެ ރަށްވެހިންގެ ތެރޭގައި ގޯތި ބޭނުންވެފައި ތިބީ ކިތައް މީހުންތޯ އަދި ބޭނުންވެފައި ތިބި އެންމެންނަށް މުއިއްޒު އެޖައްސަވާ ހިސާބަށް ގޯތި ކަނޑައިގެން ގޯތި ދެވޭނެތޯ މިއީ ހަމަ މުޢިއްޒާއި ކޮށްލަން ޖެހޭނެ ސުވާލެކެވެ.

ކޮންމެއަކަސް ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ގޯތި ދިނުމުގައި ގެންގުޅޭ އުސޫލަކީ ރަނގަޅު އުސޫލަކަށް ވާނަމަ މާލޭ ރަށްވެހިންނަށް ވެސް އެއުސޫލުން ނަމަވެސް ގޯތި ގެދޮރު އެބަ ލިބެން ޖެހެއެވެ. ނުވަތަ ކުރިއަށް އޮތް ތާނގައި މާލޭގެ ރަށްވެހިންނަށް ގޯތި ގެދޮރު ލިބޭނެ ނޫނީ ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅިފައި އޮންނަ ގާނޫނާނެއް ނޫނީ ސަރުކާރުގެ ސިއްކަ ޖަހާފައިވާ ގަވާޢިދެއް ނަމަވެސް ލިޔެވި އާންމުކޮށް ފެންނާން އޮންނަން އެބަޖެހެއެވެ. އެހެން ނޫނީ އެއުސޫލުވާނީ އެއިރަކު އޮންނަ ސަރުކާރެއްގެ މުހުތާދުތަކާ އެއްގޮތަށް ހެދޭ އެއްޗަކަށެވެ. ނޫނީ ދެންވެސް އެކަން ހިނގާނީ އެއިރަކު ހުންނަވާ ވެރިއެއްގެ ޕާޓީގެ އޮފީހުން ނޫނީ ގޭގެ ބޮޑުފެންޑާއިން ނިންމާ ނިންމުމެއްގެ މައްޗަށެވެ. ސަރުކާރަށް އެމީހެއްގެ ޚިދުމަތް މާބޮޑަށް ބޭނުންވާތީ ނޫނީ ވަޒީރުކަން ކުރަށްވާތީ ނޫނީ ބޭބޭފުޅާއި ކޮއްކޯފުޅުގެ ގާތް އެކުވެރިއަކަށްވާތީ ނުވަތަ ކަމުވޮށިގެންވާ ބޭފުޅެއްގެ ބޭފުޅަކަށްވާތީ ގޯތި ކަނޑައިދޭ އުސޫލަށެވެ. އެކަމަކު އެއުސޫލަށް އަމަލުކޮށްގެން ދުވަހަކު ވެސް ގޯތި ދިނުމުގެ މައްސަލައަކަށް ވެސް އަދި އެނޫން ކަމަކަށް ވެސް ހައްލެއް ނުލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-17

ނާޝިދު

18-Mar-2022

ވވވ ރަނގަޅު ވާހަކަކޮޅެއް. ކަނޑައެޅޭ އުސޫލެއް އޮންނަންވާނެ ކަމަށް ދެކެން



ޓްރެންޑިން