ތައުލީމީ ދާއިރާގެ މަސައްކަތް ކުރާ ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ މައްސަލައަކީ މީގެ ކުރިން ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. މުޖުތަމަޢު ބިނާ ކުރުމުގެ އެންމެ ކުރީސަފުގައި އެންމެ މުހިންމު ޒިންމާ ނަގައިގެން އެންމެ ގިނަ ވަގުތު މަސައްކަތްކުރާ ދާއިރާގެ މުސާރަތައް އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް މީގެ ކުރިން އައި ސަރުކާރު ތަކުން ގަބުލުކޮށް އެމީހުންގެ ވަޢުދުނާމާ ތަކުގައި އެވާހަކަތައް ލިޔުނު ނަމަވެސް އެކަން ވެފައި ވަނީ ބިލާހަކަށެވެ. ހުސް ވާހަކައަށެވެ. ނުފުއްދި އޮންނަ ސިޔާސީ ވަޢުދަކަށެވެ. މުދައްރިސުންނަށް އަބުރުވެރިކަމާއެކު އުޅެވޭނެ އަދި އެމީހުންނަށް ހައްގު މިންވަރު ހޯދައި ދެވުނު އެއްވެސް ސަރުކާރެއް އެއްވެސް ވެރިއަކު އިއްޔެއާއި ހަމައަށް ވެސް ނެތެވެ.

އެހެން ނަމަވެސް ރައީސް ސާލިޙުގެ ސަރުކާރުން ޓީޗަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަށް ބަލައިގަނެ އެ ޝަކުވާތަކަށް މިއަދު ނިމުން ގެނެސްދީފިއެވެ. މުސާރަ ބޮޑުކުރާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ. މިއީ ރައީސް ސާލިޙާއި އެމަނިކުފާނުގެ ސަރުކާރުން ޓީޗަރުންގެ އަގު ވަޒަންކުރާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެެވެ. ޓީޗަރުންނަކީ މުޖުތަމަޢުގައި އެންމެ މުހިންމު އަދި އެންމެ ބުރަކޮށް މަސައްކަތް ކުރާ މީހުންކަށް ބަލައިގެން ކަމުގެ އަލިގަދަ ދަލީލެކެވެ. މުދައްރިސުންނަށް ލިބެމުން އައީ ހައްގު މިންވަރު ނޫންކަން ހިތާ ރޫހުން ގަބޫލުކުރިކަން ކަށަވަރުވި ކަމެކެވެ.

ޓީޗަރުން ކުރި ދިގު އިންތިޒާރުގެ ނިމުން ވަރަށް ވެސް ފޮންޏެވެ. ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ހާމަކުރިއިރު ޓީޗަރުންނަށް ދެއްވީ އެމީހުން އުއްމީދު ކޮށްގެން ތިބި ވަަރަށްވުރެ ބޮޑު މުސާރައެކެެވެ. މިއަދު ޓީޗަރުންނަށް އަދި އެމީހުންގެ އާއިލާތަކަށް ހާސްކަމެއް ނެތި ދިރިއުޅެވޭނެ މަގު ތަނަވަސްވެއްޖެއެވެ. މިއަދު ޓީޗަރުންގެ މޫނުމަތިން ފެންނަނީ އުފަލާއި ހިތްހަމަޖެހުމުގެ ކުލަވަރެވެ. އަޑުއިވެމުންދަނީ އުފާވެރި ޝުޢޫރު ތަކެވެ. ތައުލީމީ ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ހިތަދޫ ސުކޫލުގެ ޕްރިންސިޕަލް އާސިޔަތު މުހައްމަދު ދީދީ ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ގެނެވުނު އުއްމީދީ ބަދަލާއެކު އޭގެ ރަނގަޅު ނަތީޖާ އުގަންނައިދިނުމުގެ ދާއިރާއިން ފެނިގެން ގޮސް ރަނގަޅު ޖީލުތަކެއް ބިނާވެ ގައުމުގެ މުސްތަގުބަލް އުޖާލާވެގެންދިއުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.

"އަޅުގަނޑު ކުރާ އިލްތިމާސަކީ މި އަޒުމުގައި ހިފަަހައްޓައިގެން މިގެނެވުނު އުއްމީދީ ބަދަލާއެކު ދަރިވަރުންނަށް މީގެ އެންމެ ރަނގަޅު ފައިދާ ކުރާނެ ގޮތެއްގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން." އާސިޔަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

މާލޭގެ ސުކޫލެއްގައި މަސައްކަތް ކުރާ އިތުރު ޓީޗަރަކު ވިދާޅުވީ މުސާރައިގެ އޮނިގަޑަށް އައި ބަދަލުގެ ސަބަބުން މިދާއިރާއަށް ޝައުގުވެރިވާ ހުނަރުވެރި ޒުވާނުންތަކެއް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ތައުލީމީ ދާއިރާގެ މުސާރައަށް ގެނައި ބަދަލާއި ގުޅިގެން އައްޑޫ ހައިސުކޫލުގެ ލީޑިން ޓީޗަރެއް ކަމަށްވާ ލީޝާ ފަހުމީ ވިދާޅުވީ، މިއީ ޓީޗަރުންގެ މުސާރައަށް ގެނައި އެންމެ ހެއު ބަދަލު ކަމަށެވެ. މުސާރައަށް ގެނައި ބަދަލާއެކު ޓީޗަރުން ރެއާ ދުވާލު ކުރާ ބުރަ މަސައްކަތުގެ އަގު ސަރުކާރުން ވަޒަން ކުރާކަން ޔަގީންވެގެން ހިގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތައުލީމީ ދާއިރާގެ މުވައްޒަފުން މިތީބީ ވަރަށް އުފަލުން ވަރަށް ހިތްހަމަޖެހިފައި، މިބަދަލާއެކު ދަރިވަރުންނަށް ފުރިހަމަ ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތްތަކެއް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސަށް އަރުވަން." އައްޑޫ ހައިސުކޫލުގެ ލީޑިން ޓީޗަރެއް ކަމަށްވާ ލީޝާ ވިދާޅުވިއެވެ.

ސެކަންޑްރީ ޓީޗަރުންނަކީ އާންމުކޮށް އެންމެ ދަށްވެގެން ޑިގްރީ ފެންވަރުގެ ޓީޗަރުންނެވެ. މުސާރައިގެ އާ އޮނިގަނޑުގައި ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް 19،467ރ. ގެ މުސާރައެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާސްޓާސް ލެވެލްގެ ޓީޗަރުންނަށް މިހާރު ލިބެމުންދާ 15،633ރ. މުސާރައިގެ ބަދަލުގައި އާ އޮނިގަނޑުގައި 20،895ރ. އަށް މުސާރަ ވަނީ ބޮޑުކޮށްފައެވެ. ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ހެދިއިރު ލީޑިން ޓީޗަރުންނަށް ދޭ އެލަވަންސް މިހާރު ވަނީ ދެ ގުނަ ބޮޑުކޮށްފައެވެ. އެހެންކަމުން ލީޑިން ޓީޗަރުންނަށް ދެން އެލަވަންސްގެ ގޮތުގައި ކުރިން ދޭ 1000 ރުފިޔާގެ ބަދަލުގައި ޖުމްލަ 2000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މުސާރައިގެ އާ އޮނިގަނޑުގައި ވާގޮތުން ޓީޗަރުންގެ މުސާރަ ދެން ހިނގާނީ ފަސް ރޭންކެއްގެ ދަށުންނެވެ. އެއާ އެކު އެންމެ ދަށް ރޭންކް (ރޭންކް އެކެއް) ގެ ޓީޗަރުންނަށް ވެސް އެންމެ މަދުވެގެން 13،266ރ.ގެ މުސާރައެއް ދޭގޮތަށް ވަނީ ނިންމާފައެވެ. ކުރިން މި ރޭންކްގެ ޓީޗަރުންނަށް ލިބެނީ 10،889ރ. ގެ މުސާރަ އެކެވެ. އިތުރު ރޭންކްތަކުގެ ޓީޗަރުންގެ މުސާރައަށް އައި ބަދަލަށް ބަލާއިރު ރޭންކް ދޭއްގެ ޓީޗަރުންގެ މުސާރަ ވަނީ 19،467ރ އަށް ބޮޑުކޮށްފައެވެ. މީގެ ކުރިން އެ ޓީޗަރުންނަށް ލިބެނީ 13.008ރ ގެ މުސާރަ އެކެެވެ. މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ރޭންކް ތިނެއްގެ ޓީޗަރުންނަށް މިހާރު 20،895ރ. ގެ މުސާރަ އެެއްް ލިބެއެވެ. މީގެކުރިން އެ ޓީޗަރުންނަށް ލިބެމުން އައީ 15،135ރ ގެ މުސާރައެކެެވެ.

މީގެއިތުރުން ޓީޗަރުންގެ ރޭންކްގެ ތެރެއަށް ހަތަރެއް އަދި ފަހެއް ވެސް އިތުރުކޮށް އެ ރޭންކްތަކަށް ވެސް ވަރަށް ބޮޑު މުސާރައެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރޭންކް ހަތަރެއްގެ ޓީޗަރުންނަށް 23،277ރ. ގެ މުސާރައެއް ދިނުމަށް ނިންމާފައިވާއިރު، ރޭންކް ފަހެއްގެ ޓީޗަރުންގެ މުސާރައިގެ ގޮތުގައި ހަމަޖެއްސީ 25،958ރ. އެވެ. މީގެ އިތުރުން ޕްރިންސިޕަލުންނަށް 30000 ރ އަށް ވުރެ ބޮޑު މުސާރައެއް ސަރުކާރުން ގެނައި އާ އޮނިގަނޑުގައި ވަނީ ކަނޑައަޅާފައެވެ.

ކޮންމެއަކަަސް ޓީޗަރުންގެ މުސާރައަށް މި ގެނައީ ތާރިޚީ ހެއު ބަދަލެކެެވެ. މިހާތަނަށް މިގައުމުގެ އެއްވެސް ވެރިއަކަށް ކުރަން ނުކެރުނު އަދި ކުރަން ނުވެސް އެނގުނު ކަމެއް ކުރަށްވައި ރައީސް ޞާލިހު މި ސާބިތުކޮށްދެއްވީ ގައުމު ބިނާކޮށް ރައްޔިތުންނަށް ހެއުގޮތްތައް ހޯދައިދިނުމުގައި އެމަނިކުފާނުގެ "ގަޓް" ހުންނާނެ ކަމެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ކޮންމެ ހާލެއްގައި ވެސް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރިކަން އިއުލާންކުރައްވައި ރައީސް ސާލިޙު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުގެ ހެޔޮ ނަތީޖާ މާ ގިނަ ދުވަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމަށެވެ. އަދި އެމަނިކުފާނު ތަޢުލީމީ ދާއިރާއަށް މިގެނެސްދެއްވީ ހެޔޮ ބަދަލެއް ކަމަށް އެދާއިރާގެ ބޭފުޅުން ގަބޫލުކުރައްވާނެ ކަމަށް އެމަނިކުފާނު އުއްމީދުކުރައްވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ. މިއީ މުޅިން އާ ބާބެއްގެ ފެށުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު، ތައުލީމާއި އުނގެނުމަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއެކު އުނގަންނައިދިނުމަށް ރައީސް ޞާލިހު ދެއްވާ މަތިވެރި ގަދަރު ހާމަވެގެންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަށް އަބުރުވެރިކަމާއެކު އުޅެވޭނޭ އުޖޫރައެއް ހަމަޖެހިގެން ދިއުމަކީ، އެމީހުންނަށް ލިބޭނެ ހިތްވަރެއް ކަމަށެވެ. އަދި މިއީ މޮޅު މީހުން މުދައްރިސު ކަމަށް ކުރިމަތިލާނޭ ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މުސާރައާއި އެހެން އިނާޔަތްތައް މަދުވީމަ މުދައްރިސުން ނުވަތަ އާ ކުދިން މި ދާއިރާއަށް އަންނަން ފަސްޖެހޭ. ނަމަވެސް މިއައި ހެއު ބަދަލާއެކު އަޅުގަނޑުމެން އުއްމީދު ކުރަނީ ހަމަ ރަނގަޅު ކުދިން މިދާއިރާއާއި ގުޅޭނެ ކަމަށް. އަދި މިދާއިރާގައި ތިބި ރަނގަޅު މުދައްރިސުން ވެސް އެހެން ވަޒީފާތަކަށް ނުދާނެ ކަަމަށް." އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޞާލިހު މިގެނަސްދެއްވި ބޮޑު ބަދަލަކީ އޭގެ ފައިދާ މުޅި ގައުމުން ފެންނާނެ ބޮޑު ބަދަލަކެވެ. މިކަމުގެ ފައިދާ ކުރާނީ ހަމައެކަނި ތަޢުލީމީ ދާއިރާއަށް އެކަންޏެއް ނޫނެވެ. އަދި މީގެ ފައިދާ ކުރާނީ ހަމައެކަނި ދަރިވަރުން ނުވަތަ ކިޔަވާ ކުދިންނަކަށް އެކަންޏެއް ވެސް ނޫނެވެ. އަދި މިބަދަލުގެ ފައިދާ ކުރާނީ ހަމައެކަނި ޓީޗަރުންނާއި ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަކަށް ވެސް ނޫނެވެ. މިބަދަލާއެކު ފުރެނީ ހަމައެކަނި އެމީހުންގެ ޖީބުތަކެއް އެކަންޏެއް ނޫނެވެެ.

މީގެފައިދާ ގައުމުގެ އެތަށް އާއިލާތަކަކަށް އެތައް ދާއިރާ ތަކަކަށް ކޮށް، ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު އެތައް ގުނައަކަށް މަތިވެގެންދާނެއެވެ. ގޭގެ ކުރިމަތީގައި ހުރި ސައިހޮޓަލާއި ޖެހިގެން ހުރި ކެފޭއާއި މަޖީދީ މަގުގައި ހުރި ބޮޑެތި ފިހާރަތަކާއި ކަންމަތީ ފިހާރަތަކުގެ ވިކުރާއާއި މާރުކޭޓް ގޮޅިއަށް ވެސް ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލުގެ ހެެއު އަސަރުކޮށް ތިޔާގިކަން ފެނިގެންދާނެ ކަން ކަށަވަރެވެ. އެގޮތުން މިކަމުގެ ނުސީދާ އެތައް ފައިދާ ތަކެއް ގައުމުން ފެނިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ރައީސް ޞާލިހު މިގެނައި ބޮޑު އިންގިލާބީ ބަދަލުން ޖުމްލަކޮށް މުޅި ގައުމުން ހެއު ބަދަލުތައް ފެނި ގިނަ ބަޔަކަށް އޭގެ ފައިދާތައް ލިބިގެންދާނެކަމީ ޔަގީންވާ ކަމެކެވެ.

ޓީޗަރުންގެ މުސާރައަށް މިއައި ހެއު ބަދަލަކީ މުުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބުނު އުފަލެކެެވެ. މިއީ މިނިމަމް ވޭޖާއެކު ރައްޔިތުންނަށް ލިބުނު އުފާވެރި ކަމަށް އިތުރުވި އާ ބޮޅެކެެވެ. ކުރިން 319 ޑޮލަރު ލިބުނު މީހުންނަށް 500 ޑޮލަރު ލިބޭތީ ރިސޯޓް މުވައްޒަފުން ވެސް މިއަދު ތިބީ އުފަލުން ފޮޅިފައެވެެ. މިނިމަމް ވޭޖަކީ ވަކި ސަރުކާރަކުން ކުރިކަމަކަށް ވުމުން އެކަމުގެ އަސްލު މަގުސަދު އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ނަމަވެސް މިނިމަމް ވޭޖްގެ އަަަސްލު މަގުސަދު ވެސް މިއަދު ހާސިލްވެއްޖެއެެވެ. އެކަމާއި ބަޔަކު ދެކޮޅު ހެދިޔަސް ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. މިނިމަމް ވޭޖްގެ ފޮނި މީރުކަން ލިބުނު މީހުން މިއަދު ދައްކަނީ އެ ވާހަކައެވެ. އެމީހުންގެ އާއިލާ ތަކުގެ ތުންފަތް މަތިން ފެންނަމުންދަނީ އެ ހިތްހަމަ ޖެހުމެވެ.

މިއިން ވެސް އެނގުނު އެއްކަމަކީ ރައީސް ސާލިޙުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ފައިދާ ސީދާ ލިބެނީ ރައްޔިތު މީހާގެ ޖީބަށް ކަމެވެ. ކޮވިޑާއެކު ރައީސް ޞާލިހުގެ ސަރުކާރަށް ގެއްލިގެންދިޔަ ދެ އަހަރާއެކު ވެސް އަދި ކުރިމަތިވި ގިނަގުނަ ގޮންޖެހުންތަކާއެކު ވެސް މިސަރުކާރުން ހާސިލް ކުރަމުން އެދަނީ ހުރިހާ އާރަކާއި ބާރެއް ލިބިގެން "ގަޓް" ހުރެގެން ހިންގި ކަމަށް ބުނާ ސަރުކާރު ތަކަށް ހާސިލް ނުކުރެވުނު ބޮޑެތި ކަންކަމެވެ. މީގެން އެނގިގެން ދިޔަ އެއްކަމަކީ ރައްޔިތުންނާއި ގައުމަށް ފައިދާވާނެ ކަންކަމުގައި ރައީސް ޞާލިހުގެ "ގަޓް" ހުންނާނެ ކަމެވެ.

ރައީސް ޞާލިހު ކުރިއަށް މިއެޅުއްވި "ގަޓް" ހުރި ފިޔަވަޅާއެކު އެންމެ ބޮޑު ޝޮކެއް ލިބިގެން ދިޔައީ އިދިކޮޅު ފަރާތްތަކަށް ކަމަށް ބެލެވެއެވެ. އެމީހުންނަށް ލިބުނު ބޮޑު ހައިރާންކަމާއެކު އުފައްދަން ފެށި އެންމެ ބޮޑު ސުވާލަކީ ބޮޑުކުރި މުސާރަ ދޭނެ ފައިސާ ހޯދާނެ ގޮތަކާއި މެދުއެވެ. އޭގެ ޖަވާބު ވެސް ރައީސް ޞާލިހުގެ ސަރުކާރުން ދީފިއެވެ. އެކަން ކުރާނެ ގޮތާއި އެފައިސާ އޮންނާނީ ބަޖެޓުގައި ޖަހާފައިކަން ވަރަށް ބޮޑަށް ސާފުކޮށްދެއްވިއެވެ. އިދިކޮޅުން ދެން ވެސް ބެލީ ރައީސް ޞާލިހު މިއެޅުއްވި ބިންގަލުގައި ކުޑަ ނަމަވެސް ބާކޮޅެއް ނުވަތަ ލޯވަޅެއް އިންތޯއެވެ. އެގޮތުން ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރާވާހަކަ އޭގައި ނެތް ކަމަށް ބުނެ "އަނބުރަން ފެށި ގޭސްގަނޑު" ވެސް އަރައިގެން ދިޔައީ ހަމަ އާތްވަށެވެ. ރައީސް ޞާލިހު އޮތީ އެކަން ވެސް އެއްވެސް ތަފާތެއް ނުކުރަށްވައި ހަމަ ޖައްސަވާފައިކަމާއި އަދި އެކަން ކުރަން އޮތް ގޮތް ސަރުކާރުން ބުނެދިނުމުން ދެން ދައްކާނެ ވާހަކައެއް ނުވެސް އެނގެއެވެ. އެކަމަކު އެނގުނު ކަމަކީ ރައީސް ޞާލިހުގެ މި "ގަޓް" ނިންމެވުމުން ޝޮކް ލިބުނީ ހަމައެކަނި ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ނޫން ކަމެވެ. ރައީސް ޞާލިހުގެ މިނިންމެވުމާއެކު އިދިކޮޅަށް ވެސް ހަމަ ރަނގަޅު ބޮޑު "ޝޮކެއް" ލިބިއްޖެއެވެ. "ގަޓް" ހުންނަންޖެހޭ ކަންކަމުގައި ރައީސް ޞާލިހުގެ "ގަޓް" އެބަހުރިކަން އިދިކޮޅަށް ވެސް އެނގި ކަށަވަރު ވެއްޖެއެވެ.

ރައީސް ޞާލިހު މިދެއްވި އަގުހުރި ހަދިޔާ އިދިކޮޅަށް ބަލައިގަތުމަށް ނުވަތަ ހަޖަމުކުރަން އިދިކޮޅަށް އުނދަގޫ ވިޔަސް ޓީޗަރުންނާއި ޕްރިންސިޕަލުން ހިތާ ރޫހުން މި ހަދިޔާ ބަލައިގެންފިއެވެ. އެކަމަށް ހެއުހިތުން ޝުކުރު އަދާކޮށްފިއެވެ. ރައީސް ޞާލިހުގެ މި އަގު ބޮޑު ހަދިޔާގެ މަތީން އެމީހުން ހަނދާން ނުނެތޭނެކަން ކަށަވަރުވެ ޔަގީންވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން