އިސްރާ އާއި މިޢުރާޖުގެ މަތިވެރި މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި، އިސްރާ އާއި މިޢުރާޖުގެ މަތިވެރި މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި އިސްލާމް ދީނުގެ ތެދު މަގުގައި އަޅުގަނޑުމެން އަބަދުމެ ލެހެއްޓެވުން އެދި އެމަނިކުފާނުގެ ޓްވީޓްގައި ދުޢާ ކުރައްވާފައިވެއެވެ.

އިސްރާ އާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލައަށް ﷲ ދެއްވީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ވަރަށް އުނދަގޫ ދުވަސްވަރެއްގައި އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީއެއްގެ ގޮތުގައެވެ. އުފާވެރި ކަމެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ އެންމެހައި ހިތާމަތަކަށް ނިމުމެއްގެ ގޮތުގައެވެ.

އަބޫޠާލިބުގެފާނާއި ޚަދީޖަތުގެފާނު އަވަހާރަވުމާއި ޠާއިފުގެ ދަތުރުން ލިބިވަޑައިގެންނެވި ހިތާމަތަކުގެ ސަބަބުން ކީރިތި ރަސޫލާއަށް ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެ ޙާލަތުގައި އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އީމާންކަން އިތުރަށް ކަށަވަރު ކުރައްވައި ﷲގެ މަތިވެރި މުޢުޖިޒާތް އެކަލޭގެފާނަށް ދެއްވަން ﷲ އިރާދަ ކުރެއްވިއެވެ.

މިޙާދިސާ ހިނގާފައިވަނީ މަދީނާގެ ހިޖުރައިގެ ކުރިންނެވެ. އެއީ ނަބަވީ ދަޢުވަތުން 10 އަހަރު ފާއިތުވުމަށް ފަހުގައެވެ. އިސްރާ އާއި މިޢުރާޖުގެ ދަތުރަކީ އާދައާ ޚިލާފު އެތައް ޙަޤީޤަތްތަކެއް ހާމަވި ދަތުރުކެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ އެތައް ހެކިތަކެއް ﷲ ދެއްކެވި ދަތުރެކެވެ. އިސްރާއަކީ މައްކާގެ އަލްމަސްޖިދުލް ޙަރާމުން އަލްޤުދުސްގެ އަލްއަޤުޞާ މިސްކިތައް ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖަކީ އަލްއަޤުޞާ މިސްކިތުން މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން