ދަރިންގެ  ޙަޔާތު ބިނާކުރާނެ ރޮނގެއް، މައިންބަފައިން ޚިޔާރުކުރަންވާނީ، އެކުދީންގެ ވިސްނުމާއި މިޒާޖާއި އަދި ޞިއްޙަތަށް ބަލައި ފިކުރުކޮށްގެން
ދަރިންގެ ޙަޔާތު ބިނާކުރާނެ ރޮނގެއް، މައިންބަފައިން ޚިޔާރުކުރަންވާނީ، އެކުދީންގެ ވިސްނުމާއި މިޒާޖާއި އަދި ޞިއްޙަތަށް ބަލައި ފިކުރުކޮށްގެން
ކުއްޖާއަށް ކިޔަވައިދީ، ތަރުބިއްޔަތުކުރުމުގެ މަޤްޞަދެއް އޮތުމަކީ، ވަރަށްވެސް ބޭނުން ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް ފެންނަފެނުމުގައި، މައިންބަފައިން ދަރީންނަށް ކިޔަވައިދީ، ތަރުބިއްޔަތު ކުރުމުގައި އެއްވެސް މަޤްޞަދެއް ނޯވެއެވެ. މަޤްޞަދެއް އޮތް ނަމަވެސް، އޮންނަނީ، އެއްވެސް ބޭނުމެއް، މާނައެއް ނެތް މަޤްޞަދެކެވެ.

ތިމާމެންގެ ދަރީންނަށް ކިޔަވައިދީ، ތަރުބިއްޔަތު ކުރުމުގައި، މައިންބަފައިންގެ ބޭނުންތެރި މަޤްޞަދެއް ނެތްނަމަ، އެބައިމީހުންނަށް، އެމީހުންގެ ދަރީން އެދޫކޮށްލެވެނީ، އެކުދީންގެ ޙަޔާތުގެ މަންޒިލްތައް ކަޑައްތުކުރަމުން ގެންދިޔުމުގެ އެއްވެސް ބާރެއް ހޯދާ ނުދީއެވެ. އަދި އެކުދީން ކާމިޔާބު ދިރިއުޅުމެއް ހޯދާނެ މަގެއްވެސް ނުމެދައްކާ މެއެވެ.

ދަރީންނަށް ކިޔަވައިދީ، ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު އެންމެ މާތް މަޤްޞަދަށް ވާންވާނީ، އެންމެ ފުރިހަމަ މާނާއިގައި ދީނަށް އިޙްތިރާމްކުރާ، ވަޒަނާއި ޤައުމުދެކެ ލޯބިވާ، ހަރުދަނާ އަޚްލާޤުގެވެރި، ފަޚްރުވެރި އަދި ބަނިޔާދަން އިންސާނުންނަށް އެކުދީން ހެދުމެވެ.

ދަރީންނަށް ކިޔަވައިދީ، ތަރުބިއްޔަތުކުރުމުގެ މަޤްޞަދަކީ، މަތީގައި ނަންގަނެވުނީ ކަމަށްވާއިރު، ހަމަމިއާއެކު، ކުދީން ބޮޑުވުމުން، އެކުދީން ދިރިއުޅޭނޭ ރޮނގެއް ފާހަގަކޮށް، ކަނޑައަޅައި، އެރޮނގަށް އެކުދީން ލަންބައި، ހާނުވަމުން ގެންދިޔުމަކީވެސް، މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ.

މިގޮތުން މުސްތަޤުބަލުގައި، ދަރިންގެ ޙަޔާތު ބިނާކުރާނެ ރޮނގެއް، މައިންބަފައިން ޚިޔާރުކުރަންވާނީ، އެކުދީންގެ ވިސްނުމާއި މިޒާޖާއި އަދި ޞިއްޙަތަށް ބަލައި ފިކުރުކޮށްގެންނެވެ. މިހެނީ، ބައެއް ކުދީން، އެކަށީގެންވާނީ، ޢިލްމުވެރިންނަށް ވުމަށެވެ. ބައެއްކުދީން ޑޮކްޓަރުންނަށް ވުމަށެވެ. އަނެއްބައި ކުދިން އިންޖިނިއަރުންނަށް ވުމަށެވެ. ބައެއް ކުދީން ޓީޗަރުންނަށް ވުމަށެވެ. ނުނީ އެހެން ކޮންމެވެސް މަސައްކަތެއްގެ ވެރިންނަށް ވުމަށެވެ.

ޝައްކެއްނެތެވެ. މިގޮތުގެމަތީން، މައިންބަފައިންނާއި ބެލެނިވެރީން ޢަމަލު ނުކޮށްފިނަމަ، ނުވަތަ ޢަމަލު ނުކުރެވިއްޖެ ނަމަ، ޢިލްމުލިބިފައިވާ ކުދީންތަކަކަށް އެކުދީން ވީނަމަވެސް، އެކުދީންވާނީ، ޤައުމަށް އެއްވެސް ބޭނުމެއްނެތް، އަދި ތިމާމެންގެ ޙަޔާތަކީވެސް ބޭކާރު ޙަޔާތެއް ކަމުގައިވެފައިވާ ކުދީންތަކެއް ކަމުގައެވެ. މިފަދަ ކުދީންނަށް ތިމާމެންގެ އަމިއްލަ ނަފްސަށްވެސް އަދި އަމިއްލަ ވަޒަނަށްވެސް ކުރެވޭނޭ އަދި ކޮށްދެވޭނޭ އެއްވެސް ޙިދުމަތެއް ނޯންނާނެއެވެ.

**********

* މިލިޔުމަކީ "ކުދިން ތަރުބިއްޔަތުކުރާނީ ކިހިނެއް؟" މިމަޢުޟޫގެ މައްޗަށް، ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވައި ނެރުއްވި ފޮތުން ނަގާފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން