ލޯންޗަށް ރާޅު އަރަނީ (ފޮޓޯ: މީސް މީޑިއާ)
ލޯންޗަށް ރާޅު އަރަނީ (ފޮޓޯ: މީސް މީޑިއާ)
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސް ވަރަކީ މޫސުން ވަަރަށް ގޯސް ދުވަސްވަރެކެެވެ. ކަނޑުވެސް ވަރަށް ގަދަ އެވެ. ކަމާ ބެހޭ އިދާރާތަކުން މޫސުމަށް ސަމާލުވާން ތަކުރާރުކޮށް އަންނަނީ އިލްތިމާސް ކުރަމުންނެެވެ.

ނަމަވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމަށް ކަމާބެހޭ މުވައްސަސާތަކުން ކުރާ އިލްތިމާސްތަކަށް ބައެއް ފަރާތްތަކުން އަދިވެސް ދެނީ ބީރު ކަންފަތެކެެވެ. މި ލިއުމާާއެކު ހިއްސާ ކޮށްލާފައި އެވަނީ އިއްޔެ ޝޯޝަލް މީޑިޔާގައި ދައުރުވި ވީޑިއޯ އެެކެެވެ. ބިޔަ ގަދަ ކަނޑުގައި ލޯންޗެއް ދަތުރުކުރަމުންދިޔައިރު ކަނޑުން ނަގާ ބޮޑެތި ރާޅުތައް ބިންދާލަމުން އެދަނީ އެލޯންޗަށެވެެ. އެއީ ހަމަގައިމުވެސް އެލޯންޗުގައި ދަތުރުކުރަމުން ދިޔަ ބަޔަކަށް ވަރަށް ވެސް ބިރުވެރި ވަގުތުކޮޅެކެެވެ.

ކަނޑުން ނަގާ ބިޔަ ރާޅުތައް ބިންދާލަނީ ސީދާ ލޯންޗުގެ އެތެރެއަށެވެ. ވީޑިއޯ އިން ފެންނަ ގޮތުން އެތަށް ބަޔަކު އެވަގުތު އެ ލޯންޗުން ދަތުރުކުރަމުންދިޔައެވެ. އެހެން ނަމަވެސް ހިތާމައަކީ ލޯންޗަށް ރާޅު އަރައި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅުނު ބިރުވެރި ވަގުތުކޮޅު ވެސް އެންމެ ކުޑަމިނުން ލައިފް ޖެކެޓް އަޅާލަން ހަދާން ނެތް ކަމެވެ. ބައެއް މީހުން ތިބީ އެވަގުތުކޮޅު ވެސް ފޯނުން ވީޑިއޯ ކުރާށެވެ. ލޯންޗުގައި ލައިފް ޖެކެޓް ވެސް ހުއްޓެވެ. ލައިފް ޖެކެޓް މަތިން ހަދާނެއް ނެތެވެ. ނޫނީ ހަނދާން ހުއްޓަސް ބޭނުން ކުރާކަށް ނޫޅެއެވެ. ފުރާނައިގެ އަގު ވަޒަން ނުކުރެވެނީ ވެސް ކަންނޭނގެއެވެ. މަރުވާނެ ވަގުތެއް ނޭނގުނު ނަމަވެސް މަރުގެ ތުންފަތްމަތީގައި އެތިބީ ހަމަ "ސުޕަ ކޫލް" ކޮށެވެ.

ހަމަ ޔަގީނުންވެސް ހިތާމަވެރި ހާދިސާއެއް ހިނގާނީއަކީ އެކަކަށްވެސް އެނގިގެނެއް ނޫނެވެ. ހާލަތު ބަދަލުވާނީ ކޮން އިރަކު ކަމެއް ހަމަ އެކަކަށެވެސް ނޭނގޭނެއެވެ. އެކަމަކުވެސް އެހާލަތަށް ތައްޔާރުވާކަށް ހަދާނެއް ނެތެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ބަސް ހަމަ ގަބޫލު ނުކުރެވެނީއެވެ. ނޫނީ އަޅުގަނޑުމެން ހަމަ ބޯހަރީއެވެ.



ބެލެވޭ ގޮތުން އެ ލޯންޗަކީ މާލެ އިން ފުރައިގެން ދިއްގަރަށް ދަތުރުކުރި ލޯންޗެކެެވެ.

ޝޯޝަލް މީޑިޔާގައި އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ އެހާ ކަނޑުގަަދައިރު ވެސް ލައިފް ޖެކެޓް ނާޅާ ދަތުރުކުރުމަކީ ވަރަށް ދެރަ ކަމެއް ކަަމަށެެވެ. އަދި ކައްޕިގެ ޒިންމާ ކޮބައިތޯ ވެސް އޭނާ ސުވާލުކުރިއެވެެ.

"މިވަރު ވާއިރު ކޮންމެވެސް ވަރަކަށް ވިސްނާލަން އެބަޖެހޭ،" އެމީހާ ބުންޏެވެެ.

ޓުވީޓާގައި މި ވިޑިއޯއަށް ޚިޔާލުފާޅުކުރި މީހަކު ބުނީ ލައިފް ޖެކެޓް އަޅަން ބުނި ނަމަވެސް ދިވެހިން ނާޅާ ކަމަށާއި، ކަމެއްވީމާ ގޯސްވާނީ އެއްްޗެކޭ ބުނާ މީހާ ކަމަށެވެ.

"އެއްވެސް ވަރަކަށް ރައްކާތެރިވުމަށް ކުރިއާލައި ފިޔަވަޅު އެޅުމަކީ ދިވެހިންގެ ނެތް ކަމެއް." ޓުވީޓާގައި ޚިޔާލު ފާޅު ކުރި މީހާ ބުނެފައިވެއެވެ.

ބައެއް މީހުން ބުނީ ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާ އެއް ކަމަށެވެެ. އެއީ ތެދެކެވެ. އެއީ ގާނޫނީ ގޮތުން އޭނާގެ ޒިންމާއެކެވެ. އެވަގުތު އެ ލޯންޗްގެ އަމުރުވެރިއަކަށް ވާނީ އޭނާއެވެ. އޭނާގެ ބަސް ގަބޫލު ނުކުރާ ދަތުރުވެރިއަކަށް އެލޯންޗުގައި ހުރެގެން ނުވާނެއެވެ.

ކޮންމެ އަކަސް މިއީ ވަރަށް ސީރިއަސް މައްސަލައެެކެެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ވަނީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާ ތަކެއް ހިނގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައެވެ. 2019 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ވެސް ހދ. ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. ކޯސްޓް ގާޑުން އޭރު ބުނެފައިވަނީ، ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވާ ކަމަށެވެ. އޭގެފަހުން ވެސް ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނަ ގެެއްލިފައިވެއެވެ. ކުޑަކުދިންނާއި މަންމައިންގެ ފުރާނަ ގެއްލި އެތައް ދުވަހެއް ވަންދެން ނުވަތަ މުޅި އުމުރަށް އެކަމުގެ ހިތާމަ އާއިލާތަކުން ބަރުދާސް ކުރަން ވަނީ ޖެހިފައެވެ. ދަރިފުޅު ސަލާމަތް ކުރަން މަންމަ ފުރާނައިން ގުރުބާންވި ހާދިސާ ތަކުގެ މަތީން ވެސް މިއަދު އަޅުގަނޑުމެން ހަނދާން އާކޮށްލަން ޖެހެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކާ ކަމާބެހޭ ފަރާތްތަކުން ގަވާޢިދުތަކާއި އުސޫލުތައް ހަރުކަށިކުރި ނަމަވެސް އަދި އިރުޝާދުތައް ދެމުންދިޔަ ނަމަވެސް އެއީ އެހާ ހައްސާސް ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ނުބެލެއެވެ. މޫސުމާ ބެހޭ އިދާރާގެ އިންޒާރުތަކާއެކު ކަމާބެހޭ ފަރާތްތަކުން އިރުޝާދުތަކާއި ނަސޭހަތްތައް އޮއްސާލައެވެ. ޚާއްސަކޮށް ކަނޑުގަދަ ދުވަސްވަރު ދަތުރުކުރާއިރު ކޮންމެހެންވެސް ލައިފް ޖެކެޓަކީ އަޅަންޖެހޭ އެއްްޗެއްކަން ހަނދާންކޮށްދެ އެވެ. ދަތުރުވެރިން ގޮވައިގެން ދަތުރުކުރާ އެންމެ އިސް މީހާއަށް ނުވަތަ ކައްޕިއަށް އޭނާގެ ޒިންމާތައް ހަނދާން ކޮށްދެއެވެ.

ދަތުރުވެރިން ދާން ބޭނުންވާ މަންޒިލަކާއި ހަމައަށް އަމާންކަމާއި ރައްކާތެރިކަމާއެކު ދަތުރުވެރިން ގެންގޮސް ދިނުމަކީ ކައްޕިގެ އެންމެ ބޮޑު އެއް ޒިންމާއެވެ. ހަމަ އެގޮތަށް ދަތުރުވެރިން ލައިފް ޖެކްޓް އެޅުވުމަކީ ވެސް ކައްޕިގެ ޒިންމާއެކެެވެ. އެކަމަށް ފަރުވާ ކުޑަކުރުމަކީ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިގައިދާނެ ކަމެކެެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން