ކޯވިޑްގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަމުގައި "ނުފުނޑޭ ހަމައެންމެ ގައުމެއްވެސް ދުނިޔޭގައި ނެތެވެ. ކުޑައެއް ބޮޑެއް މުއްސަންޖެއް ފަގީރެއް ނެތެވެ. އެ ނުރައްކާތެރި ވަބާ އެރި ގޮތަށް އެތައް ބައެއްގެ ފުރާނަ ދުއްވާލައި ގައުމުތަކުގެ އިޤުތިޞާދު ދޮވެލީއެވެ. އަދިވެސް ގިނަ ގައުމުތަކަށް ހަމަ ނޭވާލައި، ހިންދެމިއެއް ނުލެވެއެވެ. މިބައްޔަށް ފަރިތަވެ ބައްޔާއެކު އުޅެން ދަސްކޮށް އިޤުތުޞާދު ނަގާ އަލުން ހޭރިޔާ ކުރެވުނީވެސް މަދު ގައުމަކަށެވެ.

ކޮވިޑަކީ ރާއްޖެއަށް މިފަހުގެ ތާރިޚެއްގައި ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމެެވެ. ދެ އަހަރުގެ ދިގު އުނދަގޫ ރާސްތާ އަކަށްފަހު ރާއްޖެ އިން ކޮވިޑު ކޮންޓްރޯލްކޮށް ރައްޔިތުން އާންމު ހާލަތަކަށް މިވަނީ ރުޖޫޢަވެފައެވެ. ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން މި ބަލީގައި ހިތްދަތި އެތައް ކަމެއް ވަނީ ތަޖުރިބާކޮށްފައެެވެ. މިއީ ދިވެހިންގެ ހަޔާތުގައި މީގެ ކުރިން ތަޖުރިބާ ކުރަންޖެހޭނެ ކަމަށް ހުވަފެނުން ވެސް ދުށް ކަންތައްތަކެއް ނޫނެވެ. ރަންނަމާރީގެ ބލވެރިކަމާއި ގަބުޅިބާދަލާ ރޯގާގެ ދުއްޕާނާއި ކޮލެރާއާއި ޝިގެއްލާ ރޯގާގައި ދެކޮޅުން ދެވި، މީހާ މުޅިން ހުސްވެ ގޮތް ހުސްވެ، ހަފުސްވެ، އަށިގަނޑު ތަކުގައި ހަށިގަނޑުތައް އަވީލާފައި ތިބެ ފުރާނައާއި ހަނގުރާމަ ކުރި ދުވަސްވެސް މިތިބީ ތަޖުރިބާ ކޮށްފައެވެ. އެކަމަކު ހަމަ މިވަރުގެ ކަމެއް އަދި ހަމަ ތަޖުރިބާއެއް ނުކުރެވެއެވެ.

ކޮވިޑު ބަލީގައި އަޅުގަނޑުމެންގެ ލޯބިވާ އެތައް ބަޔަކު ފުރާނަ ވަނީ ގެއްލިފައެވެ. ލޯބިވާ މަންމަ އާއި ބައްޕަ އާއި ދަރިންނާއި އެެއްބަނޑު މީހުންނާއި ކޮއްކޮ އިންނާއި ބޭބެ އިންނާއި ދައްތައިންނާއި އަނބިންނާއި ފިރިންނާއި މާމަ އާއި ކާފަ މެން ލޯ ކުރިމަތީގައި ވަކިވެގެންދިޔައީ އެ މައްޔިތުންގެ މޫނު އަޅާތަން ދެކިލާނެ ފުރުސަތުވެސް ނުލިބިއެވެ. ހާހުން ދެހާހުން ކޮވިޑަށް ޕޮޒިޓިވްވެ ދުވާލަކު ދިހަ ބާރަ މީހުން މަރުވަމުންދިޔަ އެހިތްދަތި ހަނދާންތަކަކީ ދިވެހިންގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ.

ކޮވިޑުގެ ރާޅަކަށްފަހު ރާޅެއް ވޭރިއަންޓަކަށްފަހު ވޭރިއަންޓެއްގެ ނުރައްކާ މުޅި ރާއްޖެ ވަށާލިއެވެ. ކޮންމެއަކަސް ކޮވިޑުގެ އެ ބިރުވެރި ދަތި އުނދަގޫ ނުރައްކާތެރި ހާލަތުން އަރައިގަތުމަަށް ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ކުރިން ދިރިއުޅުނު އާންމު ހާލަތުގައި މިއަދު ރައްޔިތުންނަށް ދިރިއުޅުމުގެ ނަސީބު ލިބިފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ބެއްލެވުމުގެ ދަށުން އޭރު ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެެވެ.

ސަރުކާރުން އަޅަމުން ދިޔަ މިދެންނެވި ފިޔަވަޅުތަކާއި ގުޅިގެން އެތެރެއާއި ބޭރުން އެތައް ދުއްތުރާތަކަކާއި ފިއްތުންތަކެއް ކުރިމަތިކުރުވި ނަމަވެސް ފަރުވާލެއް ނެތެވެ. ސަރުކާރުން އެއްވެސް ޖެހިލުމެއް ނެތި ދޫ ނުދީ ފަހަތަށް ބެއްލެވުމެއް ނެތި އެއިރެއްގައި އަޅަންޖެހުނު ފިޔަވަޅުތައް އެޅުމުގައި ސާބިތުކަން ދެއްކުމުގެ ނަތީޖާއަކަށްވީ އެ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް މަގުފަހިވެގެންދިޔުމެވެ. ހޮޓާ، ކެފޭ ރެސްޓޯރެންޓްތަކާއި މިސްކިތްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި އެ ނޫންވެސް ތަންތަން ބަންދުކުރަންޖެހުމުން އެ ފިޔަވަޅުތައް ވެސް އެޅީއެވެެ. އެއިން ކޮންމެ ފިޔަވަޅަކާއެކު އެތައް ޕްރެޝަރެެއް ސަރުކާރަށް ކުރިމަތިވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިއެވެ. މައްލަވަ ވެސް ކުރިއެވެ. އެހެން ނަމަވެސް ސަރުކާރު އޮތީ އަދި އެމަނިކުފާނު ހުންނެވީ އެންމެ ތަންފުކެއް ވެސް ދޫކޮށް ހަތިޔާރު ބަހައްޓާފައި އެކަމުގައި އަމާން ދެއްވާ ގޮތަކަށް ނޫނެވެެ. އެ ޕްރެޝަރުތަކާއި ފާޑުކިޔުންތަކަށް އެމަނިކުފާނު ޖަވާބު ދެއްވަމުން ގެންދެވީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކުގައެވެ. ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް އަދި މައްލަވަކޮށް ފަހަތުން "ހޯއް ގޮވަމުން" ދިޔަ ނަމަވެސް ސަރުކާރު މަގުން ކައްސާލައި ދީލާލިޔަކަ ނުދެއްވިއެވެ.

ކޮންމެ ދުވަހަކު ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވައި ކަން ކުރަންވީ ގޮތުގެ ލަފަޔާއި އިރުޝާދު ދެެއްވަމުން ގެންދިޔައީ ސީދާ ރައީސް ސާލިިޙެވެ. ސަރުކާރުން ފިިޔަވަޅުތައް އަޅުއްވަމުން ގެންދެވީ ސިއްހީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކުއެެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހުނު ހާލަތުގައި ވެސް އެކަން ރައީސް ކުރެއްވީ ވަގުތާ ސާޢަތާއި ހާލަތަށް ބެއްލެވުމަށްފަހު އެކަމަށް އެކަށީގެންވާ ވަގުތުގައެެވެ. ބޯޑަރު ބަންދުކުރުމުން ރައްޔިތުންނަށް ދިމާވާނެ ދަތިތަތަކާއި ގައުމަށް ކުރިމަތިވެދާނެ އެންމެހައި އުނދަގޫ ކަންކަން ހައްލުކުރާނެ ގޮތްތައް ސަރުކާރުން ރޭއްވެވިއެވެ.

ބޯޑަރު ބަންދުކުރުމުން ރާއްޖެއަށް އާމްދަނީ ލިބޭނެ މަގު އެއްކޮށް ބަންދުވިއެެވެ. އެހެން ނަމަވެސް ސަރުކާރަށް ގޮތެއް ހުހެެއް ނުވިއެވެ. ސަލާންޖަހާ ނާށިގަނޑު ހިފައިގެން ބޭރުގެ ގައުމުތަކުން އެހީ އާއި ލޯނު ހޯދައި ސަރުކާރު ހިންދެމިލިއެވެެ. އަދި ވެއްޓެމުން ދިޔަ ވިޔަފާރިތައް ކައްތިރި ވިއްދައިދީ ކޮޅަށް ނަގައިދޭން މަސައްކަތް ކުރިއެވެ. ވަޒީފާ ގެއްލުނީމާ އިނާޔަތް ދިނެވެ. ބޮޑެތި ލުއިތައް ދީގެން ބޮޑެތި ވިޔަފާރިތަކަށް ހިންދެމިލެވޭނެ މަގު ތަނަވަސްކޮށްދިނެވެ.

ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކާޑާއި ތެޔޮ ފަދަ އަސާސީ ބާވަތްތަށް ރާއްޖެ ގެނެސް ރައްޔިތުންނަށް ދަތިނުވެ އެތަކެތި ލިބޭނެ ގޮތް ހަމަޖައްސައި ކާބޯތަކެތީގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދިނެވެ. ރައްޔިތުން ބަނޑަކަށް ނުޖެހެއެވެ. ބަޖެޓްގެ ތާށިކަން އެހާ ބޮޑުވެގެންދިޔައިރު ވެސް ސަރުކާރު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަތްކެއް ނުކުރެއެވެ. ބަރާބާރަށް ކޮންމެ މަހަކު މުވަށްޒަފުންނަށް ދިޔައީ މުސާރަ ދެމުންނެެވެ. އެއްގޮތަކުން ބުނާނަމަ ދައުލަތުގައި ނެތް ފައިސާ އިންނެެވެ. ރައްޔިތު މީހާގެ ހުރިހާ ބުރައެއް ސަރުކާރުން ނެގީއެވެ.

ވަޒީފާ ގެެއްލި ހާލުގައި ޖެހުނު އެތަށް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ ވަޒީފާ ގެއްލުނު މީހުންނަށް ދިން އިންކަމް ސަޕޯޓް އެލަވަންސް ތަކުން ރައްޔިތުން އުފުލަމުންދިޔަ ތަކްލީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. މުވައްޒަފުން ވަޒީފާ ތަކުން ވަކިނުކުރަން ޝަރުތުކޮށް، އަޑިއަޅާލައި އިނދަ ޖެހެމުންދިޔަ ވިޔަފާރިތަކަށް އެތައް މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުން ދޫކުރިއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ހުލިވަމުންދިޔަ ވިޔަފާރިތަކަށް އާރޯކަން ލިބި އޭގެ ސަބަބުން އިގްތިސާދަށް ދިރުން ލިބިގެންދިޔުމެެވެ. މިދަތި ހާލުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރައެެވެ. ފެނިގެންދިޔައީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އެތަައް ލުއިތަކެއް ދިން ތަނެވެ.

ކަރަންޓާއި ފެނުގެ ސަބްސިޑީއެވެ. ރިސޯޓްތަކުގެ ކުލި މައާފު ކުރުމެވެ. ކުދި ވިޔަފާރިތަކަށް ލުއި ލޯނުތަކެވެ. ބޮޑެތި ވިޔަފާރިތަކަށް ބޮޑެތި ލޯނުތަކެވެ. ރެސްޓޯރެންޓްތައް އަލުން ތެދުވާން ވެސް ލޯނެވެ. ގެސްޓް ހައުސް ވިޔަފާރިއަށް ވެސް ލުއި ލޯނެވެ. ގޭގައި ކުރާ މަސައްކަތްތައް އަލުން ފެށުމަށް ވެސް މާލީ އެހީތެރިކަމެވެ. މިހެން ގޮސް ކިޔާ ކޮޅުން ނުލާނެއެވެ. އެހެންވީމަ ލިސްޓް ކުރުކޮށްލާނަމެވެ.

އެހެން ނަމަވެެސް އަދި ކޮވިޑުގެ ވެކްސިންގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެެ. ވެކްސިން އުފެއްދި ގައުމުތައް ފިޔަވައި، މުޅި ދުނިޔެއިން ވެސް އެންމެ އަވަހަށް ވެކްސިން ހޯދައި އެންމެ ގިނަ ބަޔަކު ވެކްސިން ޖެހި އެއް ގައުމަކީ ރާއްޖެއެވެ. ކޮވިޑު ކޮންޓްރޯލްވެ އާންމު ހާލަތަކަށްދިޔައީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުންނެެވެ. މިއީ ސަރުކާރުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެެވެ.

ރާއްޖެއަށް ވުރެ ބޮޑެތި ގައުމުތަކަށް އަދި ވެސް ކޮވިޑުން އަރައިގަނެވިފައިނުވާއިރު އެބަލިން އަރައިގަތުމުގައި ދެކުނު އޭޝިޔާ ގައުމުތަކަށް ރާއްޖެއިން މިވަނީ މިސާލު ދައްކާފައެެވެ. ކޮވިޑަށް ފަހު އިގްތިސާދު އެންމެ ބާރަށް ކުރިއަރާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެެވެ. ކޮވިޑުން އަރައިގަނެ ޓޫރިޒަމް ބޫސްޓްވާ މަންޒަރު ހުވަފެންފުޅުގައި ނަމަވެސް މާ ކުރިން ދެކެވަޑައިގެންނެވި ބޭފުޅަކީ ރައީސް ޞާލިޙެވެ. އޭރު އެއީ އެއްވެސް މީހަކަށް ދައްކާންވެސް ނުކުރެނު ވާހަކައެކެވެ. ދޭން ނުކެރުނު އުއްމީދެކެވެ.

ކޮންމެ އަކަސް ކޮވިޑުން އަރައިގަތުމަށް ރައީސް ސާލިޙުގެ ލީޑަރޝިޕްގެ ދަށުން ކުރެއްވި މަސައްކަތްތަކަކީ ރާއްޖޭގެ ތާރިޚުގައި ރަން އަކުރުން ފަވާލެވޭނެ މަސައްކަތްތަކެކެވެ. ތައުރީފާއި ޝުކުރު ހައްގު މަސައްކަތްތަކެކެވެ. މިމަސައްކަތުގެ ކްރެޑިޓް ހައްގުވަނީ ރައީސް ސާލިޙަށެވެ. ތާރިޚު ލިޔާ މީހުން އެ ބުނަނީ އެގޮތަށެވެ. އެހެން މީހުން މިކަމުގެ ކްރިޑިޓް ނަގަން ނޫޅޭށެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޙަސަނު

08-Apr-2022

ހުރިހާ ކްރެޑިޓެއް މައިމޫނާއަށް


-8

ހަސަނު

06-Apr-2022

އަސްލުވެސް ވަރަށް ރަނގަޅުވާހަކައެއް ރައީސް ސޯލިހުގެ ހިކުމތްތެރިވިސްނުންފުޅާއި ކެތްތެރިކަމަށް އައްސަރިބަހާއި ސާބާސް ދަންނަވަންޖެހޭ އެހެންމީހަކު ވެރިކަމުގަ ހުންނެވިނަމަ ރައްޔަތުން އުޅެންޖެހޭނޭ ހާލަތެއް ވެސް ނޭނގޭ



ޓްރެންޑިން