ސްރީލަންކާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން އެޤައުމުން ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފާއިތުވި 14 ދުވަހުގެ ތެރޭގައި ލަންކާއަށް ދަތުރުކޮށްފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.

ލަންކާ އިން ރާއްޖެ އަށް މީހުން އައުން މަނާކުރި ނަމަވެސް، އެގައުމުގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުންނަމަ އާދެވޭނެ ކަމަށް އެޑްވައިޒަރީގައި ބުނެފައިވެއެވެ. އެކަމަކު އެ ފިޔަވަޅާ އެކު ލަންކާ އިން އަންނަ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެ އެވެ.

މިހާތަނަށް ކޯވިޑް-19 އާ ގުޅިގެން 11 ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އެއީ ޗައިނާ، އިޓަލީ، އިރާން، ސްޕެއިން، ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކާއި، ފްރާންސްގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދަކާއި، އިނގިރޭސިވިލާތް، މެލޭޝިޔާ، ބަންގްލަދޭޝް އަދި ސްރީލަންކާއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން