އުފާވެރި ޢާއިލާއެއް: ދަރީންނަށް ރަގަނޅު ތަރުބިއްޔަތެއް ދެވޭނީ މައިންބަފައިން އަދި ކުއްޖާ އުޅެބޮޑުވާ މަހައުލުންވެސް ނަމޫނާ ދެއްކިގެން
އުފާވެރި ޢާއިލާއެއް: ދަރީންނަށް ރަގަނޅު ތަރުބިއްޔަތެއް ދެވޭނީ މައިންބަފައިން އަދި ކުއްޖާ އުޅެބޮޑުވާ މަހައުލުންވެސް ނަމޫނާ ދެއްކިގެން
ކުއްޖާ ބޮޑުވަމުން އަންނައިރު، އެކުއްޖާގެ ސިކުނޑި އާއި ހިތް، ރަނގަޅު މަގުތަކަށް އަޅުވައި، އެމަގުތަކުން ހިންގުމުގެ މައްޗަށް މައިންބަފައިން، ފިސާރި ފަރުވާތެރިކަމާއެކު މަސައްކަތްމުރަމުން ގެންދަންވާނެއެވެ.

ކުޑަކުދީންނަކީ، މީހުންކުރާ ކަންތައް ނަޤްލުކުރުމުގެ ޠަބީޢަތެއް ލިބިފައިވާ ބަޔެކެވެ. އެކުދީން އަޑުއަހާ ހުރިހާ އެއްޗެއް، ދެކޭ ހުރިހާ ކަމެއް ހަމަ އެގޮތަށް ކުރެވޭތޯ އެކުދީން ހިއްމަތާއެކު މަސައްކަތް ކުރަމުންގެންދެއެވެ. އަދި އެކަންކަމުން އެކުދީންނަށް ތަފާތު އަސަރުތައް ކުރަމުންދޭ މެއެވެ.

ތެދެކެވެ. މަންމައާއި ބައްޕަގެ ހުރިހާ ވާހަކައެއް، ދަރިފުޅު، ވަރަށް ވިސްނުންތެރިކަމާއެކު އަޑުއަހަޢެވެ. މަންމައާއި ބައްޕަކުރާ ހުރިހާ ކަމަކަށް، ވަރަށް ފުން ނަޒަރަކުން ދަރިފުޅު ބަލަމުންގެންދެއެވެ. އަދި ދަރިފުޅުގެ ވަށައިގެން އިވޭހާ އަޑުތަކަށާއި ފެންނަ މަންޒަރުތަކަށްވެސް ވިސްނުންތެރިކަމާއެކު، ކަންފަތްދީ ބަލާމެއެވެ. މިހުރިހާ ކަމެއްވެސް އެކުދީން، އަޑުއިވޭގޮތަށާއި ފެންނަމުންދާ ގޮތަށް ކުރަމުންގެންދެވޭތޯ ގަދައަޅާ މަސައްކަތްކުރަމުން ގެންދެވޭވެސް މެއެވެ.

ކަންމިހެންހުރިއިރު، މައިންބަފައިންނާއި ބެލެނިވެރިންގެ ވާހަކަ ދެއްކުމާއި ޢަމަލުތައް، ރީތިކޮށް، މާތް އަޚްލާޤީ ގޮތްތަކުގެ މައްޗަށް ބިނާކުރަމުން ގެންދިޔުމަކީ، ކޮންމެހެން ބޭނުން ކަމެކެވެ. އަދި މިއާއެކު ގޭގައި އުޅޭމީހުންގެ ވާހަކަތަކާއި ޢަމަލުތައްވެސް މިގޮތަށް ބެހެއްޓުމުގެ މައްޗަށް ނަސޭހަތްތެރިވެ، ގަދަ އަޅަންވާނެއެވެ. މީގެ އިތުރަށް ކުއްޖާ އުޅެބޮޑުވާ މާޙައުލު (ވަށައިގެން ފެންނަ ތަންތަނާއި އިވޭއަޑުތައް) ވެސް ރީތިކޮށް، މާތްކުރުވުމަށް، މައިންބަފައިން ސަމާލުކަންދެމުން ގެންދަންވާނެވެސް މެއެވެ.

**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން